ނޮވެމްބަރު 26 ވަނަ ދުވަހުގެ ބަޔާގުޅޭ
ރެއިލިންތަކުގައި ހިފަހައްޓާލައިގެން އީރާ ހުރި އިރު އޭނައާ ދެތިން ފޫޓް ދުރުގައި ޒަވީން ފޯނު ކަންފަތު ޖަހައިގެން ހުއްޓެވެ. ޝާޔާ އަމިއްލަ ނަފްސާ މެދު ޚައިރާންވީ މީގެ ދެ ސިކުންތެއްގެ ކުރިން ފެނުނު މަންޒަރާއި މިހާރު ފެންނަމުންދާ މަންޒަރު ތަފާތު ކަމުންނެވެ. ކޯރިޑޯ ހުރަސްކޮށްލި ވަގުތު އޭނާއަށް ފެނުނީ އީރާ އާއި ޒަވީން އެއް ހަށިގަނޑަށްވެ ތުންފަތް ޖޯޑުކޮށްލައިގެން ތިބި މަންޒަރެވެ.
އެއް ގެއެއްގައި އުޅޭއިރު ފެނި ދެނިވެ ގޯސް ނިޔަތެއް ނެތި ވާހަކަ ދައްކާލުމަކުން މައްސަލައެއް ނެތެވެ. ބައެއް ހާލަތްތަކުގައި ލޯ ކެހިދެއެވެ. އެވާނީ އޭނާއަށް ހީވި ހީވުމަކަށެވެ. ޒަވީން ސުދާ ދެކެ ވާ ލޯބި އޭނާއަށް އެނގެއެވެ. ސުދާ އެބޯރޝަން ހަދަން ވެއްދުމުން ޒަވީން ކަރުނަ އަޅާ ރުއިވަރު އޭނާ ދުއްޓެވެ. ޒަވީން އާއި އީރާގެ މެދުގައި ކަމެއް އުޅެއޭ ހިތަށް އަރުވަން ދައްޗެވެ. އެފަދަ ޚިޔާލެއް ސިކުނޑިއަށް އަރުވާކަށް ނުކެރޭނެއެވެ. އެއީ އޭނާގެ ކުށްހީއެއް ކަމުގައި ދެކިގެން އަވަސް އަވަހަށް ސުދާގެ ކޮޓަރިއަށް ގޮސް ވަނެވެ.
”ކިރިޔާނުން މި ސަލާމަތްވި. ޒަވީން ކެއްތެރިކަން ކުޑަވެފައި ހުންނަ ވަރު. ޝާޔައްތަ ހުރަސްކޮށްލިތަން މަށަށް ނުފެނުނު ނަމަ……” އީރާ މަޑުމަޑުން ކަނާތް އުފުލާލައި ހިތްމަތީ ބާއްވާލިއެވެ. ހިތުގެ ތެޅުން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ހިތް ނެގި ނެގިފައި ޖެހެނީއެވެ.
”ނަޞީބުގައި ތަން އޮތިއްޔާ އަހަރެމެންނަށް ދެރަގޮތެއް ނުވާނެ. އީރާ ފެންނަ އިރަށް މަށަށް ނޭނގެ ވާގޮތެއް. ދުރުގައި ހުރުން ވަރަށް އުދަނގޫ. ކަރުހިއްކައިގެންފައިވާ މީހެއް ފަދައިން އަބަދުވެސް އަރާމަށް ހުންނަނީ ފެންބޮވައިގަނެފައި. އެކަމަކު މީގެ ފަހުން އަހަރެން ޖަޒްބާތުތައް ކޮންޓްރޯލް ކުރާނަން. މިގޮތަށް ފާޅުގައި ކުރަން ވެއްޖެނަމަ ދެމީހުން ބަދުނާމު ވެދާނެ. އީރާއަށް ދެރަގޮތެއްވާން މަށެއް ނޭދެން.” ޒަވީން ގެ ވާހަކައިން އީރާ ދެކެ ލޯބިވާ މިންވަރު ހާމަވިއެވެ. އީރާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ލޯބީގެ ހިތިކަން އަރުގައި ހަރުލާފައިވީ ވަގުތު ޒަވީންގެ ފަރާތުން ލިބުނު ހިތްވަރުން ދެވަނަ ފަހަރަށް ހިތުގައި ނެގި ފިޔަވަޅު މާ ވަރުގަދައެވެ.
”ޒަވީން ހާދަ ރަނގަޅޭ.” އީރާ މިވަގުތު ހިތް އެދެނީ ޒަވީންގެ މޭގައި ބޯ އަޅާލާށެވެ. ޒަވީންއަށް ފޯނެއް އައީ އެވަގުތެވެ. ވަކީލެއްގެ އެހީއަށް އެދިފައިވާތީ އެކުވެރިއަކު ހަމަޖައްސައިދިން ވަކީލު ބައްދަލު ކޮށްލަން ބޭނުންވެގެން އެދުމުން ޒަވީން އަވަހަށް ގެއިން ނިކުމެއްޖެއެވެ.
ޝާޔާ ސައިތަބަށް ސުދާގެ އެނދުގައި ބަހައްޓާލުމުން ސުދާ ތެދުވެ ހެޑްބޯޑުގައި ލެނގިލައިފިއެވެ.
”މަންމަ ސައިބޮއިފިތަ؟” ސުދާ އާވި އަރަމުން ދިޔަ ސައިޖޯޑު ނަގަމުން އަހާލިއެވެ.
“އާން. މަންމަ ސައިބޮއި ނިމުނީމަ ސުދާއަށް ސައިދޭން މި އައީ. ސައިބޮއި ނިމިގެން ހިނގާބަލަ ބެލްކަންޏަށް ނިކުމެލަން. އަބަދު ކޮޓަރީގައި އިންނާކަށް ނުވާނެ. އެކަނި ތިހެން އިންނަން ވެއްޖެނަމަ ފިކުރު ބޮޑުވެދާނެ. މާ ކުދިކުދި ކަންތަކާ ވިސްނި ބޯހާސްވެދާނެ. ގޭ މީހުންގެ ތެރެއަށް ނިކުމެލާ އުޅެންވާނެ.” ޝާޔާގެ ނަޞޭހަތްތައް އިވިފައި ސުދާ ލަދުން އިސްޖަހާލިއެވެ. މަޑުމަޑުން އެސްފިޔަތައް ތެމި ކޯތާފަތްމައްޗަށް ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ.
“މި އާއިލާއާ މޫނު ހަމަކުރާނެ ހިތްވަރެއް އަހަރެންގެ ނެތް. އަހަރެން ކަންތައް ކުރީ އަމިއްލަ ލެއާއި ގުޅިފައިވާ މީހުންނާ މެދު މީހަކު ކަންތައް ކުރާނެ ގޮތަކަށް ނޫން. ދުޝްމަނަކުވެސް ހެޔޮކޮން ހިތި މީހަކަށް އިޙްޞާން ތެރިވާނެ. އަހަރެން އެދުން ބޮޑުވެގެން ސަލަފް ބެއަށް އެހާ ބޮޑު ލަނޑެއް ދުއްވާލާފައި ދިޔައީ ފައިސާގެ ހުރިހާ މަގަކުން އޭނާ ތާށިކޮށްލާފައި. އެކަމަކު އަހަރެން ހައްޔަރުވި ދުވަހު އެތަން ނުދެކި ސަލަފްބޭ ބޭބެއެއްގެ ޒިންމާ އަދާކުރި. ދެން ހުރީ މަންމަ. އެކޮޅަށް ދިޔަގޮތަށް ހާލުބަލާލަން އަހަރެން ދުވަހަކުވެސް ގުޅައި ނުލަން. މަންމަ ހާލުދެރަވެ އެދުމަތި ކުރިކަމެއް އަހަރެން ނުދަނެހުރިން. އެއީވެސް ފަރުވާ ކުޑަކަން.” ސުދާ އަޑަށް ބަދަލު ނުގެނެސް ވާހަކަ ދެއްކޭތޯ ބެލިއެވެ. އެކަމަކު އޭނާގެ އަޑު ކުރަކިވަމުން ގޮސް އަރުބެދޭ ގޮތްވެއްޖެއެވެ.
”އަހަންނަށް މި ލިބެނީ ހައްޤު ސަޒާ. އަހަންނަށް ކުރިއަށް އޮތްތަނުގައިވެސް އުފަލެއް ނެތް ކަންނޭނގެ.” ސުދާ މުސްތަޤްބަލާ މެދު އުއްމީދު ހަނި ގޮތަކަށް ބުނެލިއެވެ. ސުދާގެ ކޮނޑުގައި އަތް ބާއްވާލަމުން ޝާޔާ ފަރުވާތެރިކަމާ އެކު ސުދާގެ މޫނަށް ބަލާލިއެވެ. އުފާވެރިކަމާއި ޒީނަތްތެރިކަމަކީ ނެތް އެއްޗެކެވެ. ރަތް ކުލައިން ފަވާފައި ހުންނަ ތުންފަތް ވަނީ ކުރަނި ކުލަ ބަދަލު ވެފައެވެ. ދެލޯ ކައިރި ވަނީ ކަޅުވެފައެވެ. ކޮލުގެ ކަށިގަނޑު ހީވަނީ ނިކުމެދާނެހެންނެވެ.
“ދެރަކޮން ކަންތައް ދިމާވުމުން އަމިއްލަ ނަފްސާ މެދު އުއްމީދު ކަނޑާލަނީތަ؟ ސުދާ. ތިއީ މިގޭގެ ހުރި ހަމައެކަނި އަންހެން ކުއްޖާއަކީ. މަންމަ ސުދާ ދެކެ އިންތިހާއަށް ލޯބިވޭ. ސަލަފް ހިތުގައި ސުދާއާ މެދު ރުޅިވެރިކަމެއް ނެތްކަން އހަންނަށް ޔަޤީން. އޮތްނަމަ އަހަންނަށް ސިއްރެއް ނުވާނެ. ހެޔޮމަގަށް އަންނަން އެނގޭނީ ނުބައި ތަޖުރިބާ ތަކެއް ކޮށްފައި ހުރި މީހަކަށް. އުފާވެރިކަމުގެ ފޮނި ރަހަ އެނގޭނީ ހިތާމައި ހިތިރަހަ ބެލިފައި ހުރި މީހަކަށް. ކޮންމެ ގޮތަކުން ވިއަސް ސުދާއަށް ހެޔޮމަގު ދެއްވީތީ ހެއްދެވި ފަރާތަށް ހާސް ފަހަރު ޝުކުރު އަދާކުރަން. އަހަންނަށް ޔަޤީން ސުދާ އިސްލާހުވީތީ ދެވަނަ ފުރުޞަތެއް ދޭނެކަން. މުސްތަޤްބަލު އޮތީ ކުރިއަށް. އުމުރުގައި ތަން އޮތިއްޔާ ކުއްޖަކު ލިބުމުގެ ނަޞީބުވެސް ލިބޭނެ.” ޝާޔާ ހިތްވަރު ދެމުން އައިސް ކުއްޖެއްގެ ވާހަކަ ދެއްކުމުން ސުދާގެ ލަނގޮޑި ހީވީ ފަޅައިގެން ދިޔަހެންނެވެ. ޒަވީން ދައްކާ ވާހަކަތަކުގެ މަތިން ހަނދާންވެއްޖެއެވެ. އާއިލާގެ މެންބަރުންނަށްވުރެ ބޮޑަށް އޭނާ ދެވަނަ ފުރުޞަތެއް ބޭނުމީ ޒަވީންގެ ކިބައިންނެވެ. ވީރާނާވެ ފަނާވަމުންދާ ކައިވެނި އަލުން ކޮޅަށް ނަގަން ބޭނުމެވެ.
ސުދާ ރުއިމުގެ އަޑު އަހަން ޝާޔާއަށް އުދަނގޫވިއެވެ. އެއްބަނޑު އެއްބަފާ އަޚަކު ރޯތަން ފެނުމުން ގެނެސް މޭގައި ޖައްސާ ފަދައިން ސުދާ ގެނެސް އަތުތެރެއަށް ލައިފިއެވެ.
“ލޭގެ ގުޅުމެއް ނުކެނޑޭނެ. އެކަމަކު އަހަރެންގެ ފިރިމީހާ އަލުން އަނބުރާ ލިބޭނީ ކިހިނެއް؟ އަހަރެންގެ އިޙްމާލުން އޭނާ ވަނީ އަހަރެން މަތިން ފޫހިވެފަ. އެހެން ދިމާއަކަށް މިސްރާބު ޖަހާފައި.” ސުދާގެ އަޑު އިވިފައި ހައިރާން ކަމާއެކު ޝާޔާއަށް ސުދާ ދުރަށް ޖައްސާލެވުނެވެ. ޝާޔާގެ ބަލާލުމުން ދޭހަވީ ސުދާ ދައްކާ ވާހަކަ ޤަބޫލު ކުރަން ދަތިހެންނެވެ.
”އަހަރެން ދުވަހަކުވެސް ހިތަށް ނާރާ ހިސާބަކަށް އަހަރެންގެ ދިރިއުޅުމުގެ ކަންތައްވަނީ ގޮސްފައި. ހަމަ ތެދެއް މިބުނީ. އަންހެނަކަށްވެ ހުރެ އަހަންނަށް އަންހެނެއްގެ ޒިންމާ ނުނެގުން. ފިރިމީހާއަށް އަދާކުރަންޖެހޭ ހައްޤުތައް އަދާ ކުރުމުގައި އަހަރެން އިހުމާލުވިން. އޮފީހުން އައުމަށްފަހު ޒަވީންގެ ގަމީހެއްގެ އިސްތިރި ކުރުންވީ އަހަންނަށް ބޮޑު ކަމަކަށް. އެވަރު ކަމެއް ޒަވީން އެދެން ޖެހެނީ ނޫރީންގެ ކިބައިން. މަންމަ އަހަންނަށް ނަޞޭހަތް ދިން. ހަރުދަނާވުމަށް ޒަވީންވެސް އެދުނު. ފިރިހެނަކަސް އޭނާވެސް ކެއްތެރިވީ ވަކި ހިސާބަކަށް. އަހަރެން ރަހިމުގައި އަށަނުގަނެ ދަރިފުޅު ބައިގެން ދިޔައީ އަހަރެންގެ ނުބައި ކަމުން. މިއަދު އަހަރެން ލޮލުން ކަރުނަ އޮހޮރުމުގެ އެއްވެސް ބޭނުމެއް ނެތް. އަހަރެން އެދުވަހު ފުރައިގެން ދިޔައީ ވިންދު ޖަހަމުން އުފެދެމުން އަންނަ ފުރާނަ ކަފުން ކުރަން ހިތު ނިޔަތް ގަނެގެން. ޝާޔާ. އަހަރެން މިދައްކަނީ ދޮގު ވާހަކައެއް ނޫން. އަހަންނަކީ ނުބައި އަންހެނެއް. އަހަންނަށް ދިރިއުޅުމުގައި މިވެނި ކަމެއް ރަނގަޅަށް ކުރެވުނޭ ކިޔާފައި ދައްކާނެ އެއްވެސް ކަމެއް ނެތް.” ސުދާ މޫނުގައި އަތް އަޅައި މޫނު ފޮރުވާލިއެވެ. އިރުކޮޅަކަށް ޝާޔާ އިނީ ދުލަށް ގެންނާނެ ލަފްޒެއް ނޭނގިފައެވެ.
”މާޒީއާ މެދު ހިތާމަ ކުރުމުގެ ބޭނުމެއް ނެތް. ސުދާ. އަހަރެން ބުނާ ގޮތަށް ހެދިއްޖެނަމަ ތި ކައިވެނި މާތްﷲގެ އިރާދަފުޅުން ރޫޅިގެން ނުދާނެ. ޒަވީން ދުރަށް ދިޔަފަދައިން އެނބުރި އަންނާނެ. އޭނާއަށް ސުދާ ވަރިކުރުމުގެ އިޚްތިޔާރު އެބައޮތް. ކެއްތެރިވުމެއް ނެތި އޭނާ ސުދާ ވަރިކޮށްފައި ދިޔައީސް. އޭނާ އަދިވެސް އެހުރީ ސުދާގެ ހިޔަލުގައި. ސުދާ ހަރުދަނާވާންވީ މި ވަގުތު. ކުރިން ނުދެވުނު ވަގުތު ދީގެން ޒަވީންގެ ހިތް ބަދަލު ކުރަންވީ. ޒަވީންގެ އެންމެ ކުދި ކުދި ކަންތަކާ ސުދާ ފަރުވާތެރިވާންވީ. ޝަކުވާ ކުރުމުގެ ބަދަލުގައި ސުދާ ކެއްތެރިވެ އިންނަން ފެށުމުން ޒަވީންގެ ހިތް ބަދަލު ވެދާނެ.” ޝާޔާ ކޮށައިދިނީ މަގެކެވެ. އޭގެ އިތުރުންވެސް ޝާޔާ ހިތްވަރު ދިނެވެ. ސުދާއަށް ދިރުން ލިބިގެން ދިޔައެވެ.
ޒަވީން ވަކީލާ ބައްދަލު ކުރިއެވެ. ސައި މޭޒެއްގެ ދޮށުގައި ތިބެ ވަކީލު އިއްވައިދިނީ ޒަވީން މާޔޫސްވާނެ ބަސްތަކެކެވެ.
”އަހަރެން މިކަންތައް ކޯޓުގައި އޮތް ގޮތް ބަލައިފިން. ކޯޓުގައި އޮތް ގޭގެ ރަޖިސްޓްރީ އާއި މުދާތަކުގެ މިލުކުވެރި ފަރާތަކަށް އޮތީ ސަލަފް. ސުދާއަށް އެއްވެސް ބަދަލެއް ނުގެނެވޭ. ހެއްދުނީ ނަކަލު ކުރި ލިޔުމެއް. އެންމެ ކުޑަމިނުން މީގައި ހެކިންގެ ސޮއެއް ނެތް.” ވަކީލު މޭޒުމަތީގައި ބޭއްވީ ސުދާ ހެއްދި ލިޔުމެވެ. ސަލަފް ރުހުމުގައި އެއްވެސް ޝަރުތެއް ނެތި ސުދާއަށް މުދާތައް ހަދިޔާ ކޮށްފީމޭ ކިޔާފައި އޮތް ލިޔުމުގައި ސަލަފްގެ ސޮއި ފިޔަވާ އެއްވެސް އެއްޗެއް ނެތެވެ.
”އެކަމަކު ސަލަފްއަށް އެއްވެސް މުޢާމަލާތެއް ނުކުރެވި ދިޔަ. ޗެކުތައް ބައުންސްވެގެން ދިޔަ. ލޯނުތައް ކެންސަލް ކުރެވުނު.” ޒަވީން ހަނދާނަށް އެކަންތައް އައެވެ.
”ސުދާ މި ލިޔުން ކޯޓުން ފާސްކުރަން ލުމާއެކު މުޢާމަލާތްތައް ފަސްކުރަންޖެހުނީ. އެދުވަސްކޮޅު ދިމާވި ގޮތެއް ކަމަކު މިހާރު ސަލަފްގެ އަތްމައްޗަށް ބާރުތައް އައިސްފި. ޗެކުތައް ބއުންސްވި ހިސާބުން ސަލަފްވަނީ އޭނާގެ އަތުން އަސްލުތައް ގެއްލިއްޖެ ކަމަށް ބުނެ ކޯޓަށް ސިޓީއެއްލާފައި. ޒަވީންއަށް މިއިން އެއްވެސް ފައިދާއެއް ނުކުރާނެ.” ވަކީލު ކިޔައިދިނެވެ.
”ހާދަ ދެރައޭ. ސުދާގެ މުދަލުން މަށަށް ބައެއް ލިބޭނެ ގޮތެއް ނެތްތަ؟” ޒަވީން ކަރު އެލުވާލަން ބޭނުމެއް ނޫނެވެ.
”އޭނައާ އިނދެ ހުއްޓާ އޭނާ މަރުވެއްޖެނަމަ ހަލާލު ބައި އޮންނާނެ.” ވަކީލު ދިނީ އެންމެ ގަޔާވި ޖަވާބެއް ނޫނެވެ. މަރުވަންދެން އިންތިޒާރު ކުރަންވެއްޖެ ނަމަ ހަށިގަނޑުގައި ބާރުނެތި ހިނގައިދާނެއެވެ.
”ދެން މިވަގުތު ގޮސްލީ. މި ކަމުގައި އަހަންނަށް ކުރެވޭނެ ކަމެއް ނެތެއްނު.” ވަކީލު ތެދުވެ ބިލް ކަނޑާފައި ހިނގައްޖެއެވެ. ޒަވީން އިނދެގެން އިތުރަށް ވިސްނިއެވެ. ސުދާ މަރުވެއްޖެ ނަމަ ލިބޭ ހަލާލުބައި ކުޑއެއް ނުވާނެއެވެ. އިތުރަށް ބައި އަޅާނެ ދަރިއަކު ނެތެވެ. އޭނާ ހަމަހޭ ހުއްޓައި ދަރިއަކު އުފަންވިއަކަ ނުދޭނަމެވެ. އެކަމަކު ލިބުނު ޖަވާބަކީ ދިގު އިންތިޒާރެކެވެ. އުމުރު ހުސްވަންދެން އިންތިޒާރު ކުރެވޭނެ ހެއްޔެވެ؟ އެއަށްވުރެ އަވަސްމަގެއް ކޮށޭނެ ގޮތެއް ޒަވީން ވިސްނަން ޝައިތާނާ މަޖުބޫރު ކޮށްފިއެވެ. އަމިއްލަ ޒަމީރަށް ވުރެ އަވަހަށް ޝައިތާނާ ހިތާއި ސިކުނޑިއަށް ސަވާރުވާނެއެވެ.
ޔޫއާން އާއި އީފާގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވަމުން އަންނަން ފަށައިފިއެވެ. ޔޫއާން އަމިއްލަ ދިރިއުޅުމާއި މެދު ވިސްނަމުން ދިޔައެވެ. ގޭތެރޭގެ ހާލަތު ރަނގަޅުވަމުން ދާތީ އުފާވެރި ހަފްލާއެއް ބޭއްވުމަކުން ގޯހެއް ނެތޭ އޭނާގެ ހިތް ބުނަން ފަށައިފިއެވެ. ލޯބިވާ މީހަކާ އިނުމުގެ ނަޞީބު އެންމެންނަށް ނުލިބޭނެއެވެ. ފަހުންވެސް ލޯތްބަކީ ވެވިދާނެ އއްޗެކެވެ. އީފާގެ ޚިޔާލެއް ހޯދުމަށް ޔޫއާން ނިންމިއެވެ.
”އަހަރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނީ އީފާއަށް. އަދި އީފާގެ މާޒީ އަހަންނަށް އެނގޭ. ލިބެން ނެތް އެއްޗަކަށް އިންތިޒާރު ކުރުމުގެ ބަދަލުގައި އަހަރެމެން ދެމީހުން ކައިވެންޏަކާ މެދު ވިސްނަން ވެއްޖެ. ފަހަރެއްގައި މި ޚަބަރުން މަންމަގެ ހާލު ރަނގަޅުވެދާނެ. އީފާ ދެކެނީ ކޮންގޮތަކަށް.” ޔޫއާން އެވާހަކަ ފެށީ ރޭގަނޑުގެ ކެއުމުގައި ތިބެއެވެ. އީފާ އަނގަޔަށްލީ ބަތް ސުވާ ހީވީ ކަރުގައި އެޅިހެންނެވެ. ޔޫއާން ޝާޔާގެ މަތިން ހަނދާން ނައްތާލާފައި ޒަވާޖީ ހަޔާތަކާ މެދު ވިސްނިއަސް އޭނާގެ ހިތް އެ ގޮތެއް އެއްބަހެއް ނޫނެވެ. ސަލަފް ދެކެ ވީ ލޯބި އިއްޔެވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ.
”ޔޫއާންއަށް ރަނގަޅު ގޮތެއް އަހަންނަށް ރަނގަޅު. އަހަރެންގެ ފަރާތުން ކައިވެންޏަށް ތައްޔާރުވާން ބަޔަކު ނާންނާނެ. އަހަރެންގެ އާއިލާއެއް ނެތް. ހުރި މީހަކީ ބޮޑު ދައިތަ. އޭނާއަށް ރަނގަޅުވާނީ އަހަރެން ދުވަހަކުވެސް ޚަބަރެއް ނުވެ އުޅުނިއްޔާ.” އީފާ އެއްބަސްވީ ކައިވެނީގެ ބަހަނާގައި އެގެއަށް ދިއުމުގެ ބޭނުމުގައެވެ. ޔޫއާންއާ އެކު އުޅެން ފެށުމުން ޔޫއާންގެ ހިތުގެ ރިހުން ގުޅިފައިވަނީ ޝާޔާއާ ކަން އެނގެއެވެ. ޝާޔާ ޔޫއާންއަށް ހޯދައިދީފައި ސަލަފް އަތުލަފި ކޮށްލެވިދާނެއެވެ. ޝާޔާ ހުސްވެއްޖެނަމަ ޔޫއާން އޭނައާ އިނުމުގެ ޚިޔާލު ދޫކޮށްލަން ފަހެއް ނުޖެހޭނެއެވެ. ޝާޔާއާ ސަލަފް ބަދަހިވެފައިވާ ދަނޑިވަޅުގައި އޭނާއަށް ހޯދަންޖެހޭނީ އެދެމީހުންގެ މެދުގައި އޮންނަ ހިތްހަމަ ނުޖެހުމެކެވެ. އެފަދަ ކަމެއް ނެތްނަމަ އުފައްދައިގެންވެސް މަޤްސަދު ހާސިލް ކުރަން ބޭނުމެވެ. އީފާ ޚިޔާލުތަކަށް ގެނބެމުން ދަނިކޮން ޔޫއާން އިއްވާލި ނިންމުން އިވިފައި ހަށިގަނޑުގައި ޖަހާ ވިންދު ހީވީ ހުއްޓުނުހެންނެވެ.
(ނުނިމޭ)