twitterviber whatsapp telegramfacebookyoutube instagram
23rd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (46)

Dec 24, 2013

 ޑިސެމްބަރު 17 ވަނަ ދުވަހުގެ ބަޔާގުޅޭ

”ބަލީތަ؟” އަނީސާ ހިތުގައި އުފެދިފައި ހުރި ޝައްކުތައް އެއްފަރާތްކޮށްފައި އާދައިގެ ގޮތަކަށް ވާހަކަ ދެއްކިއެވެ.

”މިއަދު ކެވުނު އެއްޗަކުން. ޝާޔާއްތަ ހުރީ ތެޔޮ ގިނަކޮށްފައި.” އީރާ އައިސް އެނދުގައި އިށީނެވެ. އަނީސާ ވެސް އީރާގެ ކައިރީގައި އިށީނެވެ. ހިތުއަޅައިގެން ދައްކަން އައި ވާހަކަ ދުލު ކުރިއަށް ގެންނާނެ ގޮތެއް ވިސްނަމުން ދިޔަ ނަމަވެސް އަނީސާގެ ބެލުން ޚާއްސަ ކުރެވިފައިވަނީ އީރާގެ މޫނަށެވެ. ސިއްރު ސިއްރުން ހިއްލަންފެށި ދާތިކިތައް ގިނަވަމުން އައި ނިތްކުރި އަތުން ފޮހެލާފައި އީރާ ހިމޭނުން އިނީއެވެ.

”މަންމަ އައީ ވާހަކައެއް ދައްކަންވެގެން..” އަނީސާ ބުނެލި އެވެ.

”އީރާ މީހަކާ އިންނަންވީނު..” އީރާ ސިހިފައި މަންމަގެ މޫނަށް ބަލާލިއެވެ.

”ދަރިފުޅު ބޭނުން ނަމަ މަންމަ ރަނގަޅު ކުއްޖަކު ހޯދައިދީފާނަން.” އަނީސާ މަޑުމައިތިރި ކަމާ އެކު ބުނެލިއެވެ. އީރާ ހުސްކޮން ހުންނާތީ މަންމަ ކަންބޮޑުވަނީބާއޭ ހިތަށް އެރިއެވެ. އެކަމަކު މަންމަ ހޯދާ މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ. ލޯބިވާ މީހާ ދޫކޮށްފައި އަނެއްމީހާއާ އިންނަން ޖެހެމުން ކަރުނަ އަޅާނެ ވަރު އީރާއަށްވަނީ ފެނިފައެވެ. ޝާޔާ އެ ދުވަހު ރުއި ވަރު ހަނދާން އެބަހުއްޓެވެ.

”ނޫން. އަހަރެން އިންނާނެ މީހަކު ހޯދާނީ އަހަރެން. އަދި އަހަރެން އިންނަ ވަރެއް ނުވޭ. އުމުރުން ތޭވީސް އަހަރުވުމުން ނޫނީ ނީންނާނަން..”އީރާ އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ.

”އެންމެ ރަނގަޅު. މި ވާހަކަ ބާއްވާ. މިއަށްވުރެ މުހިއްމު ވާހަކައެއް އެބައޮތް. ޒަވީން އާއި އީރާގެ ދެމެދުގައި އޮންނަނީ ކޮންގުޅުމެއްކަން މަންމައަށް ބުނެދީބަލަ.” އަނީސާގެ ޖުމްލަ އިވިފައި އީރާއަށް ތެޅިގަނެވުނީ ގަޔަށް ބިޗުލެއް ކަށި ޖަހައިގެން މީހަކު ތެޅިގަންނަ ގޮތަށެވެ. ހިތުގެ  ތެޅުން އަވަސްވެގެން ދިޔައެވެ. ކުރިއަށްވުރެ ނިތްކުރީގައި ވިދަމުން ދިޔަ ދާތައް ގިނަވެގަތެވެ. ނަމަވެސް ދުލުގައި އެޅުނީ ތަޅެވެ. މަންމަ އެ ސުވާލު ކުރީ ކީއްވެބާއޭ ހިތަށް އެރިއެވެ.

”އީރާ ނުބުނާތި އެއްވެސް ގުޅުމެއް ނެތޭ..” އަނީސާ ދެން ކިޔައދިނީ ކުރީ ދުވަހު ފެނުނު މަންޒަރެވެ. އީރާ އަށް އިނދެވުނީ އެވާހަކަ އިވިފައި ބުނާނެ އެއްޗެއް ނޭނގިފައެވެ.

”ކޮންމެ މީހަކަށްވެސް ލޯބިވުމަކީ ހައްޤެއް. ޒަވާޒީ ހަޔާތެއްވެސް ފަށަންޖެހޭނެ. އޭގެ މާނައަކީ އަނެއް މީހާގެ ދިރިއުޅުން ހަލާކުކޮށްލާށެކޭ ނޫން. އީރާ އާއި ޒަވީންގެ ވާހަކަ މިގޭ މީހުންގެ ކަންފަތާ ހަމަޔަށް ފޯރައިފިނަމަ ދެން ވާނެ ގޮތަކާއި މެދު ވިސްނާލިންތަ؟ ސަލަފް ކުރިމަތީ އިސްޖަހައިގެން ހުންނަން ޖެހޭނީ. މި އާއިލާއިން އަހަރެމެންނަށް ވެދިން އެހީތެރިކަމުގެ ބަދަލު މިހެން ދީގެން ނުވާނެ. ތިގުޅުން ކުރިއަށް ގެންދާކަން އަހަރެން ޤަބޫލެއް ނޫން. ޒަވީން ނޫން ކޮންމެ މީހަކާ އިންނަން ބުންޏަސް އަހަރެން ޤަބޫލު.” އަނީސާގެ ނިންމުން އިއްވިއެވެ. އިސްޖަހައިގެން އިން އީރާގެ ދެލޯ ފުރި ބަންޑުންވެގަތެވެ. ފާޅުކަން ބޮޑުގޮތެއްގައި މަންމަ އިންކާރު ކުރުމުން ބުނާނެ އެކަައްޗެއް ވެސް ދުލަކަށް ނައެވެ.

އަނީސާ ނިކުމެގެން ދިޔަ ފަހުން ވިސްނި ވަރަކަށް ލޮލުން ފޭބި ކަރުނަތައްވީ ގިނައެވެ. ބާލީސް ތެމި ފޯވިއަސް އޭނާއަށް ހިތްވަރު ދޭނެ އެއްޗެކަށް ބާލީހެއް ނުވާނެއެވެ. އެކި ޚިޔާލުތަކުން ބަރު ޖެހެމުން ދިޔަ ސިކުނޑި ހަނާ އެޅީ ޒަވީންއަށް ގުޅާލާށެވެ.

 ސަލަފްގެ ކެބިންއިން މާޔޫސްވެފައި ނިކުތް ސުދާ ގޮސް އަމިއްލަ ކެބިންއަށް ވަންއިރު ޒަވީން އިނީ ސުދާ އިށީންނަ ގޮނޑީގައެވެ.

”ސަލަފް އެއްބަސްވިތަ؟” ޒަވީން ތެދުވެފައި އަހާލިއެވެ. ސުދާ ހިމޭންކަން މަތީ ދެތިން ސިކުންތު ދުއްވާލާފައި ޒަވީންއަށް ޖަވާބު ދިނެވެ.

”އަހަންނަށް ޒަވީންގެ ޝަރުތު ފުރިހަމައެއް ނުކުރެވުނު. ސަލަފް އެއްބަހެއް ނުވި މުދާތައް އަހަރެން ނަންމައްޗަށް ބަދަލު ކުރާކަށް. އެ މީހުންގެ މުދަލެއް އަހަންނަކަށް ނުދެވޭނެ.” ސުދާ އަޑު ކުރަކިވަމުން ދިޔައެވެ. އޭނާއަށްހީވަނީ ހަތަރު ފަސް އަހަރުވީ ކައިވެނި ރޫޅިގެންދާ މަންޒަރު ސިފަވާހެންނެވެ.

”ސުދާގެ ބައި އަހަންނަށް ގެނޭ. ގޭ ބަހައިގެން މުދާ ލިބޭ ދުވަހަކުން އެބައި އަހަންނަށް މިލްކުވާފަދަ ލިޔުމެއް ތައްޔާރުކޮށްދީ.” ޒަވީންގެ ސިކުނޑި ހަނާ އަޅަނީ އެއްދޮރު ބަންދުވުމުން އަނެއް ދޮރާއި ދިމާލަށެވެ.

”ފުރަތަމަ ޒަވީން އަހަންނަށް ޔަޤީންކަން ދީބަލަ އަހަރެންގެ މުދާތައް ދީފިނަމަ އުމުރުގައި މަށާއެކު އުޅޭނެ ކަމަށް. ދުވަހަކުވެސް ދޫކޮށްފައި ނުދާނެ ކަމަށް. ޒަވީން. އަހަރެން ނޫނަސް ދިރިއުޅުމުގައި ކުށްކުރާ މީހުން ތިބޭނެ. އިސްލާޙްވެގެން ދެވަނަ ފުރުޞަތެއް ހޯދަން އަންނަ މީހުން ތިބޭނެ. އެ އެންމެންނަށް މަޢާފް ލިބެނީ ޝަރުތަކާ އެކު ކަމުގައިވާނަމަ އެއްވެސް މީހަކު މަޢާފަކަށް ނޭދޭނެ.” ސުދާ އަޑު މަޑުވަމުން ގޮސް އެންމެ ފަހުން ހިނދުނެވެ. ޒަވީން ބަލަހައްޓައިގެން ހުއްޓާ ސުދާ މޭޒުގައި ދެއަތް ވިއްދާފައި އިސްޖަހާލި ވަގުތު އޮފްއަރާ މޭޒުމައްޗަށް ވެއްޓުނީ ކަރުނަ ތިއްކެކެވެ.

ސުދާ އެބުނި ޔަޤީންކަމެއް އޭނާއަށް ނުދެވޭނެއެވެ މާކުރިންފެށިގެން ދިރިއުޅުމުގެ ހުންގާނު އަނެއް ދިމާލަށް ވަނީ އަނބުރާލާފައެވެ. ސުދާއަށް ދެވަނަ ފުރުޞަތު ދޭން އޭނާގެ ހިތް ދެކޮޅު ހަދައެވެ.

”ޒަވީންއަށް ދެވަނަ ފުރުޞަތެއް ނުދެވޭނަމަ އަހަރެން ކޯޓަށް ގޮސްގެން ވަރިވާނަން. އޭރުން ނުބުނެވޭނެ ޒަވީން އަހަރެން ވަރިކުރީއެކޭ.” ސުދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ސުދާ އެހެން ކަންތައްކޮށްފިނަމަ ޒަވީންއަށް ދެވަނަ ހަޔާތެއް ފަށަން ބިންގާ އެޅޭނެ ގޮތެއް ނެތެވެ. ސުދާގެ ހިޔާވަހިކަމުގައި، ސުދާ ދިން ވަޒީފާގައި ހުރެ ވަރިވެއްޖެނަމަ އޭނާ ބިކަވާނެއެވެ. ސިކުނޑި ހާސްކުރަމުން ދިޔަ އެ ދަނޑިވަޅުގައި ސުދާ ޒަވީންއަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ ނިކުމެގެން ދިޔައީއެވެ. ޒަވީންގެ ފޯނު ރިންގުވުމުން ނަގައި ކަންފަތުގައި ޖައްސާލުމުން އިވުނީ އީރާގެ ރުއިމުގެ އަޑެވެ.

”އީރާ.” ޒަވީންއަށް ގޮވާލެވުނެވެ. އީރާ އިރުކޮޅަކު ރޮއިފައި ދެން ބުނި ވާހަކައިން ޒަވީންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓިގެން ދިޔައެވެ.

”އަދިވެސް ޔަޤީން ކުރަންވީނު. އީރާއަށް ޔަޤީންތަ؟” ޒަވީން އަށް ޤަބޫލެއް ނުކުރެވުނެވެ. އެވަގުތު އޭނާގެ ހިތުގައި ބިންވަޅު ނެގުނީ ހުޅުމާލެއަށް ދިޔަ ދުވަހު ދިމާވި ކަންތައް ތަކެވެ.

”އީރާ އަހަރެން ބުނާގޮތަކަށް ހަދާ..” ޒަވީން ހަދަންވީ ގޮތް ކިޔައިދިނެވެ. އީރާ މަޖުބޫރުވެފައި އެހެން ހަދަން ނިންމިއެވެ.

ސަލަފް އޮފީހުން ނިމި ގެއަށް ދާން ނިކުންއިރު އޭނާގެ ކާރުގައި ލެނގިލައިގެން އީފާ ހުއްޓެވެ. އޭނާގެ ފަސްފަހަތުން އެހިސާބަށް އަންނަން ކެރުނީތީ ނުރުހުންވެފައި އަޅާނުލާ ގޮސް އަނެއްފަރާތު ދޮރު ހުޅުވަން އުޅެނިކޮން އީފާ ވަރަށް އަވަހަށް އައިސް ސަލަފްގެ އަތުގައި ހިފާލިއެވެ.

”އީފާ މޮޔަވީތަ؟” ސަލަފް ރުންކުރު ވިއެވެ. އަންހެން ކުއްޖަކަށްވެ ހުރެ ލަދުވެތިކަން އެ ނަފްސު ތެރޭ ނުވާތީ އިތުރަށްވީ ފޫއްސެކެވެ.

”އަބަދުވެސް ސަލަފްގެ ލޯބީގައި މޮޔަވެފައި.” އީފާގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ދުވެލި އެވެ.

”އީފާއާ މެދު އަހަރެންގެ ހިތުގައި ސުވާލު އުފެދޭ. ތިވަރު ވާއިރު ޔޫއާންއަށް ކޮންދަޅައެއް ތި ދައްކަނީ.. އީފާ އާއި ޔޫއާން މިރޭ ރަންކިޔަން ހުރިހާ ކަމެއް ހަމަޖެހިފައި އޮއްވާ…..އޯހް. އީފާއަކަށް ބަދަލެއް ނާންނާނެ. އަހަރެންގެ ދިރިއުޅުމާ މެދު ކުޅުނު ގޮތަށް އަހަރެންގެ ކޮއްކޮގެ ދިރިއުޅުން ހަލާކުކުރަންތަ ބޭނުންވަނީ. އަހަރެންވެސް މިއީ ކޮންފަދަ މޮޔައެއް. މި ވިހަގަދަ އަންހެނާގެ ގޮތް އެންމެ ރަނގަޅަށް އެނގިހުރެ ޔޫއާންއާ ގުޅެން އެއްބަސްވެވުނީ ކީއްވެބާ؟” ސަލަފް ނިތްކުރީގައި އަތް ޖައްސާލެވުނެވެ.

”ސަލަފް ނޫނަސް އަހަރެންވެސް ހައިރާންވާ ކަމެއް އެބައޮތް. ބައްޕަގެ ނަން ކުރާއިރަށް ޔޫއާން ސަލަފް ދެކެ އިންތިހާއަށް ނަފްރަތުކޮށްފައި ލޯބީގެ މައިދާނުގައި ބޭބެއަށްޓަކައި އޭނާގެ ދިރިއުޅުން ޤުރުބާން ކުރާތީ އަންތަރީސްވެއްޖެ. ތި ދެބެންގެ މެދުގައި ބޮންޑު އެހާ ވަރުގަދަ ކަމެއް ނުދެނަހުރިން.” އީފާ ބުނި ޖުމްލައިން ސަލަފްގެ ސިކުނޑީގައި ސުވާލު މާކެއް ޖެހުނެވެ. އެކަން އީފާއަށް ނަގައިގަނެވުނީ ސަލަފްގެ ނިތްކުރިއަށް ގިނަވި ރޫތައް ފެނިފައެވެ.

”ކީކޭ ތިކިޔަނީ.؟” ސަލަފް ޝައުޤުވެރިވި ތަން ފެނިފައި އީފާ ބޭނުންވީ ތަޅުވާލާށެވެ.

“ސަލަފް ނުދެނަހުރިންތަ؟ ބޭބެ ދެރަވެދާނެތީ އެވަރުގެ ކަމެއް ސިއްރު ކުރީތަ؟ އެކަމުގައި ޝާޔާގެ ރޯލުވެސް ކުޑައެއް ނޫން. ޕިސް ޕިސް. ޝާޔާވެސް ނުބުނޭތަ؟” އީފާގެ ބަސްތައް އަމުނާލީ ސަލަފްގެ ހިތް ތަޅުވާލާ ގޮތަށެވެ. ސަލަފް ރުޅިވީ ގަދައެވެ. އީފާގެ ދެކޮނޑުގައި ހިފާ ބާރުކޮށްލެވުނެވެ.

”ޝާއިރީ މޮޅެތި ބަސްތައް ބޭނުންނުކޮށް އީފާ ބުނަން އުޅޭ އެއްޗެއް ސާފްބަހުން ބުނޭ.” ސަލަފްގެ ދެލޮލުން ރުޅިވެރިކަން ފެނި އީފާ ވީ އުފަލެވެ. ސަލަފްގެ އަތް ހޫރާލާފައި އީފާ ކާރުގައި ލެނގިލިއެވެ.

”ޔޫއާން އަހަންނާ ކައިވެނި ކުރަން ހުށަހެޅީ އަމިއްލައަށް. އޭނައާ އިންނަ މަތިން ފައިސާގެ މަތީ އަދަދެއްވެސް ހުށަހެޅި. އެނގޭތަ ކީއްވެގެންކަން. އެއީ ޝާޔާ ދެކެ ލޯބިވާތީ. ޝާޔާއަކީ ސަލަފްގެ އަނބިމީހާ ވީމަ. ސަލަފް އާއި ޝާޔާގެ ދިރިއުޅުމަށް ހުރި ހުރަހަކަށްވާން އޭނާ ނޭދޭތީ. ޔޫއާން މަސައްކަތް ކުރޭ ޝާޔާގެ ހަނދާންތަކާއި ދުރުވަން. އެކަމަކު ޝާޔާ. ދޭތެރެއަކުން ޔޫއާންއާ ގުޅާފައި ކުރީގެ ކަންތައް ހަނދާންކޮށްދޭނެ. މިހާރުވެސް ދެމީހުންގެ މެދުގައި ގުޅުން އޮވޭ. ސަލަފްގެ ހަޤީޤަތް ޝާޔާއަށް އެނގެނީ ކަންނޭނގެ. ޝާޔާ ސަލަފް ދެކެ ފޫހިވާކަން އެންމެ ރަނގޅަށްވެސް ދޭހަވޭ.” ހަޤީޤަތް ތެރެއަށް ކާފޫރު ތޮޅި އަޅައި ރަހަގަނޑު ހެޔޮވަރުކޮށްލީ ސަލަފްގެ ހިތުގައި ޝާޔާ އާއި މެދު ޝައްކު އުފެދޭ މިންވަރަށެވެ.

”ނުވާނެ އެހެންނެއް. ކަލޭ ދައްކާ ވާހަކ މަށެއް ނާހާނަން. ހަމަ މިހާރު ދުރަށް ދޭ.” ސަލަފް ހިތް ޝައްކުން ފުރުނުކަން ސިއްރު ކުރަމުން އީފާ ކޮއްޕާލާފައި ގޮސް ކާރަށް އަރައިފިއެވެ. އީފާ އެހުރި ގޮތަށް ހުރީއެވެ.

ބޮލުގެ ރިހުން ގަދަވަމުން އަންނާތީ ތެދުވަން ނުކެރިފައި ޝާޔާ އޮތެވެ. އެހެން އޮއްވާ ދޮރުގައި މީހަކު ޓަކި ދިނެވެ. ދެތިން ފަހަރަކު ޓަކި ދިނުމުން ތެދުވެފައި ބަލާލުމުން ފެނުނީ ދޮރު ހުޅުވާލުމުގެ ބަދަލުގައި ދޮރުގެ ދަށުން ކޮޓަރި ތެރެއަށް ކޮއްޕާލި ސިޓީ އުރައެވެ. ޝާޔާ ތެދުވެފައި ސިޓީ އުރަ ނަގައި ބަލާލިއެވެ. ޔޫއާން ލިޔެފައި އޮތް ނޯޓްކޮޅުގައިވާ އިބާރަތްކޮޅު ޝާޔާ ކިޔާލިއެވެ.

”އަހަރެން ބައްދަލުކޮށްލަން ބޭނުން. އަހަރެން އުފަލުގައި އުޅޭތަން ދެކެން ބޭނުންނަމަ މަތީ ބޮޑުކޮޓަރިއަށް އައިސްދިނުން އެދެން.” އެންމެ ތިރީގައި އޮތީ ޔޫއާން ނަމެވެ. ޝާޔާ ވިސްނާލަން އިރުކޮޅެއް ނެގިއެވެ. ޔޫއާން އެންގީ ގެއިން ބޭރަށް ދާކަށް ނޫނެވެ. އޭގައި ވަކި ގަޑިއެއް ނެތުމުން ޝާޔާ ތެދުވެ މަތި ހަދާލައިގެން ބޮޑު ކޮޓަރިއަށް މިސްރާބުޖަހައިފިއެވެ.

ޝާޔާ ގޮސް ބޮޑުކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުޑަދޮރުން ބޭރުބަލަން ޔޫއާން ހުއްޓެވެ. އެތެރެއަށްވަދެ ދޮރު ލައްޕާލާފައި ޔޫއާން ހުރި ދިމާލަށް ހިނގައިގެންވަގުތު ބޭރުން ދޮރު މީހަކު ތަޅުލި އަޑު އިވުނެވެ. ނަމަވެސް އެއަޑު ޔޫއާން އަދި ޝާޔާގެ ކަންފަތާއި ހަމަޔަކަށް ނުފޯރިއެވެ.

”ބުނެބަލަ.” ޔޫއާން ބަލާލީ ދާދި ކައިރިން ޝާޔާގެ އަޑު އިވިފައެވެ. ހައިރާންވެފައި ޝާޔާއަށް ބަލަން ހުރެފައި ޔޫއާން ބުނެލިއެވެ.

”ޝާޔާ ބޭނުންވެގެން އަހަރެން މިއައީ. ޝާޔާ ދައްކަބަލަ ތި ދައްކަން އުޅޭ ވާހަކައެއް.” ޔޫއާން އޭނާ މިތަނަށް ގެނެސް ވާހަކަ ދިގުކުރަން އުޅެނީއޭ ހިތަށް އެރިއެވެ.

”އަހަންނޭ.” ޝާޔާ ހައިރާންވިއެވެ.

”ޝާޔާއެއްނު އަހަންނަށް ނޯޓު ފޮނުވީ.” ޔޫއާން އެހެން ބުނުމުން ޝާޔާއަށް ބޯހޫރުވާލެވުނެވެ. ޝާޔާއަށް ގަޑިކީ ޔޫއާން އެވެ.

”ޔޫއާން އަހަންނަށް ނޯޓްފޮނުވާފައި އަހަރެން މަތި އަޅުވަނީތަ؟ މިއީ ސަމާސާ ކުރަންވީ ވަގުތެއް ނޫނެއްނު. ސަލަފް ނިމިގެން އަންނަ ގަޑި. މާގިނައިރެއް ނުވެ ރަންކިޔަން ހެކިވެރިން އަންނާނެ.” ޝާޔާ ނޫން ކުރުމުން ޔޫއަން ހައިރާންވިއެވެ. އޭނާ ފެންވަރާލައިގެން ނިކުންތަނާއި އެނދުމަތީގައި ނޯޓްކޮޅެއް އޮތެވެ.

ސަލަފް ބާރު ބާރަށް ގެއަށް ވަދެފައި ފުރަތަމަވެސް ވަނީ ޔޫއާންގެ ކޮޓަރިއަށެވެ. ޔޫއާން ފެންނަން ނެތުމުން އެނދުމަތީގައި އޮތް ވޮލެޓާއި ސިޓީ އުރަ ނަގައިފިއެވެ. ވޮލެޓުން ޝާޔާގެ ފޮޓޯގަނޑު ފެނުމުން އީފާ ދެއްކި ވާހަކަ ތެދުކަން ހާމަވެއްޖެއެވެ. ދެން ބަލާލީ ސިޓީ އުރައަށެވެ. ޝާޔާގެ ނަމުގައި އޮތް ނޯޓްކޮޅު ފެނި ހުރިހާ ޝައްކެއް ޔަޤީންވި އެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355