ޑިސެމްބަރު 03 ވަނަ ދުވަހުގެ ބަޔާގުޅޭ
”މާދަމާ އެނބުރި މާލެ ދާނީ. މާދަމާ ރޭ ރަންކިއުމުގެ ކަންތައް އަހަރެން ހަމަޖައްސާނަން. އާއިލާއިން މިކަމަށް ހޫނު މަރުޚަބާއެއް ކިޔާނެކަން ޔަޤީން.” ޔޫއާން ބުނެލިއެވެ. ޔޫއާން އަވަސް އަރުވާލި ވަރުން އީފާއަށް ކަމެއް ކުރެވޭނެ ވަގުތެއް ނެތެވެ.
”އެއްބަސްތަ؟”‘ ޔޫއާން އީފާގެ އަތުގައި މަޑު މަޑުން ހިފާލިއެވެ.
”އާން.” އީފާއަށް ތެޅިގަނެވުނެވެ. ޔޫއާންއަށް އެކަން ފާހަގަ ނުކުރެވުނީ އިސްޖަހައިގެން އިނީމައެވެ.
އޭގެ ބައިގަޑިއިރެއްހާ އިރު ފަހެވެ. ކައި ނިމިގެން ޔޫއާން އާއި އީފާގެ މިސްރާބު ހުރީ ތުނޑިއާ ދިމާލަށެވެ. އަތިރިމަތީގައި މަދު މަދުން މީހުން ތިއްބެވެ. ގެސްޓުން މަދު ދުވަސްކޮޅެއް ކަމުން އަތިރިމަތި އޮތީ ހުހަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޔޫއާން ފަރާތް ފަރާތް ބަލަމުން ދަނިކޮން ވިދަމުން ދިޔަ ތަރިތައް ފެނި ކުރީގެ ހަނދާންތައް އާވެއްޖެއެވެ. ޝާޔާ އާއެކު އަތިރިމަތީގައި ހޭދަކުރި ރެއެއްގެ މަތިން ހަނދާންވެއްޖެއެވެ. ޔޫއާން އުޑަށް ބަލަން ހުރެފައި ބަލާލިއިރު ކުރިމަތީގައި ހުރި ޝާޔާއެވެ. ވައިރޯޅިއަށް ދެފަރާތަށް ވިހުރެމުން ދިޔަ އިސްތަށިތައް ކޯތާފަތްމަތީ ސަމާސާ ކުރަން ފެށުމުން ޝާޔާ އިސްތަށިގަނޑު އެއްފަރާތުން ކޮނޑުމައްޗަށް ގެނައެވެ. ހަނދުވަރުގެ ރިހި އަލީގައި ޝާޔާ ފެނުމުން ޔޫއާން ހިތް މަސްތު ކުރުވިއެވެ. ދެއަތުން ޝާޔާގެ މޫނުގައި ހިފަހައްޓާލެވުނެވެ. ޝާޔާ ހައިރާންވެފައި ޔޫއާންއަށް ބަލަން ހުރީއެވެ.
”ހައިރާންނުވޭ. އަހަރެން މި ހުރިހާ ދުވަހު ހިތުގައި ސިއްރު ކުރި ލޯބީގެ މިންވަރު މިރޭ ހާމަކޮށްދޭނަން. ހިތުގެ ދިރުމަކީ ލޯތްބަކީ ތިއީކަން އަންގައިދޭނަން. އަހަންނަށް އެކަން ހާމަކުރަން ފުރުޞަތެއް ދީ.” ޔޫއާންގެ ދުލުން ފަށުވި ބަސްތަކެއް ނިކުތެވެ. ކުރިއަށްވުރެ ބޮޑަށް ހައިރާންކަން ޝާޔާގެ މޫނުމަތިން ފެނުނެވެ. ހީވަނީ ޝާޔާ ޤަބޫލު ކުރަން ދަތިވަނީ ހެންނެވެ. ޔޫއާން ބޭނުންވީ ދުލުން ޔަޤީން ކޮށްދިނުމުގެ ބަދަލުގައި އަމަލުން އެކަން ދައްކާށެވެ.
ދެމީހުންގެ މެދުގައި ވާ ހުސްކަން ކުޑަކޮށްލާފައި ޔޫއާން ޝާޔާ ގެނެސް ފިއްތާލީ ވައިރޯޅިއަކަށްވެސް ދެމެދުން ދަތުރު ނުކުރެވޭނެ މިންވަރަށެވެ. ޝާޔާގެ ތުންފަތަށް ބޮސްދޭން ޝާޔާ ތެޅިގަތެވެ. ޔޫއާން ކުރިއަށްވުރެ ބޮޑަށް ކައިރިކޮށްލާފައި ދެއަތުން އުނަގަނޑުގައި ހިފަހައްޓާލިއެވެ. އެކަމުގެ ތެރެއަށް ބޮޑަށް ވަދެވުނީ ދެލޯ މަރާލެވުމުންނެވެ. ނޭވާކޮޅަށް ދަންދެން އެގޮތުގައި ހުރެފައި ލޯ ހުޅުވާލުމުން ޔޫއާންއަށް ސިހުމެއް ލިބުނެވެ. އޭނާގެ އަތުތެރޭ ހައްޔަރު ކޮށްފައި ހުރި އީފާގެ މޫނު ފެނުމުން ދެއަތުން ހީވީ ވާގި ދޫވިހެންނެވެ.
”އައި އެމް ސޮރީ.” ޔޫއާން އަނގަމަތީ އަތް އަޅާލެވުނެވެ. ކުޑަވަގުތުކޮޅަކަށް އީފާ ޝާޔާގެ ގޮތުގައި ސިފަވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ހަޤީޤަތަކީ އަދިވެސް ޝާޔާއަށް ދެވުނު މަޤާމަށް ފަނޑުކަމެއް ނާންނަ ކަމެވެ. ފުރަތަމަ ލޯތްބަކީ ހަނދާން ނައްތާލެވޭނެ ލޯތްބެއް ނޫނެވެ.
”ނޫނޭ ޔޫއާން. މީގައި ޔޫއާން މަޢާފަށް އެދޭނެ ކަމެއް ނެތް. މިއީ ދެލޯބިވެރިންގެ ދެމެދުގައި ހިނގާ އެންމެ އާދައިގެ ކަންތައް. އަހަންނަށް މަޢާފްކުރޭ. ދުވަސްކައިރިވެ ކައިވެންޏަށް އެއްބަސް ވެވުނު އިރުވެސް ދެމެދުގައި އޮންނަ ދުރުމިން ކައިރިކުރަން މަސައްކަތް ނުކުރެވޭތީ. އެންމެ ފުރަތަމަ ވެވުނު ލޯބި މަތިން ހަނދާން ނައްތާލަން ވަރަށް އުދަނގޫ. މީހުން ބުނާތީ އަހަން ލޯތްބަކީ އެތައް ފަހަރަކުވެސް ވެވޭ އެއްޗެކޭ. އަދި އަހަންނަށްވެސް ޔޫއާން ދެކެ ލޯބިވެވިދާނެ” އީފާ ޔޫއާންގެ މޫނަށް ބަލާލިއެވެ. ޔޫއާން ހުރީ ކުރެވުނު އަމަލާއި މެދު ލަދުވެތިވާ ހާލުގައެވެ. އީފާއާ ކައިރިވީ ޝާޔާ ކަމުގައި ހީކޮށްގެން ކަން އީފާ އަށް އަންގާކަށް ބޭނުމެއް ނޫނެވެ.
“އީފާގެ ލޯބިވެރިޔާއާ ވަކިވީ ކީއްވެ؟” ޔޫއާން ވެލިގަނޑުމަތީ އިށީނެވެ.
”އެއީ އަހަރެންގެ ކުށް. އަހަންނަށް އެދުވަހު ފައިސާ މުހިއްމުވެގެން އޭނާ ދޫކޮށްލާފައި ދިޔައީ. އޭރު އޭނާއަކީ ފައިސާގޮތުން ތަނަވަސް މީހެއް ނޫން. އެކަމަކު އަހަންނަށް މާގިނަ ދުވަހު ދުރުގައެއް ނުހުރެވުނު. ދެމީހުން ގައިގޯޅިވެ ހަދިޔާތަކެއް ބަދަލު ކުރެވިފައި ވާތީ އެ ހަނދާންތައް އަހަންނަށް އުދަނގޫ ކުރަން ފެށީ. ރާއްޖެ ދޫކޮށްފައި ގޮސް އެނބުރި އައީ މަޢާފަށް އެދެން.” އީފާ ހުއްޓާލިއެވެ.
”އެއީ މީހެއްގެ ފިރިއެއް.” އިރުކޮޅަކަށްފަހު އީފާ ބުނެލިއެވެ.
”އެއީ ކާކު؟” ޔޫއާން އެނގެން ބޭނުންވިއެވެ.
”އޭނާގެ ނަން އަހަރެންގެ ދުލުން ކިޔާކަށް ބޭނުމެއް ނޫން.” އީފާ ގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ. މާޒީ ނޮޅައި ވީދާ ކޮންމެ ފަހަރަކު އެ ހަނދާންތަކުގެ ސަބަބުން ލިބޭނީ އިތުރު ވޭނެއްކަން ޔޫއާންއަށް އެނގެއެވެ. އެކަމަކުވެސް އަނެކާގެ މާޒީއާ ދޭތެރޭ ޝައުޤުވެރިކަން އުފެދެނީއެވެ.
”ޔޫއާން އަހަންނަށް ކިޔައެއް ނުދޭނަންތަ ޝާޔާ އާއި ވަކިވީ ކިހިނެއްކަމެއް؟” އީފާ ފެންކަޅިވީ ނަމަވެސް ހިތްވަރު ކޮށްލާފައި ހިނިތުންވެލިއެވެ.
”އަހަރެން ވަތްކެއް ނުވަން. އަހަރެން އެނބުރި އާއިރު ޝާޔާ ހުރީ ސަލަފްބޭގެ އަންހެނުންގެ ގޮތުގައި. އަހަރެން އެކޮޅުގައިވީ މަހެއްހާ ދުވަހުގެ ތެރޭ ޝާޔާގެ ސިކުނޑި ބަދަލުވީ ކީއްވެ ކަމެއް ނޭނގެ.” ޔޫއާން އަށް އަދިވެސް ހަޤީޤަތެއް ނޭނގެއެވެ.
”ސަލަފްބެއަށް އެނގޭނެތަ ޔޫއާން އާއި ޝާޔާ ގެ ކަންތައް.” އީފާ މައުލޫމާތު އެއްކުރަމުން ދިޔައެވެ.
”އަހަރެން ފަރާތަކުން ނޭނގޭނެ. ” ޔޫއާން ބުނެލިއެވެ. އީފާ ހިތާއި ހިތުން އުފާކުރިއެވެ. އޭނާ ދެން ޖަހާ މަޅީގެ އަމާޒު އޭނާއަށް ފެނުނު ކަހަލައެވެ.
”ޝާޔާ ހާދަ މަކަރުވެރިއޭ ދޯ. އޭނާއަށް އެނގޭނެއެއްނު ޔޫއާން އާއި ސަލަފް އަކީ ލޭގެ ގުޅުން އޮންނަ ދެމީހުންކަން. ޝާޔާގެ މަޤްސަދަކީ ކޮބައިބާ؟ ފައިސާގެ ބޭނުމުގައި ސަލަފްއާ އިނީ ކަންނޭނގެ.” އީފާ ބުނެލިއެވެ.
”ވެދާނެ. ސަލަފްބެއަށް އެނގޭނަމަ ޔަޤީން ކައިވެނި ނުކުރާނެކަން.” ޔޫއާން ސަލަފް އާއި މެދު އިތުބާރު އެބައޮތެވެ. އާއިލާ އެއްވެސް މީހަކު ހިތް ނުރުހޭ ކަމެއް ސަލަފް ނުކުރާނެކަން އެނގެއެވެ.
”ސަލަފްއަށް އަވަހަށް އަންގަންވީ..” އީފާ ހިތް ބުނެލިއެވެ.
”އަހަރެން ދުވަހަކުވެސް ބޭނުމެއް ނޫން އެ ސިއްރު ސަލަފްއަށް އެނގޭކަން.” ޔޫއާން ބުނެލިއެވެ.
”ސިއްރެއް ވާނީ ސިއްރަކަށް. ބައެއް ސިއްރުތައް ރަނގަޅުވާނީ ފާޅުވުމަށްވުރެ ވަންހަނާވުން.” އީފާ ޔޫއާން ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ.
ސަލަފް އޮފީހުން އައިސް ވަންއިރު ޝާޔާ އިނީ ޚިޔާލަކަށް ގެއްލިފައެވެ. މިއަދު ހަވީރު ސުދާ ރޮއިފައި ދެއްކި ވާހަކަ ޝާޔާގެ ސިކުނޑީގައި ޓަކި ދެމުން ދިޔައެވެ. ސުދާ ކުރަމުންދާ ހިތާމަ އެނގުމުން ޝާޔާގެ ހިތް ހަމްދަރުދީއިން ފުރިއްޖެއެވެ.
”ކޮން ޚިޔާލެއްގައި.” ޝާޔާގެ މޫނުމަތީ އަތް ހުރަސްކޮށްލަމުން ސަލަފް ހީލާފައި ކައިރީގައި އިށީނެވެ.
”ކަމަކާއެއް ނޫން. ކާންވީނު.” ޝާޔާ ތެދުވަން އުޅުމުން ސަލަފް ހުއްޓުވިއެވެ. އޮފީހުން އައީ ކައިގެން ކަމުގައި ބުނެލިއެވެ.
”މިރޭ ތަންކޮޅެއް އަވަހަށް މަސައްކަތް ނިންމާލާފައި މިއައީ. މިދުވަސްކޮޅު ޝާޔާއަށް ވަގުތުދެވޭލެއް މަދުހެން ހީވެގެން. ޝާޔާ ހިތްހަމަޖެހޭވަރަށް ވަގުތު ނުދެވޭނަމަ އަހަރެން ކައިރީ ބުނެލައްޗޭ. އަހަރެން ހިތް އެދެނީ އަބަދުވެސް ޝާޔާ ކައިރީ ހުންނަން.” ސަލަފްގެ ލޮލުން ޝާޔާއަށް ފެންނަމުން ދިޔައީ ސާފް ލޯތްބެވެ. ދެވަނަ އިންސާނެއް ދެކެ ލޯބިވެވިދާނެ ކަމަށް ޤަބޫލު ނުކުރި ހިތް ސަލަފްއަށްޓަކައި އުތުރި އަރަމުންދާކަން ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ.
”މިހާ ކައިރިތަ؟” ޝާޔާ ކައިރިއަށްޖެހިލަމުން އަހާލިއެވެ. ސަލަފްގެ މޫނަށް ބަލާލާފައި ޝާޔާ އަނެއްކާވެސް ކައިރިއަށް ޖެހުނެވެ.
”މިއަށްވުރެ ކައިރިތަ؟” ޝާޔާގެ އަޑު މިފަހަރު ނިކުތީ ކިރިޔަ ކިރިޔާއެވެ. ކަންފަތުގައި ޖެހުނު ވައި އަޑާއެކު ސަލަފްގެ ހަށިގަނޑުގައި ހީބިހި ނެގުވިއެވެ. ޝާޔާ ގެނެސް ކައިރިކޮށްލާފައި ސަލަފް ޝާޔާގެ މޫނަށް ބަލާލިއިރު ހޫނު ނޭވާ އޭނާގެ މޫނަށް އެޅެއެވެ. ”އަދިވެސް.” ސަލަފް ހިތް އެދެމުން ދިޔައީ އިތުރަށް ކައިރިވުމަށެވެ. އެކަކު އަނެއްކަކުގެ ހަށިގަނޑުގައި ހިފާ ކައިރި ކުރަމުން ދިޔައިރު އިތުރަށް ކައިރިވުމަށް ހިތް އެދެމުން ދިޔައެވެ. ސަލަފް އެއްއަތުން ޝާޔާގެ އިސްތަށިގަނޑު އެއްފަރާތް ކޮށްލާފައި ހާމަވެގެން ދިޔަ ކަނދުރާގައި ބޮސްދިނެވެ. ސަލަފް ދެވަނަ ފަހަރަށް ބޮސް ދިނުމުން ޝާޔާ ހުނުމުގެ އަޑު އިވުނެވެ. ހެދުން ފަހަތުގައި އިން ޒިބަށް ދަމާލުމާއި އެކު ކަނދުރާ ކޮނޑުގެ ބޮޑުބައި ހާމަވެގެން ދިޔައެވެ.
ޒަވީން އައިސް ކޮޓަރިއަށް ވަނުމުން ލިބުނީ ހައިރާން ކަމެކެވެ. ހަށިގަނޑަށް ފަސޭހަ ވާވަރަށް ހުރި ކޮޓަރީގެ ފިނިކަމުގެ ތެރެއިން އޭނާގެ ނޭފަތުގައި ޖެހުނީ ވަސްމީރު ސެންޓެއްގެ ވަހެވެ. ޒަވީން ކޮޓަރި ތެރެ ފަރުވާތެރިކަމާއެކު ބަލާލިއެވެ. ބާލީސްތައް ގުޅައަކަށް ޖަހާފައި އޮންނަ އެނދު އޮތީ ތަރުތީބު ކުރެވިފައެވެ. ބެޑްޝީޓްގައި އެންމެ ރުލެއްވެސް ނެތެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ރީތިވާ އެއްޗެހިތައްވެސް ތަރުތީބެވެ. ލޯގަނޑު ކުރިމަތީ ފަރިވާން ހުރި ސުދާއަށް ޒަވީން ފެނުމުން އެނބުރި ހިނިތުންވެލާފައި ފިނިފެންމާކުލަ އަރާ ތުންފަތުގައި ރަތްކުލަ ޖައްސާލާ ފަވާލިއެވެ. ޒަވީންއާ ދިމާއަށް އެނބުރިލީ ވަގުތު ޒަވީންގެ ލޮލުގައި އަޅައިގަތީ ސުދާގެ ކަރުގައި އޮތް ފަށެވެ.
އެއީ ޚާއްސަ ރެއަކު ޒަވީން ހަދިޔާ ކުރި ފަށެވެ. ކަރުގެ ފަޅުކަން ނުފިލާތީ އޭ ކިޔާފައި ސުދާ ބޭނުންނުކޮށް އެއްލާލި ފަށެވެ. މިއަދު ސުދާއަށް އެފަށް ޚާއްސަވާންވީ ކީއްވެގެން ހެއްޔޭ އޭނާގެ ހިތަށް އެރިއެވެ. ދެވަނަ ކަމަކަށް ލޮލުގައި އަޅައިގަތީ ސުދާ ލައިގެން ހުރި ދިގު މެކްސީއެވެ. ގަޔަށްބާރު ކުރު އަދި ކަރުބޮޑު ހެދުމުގައި ފެންނަ ސުދާ ހީވަނީ ފޮތިގަނޑަކުން ބަނދެވިފައި ހުރިހެންނެވެ. ހެދުމުގެ ކަރުވަޅު ގުނަވަންތައް ފޮރުވައިދެއެވެ. ގަޔަށް ދޫވެފައި ދިގުކަމުން ސުދާ އާއި ގުޅެއެވެ.
”ހައު އިސް މައި ނިއު ލުކް.” ސުދާ އަހާލީ ހެދުން ކޮށިކޮށްލަމުންނެވެ.
ޒަވީން އިސްޖަހާލަމުން ގޮސް އެނދަށް ވެއްޓިގަތެވެ. ބަރިއަކަށް އަޅާފައި ހުރި ބާލީހުން އެއްބާލީސް ނަގައި މެދުން ލަންބާލުމަށްފަހު ބޯދޮށަށްލައިގެން އޮވެ ލޯ މަރާލިއެވެ. ޒަވީންގެ ފަރާތުން ޖަވާބަކަށް އެދި އެދި ހުރި ސުދާއަށް ކުޑަ މާޔޫސްކަމެއް ލިބުނެވެ. ޖަވާބެއް ނުލިބި އިރުކޮޅެއްވުމަށްފަހު ދެން އިވުނު ބަހުން އޭނާގެ ހިތް ކުދި ކުދިވެގެން ދިޔައެވެ.
”އަގްލީ.”
ޒަވީންއަށްޓަކައި އޭނާ ކުރި މަސައްކަތް ބޭކާރުވެގެން ދިޔަ ކަހަލައެވެ. ލޮލަށް ޖަމާވި ކަރުނަތައް ބަންޑުންވެގެން ދިޔައެވެ.
”ޒަވީން ދިން ފަށް މިއީ. މިފަށް ކިހާ ގުޅޭ ދޯ.” އަޑުގައި ހުރި ތުރުތުރު އެޅުން ފޮރުވާލަމުން ސުދާ ގޮސް ޒަވީންގެ ކައިރީ އިށީނެވެ. ފަށުގައި އޭނާގެ އަތް ފިރުމާލެވުނެވެ.
”ސުދާއާއި ގުޅޭނީ މުތުގެ ހާރު. އާދައިގެ ފަށެއް ނުގުޅޭ.” ޒަވީން އެންމެ ކުޑަމިނުން އޭނައަށް ބަލައިވެސް ނުލިއެވެ.
”ޒަވީން ދިން އެއްޗެއް ވީމަ އަހަންނަށް މިފަށް ވަރަށް ޚާއްސަ. އަހަރެން ދުވަހަކުވެސް މިފަށް ހަށިގަނޑާއި ވަކި ނުކުރާނަން.” ޒަވީންގެ ހިތްހަމަ ޖައްސައިދޭން ސުދާ މަސައްކަތް ކުރިއެވެ. ޔަޤީންކަން ދިނުމުން ޒަވީންގެ ހިތުން އޭނާ އާއި މެދު އުފެދިފައިވާ ނަފްރަތުން ތަންކޮޅެއް އުނިވެގެން ދާނެހެން ހީވަނީއެވެ.
”މިއަދު ކުއްލިއަކަށް ޚާއްސަވީ ކީއްވެގެން. އެދުވަހު އަހަރެން ގެނައީ ވަރަށް އުއްމީދާ އެކު. އަހަރެންގެ ފަރާތުން ފަރުވާކުޑަ ޖަވާބެއް އިވިފައި ސުދާގެ ލޮލަށް ކަރުނަ ގިނަވީތީ ހައިރާންވޭ އެބަ. އެދުވަހު އަހަރެން ހިތުގައި ޖެހުނު ވަރު ސުދާއަށް އިޙްޞާސެއް ނުވި.” ޒަވީން މަލާމާތުގެ ޒާތަކަށް ހީލިއެވެ.
”ހެޔޮނުވާނެ ޒަވީން. އަބަދު އަހަރެންގެ ރޯ ފާރުގައި ވަޅި އަޅަން ނުހަދާ. އަހަރެން ތަކުރާރުކޮން މަޢާފަށް އެދެން. ޒަވީން ކުރިން އުޅުނު ގޮތް އެބައޮތް. ކޮންމެ މީހަކަށްވެސް ދެވަނަ ފުރުޞަތު ހައްޤު. ޒަވީން ބުނި ކޮންމެ ގޮތެއް އަހަރެން ހަދާނަން. ބަދަލުގައި ބޭނުމީ އިތުބާރާއި ލޯބި. ދުވަހަކުވެސް ޝަކުވާއެއް ކުރުމުގެ ފުރުޞަތެއް ނުދޭނަން.” ސުދާ ދެލޯ ފޮހެލާފައި އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.
”އެންމެ ރަނގަޅު. އަހަރެންގެ ޝަރުތެއް އެބައޮތް؟” ޒަވީން ގެ ޝަރުތަކީ ކޮބައިބާއޭ ސުދާގެ ހިތަށް އެރުމުން ހީވީ ނޭވާ ހާސްވާން ފެށިހެންނެވެ.
(ނުނިމޭ)