ޑިސެމްބަރު 10 ވަނަ ދުވަހުގެ ބަޔާގުޅޭ
ޒަވީން ތެދުވެ ސުދާއަށް ފުރަގަސްދީފައި ޝަރުތު ހާމަކުރިއެވެ. ހިތްވަރުކޮށްފައި އަޑުއަހާނަމޭ ހިތައި އިން ސުދާގެ ލޮލުން ވިދަން ފެށި ކަރުނަތައް ބަންޑުންވިއެވެ. އެއީ ކަންފަތަށް ހޮނު ގުގުރި އެޅުން ފަދަ ޝަރުތެކެވެ.
”އެއްބަސް.” ސުދާ އެއްބަސްވިއެވެ. ކަމުގައި ހުރި އުދަނގޫކަމާއި އޭނާއަށް ގިރާކުރަންޖެހޭ އޮޅި ގިނަވާނެކަން އެނގިހުރެއެވެ.
ހެނދުނުގެ ސަޔަށް އިންސާފުކުރަން މޭޒުދޮށަށް ޖަމާވެފައި ތިބި މީހުންގެ މޫނުމަތިން އުފާވެރިކަން ބަނބުޅަންފެށީ ޔޫއާން އާއި އީފާ އައިސް އެމީހުންނާ އެކު ބައިވެރިވުމުންނެވެ. މާނާ ފުރޮޅު ގޮނޑީގައި އިން އިރު ކަނާތްފަރާތުން އެންމެ ކައިރީގައި އިނީ ޝާޔާއެވެ. ނޫރީން އެންމެންނަށް އަތް ގާތްކޮށްދެން ހުއްޓެވެ. ސައިބޯން ފެށުމުގެ ކުރިން ޔޫއާން ވާހަކައެއް ބުނަން އެބައޮތޭ ބުނުމުން އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.
ޔޫއާންގެ ފަރާތުން އޭނާ ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރާއި މިރޭ ރަންކިޔާނެ ވާހަކަ އިވުމުން އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ ސަލަފް އާއި މާނާއަށެވެ. ސުދާވެސް ގަދަކަމުން ހިނިތުންވެލައިގެން އިނެވެ. އޭނާ ޔޫއާން ކައިވެނި ކުރާތީ އުފާ ނުވަނީކީ ނޫނެވެ. ޒަވީންގެ ޝަރުތު ހަނދާންވުމުން މަޑުނެގިފައި އިނދެވެނީއެވެ. އެންމެން އުފާވެފައި ތިބުމުން ވަކި ވަކި މީހުންގެ މޫނަށް ބަލަމުން ގޮސް ހިނިތުންވެލައިގެން ޝާޔާ އިންތަން ފެނުމުން ޔޫއާން ހިތުގައި ޖެހުނެވެ. އޭނާ އެހެން މީހެއްގެ ހައްޤަކަށްވާތަން ފެނިފައި ޝާޔާ އުފަވަނީ އޭނާ އަށްޓަކައި ހިތުގައި މަޤާމެއް ހުސްކުރެވިފައި ނެތީމައި ކަމުގައި ޤަބޫލު ކުރެވުނެވެ.
“ވަރަށް އުފާވެރި ޚަބަރެއް. އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދޭނަން. ޔޫއާންގެ ފަރާތުން ހުރިހާ ކަމެއްގެ ޒިންމާ އަހަރެން ނަގާނަން” ސަލަފް އީފާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. އީފާ އިނީ އަޑިން ހުޅުރޯވާން ކައިރިވެފައެވެ. ސަލަފް އުފަލުން ކައިވެނީގެ ކަންތަކާ ހަވާލުވީ އޭނާއަށް ޖެއްސުމަށްކަމުގައި ހީވިއެވެ. އީފާ ގަދަކަމުން ހިނިތުންވެލާފައި އިސްޖަހާލިއެވެ.
އެ މޭޒުދޮށުގައި އިން އަނީސާގެ ނަޒަރު ހުއްޓިފައި ވަނީ އީރާއަށެވެ. ޒަވީންއާއި އީރާ ސިއްރުން ހިނިތުންވާ މަންޒަރު ފެނުމުން އަނީސާ އިނީ ސައިގެ ކަންތައް ނިމޭނެ ވަގުތެއްގެ އިންތިޒާރުގައެވެ. މިހާރުވެސް އީރާއާ ވާހަކަ ދައްކަން ލަސްވެއްޖެއޭ އޭނާގެ ހިތް ބުނަން ފެށިއެވެ.
ދުވަސްގަނޑަކަށްފަހު ސުދާ އޮފީހަށް ނިކުންނަން ފެށީ މިއަދުއެވެ. ޒަވީން އާއި ސުދާ އެކުއެކީގައި ނިކުތުމުން އެ މަންޒަރު ބަލަން ހުރި އީރާ ފެންކަޅިވިއެވެ. އާއިލާއަށް ދެއްކެންވިއަސް ޒަވީން ސުދާ އާއި ވީ ފަރާތަށް އެނބުރުމަކީ އީރާ ހިތް ރުހޭ ކަމެއް ނޫނެވެ. ސުދާއާ އެކުގައި ޒަވީން އުޅެން ވެއްޖެނަމަ ކުރީގެ ލޯބި އިޢާދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ދޮވެފައި ހުރި އެއްޗެހި ހިއްކަން ވެގެން ޝާޔާ ބެލްކަންޏަށް ނިކުންއިރު އޭނާއަށް ފުރަގަސްދީގެން ޔޫއާން ހުއްޓެވެ. ދެޖީބަށް އަތްޖަހާލައިގެން ދުރު ބަލަހައްޓައިގެންނެވެ. ފުރަގަސްދީގެން ހުރި ޔޫއާންއަށް އެތަނަށް ދެވަނަ މީހަކު އައި ކަމުގެ އިޙްޞާސް ކުރެވުނެވެ. ހެނދުނުގެ ތާޒާ ވަޔަށްވުރެ މީރު ހުވަދު ވަހެއް އޭނާގެ ނޭވާގައި ހިފީ އެވަގުތުއެވެ. އިޚްތިޔާރަކާއި ނުލައި ބަލާލެވުނު އިރު ޝާޔާއަށްވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ. އަވަހަށް އަނެއްފަރާތަށް އެނބުރިފައި ޝާޔާ ހިނގައިގެންތަނުން ޔޫއާން ދުވެފައި ކަހަލަ ގޮތަކަށް އައިސް ޝާޔާގެ އަތުގައި ހިފާލުމުން ހީވީ ހަށިގަނޑުގެ ހިނގުން ހުއްޓުނުހެންނެވެ. މަޑު ވައިރޯޅިއާ އެކު ކަންހުޅި ކައިރިން މޫނުމައްޗަށް ވާގޮތަށް ދޫކޮށްލާފައި އިސްތަށިކޮޅު ދެފަރާތަށް ނަށާލިއެވެ. ދެމީހުންނަށްވެސް ތިބެވުނީ ހުއްޓުން އަރާފައެވެ. ޝާޔާގެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާ ޔޫއާން ބޭނުންވިއެވެ. ޝާޔާގެ ހިތުގެ ތެޅުން ދެގުނައަށް އިތުރުވެގެން ދިޔައެވެ. އެތަނަށް މީހަކަށް އާދެވިއްޖެނަމަ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ ޔޫއާން ބަލަން ހުރި ގޮތުން އުދަނގޫވެފައި ޝާޔާ އަތް ދަމައިގަންނަންވެގެން ގެނައި ކުޑަ ހަރަކާތުގެ ސަބަބުން ޔޫއާން ހޭލައްވާލިއެވެ.
“އަހަރެން މިއުޅެނީ ކައިވެނި ކުރަން..” ޔޫއާން ޝާޔާގެ އަތުން ދޫކޮށްލިއެވެ.
”އެނގިފައި އޮތީ.” ޝާޔާ ޔޫއާންއަށް ނުބަލާވޭތޯ ބެލިއެވެ. ޝާޔާ އޭނައާ މެދު ބަހައްޓަންފެށި ބީރައްޓެހި ގޮތް ފެނިފައި ޔޫއާން ހިތަށް އަސަރު ކުރިއެވެ. ޝާޔާގެ މޫނުގައި ޔޫއާން ދެއަތުން ހިފަހައްޓާލާފައި ކައިރިވެލުމުން ޝާޔާއަށް ތެޅިގަނެވުނެވެ. އެކަމަކު ޔޫއާންގެ އަތުތެރެއިން ސަލާމަތްވާނެ ގޮތެއް ނުވިއެވެ. ޝާޔާ އެއްފިޔަވަޅު ފަހަތަށް ޖެހިލުމުން ލެނގިލެވުނީ ބެލްކަންޏަށް ނިކުންނަ ދޮރުގައެވެ. ޔޫއާން އިތުރަށް ކައިރިވިއެވެ.
”ވަރިހަމަތަ އަހަރެން ކައިވެނި ކުރިއަސް. ޝާޔާ ދެރައެއް ނުވާނެތަ؟” ޔޫއާންގެ އަޑު ކުރަކިވިއެވެ. ޔޫއާންގެ އަމަލުތައް ހުންނަން ފެށި ގޮތުން ބިރުގެންފައި ހުރި ޝާޔާއަށް ޖަވާބުގައި ދޭނެ އެންމެ ލަފްޒެއްވެސް ދުލާއި ހަމަޔަށް ގެނެވޭ ގޮތެއްނުވިއެވެ. ތުންފަތަށް ޙަރަކާތެއް ގެނުވާފައި އަޑު ނުނިކުމެގެން މަޑު ޖެހިލިއެވެ.
”އަހަރެން ކައިވެނި މި ކުރަނީ ހަމައެކަނި ޝާޔާއަށްޓަކައި.” ޔޫއާން ބުނެލި ޖުމްލަ އާއެކު ޝާޔާއަށް ބަލާލެވުނެވެ. ޔޫއާން އެހެން އެބުނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ. އެ ކައިވެންޏާއި އޭނައާ ހުރީ ކޮން ގުޅުމެއް ބާއެވެ؟ ސުވާލުތައް ހިތުގައި ފުނިޖެހެމުން ދަނިކޮން އެ ސުވާލުގެ ޖަވާބު އައީ ޔޫއާންގެ ދުލުންނެވެ. ހީވަނީ ޝާޔާ ހިތުގެ އަޑު ކައިރީގައި ހުރުމުން އިވުނީހެންނެވެ.
”އަހަރެން ހިތުން ޝާޔާއަށް ދެވުނު މަޤާމު އޮތީ އެގޮތުގައި. ޝާޔާ ހާދަ ފަސޭހައިން އަހަރެންމަތިން ހަނދާން ނެތުނީ. އަހަންނަށް ނުކުރެވުނު ކަމެއް އެއީ. ލޯބީގެ އެންމެ ހިތްދަތި ކުރުވާ ކަމަކީ ލިބެން ނެތް މީހެއް ދެކެ ލޯބިވުމެއް ނޫން. އެކަން ހަނދާން ނައްތާލުން. އަހަރެން އަދިވެސް އެދުވަސްތައް މަތިން ދެންމެ ވީކަމެއްހެން ހަނދާން އެބަހުރި.” ޔޫއާން އަޑު ތުރުތުރު އަޅަމުން ދިޔައެވެ. ޝާޔާ ޖެހިލުންވެ ހުރެ ޔޫއާންއަށް ބަލާލިއިރު ފެނުނީ ފެންކަޅިވަމުން ދިޔަ ދެލޮލެވެ. ޝާޔާގެ އަތުގައި ހިފާ ޔުއާންގެ މޭގައި ޖައްސާލިއެވެ. އިޚްތިޔާރަކާއި ނުލައި ޝާޔާއަށް ދެލޯ މަރާލެވުނެވެ.
”އިޙްޞާސްވެސް ނުކުރެވޭނެ މިތަނުގައި އަޅާ ވޭން. ޝާޔާ ފެންނަ ކޮންމެ ފަހަރަކު”އިރުކޮޅަކު މެދު ކެނޑިފައި ޝާޔާގެ ކަންފަތުގައި ޖެހުނީ ގިސްލުމުގެ އަޑެވެ. ސިހިފައި ދެލޯ ހުޅުވާލިއިރު ޔޫއާން ހިތުގައި އަޅާ ވޭން ހުރީ ކަރުނައިގެ ސިފައިގައި ފެންނާށެވެ. ޝާޔާ ދެލޯ ބޮޑުކޮށްލައިގެން ހުރިގޮތުން ހީވަނީ އޭނާ ދައްކާ ވާހަކަ ޤަބޫލު ނުކުރަނީ ހެންނެވެ. ހަޤީޤަތުގައި ޔޫއާން އޭނާ ދެކެ ވާ ލޯބީގެ މިންވަރު އެނގި ބަސްހުއްޓުނީއެވެ. ޔޫއާން މަތިން ހަނދާން ނައްތާލާފައި މި ދިރިއުޅުމަށް ހޭނެން ނެގީ ކިތައް ދުވަސްކަން އެނގޭނީ އޭނާއަށް އެކަންޏެވެ. މަންމަ މަޖުބޫރުކޮށްލަންވެގެން ޖެއްސި ޑްރާމާގެ ސަބަބުން ރުއީ ކިތައް ރެއާއި ކިތައް ދުވަސްހެއްޔެވެ؟ ޝާޔާ މިހާރު ސަލަފް ދެކެ ލޯބިވެއެވެ. ޔޫއާން ފެނުމުން ހިތަށް ގޮތް ވަނީ ޔޫއާންއަށް ދެވުނު މަޤާމު މުޅިން ފަނޑުވެގެން ނުދާތީއެވެ. ޝާޔާގެ ސިކުނޑި ހާސްކުރުވިއެވެ. ހިމޭންވެފައި ހުރި ޝާޔާގެ ދުލުން އެންމެ ލަފްޒެއްވެސް ނީވުނީތީ މާޔޫސްވެފައި ޔޫއާން ދުރަށްޖެހިލާފައި މޫނުގައި އަތް ފިރުމާލިއެވެ. ޝާޔާ މަޑުނެގިފައި ހުރީތީ އެކަމުން ނަގަންވީ ކޮން މާނައެއްކަމެއް ނަގައެއް ނުގަނެވުނެވެ. ސިއްރުން ދެލޯ ފޮހެލާފައި ޝާޔާގެ މޫނަށް ބަލާލިއެވެ.
”ސޮރީ.” ދެންވެސް ވާހަކަ ދެއްކީ ޔޫއާން އެވެ.
”އަހަރެންގެ އަމަލުތައް މިހެން ހުރެގެން ނުވާނެ. ތިއީ އަހަރެންގެ……ފަހަރީ. ދުރުމީހެއް ނޫން.” ޔޫއާން އުޅެން ފެށިގޮތުން ޝާޔާ ހައިރާންވިއެވެ. ޔޫއާން ބާރަށް ހިނގާފައި ގޮސް ކުރިން ހުރި ތަނުގައި ހުއްޓުނެވެ. ދޮރުގައި ލެނގިލައިގެން ޔޫއާންއަށް ބަލަން ހުރެފައި ޝާޔާ ނިކުމެގެން ދިޔައީ ރޯނުގައި އަޅަން ގެނައި އެއްޗެހި އެ ހުރިގޮތަށް ބަހައްޓާފައވެ.
ކޮޓަރިން ސިއްރުން ބޯދިއްކޮށްލާފައި އެއްވެސް މީހަކު ފެންނަން ނެތުމުން އީފާ އަވަހަށް މިސްރާބުޖެހީ ސަލަފްގެ ކޮޓަރި އާއި ދިމާލަށެވެ. ކޮޓަރި ތެރެއަށް ވަދެ ދެކޮޅު ބަލާލިއެވެ. އިރުއޮއްސުމުގެ ކުރިން ކައިވެނި ހުއްޓޭނެ ފަދަ ކަމެއް ކުރަން އޭނާ ބޭނުންވިއެވެ. ހިތް ނުރުހުނަސް ޔޫއާންގެ ކައިރީ އެވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫނެވެ. ޔޫއާންގެ ޑީލްއަށް އޭނާ އެއްބަސްވެފައިވާތީ ޔޫއާން ވަނީ އެކަމުގެ އަގު ދީފައެވެ.
އީފާ އަލަމާރި ދޮރު ހުޅުވާފައި ތަރުތީބުކޮށްފައި ހުރި ހެދުންތައް ހާވަންފެށިއެވެ. ޝާޔާގެ ހެދުންތައް ހާވާ ފުށުންޖެހިއިރު އޭނާއަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ދެން ސަލަފް ހެދުންތައް ހުރި ބައި ބަލާފައި އެއްޗެއް ނުފެނިގެން މާޔޫސްވެފައި އަލަމާރި ދޮރު ލައްޕަން އުޅެނިކޮން ލޮލުގައި އަޅައިގަތީ އަލަމާރީގެ މަތީ ބައިގައި އަރިއަކަށް ބާއްވާފައި އޮތް ފައިލެވެ. އެއީ ސަލަފްގެ ހުރިހާ ސިއްރެކެވެ. އީފާގެ މޫނުމަތިން އުފަލުން ބަނބުޅާލިއެވެ. ފައިލު ނަގައި ހުޅުވާލުމުން ކުރިއަށްވުރެ ބޮޑަށް އުފާވި މަންޒަރު ފެނުނެވެ.
އީފާ ކޮޓަރިން ނިކުންނަން ހިނގައިގެން ގަޑިއަކީ އެ ކޮޓަރީގެ ތަޅުގައި މީހަކު ހިފި ވަގުތެވެ. ނަޞީބު ރަނގަޅުކަމުން އީފާ އަލަމާރި އާއި ފާރާއި ދޭތެރެއަށް ވަން ފަހުން ދޮރު ހުޅުވާފައި ލައްޕާލި އަޑު އިވުނެވެ. ވަގެއްހެން ސިއްރުން ކޮޓަރި ތެރެ ބަލާލިއިރު ފެނުނީ އެނދުމައްޗަށް ބަންޑުން ވެއްޓިގެން ޝާޔާއެވެ. ޝާޔާގެ މޫނުވަނީ ބާލީސްތަކުގައި ފޮރުވާލެވިފައިކަން ޔަޤީންކޮށްފައި އީފާ ފިޔަވަޅުގެ އަޑި ސިއްރުވާނެހެން މަޑުން ހިނގާފައި ނިކުތެވެ.
ސަލަފްގެ ކެބިންއަށް ވަދެފައި ސުދާ އަށް ހުރެވުނީ ކޮޅަށެވެ. މީގެ ކުރިން ސަލަފް ހުއްދަ ދިނުމަކާއި ނުލައި އިށީދެ. ސަލަފްގެ ކަންތަކާ ބެހުނަސް މިހާރު ޖެހިލުންވެއެވެ.
”އިށީދޭ ސުދާ.” ސަލަފް އިށީނުމަށް ދައުވަތު ދިނެވެ.
”އަހަރެން މިއައީ ވާހަކައެއް ދައްކަންވެގެން.” ސުދާ އެހެން ބުނިއިރު ސަލަފް އިނީ ފައިލުތަކަށް ބަލާށެވެ. އެންމެ ކުޑަމިނުން އިސްއުފުލާފައި ބަލައިވެސް ނުލިއެވެ.
”ވަރަށް ސީރިއަސް.” ސުދާގެ ރާގު ހުރިގޮތުން ސަލަފް ފައިލު ލައްޕާލިއެވެ.
”އަހަރެންގެ ސަބަބުން ބޭބެއަށް އުދަނގޫތަކެއް ކުރިމަތިވީކަން އެނގޭ. އަހަރެން މަސައްކަތް ކުރިން ގޭގެ ރަޖިސްޓްރީ އަހަރެންގެ ނަން މައްޗަށް ބަދަލު ކުރަން.” ސުދާ ކިޔައިދޭން ބޭނުންވިއަސް އެއީ ދުލަށް ގެންނަން ފަސޭހަ ކަންތަކެއް ނޫނެވެ.
”އަހަންނަށް ތިކަން އެނގޭ. ” ސަލަފް މޫނުމަތިން ނުރުހުމުގެ އަސަރެއް ނެތެވެ.
”އަހަރެންގެ ލޯންތައް ކެންސަލްވި ހިސާބުން އަހަރެން މަސައްކަތް ކުރިން ސުދާގެ މިލްކަކަށް މި އެއްޗެހި ވިޔަ ނުދީ ހިފެހެއްޓުން. އަހަންނަށްވުރެ ކުރިން ސުދާއަށް ކޯޓަށް ދެވުނު ނަމަ. އަހަރެން ހައިރާންވަނީ ސުދާ އެހެން ކަންތައް ކުރީ ކީއްވެބާއޭ ހިތަށް އެރީމަ. ސުދާ ބޭނުން އެއްޗެއް އަހަރެން ދެން. ޔޫއާން ތަކުރާރުކޮން ބުނަމުން އަންނަނީ ބައްޕަގެ މުދާ ބޭނުން ނެތްކަމަށް. ސުދާ ހާސްވަނީ ކޮންކަމަކާ. ދިސް އޯލް އިޒް ޔޫއާރސް.” ސަލަފް ބުނެލިއެވެ. ސުދާ ފިނިވެފައި އިރުކޮޅަކު އިނުމަށްފަހު ވާހަކަ ދެއްކިއެވެ.
”ޔޫއާންއާ ވާހަކަ ދައްކާފައި އަހަންނަށް ހުރިހާ އެއްޗެއް ލިބޭގޮތް ހަދައިދޭންވީނު.” ސުދާ ފައިސާ އަބަދުވެސް ބޭނުންވެއެވެ. އޭނާ އަކީ އަގަށް ނުބަލާ ޚަރަދު ކުރާ މީހެކެވެ. ބޭކާރު ޚަރަދު ބޮޑު މީހެކެވެ. އެންމެ ކުޑައިރުން ފެށިގެން ސަލަފް އާއި ޔޫއާން ސުދާއަށް ދޫދެއެވެ. އެކަމަކު ސުދާ އެހާ އެދުން ބޮޑުވާނެ ކަމެއް އެނގިފައެއް ނުވެއެވެ.
”އަހަރެން އެއްއިރެއްގައި މުދަލާއި ފައިސާއެއް ބޭނުމެއް ނޫން. އެކަމަކު ސުދާ އާއި ޔޫއާންއަށްވުރެ ބޮޑަށް މަސައްކަތް އިތުރުކޮށް ފައިސާ ހޯދަން އަހަރެން މަސައްކަތް ކުރިން. އަހަރެމެން ދިރިއުޅުމުގެ ކަންތައް މި ފެންވަރުގައި މިދަނީ އަހަރެންގެ މަސައްކަތުން. އަހަރެންގެ ބޭނުމަކީ އަހަރެން ލޯމަރާލާ ދުވަހަކުން އަހަރެންގެ އާއިލާ ގުލާނުކުރަން ނުޖެހި ހަމަޖެހިލައިގެން އުޅުން. ޔޫއާން ކައިރީ ތަކުރާރުކޮން މުދާ ބަހާ ވާހަކަ ދެއްކިފައި ވާނެ. އަހަރެން ކުރިން ހުރީ އަހަންނަށްވީބައި ސުދާއަށް ދޭން. މިއީ ދޮގެއް ނޫން. އެކަމަކު އަހަރެންގެ ނިންމުން ބަދަލުކޮށްފިން. ސުދާއަށް ލިބޭނީ އިސްލާމީ ޝަރީއަތުގެ މަތިން ހައްޤުވާ މިންވަރު އެކަނި. ސުދާ އަށް އަހަރެން އިތުބާރެއް ނުކުރަން. ސުދާ ހިތުގައި އަހަރެމެންނާ ދޭތެރޭ ރަހުމެއް ނުހުންނާނެ” ސަލަފް ބުނެލިއެވެ. ސުދާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. އެއްއިރެއްގައި މުދަލާއި ހެދި ހިތުގައި ދަހިވެތިކަން އޮތަސް މިފަހަރު އޭނާ މިއުޅެނީ ޒަވީނަށްޓަކައެވެ.
އީރާ އާއި ވާހަކަ ދައްކަން ހިތު އަޅައިގެން އަނީސާ ގޮސް އީރާގެ ކޮޓަރިއަށް ވަންއިރު އީރާ ކޮޓަރިއަކު ނެތެވެ. ފާޚާނާގައި ތޯ ޔަޤީންކުރަންވެގެން ފާޚާނާގެ ދޮރު ކައިރިއަށް ޖެހިލުމާއެކު ކަންފަތުގައި ޖެހުނު އަޑުން މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ. ވަގުތުން ނުބައި ޝައްކުތަކެއް ހިތުގައި އުފެދިގެން ދިޔައެވެ.
އީރާ ކޯދޮވެލާފައި ފާޚާނާއިން ނިކުންނަން އެޅި ފުރަތަމަ ފިޔަވަޅު ހުއްޓާލީ ކުރިމަތީގައި ހުރި އަނީސާ ފެނިފައެވެ. ބިރުން މުޅި މީހާ ދާހިއްލައިގަތުމާއެކު ދެވަނަ ފަހަރަށް މޭނުބައި ކޮށްލުމުން އެނބުރި ފާހާނާ ތެރެއަށް ދުއްވައިގަނެވުނެވެ.
(ނުނިމޭ)