ޑިސެމްބަރު 24 ވަނަ ދުވަހުގެ ބަޔާގުޅޭ
މުށުތެރޭ ބޮނޑިވަމުން ދިޔަ ނޯޓްކޮޅު ތިރިއަށް ވައްޓާލާފައި ސަލަފް ހިނގައިގެންއިރު ނިތްކުރިއަށް ރޫގިނަވެ ދެބުމަ ވަނީ ކައިރިވެފައެވެ. ޔޫއާންގެ ކޮޓަރިން ނިކުމެ ފުރަތަމަވެސް ބަލާލެވުނީ މަތިން ފެންނަން ހުރި ބޮޑު ކޮޓަރިއާ ދިމާއަށެވެ. ފިޔަވަޅު ނެގުން އަވަސްކޮށްލާފައި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން ކޮޓަރިއާ ދިމާއަށް ހިނގައިގެންއިރު ސަލަފްގެ ހިތް ހީވަނީ ރޫޅިގެން ހިނގައިދާނެހެންނެވެ.
ޔޫއާން އާއި ޝާޔާ ތިބީ ހިމޭންވެފައެވެ. ނޯޓްފޮނުވީ އަނެކާއޭ ހިތަށް އަރުވާލައިގެންނެވެ. ފާޅުގައި އިންކާރު ކުރިއަސް ޤަބޫލު ކުރެވެނީ ފޮނުވާފައި އެއްބަސްނުވަނީ ކަމުގައެވެ. ހާލަތުގެ ގޮތުން މީގެ ފަހަތުގައި ދެވަނަ އިންސާނެއްގެ އަތެއްވާނެ ކަމާމެދު އެމީހުން ޚިޔާލެއް ނުކުރެއެވެ.
”ޔޫއާން އެއްޗެއް ބުނަން ނެތިއްޔާ އަހަރެން ދަނީ.” ޝާޔާ ވަގުތު ބޭކާރު ކުރަން ބޭނުމެއް ނޫނެވެ. މިވަގުތު ކޮޓަރިން ނިކުންނައިރު ސަލަފްގެ ކުރިމައްޗަށް އެރިއްޖެނަމަ ޖަވާބުދާރީ ވާނެ ގޮތެއްވެސް ނޭނގެއެވެ.
”އަހަރެން މިއަދު ހެނދުނުވެސް ވާހަކަ ދެއްކިން. ޝާޔާ ހުރީ ބަހެއްވެސް ބުނެ ނުލާ. ޝާޔާ އެއްޗެއް ނުބުނާނަންތަ؟” ފެށިގެން އައިރު އަޑުގައި ހުރި ރުޅިވެރިކަމާއި ހަރުކަށިކަން ފިލާގޮސް އާދައިގެ ގޮތަކަށް ޔޫއާން ވާހަކަ ދައްކަން ފެށިއެވެ.
”ޔޫއާން ދިރިއުޅުމެއް ފަށާތީ އަހަރެން އުފާވޭ. އެއްވެސް އިންސާނަކަށް އެމީހެއްގެ ހަޔާތް ބޭކާރު ކޮށްލުމުގެ ހައްޤެއް ލިބިގެންނެއް ނުވޭ. އަހަރެމެން ދުނިޔެއަށް ފޮނުވީ އަހަރެމެންގެ ފަރާތުން ދަރިފަސްކޮޅެއް އުފެއްދުމަށް.” ޝާޔާ ވާހަކަ ދައްކާ އަޑު ބަންދުވެފައި ހުރި ކޮޓަރި ތެރޭ ގުގުމާލިއެވެ. އެވަގުތަކީ ސަލަފް އެކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ކޮޓަރި ތެރޭގައި ހިނގާ ކަންތައް އެހުމުގެ ނިޔަތުގައި ދޮރާއި ކަންފަތް ކައިރިކޮށްލި ވަގުތެވެ.
”ޔޫއާން ދެކެ އަހަރެން މި ދުނިޔޭގައި އިންސާނަކު އަނެކާ ދެކެ ލޯބިވާނެ އެންމެ މަތީ ދަރަޖައަށް ލޯބިވިން. ހަޔާތުގެ ބާކީބައި ދަތުރު ކުރާނީ ޔޫއާން އާއެކު ކަމުގައި ނިންމިން. އިތުބާރު ކުރިން. އަހަރެން ހިތާއި ފުރާނައިގެ ދިރުމަކީ ތިއީ ކަމުގައި ދެކުނިން.” ސަލަފްގެ ކަންފަތުގައި ޝާޔާގެ އަޑު ޖެހުނީ ހޮނު ގުގުރީގެ ސިފައިގައެވެ. އޭނާގެ އަންހެނުން ޔޫއާންއާ އެކު ލޯބީގެ މާތައް ފޮޅުވަނީއޭ ހިތަށް އަރުވާލުމުން ރުޅިން ކެކި އަރަމުން ދިޔަ ނަފްސު ހިތާމައިން ފޯކޮށްލިއެވެ. ރުޅިވެރިކަމުން ފުރިފައި ހުރި ދެލޯ ކަރުނުގެ ތެތްކަމުން ފުރި ބަންޑުންވެ ގަތެވެ. ކަނާތުން ލޯ ފޮހެލާފައި ސަލަފް ހިނގައިގަތީ ދުރަށެވެ.
”އެއީ ކުރީގެ ޚިޔާލުތަކެއް. ސަލަފްއާ ކައިވެނި ކުރުމުގެ ކުރިން އަހަރެންގެ ވިސްނުން ރަނގަޅެއް ނޫން. އަހަރެން ހީކުރީ ލޯބިވެވޭނީ އެންމެ އިންސާނަކު ދެކެ ކަމަށް. އަދި އެއީ އެންމެ ފަހަރަކު ވެވޭ އެއްޗެއް ކަމަށް. އެއީ ކުށްހީއެއް. ސަލަފްގެ އޯގާތެރިކަމާއި އެހީތެރިކަމުގެ ސަބަބުން އަހަރެންގެ ހިތުގައި އާ ލޯތްބެއް އުފަންކުރުވި. އަހަރެން ހަނދާނެއް ނެތް ސަލަފްގެ ކުރިން އަހަރެންގެ ހަޔާތާއި ދެވަނަ އިންސާނަކު ގުޅުނު ކަމެއް. ހަނދާނަކީ އެންމެ ސިކުންތެއްގެ ތެރޭ ހިތުން ފޮހެލެވޭ ވަރުގެ އެއްޗެއް. ޔޫއާން. ޔޫއާން ދިރިއުޅުން ފަށަންވާނީ އަހަރެންގެ ހައްޤުގައެއް ނޫން. އަމިއްލަ މުސްތަޤްބަލަށް ވިސްނާފައި. ޒަވާޖީ ހަޔާތުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭ ޔޫއާންއަށް އީފާ ދެކެ ލޯބިވެވޭނެ.” ޝާޔާ ހަޤީޤަތް ހާމަކުރިލެއް ލަހީއެވެ. ސަލަފްވަނީ އެ ބަސްތައް އިވުމުގެ ކުރިން ދުރަށް ގޮހެވެ. މިފަހަރު ޝާޔާގެ ބަސްތައް އިވިފައި ޔޫއާންގެ ހުރިހާ އުއްމީދެއް ވަޅު ޖެހުނެވެ. ޝާޔާގެ ހިތުގައި އަދި ހަނދާނުގައި އޭނާއަށް ޖާގައެއް ނެތެވެ.
”ޔޫއާން އަހަރެން މަތިން ހަނދާން ނައްތާލާ.. އަހަރެން މިއީ ދަންނަ މީހަކޭވެސް ހިތަށް އަރުވާނެ ކަމެއް ނެތް. އަހަރެން ސަލަފްއާ ވަކިވާން ދުވަހަކުވެސް ހިތަކަށް ނާރުވަން. އަދި ސަލަފް ދޫކޮށްފައި ދުވަހަކުވެސް ނުދާނަން.” ޝާޔާ ހިނގައިގަތެވެ. ހިތްވަރު ކުރަމުން ޔޫއާން ކުޑަދޮރުން ބޭރު ބަލާލިއެވެ. ދުލުން ބުނެލަން ފަސޭހަ ނަމަވެސް އެއީ ކުރަން އުދަނގޫ ކަމެކެވެ. ޝާޔާ މަތިން ހަނދާން ނައްތާލަން އެތައް އަހަރެއް ނަގާނެއެވެ.
ޝާޔާ ދޮރު ހުޅުވަން ތަޅުގައި ހިފާލުމުން ފަރާތަކަށް އަނބުރާވެސް ނުލެވުނެވެ. ހީވަނީ ތަޅުގެ އެތެރޭގައި އެއްޗެއް ތާށިވެފައި ހުރިހެންނެވެ. ޝާޔާ ދެފަހަރަކު ތަޅު އަނބުރާލުމުން ޔޫއާންގެ ސަމާލުކަމަށް އެކަން އައެވެ. ޝާޔާއަށް އެހީވުމަށް ޔޫއާން ދޮރު ހުޅުވޭތޯ ބަލާލިއެވެ.
”މިރޭ ރަންކިއުމުގެ ހަފްލާ ކެންސަލް.” ސަލަފް ފޯނުން ވާހަކަ ދެއްކީ މިރޭ ރަންކިޔާ ގަޑިއަށް އަންނަން ތިބި ދެ ހެކިވެރިންނާއި އެވެ. ކުޑަ ހަފްލާއަކުން ފާހަގަ ކުރަން އޮތް މުނާސަބަތަށް ދައުވަތު އެރުވި މީހުންނަށް ގުޅާ ދައުވަތު ކެންސަލް ކުރަމުން ދިޔައވެ. ކެކި އަރަމުން ދިޔަ ރުޅީގައި އޭނާއަށް ކުރެވެމުން ދިޔަ ކަންތަކާއި މެދު ވިސްނާލެވުނީ އެންމެންނަށް ގުޅައި ކެންސަލް ކުރި ފަހުންނެވެ.
”ޝިޓް. މި ކަން ކެންސަލް ނުކޮށް ޔޫއާން އާއި އީފާގެ ރަންކިއުއްވި ނަމަ.. އޭރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭ ރަންކިއުމަށްފަހު ކައިވެނި ކުރާނެ. ޔޫއާން އާއި ޝާޔާގެ މެދުގައި ބޯފާރެއް ލެވިގެން ދާނެ. ކައިވެންޏަށްފަހު ޔޫއާން އާއި އީފާއަށް ވަކިން އުޅެވޭނެ ގޮތް ހަމަޖައްސައިދެވިދާނެ. އޭރުން އަހަރެމެންގެ ދިރިއުޅުމާއި ދުރަށް ފޮނުވާލެވުނީ. އެކަމަކު ދެންވެސް ސިއްރުން ކަމެއް ކުރަންވެއްޖެ ނަމަ ކަމެއް ކުރެވިދާނެ. ކިހިނެއް އެނގޭނީ ޝާޔާ ޔޫއާންގެ ފަހަތުން ނުދުވާނެ ކަމެއް.” ސަލަފްގެ ސިކުނޑި ހާސްކުރަމުން ދިޔައެވެ. އިރުކޮޅަކު ވިސްނަން އިނދެފައި ގަޑިއަށް ބަލާލެވުނެވެ. ބައިގަޑިއިރުވެއްޖެއެވެ. ޔޫއާން އާއި ޝާޔާވީ ބޮޑު ކޮޓަރީގެ ތެރޭގައެވެ.
އީރާގެ ކޮޓަރިން ނިކުމެވުނުއިރުން ފެށިގެން އަނީސާގެ ވިސްނުން އެހެން ދިމާއަކަށް ނުހުއްޓެއެވެ. އީރާ ހޮޑުލުމުން ހިތް ޝައްކުވިގޮތަށް ބަދަލެއް ނާދެއެވެ. ފުރާވަރުގައި ކުދިން ނުބައި ގޯޅިތަކުން އަޅައެވެ. އޭގެ ނަތީޖާ ހިތި ގޮތަކަށް ލިބޭ ފަހަރު މަދެއް ނޫނެވެ. ކެވުނު އެއްޗަކުން ހޮޑުލެވުމަކީ ދިމާވާ ކަމެކެވެ. އެހެން ކަމަށްވުން އެކަށީގެންވެއެވެ. އީރާ އާއި ޒަވީންގެ ގުޅުން ހައްދު ފަހަނަ އަޅާ ދާނެ ކަމާއި މެދު ޝައްކުވާންފެށިއެވެ.
”ރިލެކްސް.” ޒަވީން ސައިކަލު ހުއްޓަމުން ޖެހި ފިތިގެން ފަހަތުގައި އިން އީރާއަށް ބުނެލިއެވެ. ހޮސްޕިޓަލާއި ވީ ފަޅި ނޫން އަނެއް ފަޅީގައި ޕާކުކޮށްފައި ހިނގައިގަންނަމުން އީރާއަށް ތަކުރާރުކޮން ހަމަޖެހެން މަސައްކަތް ކުރުމަށް ނަޞޭހަތްތެރިވަމުން ދިޔައވެެ.
”ގޭގައިވެސް ބެލެން ހުންނާނެ. ޒަވީން ކީއްވެގެންތަ މިތަނަށް އަންނާށޭ ބުނީ. މިތަނުގައި މީހުން މާގިނަ ވާނެ. މިއީ ސަލަފްބޭ ހިއްސާ އޮންނަ ތަނެއް. މީހެއްގެ ފަރާތުން އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިނަމަ އަހަރެން ކިހިނެއް ހަދާނި.” އީރާ ޝަކުވާ ކުރަމުން ޒަވީންގެ އަތް ފޮޅުވާލިއެވެ.
”މިހިސާބަށް އައިސް އީރާ ކޮން ޝަކުވާއެއް ކުރާކަށް. ގޭގައި ޓެސްޓް ކުރެވޭކަން އަހަންނަށް އެނގެއޭ. އަހަރެން ބޭނުމީ ލިއުމުން އެކަން ފެންނަން އޮންނަން. އަހަރެން ޤަބޫލުކުރާނީ އޭރުން. ހޮޑުލެވުމުން އެއީ މާބަނޑުވުމޭ ޤަބޫލެއް ނުކުރެވޭ. މީހުން ގިނަވިއަސް މައްސަލައެއް ނެތް. ސަލަފްބޭ ތަނަކަސް މިތަނުގެ ސިއްރު ހިފަހައްޓާނެ. އީރާ މަޑުކުރޭ. އަހަރެން އަންނާނަން މެމޯ ނަގައިގން.” ޒަވީން އެތެރެއަށް ވަދެ މެމޯ ހައްދަންދެން އީރާ ހުރީ ބޭރުގައެވެ. ޕޯޓިކޯއަށް މަޑުކޮށްލާ ކާރުތަކުގެ ދުންވަސް އަރާތީ ހީވަނީ މެންދުރުފަހު ބުއި ޖޫސްފޮދު އަރުތެރެއިން އަންނަން އުޅޭހެންނެވެ. އީރާ އަނގަ އާއި ނޭފަތްމަތީ އަތް އަޅާކައިގެން ހޮސްޕިޓަލްގެ ތެރެއަށް ހިނގައިގެންއިރު ކިއުގައި ޖެހިގެން ތިބި މީހުންގެ އަދަދު ގިނައެވެ. އެތެރެއަށްވަދެ ސޯފާގައި ހަމަޖެހިލި ތަނާއި ޒަވީން އައިސް އަންނާށޭ ބުނެފިއެވެ. ކޯރިޑޯ ތެރެއިން ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށް ދަމުން ޒަވީން މެމޯ ކޮޅު އީރާގެ އަތަށް ދިނެވެ.
”މީގައި މިއޮތީ ޝާޔާއްތަގެ ނަން.” މެމޯ ކޮޅުގައި އިން ޝާޔާގެ ނަން ފެނިފައި އީރާއަށް ހުއްޓެވުނެވެ.
”ޝްޝް..މީހަކަށް އިވިދާނެ. އަހަންނަށް އެނގިހުރެ ތިހެން ހެއްދީ. އީރާ ދައްކާނީ ޝާޔާގެ ނަމުގައި. މިވަގުތު ތިއީ ޝާޔާ ކަމުގައި ހީކުރޭ. ޑޮކްޓަރުގެ ސުވާލުތަކަށް ޖަވާބު ދޭނީވެސް އެގޮތަށް. އަހަރެން އެތެރެއަކަށް ނުވަންނާނަން. އޭރުން ޝައްކު ވެދާނެ. އަވަހަށް ދޭ. އެހުރީ ތި ނަންބަރަށް ޖެހިފައި.” ކޮޓަރީގެ ދޮރުމަތީގައި އިން ސިސްޓަމުން މެމޯ ކޮޅުގައި އިން ކިއު ނަންބަރު ފެނިފައި ޒަވީންއަށް ބުނެވުނެވެ. އީރާ ތެޅިތެޅި އޮތް ހިތަކާއި އެކު ހިނގައިގެންއިރު ހުރެވުނީ ނުތަނަވަސްވެފައެވެ.
ޑޮކްޓަރަކަށް އިނީ ދިވެއްސެކެވެ. އޭނާ ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދިނުމުން ޓެސްޓް ކުރަން ފޯރމް ދެމުން ޑޮކްޓަރ ޝައްކުގެ ނަޒަރަކުން ބަލާލިއެވެ.
”ތިއީތަ ޝާޔާއަކީ؟” އީރާގެ ހިތް ހީވީ މޭފަޅާފައި ނިކުންނަން އުޅޭހެންނެވެ. ހިތް އިންނަ ދިމާލުގައި އަތް އަޅާލެވުނީ އިޚްތިޔާރަކާއި ނުލައެވެ.
”ސަލަފްގެ އަންހެނުން؟” ދެވަނަ ސުވާލުގެ ޖަވާބަށް އީރާ ބޯޖަހާލުމުން ޑޮކްޓަރ ކޮޅަށް ތެދުވެއްޖެއެވެ. ޔަޤީނެވެ. އޭނާގެ ޝައްކު ޔަޤީނަށް ބަދަލުވީ ކަންނޭނގެއެވެ. އީރާގެ ގޮތް އެނގުނީކަންނޭނގެއެވެ.
”އުއްމީދުވެސް ނުކުރަން ސަލަފްގެ އަންހެނުންނާ ދިމާވާނެ ކަމަށް. ކައިވެނި ކުރި ހަފްލާއަށް ދައުވަތު ދެވުނު އިރު ހުރީ ލަންކާގައި. އަދި އައިފަހުން ދެ ދުވަސްވީ. ގެއާއި ހަމަޔަށް ނުދެވިގެން މިއުޅެނީ. ވަގުތެއް ހޯދައިގެން ދާނަން. ސަލަފްއަށް ސަލާމް ބުނެދޭތި. ޓެސްޓްގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ހީކުރަން. އުފާވެރި ޚަބަރަކަށް ވެއްޖެނަމަ އަހަރެން މަރުޚަބާކީ ވާހަކަވެސް ބުނެލާތި.” ޑޮކްޓަރު ސަލާމަށް އަތްދެމުން އުފަލުން ވާހަކަ ދެއްކިއވެ. އީރާއަށް ހިނިތުންވާންވެސް ނޭނގުނެވެ. އޮޅިގެންވިއަސް ގޭގެ އޮޅިގަނޑު އޭނާއަށް ގިރާކުރެވިއްޖެނަމަ އީރާގެ ދުވަސް ދިޔައީއެވެ. ސަލަފް އާއި ދިމާވެގެން އަނގަ މަޖަލަށް އެއްޗެއް ބުނެލިއަސް ބޭޒާރު ނުވާނެ ގޮތެއް ނޯންނާނެއެވެ.
އީފާ ސޯފާގައި އިށީދެ އިނެވެ. މުށުތެރޭގައި އޮތް އަލްޓިކޯ ފުޅި އަށް ބަލާލާފައި ހިނިތުންވެލިއެވެ. ޝާޔާ ގޮސް ބޮޑު ކޮޓަރިއަށް ވަނުމުން ކޮޓަރި ބޭރުން ތަޅުލީ އީފާއެވެ. ތަޅު ވަޅަށް އަލްޓިކޯ އަޅާފައި އައިސް ތިރިއަށް ފޭބުނީ ކިރިޔާއެވެ. ޔޫއާންގެ ކޮޓަރިން ސަލަފް ނިކުމެފައި އެދިމާލަށް ދާ މަންޒަރު ބަލަން އޭނާއަށް ތަނބާއި ނިވާވެވުނެވެ.
ކޮޓަރި ތެރޭގައި ޔޫއާން އާއި ޝާޔާ ގިނައިރުވީ ވަރަކަށް ކަމުގެ ފައިދާ ވާނީ އީފާއަށެވެ. ސަލަފްގެ ރުޅި ކެކި އުތުރި އަރާނެކަން ކަށަވަރެވެ. އިތުބާރަކީ ވަރަށް ނާޒުކު އެއްޗެކެވެ. އޭގައި ކޫރުމެއް އަޅުވާލަން ސިކުންތެއްވެސް ނުނަގައެވެ. އީފާ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވެވުނެވެ.
ފަނޑުއަލީގައި އިން ސަލަފްގެ ހިތް ޚިޔާލުތަކުން ފުނިޖެހެމުން ދިޔައެވެ.
”އަބަދު ކީއްވެގެންތަ އަހަންނަށް މިހެން ދިމާވަނީ. އަހަރެން ލޯބިވާ އަންހެން ކުއްޖާ އަހަންނާއި ދުރަށް ދާން މަސައްކަތް ކުރަނީ. އެންމެ ފުރަތަމަ އީފާ. އެއްވެސް ސަބަބެއް ނެތި ދޫކޮށްލާފައި ދިޔައީ އަހަންނަށް މާޔޫސްކަން ދީފައި. އަންހެނުންނަށް ކުރި އިތުބާރު ގެއްލުވާލާފައި. އޭގެ އެތައް އަހަރެއް ފަހުން ޝާޔާ އައުމުން އަހަރެން އިތުބާރު ކުރިން. ހުރިހާ އަންހެނުން ބޭވަފާތެރިއެއް ނުވާނެއޭ ހިތަށް ވިސްނައިދިނިން. އަހަރެން ކިހާ ބަދު ނަޞީބު. އަންހެނުންވާނީ އަންހެނުންނަށް. ދުވަހަކުވެސް އިތުބާރު ކުރަން ހެޔޮވާވަރުގެ ބައެއް ނޫން އެއީކީ. އީފާ ބުނީ ތެދަށް ކަންނޭނގެ. ޝާޔާއަށް އަހަރެންގެ ހަޤީޤަތް އެނގުނީ ކަންނޭނގެ. އަހަރެން އެކަންތައް ސިއްރު ކުރީ އީފާ އަހަރެން ދޫކޮށްފައި ދިޔައީ އެ ސިއްރުގެ ސަބަބުން ކަމުގައިވާތީ. އަހަރެން ޝާޔާ ބީވާން ނޭދޭތީ. އަހަރެންގެ ހަށިގަނޑުގައި ހުރި އުނިކަމަކީ އަހަރެންގެ މައްސަލައެއް ނޫން. އެއީ އަމިއްލައަށް އަހަރެން ހޯދައިގެން އެއްޗެއް ނޫން.” ސަލަފް އަށް ދަތް ވިކާލެވުނެވެ.
ތަޅު ހުޅުވަން މަސައްކަތް ކުރަމުން ދިޔަ ޔޫއާން ވަރުބަލިވެގެން ހުއްޓާލިއެވެ. ތަޅުދަނޑި ފަރާތަކަށް އަނބުރާނުލެވޭތީ ކަންބޮޑުވެފައި ހުރެ އޭނާ ޖީބުގައި އަތް ޖައްސާލެވުނީ ފޯނު އޮތްތޯއެވެ. އަވަހަށް އަންނަން ހަދައިގެން އޭނާ އައީ ފޯނު ބާއްވާފައެވެ. ޔޫއާން ޖިބުގައި އަތްލާ މަންޒަރު ފެނި ޝާޔާއަށްވެސް ބަލާލެވުނެވެ. އޭނާވެސް ފޯނެއް ނުގެނެއެވެ. ޔޫއާން އެނބުރިފައި ކޮޓަރީގައި ހުރި ލައިން ފޯނުގައި ނަގައި ކަންފަތުގައި ޖަހާލުމުން އެއްވެސް އަޑެއް ނީވެއެވެ. ވާގަނޑު ލޫސްވެފައި އިންތޯ ބަލާލަންވެގެން ޔޫއާން ގުދުވެލުމުން ފެނުނީ ލައިން ވަކި ހިސާބަކުން ބުރި ކޮށްލާފައި އިން މަންޒަރެވެ. މީގެ ފަހަތުގައި މީހަކު ވާކަން އޭނާގެ ސިކުނޑި ހަނާ އަޅާލީ އެހިސާބުންނެވެ. އެކަމަކު ޝައްކުގެ ނަޒަރުން ބަލާލާނެ މީހަކު އޭނާގެ ސިކުނޑިއަކަށް ނައެވެ.
(ނުނިމޭ)