އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި
25 ފެބްރުއަރީ 2011 ހުކުރު
ޙަމްދު ކުރަމުން ޙަޟްރަތަށް، އެކަނލާންގެ ދެއްވެވި ނިޢުމަތަށް
ކައުނަބީއަށް މާތްޞަލާތާ އަދި ސަލާމް ކުރަމުން ވެދުން
މަރުކަޒުގެ އަހަރީ ދުވަހުގައި، އިއްވާލަމޭ ތި އަރިސްތަކަށް
މަރުކަޒުގެ ކުރު ކުރު ޚުލާޞާއެއް، މިތާނގައި ޅެންބަހުން
އަލިކަމެއް ގެނުވައިފިޔޭ، ޢިލްމީ އުޖާލާ ދަންމަރުން
މަރުކަޒުން އަތޮޅުގެ މި، ތަޢުލީމީ ވިދާލީ ނޫރަކުން
ދުނިޔެއަށް އޮނައާހި އަހަރުގެ މާރޗް އެކަކުން ވީއުފަން
އުނިކަމެއް ނުމެ ވާނެހެން، ކުރިއަށްދަނީ ގަދަ ހިތްވަރުން
އުނގެނުމާ އުނގަނައިދިނުން މަޤްޞަދު ތެރޭގައި ހިމެނިގެން
އަތޮޅާ ރަށާ ޤައުމަށް އެކީ ، ކޮށްދީފި ފުރިހަމަ ޚިދުމަތެއް
ކިޔަވައިދިނުން ފުރިހަމަ ކުރަން ނުކުރާއޮތީ ފަހެ ކޮންކަމެއް
ކިޔެވުމުގެ އިތުރުންވެސް މިތާ، ހިންގައިފި ގިނަ ޙަރަކާތްތަކެއް
ޕްރިފެކްޓް ބޯޑުން ދަރިވަރުން ދަސްކޮށްފި އަޚްލާޤާ ސްލޫކު
ކެރިގެން ނަގާ އިސްދަރިވަރުން، އުފެދިއްޖެޔޭ އަތޮޅާ ރަށުން
ބޭންޑްގައި މިއުޒިކް ކުޅޭ ޝައުޤާ އެކީ އެތަކެއް ދަރިން
އޭގަ ވާ އެކި ހުނަރުތައް ދަސްކޮށްފިޔޭ އެކުދިން މޮޅަށް
ސްކައުޓާ ކަބްސްކައުޓުން، ހިންގާލި ގިނަ ޙަރަކާތްތަކުން
ސްކައުޓުން ދުނިޔޭން ވިދާ، ހޯދައިފި ގިނަރަން ވަނަތަކެއް
ގާރލް ގައިޑާ އަދި ލިޓްލް މެއިޑުންގެ ހުރި ގަދަ ހިތްވަރާ
ފާޅުވާހެން ފެންނަނީ، އެ ކުދިންގެ ހުނަރާ ފަންވަރުން
ކުޅިވަރާ ކަސްރަތުގެ ޙަރަކާތްތައް މިދާ ފުރިހަމަ ގޮތުން
ހުނަރުވެރި އެތަކެއް ދަރިން، ހޯދައިފި ކުލަގަދަ ވަނަތަކެއް
ކުޅިވަރުން ފުޓްބޯޅަޔާ، ނެޓްބޯޅަ އަދި ބަށްޓާ ވޮލީ
ކުޅެ އުޅެން ބޭނުން ދަރިންނަށް މަގު އޮތީ ފަހިވާގޮތަށް
ދައްކަވާ މަގުގައި މިތާ ޘާބިތުވެ ތިއްބެވި ޓީޗަރުން
ހިނގުމަށޭ މިތިބީ މިތާ އިސްކޫލު ހުރިހާ ދަރިވަރުން
ޤައުމުގައިވެސް މީ، ނަމޫނާއެއް ކަމަށް ފާހަގަވެޔޭ
ޤައުމުގައިވެސް ނަންވިދާ އުފެދިއްޖެޔޭ އެތަކެއް ދަރިން
ޓީޗަރުންނާ ބެލެނިވެރި، ހުރިހާ ފަރާތްތައް ގުޅިމިތާ
ހީ ނުވެސް ކުރެވޭނެހާ، ކޮށްދީފިޔޭ ޚިދުމަތްތަކެއް
ކޮންކަމެއްތޯ ޢިލްމުގައި، ޙިއްޞާ ނުވާ ކަމަކަށް އޮތީ
ކޮން ރޮނގެއްތޯއޭ އޮތީ ، ދޫކޮށްލެވިފަ އިހްމާލަކުން
ކުރިމަގަށް މިޞްރާބްކޮށް، މި އެދޭ އަމާޒަށް ދިއުމުގައި
ހުރި ހުރަސްތައް ނައްތަމުން، ވޭތޯ “ސްމާރޓް” ސްކޫލަކަށް
މަރުކަޒުގެ ދިގު ތާރީޚުގައި، ނިމުމެއް ނުވާ އެތަކެއް އެހީ
ފަނޑުނުވާނެ ފަރާތްތަކެއް، ދެއްވާފަވޭ ދީލަތި ކަމުން
ޙައްޤުވާ ޝުކުރާއި ތަޢުރީފުން ހިތުގެ ވާ ފުންމިނުން
ޙައްޤުވާ ހުރިހާ ފަރާތަށް، ފޮނުވަމޭ ހަމަ ފަށްފަށުން
ނިންމަމުންވެސް ހެޔޮހިތުން އެދެމޭ ސްކޫލަށް ދެއްވެވުން
އެންމެނަށް ހިތްހަމަޖެހޭ ފާގަތިވި އަލި މުސްތަޤްބަލެއް
ނޯޓް: މި ޅެމަކީ ހދ.އަތޮޅު ތަޢުލީމީ މަރުކަޒަށް 32 އަހަރު ފުރުމުގެ މުނާސަބަތުގައި ހަދައި ދީފައިވާ ޅެމެކެވެ. 32 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން 2011 ވަނަ އަހަރުގެ މާރޗް 1 ވަނަ ދުވަހު ބޭއްވުނު ޙާއްޞަ އެސެމްބްލީގައި އެސްކޫލުގެ ދަރިވަރުން ކޮޅެއްވަނީ މި ޅެން ހުށައަޅައި ދީފައެވެ.