twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އަދަބިއްޔާތު – އަހަރެއް ނިމިގެންދާއިރު…!

Dec 31, 2013

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ދުނިޔެއިން އަހަރެއް އަނެއްކާވެސް ޙަޔާތުން ނިމިދަނީ

އުނިކަމެއްވެސް ނެތި ނިޔާފުޅު އެގޮތުގައި ހިނގަމުންދަނީ

ކޮންމެ މިނެޓެއް ކޮންމެ ގަޑިއެއް ކޮންމެ ދުވަހެއް ދައުރުވާ

ކޮންމެ ވެސް ދަރުސެއް ޙަޔާތުން ލިބިދެމުންނޭ ނިމިދަނީ

އިއްޔެދުށް ހިތްގައިމު ރީތި އުފާތަކާ ހިނިތުންވުމާ

ވިއްޔެ ވަކި އެވަގުތު އަލުން ނާންނާނެކަން އަންގައިދެނީ

އަންނަމުންދާ ބަދަލުތައް މީހާގެ ޅަޒުވާން ހަށިގަނޑަށް

އަންނަކަން ނިމެމުން ޙަޔާތުގެ ދަތުރުވެސް ހަމަ ބުނެދެނީ

ކާކުތޯ ވިސްނައިލަނީ ހިނގަމުން މިދާ މެދު ކަންކަމާ

ވާތަނެއް ނުމެފެނި ބަދަލް ހެޔޮ އެގޮތުގައި ކުރިއަށްދަނީ

ވިސްނުމެއް ހުރި ސިކުނޑިއެއް ނަމައީ މިކަމުގައި ވިސްނުމުން

އިސްކުރަން ހެޔޮ ޢަމަލުތައް ވާނޭ ކަމޭ އެނގި ވިސްނެނީ

އުނިކަމެއްނެތި ދުނިޔެއިން ލިބެމުން މިދާ ޢިބްރަތްތަކުން

ދުނިޔެއިން ނިމިގެން ތިމާ ދާނޭ ކަމޭ ޘާބިތުވަނީ

ކޮންމެ ދުވަހަކުވެސް ޙަޔާތުން ދައްކަމުންދާ ކުލަތަކުން

ކޮންމެ ކަމަކަށް ވެސް ނިމުން އަންނާނެ ކަން ކަށަވަރުވަނީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355