ނޮވެމްބަރު 19 ވަނަ ދުވަހުގެ ބަޔާގުޅޭ
މަޑު އާހެއްގެ އަޑަށް ޝާޔާ ބަލާލިއިރު ދެލޯ ބޮޑުވެގެން ދިޔައީ ސުދާ އުނަގަނޑުން ތިރިއަށްވާގޮތަށް އަޅާފައި އޮތް ހުދު ބެޑްޝީޓްގެ ކުލަ ބަދަލުވެގެން ދިޔަ މަންޒަރު ފެނިފައެވެ. ހުދު ބެޑްޝީޓް ލެއިން ފޯވެއްޖެއެވެ. ސުދާ ރިހުމަށް ކެއްކުރުމުގެ ގޮތުން ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ޝާޔާ ނަރުހުންނަށް އެންގުމުން ކުޑަ ވަގުތުކޮޅެއް ތެރޭ ޑޮކްޓަރުން އައިސް ފަރުވާ ދޭން ފެށުނެވެ. ފުރަތަމަ ސުދާ ބަދަލު ކުރީ ސްކޭން ރޫމަށެވެ.
ސަލަފް އޮފީހުގައި ހުރެފައި ޝާޔާ ގުޅައިގެން އަންނަމުން ޒަވީން ފޯނަށް ގުޅާ ގުޅާ ޚަބަރެއް ނުވިއެވެ. ސަލަފް ގެއަށް ގުޅާފައި ނޫރީންގެ ގާތުގައި ޒަވީންގެ ކޮޓަރިއަށް ގޮސް ގޮވާލަދޭށޭ ބުނެފައި ހޮސްޕިޓަލަށް އައި ވަގުތަކީ ސްކޭން ރޫމުން ޑޮކްޓަރ ނިކުން ވަގުތެވެ.
”މާބަނޑު ދުވަސްވަރު ލޭ އައުމަކީ ނުރައްކާތެރިކަމެއް. ބައިގެންވެސް ހިނގައިދާނެ. އަހަރެމެން އެބަ ބަލަން އިންޖެކްޝަން ޖަހައިގެން ލޭ ކޮންޓްރޯލް ކުރެވޭތޯ. ނުވެއްޖެނަމަ ޑީއެންސީ ހަދަން ޖެހިދާނެ.” ޑޮކްޓަރުގެ ބަސްތައް ވެގެން ދިޔައީ ލިބުނު އިތުރު ވޭނަކަށެވެ.
”ލޭ އަންނަންޖެހުނު ސަބަބަކީ ކޮބައިތޯ؟” ޑޮކްޓަރ ހިނގައިގަންނަން އުޅުމުން ޝާޔާ ސުވާލު ކުރިއެވެ.
”އެބޯރޓްވާނެ އެތައް ސަބަބެއް ހުރޭ. އެއްކަމަކީ ދަރިމައިވުމަށް ހަށިގަނޑު ތައްޔާރު ނުވުން. ނޫނީ އިންފެކްޝަންއެއްގެ ސަބަބުން. ބައެއް މީހުންނަށް ކަންބޮޑުވެ ސްޓްރެސްގެ ސަބަބުން އެހެން ދިމާވޭ. އަޅުގަނޑަށް ހީވަނީ ސުދާ އަށް އެހެން ދިމާވީ ސްޓްރެސްގެ ސަބަބުންހެން. މިވަގުތު ލޭގެ ޕްރެޝަރ މަތީގައި ހުރުމުން އިންޖެކްޝަން ޖަހާފައި އެއޮތީ.” ޑޮކްޓަރ ދެއްވި މައުލޫމާތުން ޝާޔާގެ ހިތުގައި ސުވާލު އުފެދުނެވެ.
އެކްސިޑެންޓް ވުމުގެ ސަބަބުން ސުދާ ވިސްނަނީ ކަމުގައި ނިންމަން ޝާޔާ ބޭނުމެއް ނޫނެވެ. ސުދާ ވޯރޑަށް ބަދަލުކޮށްފައި ބައްދަލުކުރުމުގެ ހުއްދަ ދިނުމުން ވަންއިރު ސުދާ އޮތީ ދެލޯ މަރާލައިގެންނެވެ. އެއްއަތުން ބަނޑުގައި ފިރުމަމުން ދިއުން އެއީ މިވަގުތު ރިހުން ހުރި ކަމުގެ ހެއްކެކެވެ. ޝާޔާ އަތުން ސުދާގެ ބަނޑުގައި ފިރުމާލަދިނެވެ. ސުދާ ދެލޯ ހުޅުވާލިއެވެ. ކުޑަ ހިނދުކޮޅަކަށް ހިކިފައި އޮތް ދެލޯ އެވަގުތު ކަރުނުން ތެމި ފޯވެގެން ދިޔައެވެ.
”ހުއްޓާލާ. ސުދާ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އިރާދަކުރެވިއްޔާ ބޭބީއަށް އެއްވެސް ކަމެއް ނުވާނެ.” ޝާޔާ ސުދާއަށް ހިތްވަރު ދެމުން ދެލޮލުގެ ކޮޅުން ފައިބަން ފެށި ކަރުނަތައް ފޮހެލައިދިނެވެ.
”މި ދުވަސްކޮޅު ކަންކަމާ ވިސްނުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ހިތާމަތަކެއް ސިކުނޑިން އެއްފަރާތް ކޮށްލާ. ވިސްނަންޖެހޭ ވަރުގެ ކަމެއް ގޭތެރޭގައި ހިނގަނީތަ؟ ހިތަށް ލުއިވާނީ ކަންކަން ހިއްސާކޮށްގެން. އަހަރެން ކައިރީ ބުނެބަލަ. ހައްލު ކޮށްދެވޭ ވަރުގެ ކަމަކަށްވާނަމަ އަހަރެން ހައްލު ކޮށްދޭނަން.” ޝާޔާ ސުދާގެ އަތުގައި ހިފާލިއެވެ.
ސުދާ އެއްޗެއް ބުނަން އުޅުނު ވަގުތު ޝާޔާގެ ފޯނު ރިންގުވިއެވެ. ސްކްރީނުން ނޫރީންގެ ނަންބަރ ފެނުމުން ޝާޔާ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ނޫރީން ބުނީ ސަލަފް ބުނެގެން ޒަވީންއަށް ގޮވަން ކޮޓަރިއަށް ވަންއިރު ޒަވީން ނެތްކަމެވެ. ހޮސްޕިޓަލަށް ދިޔަގޮތަށް ގެއަށް ދިޔަކަމުގެ ނިޝާނެއް ނެތްކަމެވެ. ޝާޔާގެ ހިތުގައި ސުވާލު އުފެދުނެވެ.
ޒަވީން ގެއަށް ނުގޮސް ދިޔައީ ކޮންތާކަށް ބާއެވެ؟ ސަލަފް ގުޅުމުން ފޯނު ނުނެގީ ކީއްވެބާއެވެ؟ ފޯނު ތިރިކޮށްލި ގޮތަށް ޚިޔާލަކަށް ގެއްލިފައި ޝާޔާއަށް އިނދެވުނެވެ. ސުދާ ޝާޔާއަށް ބަލާލާފައި ވިސްނުމެއްގައި އިންހެން ހީވެގެން ދެލޯ މަރާލިއެވެ. ހިތާމަތަކުން ބަރުޖެހެމުން ދިޔަ ސިކުނޑިއަށް ލުޔެއް ދިނުމުގެ ގޮތުން ސުދާ ބޭނުންވަނީ ނިދާލާށެވެ. ނިދި އައިސްފައި އޮތަސް ބަނޑުގައި ރިހޭވަރުން ނިދި ފިލަމުން ދިޔައެވެ.
ހުޅުމާލެއަށް ކައިރި ކުރި ފެރީން ޒަވީން އާއި އީރާ ފޭބިއިރު ހީވަނީ ދެ ހަށިގަނޑެއްގައި ތިއްބަސް އެކެއްހެންނެވެ. ގައިގޯޅިވެ ތިބެ ފެރީން ފައިބައިގެން ދިޔަގޮތުން އެހިސާބުގައި ތިބި މީހުންގެ ނަޒަރުތައްވަނީ އެދެމީހުންނަށް ހުއްޓިފައެވެ. ބަނދަރުމަތިން ޓެކްސީއެއް ނަގައިގެން ޒަވީން ގޮސް ވަނީ ކުއްޔަށް ކޮޓަރި ދޭ ތަނަކަށެވެ. ޒަވީން ފެނުމުން އެތަނުގައި ހުރި މީހާ ތަޅުދަނޑި ދިއްކުރި ގޮތުން ހީވަނީ މާކުރިން ފެށިގެން ރޭވި ނިމިފައި އޮތް ކަމެއްހެންނެވެ. އީރާ ކައިރީ ކޮޓަރިއަށް ދާށޭ ބުނެފައި ޒަވީން އެމީހަކާ އެކަހެރިކޮން ވާހަކަ ދައްކަން ބޭނުންވެގެން ދުރަށް ޖެހިލިއެވެ.
”ސުދާ ފޮށިން ފެނުނު ލިޔުންތައް ޒަވީންގެ ނަން މައްޗަށް ބަދަލު ކުރަން އަހަރެން ވަކީލަކާ ވާހަކަ ދައްކައިފިން. އެކަންތައް ހަމަޖެހިދާނެހެން ހީވަނީ. އަވަހަށް ނިންމަން ބޭނުންނަމަ އިތުރަށް ފައިސާކޮޅެއް ދީގެން ހަމަޖެއްސިދާނެ.” އެމީހާ ގެ މޫނަށް ބަލާފައި ޒަވީން ލުއި ގޮތަކަށް ހީލިއެވެ.
”ފައިސާ ކޮޅެއް ދެވިދާނެ. އޭނަ ކައިރީ ބުނޭ އެ ކަންތައް ލަސް ނުކުރާށޭ. މަށަށް އޭނާގެ ނަންބަރު ދޭންވީނު. ބައްދަލުކޮށްލާފައި ކުޑަކޮން ވާހަކަ ދައްކަން އެބަޖަހޭ.” ޒަވީންއަށް ވަކީލުގެ ނަންބަރު ދީފައި ފަހުން ބައްދަލުވާނެކަމަށް ބުނެފައި އެމީހާ ދިއުމުން ޒަވީން ގޮސް ކޮޓަރިއަށް ވަނެވެ.
”ޒަވީން. ހާދަ ގިނަ އިރުވީ. މާ ސީރިއަސްވެފައި ކޮން ވާހަކައެއް ދެއްކީ.” ޒަވީން އައިސް އެނދުގައި އިށީނުމުން އީރާ ކައިރިވަމުން ޝަހާދަތް އިނގިލި ޒަވީންގެ ދަތްދޮޅީގައި ހިންގާލިއެވެ. ޒަވީން އީރާގެ އަތުގައި ހިފަމުން ހިނިތުންވެލިއެވެ.
”އަހަރެން މި ވިސްނަނީ އީރާ ވީހާވެސް އަވަހަކަށް މިލްކު ކުރެވޭނެ ގޮތެއް ހެދޭތޯ. ދެމީހުން އެކަނި އުޅެވޭ ވަރަށް ފައިސާ ހޯދޭތޯ. ސިއްރުން ބައްދަލު ކުރުމުގެ ބަދަލުގައި މިނިވަން ކަމާއި އެކު އީރާ އާއި އެކު އުޅެވޭނެ މަގެއް ފެނޭތޯ ބަލަންޖެހޭނެއެއްނު.” ޒަވީން އީރާގެ އިސްތަށިގަނޑުގައި ފިރުމާލަ ދިނެވެ.
”ޒަވީން ހާދަ ރަނގަޅޭ. އަބަދުވެސް ތިގޮތަށް ލޯބިވާނަންތަ؟” އީރާގެ ތުންފަތް މަތީ އުފާވެރި ހިނިތުންވުމެއް ދުވެލިއެވެ. އެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އީރާ އުފަލުން އިންތަން ފެނި ޒަވީންގެ ހިތުގައި ލޯބި އުތުރި އަރައިގެން ދިޔައެވެ.
”ދުވަހަކުވެސް ދެގޮތެއް ނުވާނަން.” ޒަވީން މަޑުމަޑުން އީރާގެ ނިތްކުރިއަށް ބޮސްދިނެވެ. އީރާ ދެއަތުން ޒަވީންގެ ކޮނޑުގައި ހިފަހައްޓާލަމުން ކުރިއަށްވުރެ ކައިރިވެލިއެވެ. ދެމީހުންގެ ނޭވާ އެކަކު އަނެއްކަކަށް އިޙްޞާސްވުމާއެކު ހިތުގެ އެދުން ދިޔައީ އިތުރުވަމުންނެވެ. ޒަވީން އިސްވެ ތުންފަތް ޖޯޑުކޮށްލުމުން އެކަމުގައި އީރާ އެންމެ ފުރިހަމައަށް ބައިވެރިވިއެވެ. ޒަވީންގެ ބުރަކަށީގައި އެއްއަތުން ފިރުމަމުން އަނެއް އަތުން ގަމީހުގެ ގޮށްތައް ވަކިކޮށްލަ ދިނެވެ. ޒަވީންގެ ހަށިގަނޑު ހާމަވެގެން ދިއުމާއެކު އީރާ އަމިއްލައަށް ފޭރާން ހަށިގަނޑާއި ވަކި ކުރިއެވެ. މަޑުމަޑުން އެނދުގައި ބުރަކަށި ދަމާލުމާއެކު ހީވީ އެދުންވެރިކަމުގެ ހުޅުގަނޑު ފަޅައިގެން ދިޔަހެންނެވެ.
މިގޮތަށް އުފާ ހޯދުމަކީ އާދައަކަށް ވެފައި ވީ ނަމަވެސް ދެމީހުން އުޅެނީ ބަލައިގެންނެވެ. ކައިވެނީގެ ބޭރުން ގުޅުންތަކެއް ހިންގުނަސް އެކަންތައް ބޭޒާރުވާން ހިތެއް ނޭދެއެވެ.
”ޒަވީން. ބަލައިގެން އުޅެއްޗޭ.” ނަފްސުގެ ކޮންޓްރޯލް ނެއްޓެން ފެށުމުން އީރާ އެދުނީ ޒަވީންގެ ކައިރީގައެވެ.
”އަހަރެން އީރާއަށް ދެރަގޮތެއް ނުހަދާނެއެއްނު.” ޒަވީން ޔަޤީންކަން ދޭން ބޭނުންވިއެވެ. އެނދުގައި އޮތް ޒަވީންގެ ފޯނު ރިންގުވާން ފެށުމުން ޒަވީން ފޯނުގެ ސްކްރީނަށް ބަލާލިއެވެ. ސަލަފްގެ ނަން ފެނުމުން ކުޑަކޮން ހާސްވާ ގޮތްވިއެވެ. ސަލަފްގެ ކޯލުތައް ތަކުރާރުވާން ފެށުމުން ޒަވީންގެ ސަމާލުކަން ދެވުނީ ފޯނަށެވެ. އީރާގެ ސަމާލުކަންވެސް އެ ކޯލުތަކަށް ހުއްޓުނެވެ.
”ޝިޓް. އީރާ. އައި އެމް ސޮރީ..” ޒަވީން އަށް ކޮންޓްރޯލް ނުކުރެވުމުން ބުނެވުނެވެ. އީރާ ތެދުވެފައި އެނދުގައި އިށީނެވެ. އިރުކޮޅަކުން ފެނުނީ މޫނުގައި އަތް އަޅާލިތަނެވެ.
”އެއްވެސް ކަމެއް ނޫނޭ އެއީ. އެންމެ ފަހަރަކުން އެއްވެސް ކަމެއް ނުވާނެ. އީރާ ނުރޮއިބަލަ. އަހަރެން މި ހުރީނުން. އީރާއަށްޖެހޭ ކޮންމެ ކަމެއްގައި އެހީވާން. ހުރިހާ ކަމެއްގެ ޒިންމާ ނަގަން.” ޒަވީން އީރާގެ އަތް ދުރުކޮށްލަމުން ބަލާލިއިރު އޭނާއަށް އިނީ ރޮވިފައެވެ.
”ފޯނު ރިންގުވާން ފެށީމަ ވީ ގޮތެއް އެއީ. ފޯނު ނަގަންދެން ގުޅާނެ. އީރާ ދޭ ތައްޔާރުވާން.” ޒަވީން އެނދުމަތީގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން އެދުނީ އަވަހަށް ހޮސްޕިޓަލަށް އައިސް ދިނުމަށެވެ. ސަލަފް އިތުރަށް އެއްވެސް އެއްޗެއް ނާހައެވެ. ފޯނު ނުނެގީތީ އެކަމާ ސުވާލެއްވެސް ނުކުރެއެވެ. ޒަވީން މިދަނީއޭ ބުނެފައި ދެމީހުން އަވަސްކޮށްލައިގެން ނިކުމެ ތަޅުދަނޑި ހަވާލުކޮށްފައި މާލެ އައެވެ. އެކުވެރިއެއްގެ ސައިކަލު ނަގައިގެން ފުރަތަމަ ބޭނުންވީ އީރާ ގެއަށް ލައިދޭށެވެ.
ބެލްކަނީގައި ބަހައްޓާފައި ހުރި އެއްޗެހި ހިއްކަން އަޅާ ހަރުގަނޑުގެ ކައިރިއަށް އަނީސާ ނިކުތީ މިއަދު ދޮވި ބައެއް އަންނައުނު އަޅާށެވެ. ބޭރުން ސައިކަލެއްގެ އަޑު އިވިފައި ބޭރު ބަލާލިއިރު ސައިކަލެއްގެ ފަހަތުން އީރާ ފައިބާތަން ފެނި އަނީސާއަށް ސަމާލުކަން ދެވުނެވެ. އީރާ ސައިކަލުން ފައިބާފައި ސައިކަލުގެ މަތީގައި އިން ފިރހެން މީހާއަށް ބޮސްދިން މަންޒަރު ފެނިފައި އަނީސާ ހައިރާންވިއެވެ. މެންދުރުގެ ހަލަބޮލި ވަގުތުގައި މީހުންތަކުގެ ތެރޭ އީރާގެ އަމަލުތައް އެހިސާބަށް ގޮސްފައި ހުރީތީއެވެ. ސައިކަލު އަނބުރާލި ވަގުތު ސައިކަލު މަތީގައި އިން ޒަވީންގެ މޫނު ފެނި އަނީސާގެ މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ.
ޒަވީން ހޮސްޕިޓަލަށް ވަނުމުން ނަރުހުން އައިސް ބައެއް ލިޔުންތަކުގައި ސޮއިކުރަން އަންގައިފިއެވެ. ސަލަފް އެދުނީ އިޤުރާރުތައް ނުކިޔައި އަވަހަށް ސޮއި ކުރާށެވެ. ސުދާއަށް ނިދެމުން ދަނިކޮން ކުއްލިއަކަށް މާގަދައަށް ރިއްސައިގަނެފައި ލޭފައިބަންފެށީއެވެ. ޑޮކްޓަރު ލަފާ ދެއްވީ ފުރާނައަށް ނުރައްކާވެދާނެތީ ބަނޑު ދޮވެލުމަށެވެ. ޒަވީން ފައިލުތަކުގައި ސޮއި ކުރީ ވަރަށް ހިތްހަމަ ޖެހި ހުރެގެންނެވެ.
ސުދާ ތިއޭޓަރަށް ވެއްދި ވަގުތުން ފެށިގެން ސަލަފް އާއި ޝާޔާގެ މޫނުމަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ. ޒަވީން މަތި ހަދާލައިގެން ހުރިއިރު ހިތާހިތުން ޝުކުރު އަދާ ކުރެވެމުން ދިޔައެވެ. ބައިގަޑިއިރެއްހާއިރު ފަހުން ސުދާ ނެރުނު އިރު އޮތީ ނިދާ އިންޖެކްޝަންގެ އެހީގައި ނިދާފައެވެ. ޒަވީން އެތަނުގައި މަޑުކުރަން ބޭނުންވާތީ ސަލަފް އާއި ޝާޔާ އައީ ގެއަށެވެ.
އޭގެ ތިން ދުވަސްފަހެވެ. ބަނޑު ދޮންނަން ޖެހުނީންސުރެ ސުދާ އިންނަނީ މަޑުނެގިފައެވެ. ޝާޔާ ހިތްވަރު ދީ ހެދިއަސް މާބޮޑު ބަދަލެއް ނާދެއެވެ. ހޮސްޕިޓަލުން ގެއަށް ބަދަލު ކުރުމުން ރަނގަޅު ވެދާނެއޭ ހިތައި ޑޮކްޓަރުގެ ހުއްދަ އާއެކު ގެއަށް ބަދަލު ކުރެވުނެވެ. ގިނަ ވަގުތު ސުދާ ފެންނަނީ ރޮވިފައި އިންނަ ތަނެވެ. ބައެއް ފަހަރު ނިދާ ގަޑތަކުގައި ގިސްޖަހާ ހަދައެވެ. ހުރިހާ ހިތާމަ ތަކެއްގެ ސަބަބަކީ ބައިގެން ދިއުން ކަމުގައި އެންމެންނަށް ޤަބޫލު ކުރެވެއެވެ.
ސުދާ އެކަނިވާއިރަށް ޒަވީންގެ ފަރާތުން އިވޭ ބަސްތަކެއް އެކަކަށް ވެސް ނޭނގެއެވެ. ޝާޔާ ތަކުރާރުކޮން އަހާއިރުވެސް ސުދާ ނުބުނަނީ އަމިއްލަ ފިރިމީހާ އެހެން މީހެއްގެ ކުރިމަތީ ކުށްވެރި ނުކުރާންވެގެންނެވެ. ޒަވީން އަބަދުވެސް ހަނދާންކޮށްދެނީ ކުރީގައި ސުދާ ފަރުވާކުޑަކޮށްފައި ކުރި ކަންތައްތަކުގެ ވާހަކައެވެ. ސުދާއަށް އެހެން ދިމާވީ އޭނާގެ ކުށުންކަމުގައި ޤަބޫލު ކުރެވެން ފެށިއެވެ. ފިރިމީހާ ގެއްލުނީ އަމިއްލަ އިޙްމާލުން ކަމުގައި ޤަބޫލު ކުރެވެއެވެ. ބައެއް ފަހަރު އޭނާގެ ހިތް ވިސްނައިދެނީ ކޮންމެ އިންސާނަކަށްވެސް ހަޔާތުގައި ކުށެއް ކުރެވިދާނެ ކަމެވެ. އިސްލާހުވުމާއެކު އޭނާއަށް ދެވަނަ ފުރުޞަތެއް ޒަވީން ދޭންޖެހޭނެ ކަމެވެ. ކުރިން ވެވުނު އިޙްމާލުތައް ތަކުރާރު ނުކުރާނެ ކަމުގެ ޔަޤީންކަން ޒަވީންއަށް ދޭން ސުދާ ބޭނުމެވެ. ޒަވީންގެ ކައިރިން މަޢާފަށް އެދޭ ކޮންމެ ފަހަރަކު ސުދާއަށް މަޢާފް ހައްޤު ނޫން ކަމުގައި ޒަވީން ބުނެއެވެ.
ހަވީރުގެ ވަގުތެވެ. ސުދާއަށް ސައިދޭން ތަބަކަށް ސައި ތައްޓާއި ދެތިން ވައްތަރުގެ ހެދިކާ އަޅައިގެން ޝާޔާ ހިނގައިގަތެވެ. ކޯރިޑޯ ހުރަސްކޮށްފައި ދިޔަވަގުތު ޝާޔާއަށް ހުއްޓެވުނީ އޭނާއަށް ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ކުރިއަށް އެޅި ފިޔަވަޅުމަތީ ހުއްޓިފައި އިރުކޮޅަކު ވިސްނާލަން ހުރެވުނެވެ. ލޮލަށް ފެނުނު މަންޒަރު ދެވަނަ ފަހަރަށް ބަލާލަންވެގެން ފަސްއެނބުރި ބަލާލިއެވެ.
(ނުނިމޭ)