twitterviber whatsapp telegramfacebookyoutube instagram
7th May 2024

އަދަބިއްޔާތު – ހަމަ ތެދެކެވެ.

Nov 28, 2013

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

އެދުންވެރިކަން ބޮލަށްވަދެގެން، ވެދުން ކުރަމުން ނިކަން ހިނގިޔަސް

ހެދުން ބޭރުން ރަނގަޅުކުރިޔަސް، ދިނުން ނަރަކައިން ނުވެސް ވެވެޔޭ

*****************************

ހަތުރުކަން ހިތު ތެރޭ ލައިގެން، މިތުރުކަމުގައި ވެގެން ތިބެގެން

ފިކުރުތައް ގޮތް ގޮތަށް ކުރިޔަސް، އަބުރުވެރިކަން ލިބުން ނުވެޔޭ

ދަތުރަކަށް އެންމެ ހެޔޮ އެދިގެން، ބަނދަރަކަށް އެދި އަމާން ތިބެގެން

މަކަރުވެރިގޮތް ހުރީވިއްޔާ، ދަތުރަކުން ލިބި އަމާން ނުވެޔޭ

ޙަރާން ގޮތުގައި ތިމާ އުޅެމުން، ޙަލާލެއް ވަކި މުޅިން ނުވެގެން

ހަލާކު އައިސް ދިމާވީމާ، ސަލާމަތްވާ ގޮތެއް ނުވެޔޭ

އަތާއަތް ޖޯޑުކޮށް ތިބެގެން، މަލާމާތް މީހުނަށް ކުރަމުން

ޢަދާވާތްތެރި ވަނީ ވިއްޔާ، ބަރާބަރު މީހަކަށް ނުވެޔޭ

ކުރާ ހެޔޮ ޢަމަލު ނެތިވެ މުޅިން، ދުރާ ވިސްނައި ނުލާ ތިބެގެން

އަރާމުގެ ނިންޖަކުން ނިދުމުން، ތުރާލުން މިންޖުވުން ނުވެޔޭ

ހިތާ ދުލުގައި ލަގަން ނެތިގެން، ތިމާ މުޅި ހިތް އެދޭ ގޮތަކަށް

ވިދާހައި އެއްޗަކަށް އެދިގެން، މިތާ ތިބެވޭ ގޮތެއް ނުވެޔޭ

އުޅެން ދުނިޔޭގަ ލެއްވިޔަކަސް، ކުޅެން މުޅި ޢުމުރުގައި އުޅެގެން

“އަޅުން”ކަން ހިތްމަތިން ކެހިގެން، ވަޅުންކަށް،ދިންނެވުން ނުވެޔޭ

ތެދާ ދޮގު ވަކި ނުކޮށް ބުނަމުން، އެދޭހުރިހައި ކަމެއް އެދިގެން

ދެވޭ ނުދެވޭ ތަނެއް ނުބަލައި، ދެވޭނެ މަގެއް ނުވެސް އޮވެޔޭ

ދިމާވާ މީހަކަށް ތި ދުލުން، ދިމާއަށް ހަޑި ހުތުރުކިޔަމުން

އުޅޭއިރު މަރު އައިސް ޖެހުމުން، މަރާ ދުރަކަށް ނުވެސް ދެވެޔޭ

ތެދޭ ﷲ ހަނދުމަވެގެން، ވެވޭހިނދު ކޮނމެ ހެޔޮ ޢަމަލެއް

ލިބޭ ރޫޙަށް ނިކަން އުފަލެއް، ތިމާއަށް ހަމަޖެހުން ލިބެޔޭ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355