twitterviber whatsapp telegramfacebookyoutube instagram
3rd December 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (48)

Jan 7, 2014

 ޑިސެމްބަރު 31 ވަނަ ދުވަހުގެ ބަޔާގުޅޭ

އީރާ ލެބޯރޓްރީއަށް ވަނުމުން ޒަވީން މަޑުކުރީ ބޭރުގައެވެ. ޒަވީން އެތެރެއަށް ނުވަނުމުން ކަންބޮޑުވެފައި އީރާ ގޮސް، ޚާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ޓެކްނީޝަންގެ އަތުގައި އޮތް ހުސް ސިރިންޖު ފެނުމުން އީރާ ބިރުގަތެވެ. އަތުގައި ސްޕްރިޓް ޖަހާފައި އޮތް ކަފަކޮޅު ހާކާލާފައި ސިރިންޖުގެ ކަށި އެތެރެއަށް ހަރާލުމުން އީރާއަށް ދެލޯ މަރާލެވުނެވެ.

”އިޓްސް އޯވާރ.” އީރާއަށް ލޯ ހުޅުވާލަން ކެރުނީ ޓެކްނީޝަން ޔަޤީންކަން ދިނުމުންނެވެ. ލޭ ނެގިތަނުގައި މަލަންކޮޅެއް އަޅާދީފައި އިނެވެ.

”ރިޕޯރޓް ނަގަން މިކޮޅަށް ދުރުވާނީތޯ ނޫނީ ދީފައި އިން އެޑްރެހަށް ފޮނުވާލަންވީތޯ؟” އީރާ ތެދުވުމުން އެތަނުގައި ހުރި ދިވެހި ކުއްޖާ އަހާލިއެވެ.

”ގެއަށް ފޮނުވާލާ.ކޮންއިރަކުން ނިމޭ ވަރުވާނީ؟.” އީރާ ވިސްނާ ނުލައި އެންމެ ފަސޭހަ ގޮތް ޚިޔާރު ކުރިއެވެ.

”ދެ ދުވަސް. ކިއުގައި ހުރި ޓެސްޓަށް ނިމޭވަރަކުން ޓެސްޓްތައް ހެދޭނީ. އެމެޖެންސީ ނޫނިއްޔާ ތަރުތީބުން ދާނީ.” އެކުއްޖާ ޖަވާބު ދިނެވެ. ޝުކުރު އަދާކޮށްފައި ނިކުން އީރާ އެވާހަކަ ޒަވީން ކައިރީ ބުނީ ގެއަށް ވަންނަމުންނެވެ.

”ގެއަށް ގެނައިމަ ކިހިނެއްވާނި.. އެހެން މީހަކަށް އެ ފެނިޖެއްޔާ.. އަހަރެން އެ ބަލާ ހިނގައިދާނަމޭ..” ޒަވީން ހިތްހަމަ ނުޖެހުނެވެ.

”ޓެސްޓް ގެއަށް ފޮނުވާއިރު ގުޅާނެ ވާހަކަވެސް ބުނި. އަހަރެން ހުންނާނަން ބޭރުގައި. އެހެން މީހެއްގެ އަތަށް އެރިއަކަ ނުދޭނަން..” އީރާ ބުނެލިއެވެ.

ދޮރުގައި ދެއަތުން ތަޅަމުން ދިޔަ ޝާޔާ ހުއްޓާލީ އެ އަޑު އިތުރު މީހަކަށް ނީވޭތީ މާޔޫސްވެގެންނެވެ. އެހާ ބާރަށް ދޮރުގައި ތަޅާއިރު ނީވޭނީ މަތީ ފްލޯގައި އެއްވެސް މީހަކު ނެތުމުންނެވެ. ފޯނުގެ ވާގަނޑަށް ބަލަން ހުރެފައި ޔޫއާން ރުޅިގަދަވެފައި ފޯނު އަތުން ޖަހައި ހޫރާލިއެވެ. މީހެއްގެ ހިޔަނި މި ކަމުގައި އެޅިފައިވާކަން ޔަޤީންވިއެއް ކަމަކު ތުހުމަތުގެ އިނގިލި ދިއްކރާނެ މީހަކު އޭނާގެ ޚިޔާލަކަށް ނައެވެ.

”ދުރަށް ދޭ.” ހަރުކަށިކަމާ އެކު ޝާޔާގެ ކޮނޑުގައި ހިފާ ކޮއްޕާލަމުން ދޮރުގައި ކޮނޑުން ޖެހިގަތުމާ އެކު އެނގިގެން ދިޔައެވެ. ހުޅު ދޫވެ ދޮރު ފުދޭވަރަކަށް ފޭވެގެން ދިޔައެވެ. އުއްމީދު އާވެގެން ދިއުމާ އެކު ޔޫއާން ދެވަނަ ފަހަރަށް ޖެހިގަތީ އެއަށްވުރެ ބާރަށެވެ. ދޮރު ހުޅުވުމުން ޔޫއާން ނުހަނު ބާރަށް ނިކުމެގެން ދިޔައެވެ. ޝާޔާ ޔޫއާންގެ ފަސްފަހަތުން ނިކުންނަމުން ބަލާލެވުނީ މީހަކު ފެންނަން ހުރިތޯއެވެ. މިވަގުތު މީހަކަށް ފެނިއްޖެ ނަމަ ނަގާނެ ނުބައި މާނަ ހިތަށް އަރުވާލެވުމުން ދާތިކިތައް ހިލިގަތެވެ. ނަޞީބު ރަނގަޅެވެ. އެއްވެސް މީހަކު ފެންނަން ނެތެވެ.

އިރުގެ އަލިކަން ވަކިވެގެން ގޮސްފައިވާތީ ކޮޓަރި ތެރޭގައިވީ އަނދިރިކަމެވެ. ވިސްނަން އޮތް ސަލަފް އަނދިރިކަމުގެ ތެރޭ އޮތް ގޮތަށް އޮތެވެ. ޝާޔާ ކޮޓަރިއަށް ވަންނަމުން ސަލަފް ނާންނަނީއޭ ހިތަށް އެރިއެވެ. ސަލަފް ހުރިނަމަ ކޮޓަރި ތެރެ އަނދިރިކޮށެއް ނޯންނާނެއެވެ. ޝާޔާ ހޮޅިބުރި ޖައްސާލުމުން އެނދުގައި އޮތް ސަލަފް ފެނި މޭތެޅިލިއެވެ. ސަލަފް ގެއަށް އައީ ކޮންއިރަކުބާއޭ ހިތަށް އެރިއެވެ. އޭނާ ނުފެނިގެން ހޯދި ބާއެވެ. ސަލަފް އޭނާ ކުރެން ދިޔައީ ކޮންތާކަށްތޯ އަހައިފިނަމަ ދޭނެ ޖަވާބަކަށް ވިސްނަމުން އެތެރެއަށް ވަނެވެ.

”ސަލަފް ނިދަނީތަ؟” ޝާޔާ ހަމަޖެހޭގޮތް ދައްކާލަމުން އަހާލިއެވެ. ސަލަފްއަށް އެ އަޑު އިވިފައި ވީ ބޮލުގެ ރިހުމަކަށެވެ. ކަންތައް ސިއްރު ކުރަން ޝާޔާ ވަރެއް ނެތޭ ހިތަށް އެރިއެވެ. ސިއްރުން ކޮޓަރި ތަޅުލައިގެން އުޅެފައި އައިސް މާ ނޫންކަމަށް ހެދިފައި ވާހަކަ ދައްކަން ޝާޔާ ކުޅަދާނައެވެ. އެކަންތަކާއި މެދު ވިސްނާލެވުމުން ސަލަފްވީ ފޫއްސެކެވެ.

”މިރޭ މިއީ މަސައްކަތް ބޮޑު ރެއެއް. ސަލަފް. ހުރިހާ ކަމެއް ހަމަޖެހުނީތަ؟” ދެންވެސް ވާހަކަ ދެއްކީ ޝާޔާއެވެ.

ސަލަފް ފުންމައިގެން ތެދުވެފައި ހަލުވި ކަމާއި އެކު ކޮޓަރިން ނިކުތެވެ. ޝާޔާ ފަހަތުން ނިކުންއިރު ސަލަފް ގޮސް ޔޫއާންގެ ކޮޓަރިއަށް ވަންނަނީއެވެ. ޔޫއާން ރުޅިގަދަވެގެން ކޮޓަރި ތެރޭ ހިނގަ ހިނގާ ހުއްޓާ ވަން ސަލަފް ފެނިފައި ހުއްޓެވުނެވެ.

”މިރޭ ރަންކިއުން ކެންސަލް ކޮށްފިން.” ސަލަފް ގެ މޫނަށް ސުވާލުގެ ނަޒަރަކުން ޔޫއާން ބަލާލިއެވެ.

”ކީއްވެ؟” ޔޫއާން ހައިރާންވިއެވެ.

”އެވަގުތު އަހަރެން ހިތަށް އެރި ގޮތް” ސަލަފް ގެ މޫނަށް ޔޫއާން ބަލަހައްޓައިގެން ހުރީއެވެ. ޔޫއާން ދެބުމަ ކައިރިވީ އައި ރުޅިންނެވެ. އާދައިގެ މަތިން ސަލަފް މިފަހަރުވެސް ކަންތައްކުރީ ސަލަފް ބޭނުން ގޮތަށެވެ. ގޭތެރޭގެ ނިންމުންތައް ސަލަފް ކޮންމެ ގޮތަކަށް ނިންމަން ދޫކޮށްލެވިދާނެއެވެ. އަމިއްލަ ދިރިއުޅުމުގެ ކަންތައް ސަލަފް ބެހެނީ ކީއްކުރަން ބާއެވެ.

”އަހަރެންގެ ކަންކަމުގައިވެސް؟” ޔޫއާން ގެ ރުޅިވެރިކަން ފަޅައިގެން ދިޔައެވެ.

”ބުނެބަލަ. ކީއްވެގެންކަން. ސަލަފްގެ ކޮންމެ ނިންމުމަކަށް ފާޑުނުކިޔާ މަޑުން ހުރުމުގެ މާނައަކީ އަހަރެންގެ ދިރިއުޅުމާއި ކުޅެލުމެއް ނޫން.. އަހަރެންގެ ނިންމުމެކޭ މިއީ. އަހަރެން ރަންކިޔަން ބޭނުންވި ރޭ މިއީ. އަހަންނަށް އެނގުމަކާ ނުލައި. އަހާވެސް ނުލައި.” ޔޫއާން ރުޅިގަދަވިއެވެ. މަޑުން ހުއްޓެއް ކަމަކު ސަލަފްގެ ހަށީގައި އުފެދެމުން އައިރުޅި ވަކި ކުޑައެއް ނޫނެވެ. ޒަމާނުއްސުރެ ދެބެންގެ މެދުގައި އޮންނަ ރުޅިވެރިކަމާއި ނަފްރަތު އޮބިފައި އޮތުމަށްފަހު ފެށެނީ ކަންނޭނގެއެވެ.

”ދިރިއުޅުމެއް ފަށާވަރަށް ޔޫއާން ތައްޔާރެއް ނޫން އަދި.” ސަލަފް ކުރުކޮށްލިއެވެ. މިހާރުވެސް އީފާއަށް ބޭވަފާތެރިވާ މީހަކު އިނީމައި ބޭވަފާތެރި ނުވެއެއް ނުހުންނާނެއެވެ.

”އަހަންނަކީ ކުޑަ ކުއްޖެއް ނޫން. ހެކިވެރިންނަށް ގުޅާފައި ބުނޭ އަންނާށޭ. ނޫނީ އަހަރެން އެކަމާ އުޅެފާނަން. އަހަރެން ދެކެ ލޯބިވާ ނުވާ މީޙަކަށް އިތުބާރު ކުރެވުނުކަން ދެރައީ. ބޭބެގެ ނަމުގައި ހުއްޓެއް ކަމަކު ….” ޔޫއާން ހުއްޓާލިއެވެ. ސަލަފް އޭނައާ ދޭތެރޭ ރަނގަޅަކަށް ދުވަހަކުވެސް ނުވިސްނާނެއެވެ.

”ހުއްޓާލާ ޔޫއާން. އަހަރެން ކޮށްދިންހާ ކަންތަކޯ. ކިޔަވައިދިނިން. އުޅެން ތަން ދެއްކިން. ވަޒީފާ ދިނިން. ދެން އިތުރަށް ކޮންކަމެއް؟ ” ސަލަފް އައިސް ހުރި ރުޅީގެ ތެރެއަށް ހިތާމަ އެއްވެގެން ދިޔައެވެ. ޔޫއާން އެއްވެސް ކަމެއްގެ އަގުވަޒަން ނުކުރާތީއެވެ. ޔޫއާން ބޭނުން ކޮންމެ އެއްޗެއް ދެވިދާނެއެވެ. އެކަމަކު ޝާޔާއެއް ނުދެވޭނެއެވެ. އޭނަ ދެކޭ ނަޒަރުން ޝާޔާއާ މެދު ޔޫއާން ދެކެން އޭނާއަކަށް ނުރުހެވޭނެއެވެ.

”އަހަރެން މިއުޅެނީ އެއްޗެހިތަކެއް ބޭނުންވެގެންނެއް ނޫން. މުދާތަކުން ޒައްރެއްގެ މިންވަރުވެސް މަށެއް ބޭނުމެއް ނޫން. މިހެން ކިތައް ފަހަރު ބުނެވިއްޖެ. އަހަރެން ނުބުނަން އަހަންނަށް ޚަރަދު ކުރާށެކޭ. ވަޒީފާ ދޭށެކޭ. އަހަރެން ގަސްތުކުރީ އަމިއްލަ ތަނެއްގައި މަސައްކަތް ކުރަން. އެދުވަހުވެސް އެކަން ބަދަލު ކުރީ ސަލަފް. އަމިއްލަ އޮފީސް ހުއްޓަ އެހެން ތަނަކަށް ދާނެ ކަމެއް ނެތޭ ކިޔާފައި. ބޭރުން އައި ދުވަހު ރިސޯޓާ ހަވާލުވާން ފޮނުވާލީ. ނުބުނަމެއް ނު އެއްޗެއް.” ޔޫއާން ކުރިއަށް ފިޔަވަޅެއް އަޅާލުމުން ސަލަފްއާ ދެމެދުގައިވާ ދުރުމިން ކުޑަވެގެން ދިޔައެވެ. އެކޮޓަރި ތެރޭގައި އަޑު ގަދަވެގެން ސުދާ އާއިރު ޝާޔާ ހުރީ ބޭރުގައެވެ.

”އަހަރެން އެއްކައިރިވެ ޝާޔާއާ އެކު ދާން މަގު ކޮށައިދެމުން މިދަނީ. އަމިއްލަ ދިރިއުޅުމައިގެން ދާން ނިންމީ ސަލަފްއަށްޓަކައި. ޝާޔާ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރަން އުޅޭވަރަކަށް އެކަމަށްވެސް ހުރަސް އަޅަނީތަ؟ އީފާއާ އިންނަނީ ހިތާއި ދެކޮޅަށް. ހަމައެކަނި ސަލަފްއަށްޓަކައި..” ޔޫއާން އިސްޖަހާލިއިރު އެ ބަސްތައްވީ ހިތު ތެރޭގައެވެ. ދުލާއި ހަމަޔަށް އޭގެން އެންމެ ލަފްޒެއް ގެންނަންވެސް ބޭނުމެއް ނުވިއެވެ.

”އަހަރެން ވަރަށް އަވަހަށް އިންނާނަން. އެކަމަށް ސަލަފް ހުރަސް އަޅަންޏާ މިތަނުން ނިކުމެގެން ހިނގައިދާނަން..” ޔޫއާން ބުނެލިއެވެ. ސަލަފް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައިރު އެކޮޓަރީގެ އަނެއްފަރާތުގައި ތިބި ސުދާ އާއި ޝާޔާއެއް ނުފެނެއެވެ. ސަލަފް އޭނާގެ ނިންމުމާއި މެދު ހިތާމަ ކުރިއެވެ. ރުޅީގެ ތެރެއިން ރަންކިއުން ހުއްޓާލެވުމަކީ ކުރެވުނު މޮޔަކަމެކެވެ. ޔުއާން އީފާއާ އިނދެގެން ވަކިން ފޮނުވާލެވޭނެ ގޮތެއް ހަމަޖެއްސޭނަމަ އޭނާގެ ދިރިއުޅުމާއި މެދު ބިރެއް ނޯންނާނެއެވެ.

”އެ ދެމީހުން ދުވަހަކުވެސް އެއްގަލަކަށް ނާރާނެ.” ސަލަފް ދިޔަފަހުން ސުދާ ބުނެލިއެވެ.

”މަންމަވެސް ހިތާމަ ކުރަނީ އެކަމާ. އަހަރެން ކައިރީ ބުނި ދެމީހުން އެއްބައި ކުރާށޭ. އަހަރެން ވައުދުވިން. އެކަމަކު މިހާރު އެނގިއްޖެ އެއީ ނުވާނެ ކަމެއްކަން..” ޝާޔާ ވިސްނަމުން ބުނެލިއެވެ.

”ޝާޔާއާ މަޝްވަރާ ކުރަން އެބައޮތް ކަމެއް.” ސުދާ ޝާޔާއާ ބައްދަލު ކުރަން ބޭނުންވެފައި ހުރިތާ ކިތަންމެ އިރެކެވެ. ނަޞީބު ދިމާކުރިގޮތުން މި ފުރުޞަތު ލިބުނީއެވެ. ސުދާ އަވަހަށް ޝާޔާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ގޮސް ވަނެވެ.

”އަހަރެން މިއުޅެނީ ޑިވޯސްވާންވެގެން. ޒަވީން މާގިނަ ކަންތަކާއި ޑިމާންޑްކުރާތީ.” ސުދާ އެނދުގައި ހަމަޖެހިލަމުން ކިޔައިދިނެވެ.

”ތިވަރުގެ ކަމެއް ނިންމުމުގެ ކުރިން ވިސްނާލަންވާނެ. އަހަންނަށް ފެންނަގޮތުގައި ފުރަތަމަ ޒަވީން ގުޅުން އޮތް އަންހެންކުއްޖަކު ހޯދަންވީ. އޭގެފަހުން އެކުއްޖާއަށް ބޮޑު އަދަދެއް ހުށަހަޅާފައި ޒަވީންއާ ދުރުވާން ޝަރުތު ކުރަންވީ. ފަހަރެއްގައި ޒަވީން އިސްލާހު ވެދާނެ. ޒަވީން ހިތުގެ ކަނެއްގައި ސުދައްތައަށްޓަކައި ލޯބި ވާނެކަން ކަށަވަރު.” ޝާޔާ ޚިޔާލު ދިނެވެ.

”ކިހިނެއް އަހަރެން އެކުއްޖަކު ހޯދާނި.” ސުދާގެ ޚިޔާލަށް އެއްވެސް ގޮތެއް ނައެވެ. ޝާޔާ ލަފާ ދިނީ ޒަވީންގެ ފޯނު ހާވައިގެން އެންމެ ގިނައިން ގުޅާ ނަންބަރެއް ހޯދުމަށެވެ. އަދި އެ ނަންބަރު ޝާޔާއާ ހަމަޔަށް ގެނެސްދިނުމަށެވެ. ޝާޔާ އެނބުރި ކޮޓަރިއަށް ވަންއިރު ސަލަފެއް ނެތެވެ. ޝާޔާ އައިސް އެނދުގައި ޖައްސާލިއެވެ. ހުރިހާ ކަމަކަށް ވިސްނަމުން ގެންދާތީ ބޮލުގެ ރިހުންވަނީ ގަދަވެފައެވެ. މިވަގުތު ބޭނުންވީ ނިދާލާށެވެ. ދެލޯ މަރައިގެން އޮންނަތާ މާގިނައިރެއްނުވެ ޝާޔާގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ.

އީފާގެ ކައިރީ ކައިވެނި ކެންސަލްވި ވާހަކަ ޔޫއާން ބުނުމުން އީފާ ދެރަވާކަން އެންގިއެވެ. މިގެއިން ނިކުމެގެން ގޮސްގެން ވިއަސް ކައިވެނި ކުރަން ބޭނުންވާކަން ޔޫއާން ހާމަކުރުމުން އީފާ އެކަމުގެ ފައިދާ ނެގިއެވެ.

”ނޫން. ގެއިން ފިލައިގެން ދާނެ ކަމެއް ނެތް. ޔޫއާން މަންމައާ މެދު ވިސްނާލި ނަމަ ތިހެން ހިތަށްވެސް ނާރުވާނެ. ސަލަފްއަށް ސިއްރުން މި ކައިވެނި ޖެހޭނީ ކުރަން. ޔޫއާންގެ މަންމަ މި ކައިވެންޏަށް އިންތިޒާރު ކުރޭ. މަންމަ ދެކެން ބޭނުންވާ ދުވަހަކަށްވާނެ ޔޫއާންގެ ކައިވެނި ކުރެވޭ ދުވަސް. މި ދުނިޔޭގައި މަންމަ ފިޔަވާ ޔޫއާންގެ އިތުރު މީހަކު ނުހުންނާނެ.” އީފާގެ ވާހަކައިން ޔޫއާންގެ މަންމައާ މެދު ވިސްނާވަރު އެނގުމުން ޔޫއާން ހިތްހަމަޖެހުނެވެ.

”އަހަރެން އީފާއަށް އިހުތިރާމްކުރަން. ތި ބުނި ބަސްކޮޅު އަހަރެން ހަނދާން ބަހައްޓާނަން. މީހަކު އަހަންނާ މެދު ހަސަދަވެރިވިއަސް އަހަރެން ފަހެއް ނުޖެހޭނަން. އީފާ ތިހުރީ އަހަންނާ އެކު.” ޔޫއާން އީފާގެ އަތް އޭނާގެ މުށުތެރޭ ބާރުކޮށްލި އެވެ.

ހެދިގޮނޑުދޮށުގައި ޕާރކުކޮށްފައި އޮތް ކާރުތެރޭ ސަލަފް އިނީ ބޭރަށް ނިކުންނަން ބޭނުން ނުވެފައެވެ. ކަޅު އަނދިރިކަން ވަށާލެވިފައިވާއިރު އޭނާގެ ސިކުނޑި މިވަގުތު މަސައްކަތް ކުރުންވަނީ ހުއްޓާލާފައެވެ. ޝާޔާގެ ދުލުން ޔޫއާންއާ މެދު ފާޅުކުރި ލޯބި ހީވަނީ ކަންފަތްތެރޭ ގުގުމާހެންނެވެ.

ކާރުގެ ބިއްލޫރިގަނޑަށް ވާރޭގެ ތިކިތައް ހަމަލާ ދޭންފެށީ ކުއްލިއަކަށެވެ. މޫސުމް ގޯސްވެ ވާރޭ ވިލާތަކުން ފުރުނުކަން ސަލަފްއަށް ރެއަކާއިނުލިއެވެ. ހިނދެން ހިނދަކަށް ވެހެން ފެށި ކެރި ބޯވަމުން ގޮސް ވިދުމާއި ގުގުރީގެ ކަންތައް ގަދަވެގެން ދިޔައެވެ. ސަލަފް އަދިވެސް އިން ގޮތަށް އިނީއެވެ. ކާރު ތެރޭގައި ހުރި އޭސީގެ ފިނިކަމާއި ފަޒާގެ ފިނިކަން އެއްވަމުން އަންނާތީ ސަލަފްގެ ހަށިގަނޑު ފިނިވަމުން ދިޔައެވެ.

ޝާޔާއަށް ލޯ ހުޅުވައިލެވުނީ ގުގުރީގެ އަޑަށެވެ. ފަރުދާ އެއްފަރާތްކޮށްފައި ހުރުމުން ވިދުވަރު ގެ އަލި ކޮޓަރިތެރެއަށް އެޅެއެވެ. ޝާޔާގެ ހިތް ބިރުން ތެޅެންފެށިއެވެ. ފަރުދާ ދަމައި ބޭރު ނުފެންނަހެން ނިވާކުރިއެވެ. ކޮޓަރިތެރެ ދިއްލާ އަލިގަދަކުރިއެވެ. އެވަރުންވެސް ގުގުރީގެ އަޑު އިވެމުން ދިޔައެވެ. ޝާޔާ ބިރުން އެނދުމައްޗަށް އަރާ އިންދައި ތެމި ފޯވެގެން އައި ސަލަފް ބާރަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އަދި އިރުކޮޅަކުން ތެތް އެއްޗެހި ބަދަލުކޮށްގެން އައިސް އެނދުގެ އަނެއްފަރާތަށް އެނބުރި ދެލޯ މަރައިފިއެވެ. ދެތިން މިނެޓް އެހެން އޮވެފައި ތެދުވެ ކޮޓަރީގެ އަލި މަޑުކުރިއެވެ. ހުރިހާ ހޮޅިބުރިތަކެއް ނިއްވައިފިއެވެ. ޝާޔާ އިނީ ބިރުން ވިރިވިއެވެ.

”ސަލަފް އަހަރެން އަނދިރިދެކެ ބިރުގަނޭ..” ސަލަފް އެނދުގައި އޮށޯންނަނިކޮން ޝާޔާ ބުނެލިއެވެ.

”އަހަރެން ބޭނުންވަނީ ނިދާލަން. ކުޑަކުއްޖެއްހެން ނޫޅެ ޝާޔާވެސް ނިދަން އޮށޯވޭ..” ސަލަފް އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ. ޝާޔާ ހައިރާންވީ ސަލަފްއަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355