ޖެނުއަރީ 7 ވަނަ ދުވަހުގެ ބަޔާގުޅޭ
ރޭގަނޑުގެ ބޮޑު ބައި ހޭދަވީ އެ ގޮތުގައެވެ. ބިރުން ނުނިދިފައި އިން ޝާޔާ އިނީ އެނދުގެ ހެޑްބޯޑުގައި ލެނގިލި ގޮތަށެވެ. އަނެއްފަރާތަށް އެނބުރިގެން އޮތް ސަލަފް އޮތީ ގަދަ ނިދީގައެވެ. އޭސީގެ ފިނިކަމާއި ފަޒާގެ ފިނިކަން އެއްވެފައިވާތީ ކޮޓަރި ތެރެ ހީވަނީ ގަނޑުވާން ފަށާފާނެ ހެންނެވެ. މުޅި ހަށިގަނޑުގައި ތުރުތުރު އެޅުމެއް އުފެދެންފެށުމުން ޝާޔާ ހަނދާންވީ މީގެ ދުވަސްކޮޅެއްކުރިން އައި މިފަދަ ފިނި ރެއެއްގެމަތިންނެވެ. އެއީ ކައިވެންޏަށް އެތައް ދުވަހެއް ވީފަހުން ސަލަފްއަށް އޭނާގެ އިއްފަތްތެރިކަން ހަދިޔާ ކުރެވުނު ރެއެވެ. މިރޭ ފަދައިން އެރޭވެސް އޭނާ ހުރީ ބިރުން ހަލާކުވާން ކައިރިވެފައެވެ. ސަލަފްގެ ފަރާތުން ލިބުނު ހިޔާވަހިކަމާއި ރައްކާތެރިކަން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އެކަމަކު މިރޭ ސަލަފްގެ މިޒާޖަށް އެ އައި ބަދަލުން ހިތް ނުތަނަވަސްވިއެވެ. އޭނައާ މެދު ފަރުވާކުޑަކޮށްލާފައި ވަރަށް ފަސޭހައިން ނިދާފައި އޮތީމައެވެ.
ސިހިފައި ސުދާއަށް ހޭލެވުނީ ޒަވީން ކޮޓަރީގެ ދޮރު ލެއްޕި އަޑަށެވެ. ސުދާ އެއޮތް ގޮތަށް ލޯ ހުޅުވައިނުލާ އަޑަށް ސަމާލުކަން ދީގެން އޮތެވެ. ޖީބުން ފޯނާއި ސައިކަލު ތަޅުދަނޑި ނަގައި އެނދުމައްޗަށް އެއްލާލުމަށްފަހު ގޮސް ފާޚާނާއަށް ވަންއަޑަށް ސުދާ ލޯ ހުޅުވާލިއެވެ. މިގަޑިއަކީ ޒަވީންގެ ފޯނުގައި އަތްލަން ރައްކާތެރި ގަޑިއެއް ނޫނެވެ. ގަދަނިދީގައި އޮވެފައި ހޭލެވުނު ކަމުގައި ވިއަސް ސުދާގެ ދެލޮލާއި ނިދީގެ އަސަރު ވަކިވެއްޖެއެވެ. ފާޚާނާގެ ދޮރު ހުޅުވާލިއަޑަށް ސުދާ ދެލޯ މަރާލިއެވެ. ޒަވީން އެނދުގައި ޖައްސާލި ގޮތަށް ފޯނު ނަގައި ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު ތިނެއް ޖަހައި ބޮޑުވެއްޖެއެވެ. ބޯދޮށަށް އެއް އަތް ލައްވާލައިގެން އަނެއް އަތުން މޭގައި ފަޅަމުންދާ އިސްތަށިތަކުގައި ފިރުމަމުން ދިޔައިރު އޭނާގެ ވިސްނުން އެހެން ދިމާއަކަށް އެނބުރެން ފެށިއެވެ.
ސިއްރުން ކުރަމުން އައި ފާފަ މާ ގިނަ ދުވަހެއް ނުވެ ފަޅާ އަރާފާނެ ކަމުގެ ބިރު ހިތަށް ވަނުމުން އުދަނގޫވާންފެށިއެވެ. އަތްމަތި ތަނަވަސްނޫންކަމުން އެ ނިޝާން ނައްތާލަން ރާއްޖެއިން ބޭރަށް ދެވޭކަށް ނެތެވެ. އީރާ ގޮވައިގެން ދިޔަޔަސް ގާތްގަނޑަކަށް ފަޅާ އެރީއެވެ. މާދަމާ، ހެދި ޓެސްޓުގެ ނަތީޖާ ގެއަށް އަންނާނެއެވެ. ޒަވީން ހިތް ބިރުގަންނަން ފެށިއެވެ. ސުދާއަށް ފަޅާއެރުމަކުން މައްސަލައެއްނެތެވެ. ޖެހިލުންވަނީ ސަލަފް ދެކެއެވެ. އެވަގުތު ޒަވީންގެ ސިކުނޑީގައި މޮޅު ރޭވުމެއް ޓަކި ދިނެވެ. ހިތާއި ހިތުން އެ ރޭވުން އިތުރަށް ފުޅާކުރަމުން ހިތްހަމަޖައްސާލައިގެން އޮއްވާ ނިދީގެ އަސަރު ލޮލަށް ސަވާރުވެއްޖެއެވެ.
ޒަވީން ނިދިކަން ކަށަވަރު ވުމުން ސުދާ މަޑުމަޑުން ތެދުވެއްޖެއެވެ. ޒަވީންގެ ފޯނު ނަގައި ބަލާލުމުން މާޔޫސްވީ އޭގައި ސެކިއުރިޓީ ކޯޑެއް އިނުމުންނެވެ. ލަފާކޮށްލާފައި ދެތިން ކޯޑު ޖެހުމުން ދިމަލެއް ނުވިއެވެ. ވަގުންގެ ފޮށި ވަގުން ބާރަށް ބަންނާނެއޭ ހިތަށް އެރިއެވެ. ސިއްރުން ކުރާކަމެއް ފަޅާއަރަން ބޭނުމެއް ނުވާނެއެވެ. ސުދާ މާޔޫސްވެފައި އޮވެ އޮށޯވެއްޖެއެވެ. މާދަމާ ޝާޔާ އާއި މަޝްވަރާކޮށްލާނީއެވެ.
އިރުގެ ދޯދިތައް ދުނިޔެއަށް ދައްކާލުމާއެކު ރެއިން ފެށިގެން ވެހެމުން ދިޔަ ވާރޭ ތުނިކޮށްލިއެވެ. އިރުކޮޅަކުން އެހެން އޮވެފައި ހުއްޓާ އުދަރެސް އަލިވާންފެށިއެވެ. ވާރޭ ވިލާތައް އެއްފަރާތްވެ ސާފު ނޫ އުޑު ފެންނަ ވަރަށް އަލިވެގެން ދިޔައެވެ. މޫސުމަށް އައި ބަދަލާއެކު ދުވަހުގެ ފެށުން ގޯހެއް ނޫނެވެ. ނުނިިދާ އިން ޝާޔާ އެނދުގައި ބުރަކަށި ޖައްސާލީ ދެނެވެ. ނިދި ބަރުކަމާއި އެކި ކަހަލަ ވިސްނުން ސިކުނޑީގައި ބުރުޖަހަމުންދާތީ ބޮލުގެ ރިހުންވަނީ ގަދަވެފައެވެ. ހަށިގަނޑު ފިނިވެ ހީކަރުވަމުންދާތީ މިހާރު ހީވަނީ ހުންއަންނަން އުޅޭހެންނެވެ. ޝާޔާއަށް ނިދުނުފަހުން ސަލަފް ތެދުވިއެވެ. އޮފީހަށް ދާން ތައްޔާރުވުމަށްފަހު ގެއިން ނިކުން ވަގުތު ޒަވީން އެކަނި ގޮސް ކާރަށް އެރިތަން ފެނިފައި ސުވާލު އުފެދުނެވެ. ސުދާ ނިކުންއިރު ޒަވީން ކާރުގައި ގޮސް އޮބާލައިފިއެވެ. ކުރިން އެ ދެމަފިރިން އެކުގައި އޮފީހަށް ދާކަން ސަލަފްއަށް އެނގެއެވެ.
”އާދޭ އަހަންނާއެކު ދާން.” ފަހަތުން ސަލަފްގެ އަޑު އިވިފައި ސުދާ ހިތް ތެޅިލިއެވެ. ސަލަފް ސުވާލެއް ކޮށްފާނެތީ ބިރުން ހުރެ ސަލަފްގެ ކާރަށް އެރިއެވެ. ކާރު ވަކި ހިސާބަކަށް ދުއްވާލާފައި ސަލަފް ބަލާލިއިރު ސުދާ އިނީ ކަންބޮޑުވެފައިކަން މޫނުމަތިން ދޭހަވިއެވެ.
” ކަމެއް ގޯހީތަ” އެކަކު އަނެކަކުގެ ދިރިއުޅުމާ މެދު ދުވަހަކުވެސް ކަމެއް ހިއްސާއެއް ނުކުރެއެވެ. ސަލަފްވެސް އިސްވެ އަމިއްލަ ކަންތަކުގެ ވާހަކައެއް ނުދައްކާނެއެވެ. އެއްޗެކޭ ބުނަން ހިތަށް އަރާފައި ދޫ ހިމޭން ކުރެވުނީ އެހެންވެގެންނެވެ. ސުދާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
”ސައިލެންސްގެ މާނައަކީ އާއެނކޭތަ؟” ސަލަފް އަނެއްކާވެސް އަހާލި އެވެ.
”ޓެލް މީ.” ސަލަފްގެ އަޑުގައިވަނީ އޯގާތެރިކަމެވެ. އިޚްތިޔާރަކާ ނުލައި ސުދާގެ ލޯ ފުރި ބަންޑުންވިއެވެ. ދެންވެސް ދެލޯ ފޮހެލާފައި އެއްޗެއް ނުބުނެ އިނީއެވެ. އޮފީހުގެ ޕޯޓިކޯގައި ކާރު މަޑުކުރުމުން އަވަހަށް ނިކުމެގެން ސުދާ އެތެރެއަށް ހިނގައިގަތެވެ. ސަލަފް ކާރު ޕާރކު ކޮށްފައި އައިސް އަމިއްލަ ކެބިންއަށް ވަދެ އިށީނެވެ. ކޮންމެ ދެ މީހަކީވެސް މައްސަލަޖެހޭނެ ދެ މީހެކެވެ. ކަންތައް ހައްލުވާނީ ވާހަކަ ދައްކައިގެންކަން ޤަބޫލު ކުރެވެއެވެ. އެކަމަކު އަމިއްލަ މައްސަލަތަކުގައި އިސްވެވާހަކަ ދައްކަން ހިތް އެއްބަހެއް ނުވިއެވެ.
ހެނދުނު ހޭލިންސުރެ ޔޫއާން ރަންކިއުމުގެ ކަންތައް ހަމަޖެއްސުމުގައި އަވަދިނެތި އުޅެމުން ދިޔައެވެ. ފައިސާއަށް ފޯރމް ފުރައިދިނުމާއި ކައިވެނީގެ ކަންތައް ހަމަޖައްސައިދޭ މީހުން އުޅޭ ވާހަކަ ރަޙްމަތްތެރިއެއްގެ ފަރާތުން އެނގުމުން ޔޫއާން އޭގެން މީހަކު ހޯދައިފިއެވެ. ހުރިހާ ކަމެއް ހަމަޖެހި މިރޭ ގަޑިއެއް ކަނޑައެޅި ނިމުމުން ޔޫއާން ހުރީ ހިތްހަމަޖެހިފައެވެ. ރަންކިއުމުގެ ކަންތައް މާ ބޮޑު ހަފުލާއަކަށް ހަދަން ބޭނުން ނުވާތީ އެއްވެސް ރަޙްމަތްތެރިއަކަށްވެސް ދައުވަތެއް ނުދެއެވެ. އީފާގެ ފަރާތުން މިކަމުގައި ބައިވެރިވާނެ މީހަކު ނެތެވެ. ހަމައެކަނި ތިބީ ޔޫއާން ގޭގައި މިވަގުތު ދިރިއުޅޭ މީހުންނެވެ.
އީފާ ކޮޓަރިއަށް ވަދެ ހަމަޖެހިލިތަނާ ކުއްލިއަކަށް ހަނދާންވީ ސަލަފްގެ އަލަމާރިން އޭނާ ވަގަށް ނެގި ފައިލުގެ މަތިންނެވެ. ސަލަފް އެ ގެއްލިގެން ހޯދުމުގެ ކުރިން އަލަމާރިއަށް ލުމަށް އީފާ އެ ހިފައިގެން ސަލަފްގެ ކޮޓަރިއަށް ވަންއިރު ޝާޔާ އޮތީ ގަދަ ނިދީގައެވެ. އެ ފައިލަކީ ޝާޔާއަށް ސިއްރުކޮށްގެން ގެންގުޅޭ އެއްޗެއްކަން އެނގޭތީ ގަސްތުގައި ދައްކާލުމަށް އީފާ އެ ބޭއްވީ ސައިޑް ޓޭބަލްގައެވެ. އީފާ ކޮޓަރިން ނިކުންނަމުން ވަކިން ބާރަށް ދޮރުޖެހީ ގަސްތުގައެވެ.
ޝާޔާއަށް ހޭލެވުނީ ދޮރުޖެހުނު އަޑަށެވެ. ގަދަކަމުން ލޯ ހުޅުވާލުމުން ނިތްކުރި ހީވަނީ ފަޅައިގެންދާ އުޅޭހެންނެވެ. ބޮލުގެ ރިހުން ވަރަށް ގަދައެވެ. ބޮލުގައި އަތް ޖައްސާލަމުން ޝާޔާ ތެދުވިއިރު ހަށިގަނޑު ތުރުތުރު އަޅަމުން ދެއެވެ. އޭނާ ހުރީ ގަދައަށް ހުން އައިހެވެ. މޫނު ދޮވެލައިގެން އެފަރާތަށް ދިޔައިރު ނާސްތާގެ ކަންތައް ނޫރީން އެކަނި ނިންމާލައިފިއެވެ. އެއްޗެހި ހުރީ މޭޒުމައްޗަށް އަރުވާފައެވެ. ހައި ހޫނުކަން ފިލުވާލެވޭވަރަށް ކެވުނީ ސޭންޑްވިޗް ފަޅިއެއް އެކަންޏެވެ. ހުން އައުމުން އަނގަތެރޭގައި ނުބައި ރަހައެއް އެބަހުއްޓެވެ. އަވަހަށް ފިނި ޖޫސްފޮދެއް ބޯލައިގެން އައިސް ހެދުން ބަދަލުކޮށްލައިގެން ނޫރީންގެ ގާތުގައި އެދުނީ އޭނައާ އެކު ޑޮކްޓަރަށް ދައްކާލަން ދިއުމަށެވެ. ސަލަފް އޮފީހުގައި ބުރަވާނެތީ ގުޅާފައި ގެންނަން ބޭނުން ނުވަނީ ކަމުގައިވެސް ބުނެލިއެވެ.
ހޮސްޕިޓަލުގައި ބައި ގިނަ ނަމަވެސް ނަންބަރެއް ލިބުނެވެ. ޝާޔާ ސޯފާގައި ބައިންދާފައި ކައުންޓަރުން މެމޯ ނަގައިދިނީ ނޫރީންއެވެ. ޝާޔާއަށް އަބަދުވެސް އެހީވާން ނޫރީން ހުރެއެވެ. ހުން އައިސް ހުރުމުން އެތެރެހަށީގެ ޚާއްސަ މީހަކަށް ދައްކާލުމުން ބައިވަރު ޓެސްޓުތަކެއް ހަދަން ދިނެވެ. ނަތީޖާ ލިބެންދެން ވަގުތީ ގޮތުން ކާނެބޭސް ދިނެވެ. ލެބޯރޓްރީއަށް ވަނުމުން އެމީހުން ރިޕޯރޓް ގެއަށް ފޮނުވައިދެންތޯ އެހިއެވެ. ޝާޔާ އާއެނކޭ ބުނެ އެޑްރެސް ދީފައި ނިކުތެވެ. ގެއަށް އައިސް ބޭސްކައިގެން އަނެއްކާވެސް ނިދޭތޯ ޖައްސާލިއެވެ. ސައިޑް ޓޭބަލްމަތީގައި އޮތް ފައިލު އޭނާގެ ލޮލުގައި އަޅައިގަންނަ ގޮތެއް ނުވިއެވެ.
ލެބޯރޓްރީގައި ހުރި ކުއްޖާ ޓެސްޓް ރިޕޯރޓްތައް ސިޓީއުރަތަކަށް އަޅަމުން ނޯޓްފޮތް ބަލައިގެން އެޑްރެސް ލިޔަމުން ދިޔައެވެ.
” ޝާޔާ..” އޭނާ މަޑުމަޑުން ނަން ކިޔާލިއެވެ.
”އަހަންނަށް ހީވަނީ މި ނަން އަހަރެން ކުރިންވެސް ދުށިންހެން.” ޖެހިގެން ހުރި ކުއްޖާ އަށް އިޝާރަތްކުރަމުން އޭނާ ބުނެލިއެވެ. މޭޒުމަތީގައި ބަންދުކޮށްފައި ހުރި ސިޓީއުރަތައް ހާވާލާފައި ޕްރެގްނެންސީ ޓެސްޓް ހަދާފައި އިން ރިޕޯރޓް ނަގައިފިއެވެ.
”އެއް ޕޭޝިއެންޓެއްތޯ ޔަޤީންކޮށްފައި އެކައްޗަކަށް ލާ. ދެފަހަރުވެސް މިއިނީ އެޑްރެސްއަށް ފޮނުވައިދެން ރިކުއެސްޓް ކޮށްފައި. އެހެންވީމައި ފަސޭހަވާނެ.” އެ ކުއްޖާ ޚިޔާލު ދިނެވެ. ހުރިހާ ރިޕޯރޓްތަކެއް ސިޓީއުރައަށް އަޅާފައި ބަންދުކޮށް ގޭގެއަށް ފޮނުވަން މަސައްކަތު މީހަކާ ހަވާލު ކޮށްފައި އެނބުރި އައިތަނާ ލެބޯރޓްރީގެ ދޮރު ހުޅުވާފައި ވަނީ ޒަވީންއެވެ.
”ރިޕޯރޓެއް ނަގަން މިއައީ.” ރިސެޕްޝަންގައި ހުއްޓެމުން ޒަވީން ބުނެލިއެވެ.
”ބަލިމީހާއަށް ކިޔާ ނަން ..”
”ޝާޔާ.” ޒަވީން ބުނެލިއެވެ.
”ގޭގެއަށް ފޮނުވަން ހަވާލުކޮށްފައި ދެންމެ މިއައީ.. މިއަދުގެ ވަގުތެއްގައި ދީފައި އިން އެޑްރެހަށް ރައްދުކޮށްދޭނެ. ގެއަށް ފޮނުވަން އެދިފައި އިނީމައި އެގޮތަށް ކަންތައްކުރީ.” އެކުއްޖާ ބުނެލިއެވެ. ޒަވީން އެއްޗެއް ނުބުނެ ނިކުތެވެ. އެއީ އީރާ ކުރި މޮޔަކަމެކެވެ. ޒަވީން ހުރީ ރިޕޯރޓްބަލާ އަންނަގޮތަށެވެ. އެ ރިޕޯރޓް ގޭ މީހެއްގެ އަތަށް އަރައިފިނަމަ… ޒަވީން ބޯކަހާލިއެވެ. އަވަހަށް އީރާއަށް ގުޅާފައި ރިޕޯރޓް ހިފައިގެން ކޮންމެ ވަގުތެއްގައިވެސް ހިނގައިދާނެކަމާއި އެ ރިޕޯރޓް އިތުރު މީހެއްގެ އަތަށް އެރިއަ ދީގެން ނުވާނެ ކަމަށް ބުނެލިއެވެ.
ހަވީރުގެ ފިނި ޖެހުނު ވަގުތެވެ. އިރުގެ ހޫނުކަން މަޑުވެ ވައިރޯޅިތަކުގައި ތެތްފިނިކަން ހިފައިފިއެވެ. ހީވަނީ މިރޭވެސް ވިއްސާރަވާން އުޅޭހެންނެވެ. ހަވީރުގެ ދަޅަމަތި ބަނަކޮށްލައިފިއެވެ. އިރުއޮއްސޭ ވަގުތު ކައިރިވީއިރު ރަތްވިލާގެ ބަދަލުގައި ގިނައީ ފުސްވިލާތަކެވެ. އީފާ ކޮޓަރީގައި އޮވެފައި ފޫހިވެގެން ނިކުންއިރު ޝާޔާ ސިޑިންފައިބާ މަންޒަރު ފެނުނެވެ. ބައްޓަން ފާޅުވާ މެކްސީގައި ޝާޔާގެ ރީތިކަން ފެނުމުން ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ހެދުން އެއްފަރާތުން އެއްއަތުން ކޮށިކޮށްލައިގެން ޝާޔާ މަޑުމަޑުން ފައިބަމުން ދިޔައެވެ. އީފާ ހިތާއި ހިތުން ރުޅިގަދަވަމުން ދިޔައެވެ. ޝާޔާގެ ފަހަތުން ގޮސް ބުރަކަށީގައި އަޅާ އަނގަވަތަށް ވައްޓާލަން ބޭނުންވިއެވެ. އީފާ އަވަހަށް ފަހަތުން ފައިބަންފެށިއެވެ. ޝާޔާއާ ވަރަށް ކައިރިވެފައި ކޮއްޕާލަންވެގެން އަތް އުފުލާލިއެވެ.
”މަންމާ..” ހަޅެއްލަވައިގެން އަޑަށް ޝާޔާ ފަހަތް ބަލާލިއިރު އީފާ ވެއްޓެނީއެވެ. ޝާޔާ އަވަހަށް އީފާ ނެގޭތޯ އަތްދިމާކޮށްލުމުން އީފާގެ އަތުގައި ބީހިފައި ތިރިއަށް ސޮއްސައިގެން އީފާ ވެއްޓުނެވެ. ޝާޔާ ކޮއްޕާލަން ރެޑީވި ވަގުތު އީފާ ފައި ކައްސާލީއެވެ. އެމީހަކު ފޭހުނު އިލޮށި ހެރޭނީ އެމީހެއްގެ ލޮލަށް ހެރޭނެއޭ ބުނަނީ އެހެންވެގެންނެވެ.
”އީފާ. ތަދުވިތަ؟” ޝާޔާ ދުވެފައި ފޭބިއިރު އީފާ އޮތީ އެންމެ ތިރީގައި ބަނޑުވަތަށެވެ. އެއްޗެއް ވެއްޓުނު އަޑަށާއި އީފާގެ ހަޅޭކުގެ އަޑަށް ބަދިގެ ތެރޭގައި ހުރި ނޫރީންވެސް ނިކުތެވެ. ދެމީހުންވެގެން އީފާ ނަގައި ސޯފާގައި ބޭންދިއެވެ. އީފާ އުޅެނީ އުނަގަނޑަށް ތަދުވާތީއެވެ.
”ކިހިނެއްވީ؟” ކޯރިޑޯއިން ނިކުން ޔޫއާންއަށް އީފާ ރޯތަންފެނި ކައިރިއަށް ޖެހިލިއެވެ. ޝާޔާ ޔޫއާންއަށް ތަންދީފައި އެތަނުން ދުރަށް ޖެހިލިއެވެ. ނޫރީން މާނާގެ ކޮޓަރިއަށް ގޮސް ތަދުވާ ތަންތާގައި އުނގުޅާ ބޭސްފުޅިއެއް ގެނެސްދީފައި ބަދިގެއަށް ދިޔައެވެ. ޔޫއާންގެ ކައިރީ އީފާ ބުނެލީ ސިޑިން ކައްސާލައިގެން ވެއްޓުނު ކަމެވެ.
”އެހާބޮޑު ކަމެއް ނޫނޭ މިއީ.. މިރެއަށް ވާއިރަށް ރަނގަޅުވެދާނެ..” އީފާ ހިންދަމާލަން މަސައްކަތް ކުރަމުން ބުނެލިއެވެ.
”ރަނގަޅުވިއްޔާ ރަނގަޅު. އިތުރަށް ކެންސަލް ކުރާކަށް އަހަރެން ބޭނުމެއް ނޫން. މިހާރު އެތައް ފަހަރަކު ޑިލޭ ވެއްޖެ. އެންމެ ފަހުން އިބިލީހުގެ ކައިވެންޏަށް ނުވެއްޖެއްޔާ ރަނގަޅު. ހިނގާ ކޮޓަރިއަށް ގެންގޮސްދޭނަން..” ޔޫއާންގެ އެހީގައި އީފާ ތެދުވިއެވެ. އެކަމަކު އޭނާއަށް ހިނގަން އުދަނގޫވިއެވެ. ތަންކޮޅަކަށް ދެވުނު ތަނާ ޔޫއާން އެއްޗެއް ނުބުނެ ހުރެފައި ކުއްލިއަކަށް އޭނާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. ޔޫއާން ގެންގޮސް އޭނާ އެނދުގައި ބާއްވާލައިދިނެވެ.
”އަހަރެން ބޭސް އުނގުޅައިދެންތަ؟” އީފާ އަތުގައި އޮތް ބޭސްފުޅި އަތުލަމުން ޔޫއާން އަހާލިއެވެ. އީފާގެ ގާތުގައި އިޒުނައަށް އެދުނީ އީފާ ނުރުހުންވެދާނެތީއެވެ. މިކަހަލަ ދަނޑިވަޅުތަކުގައި އެހީތެރިވެދީފައި ގާތްކަން އިތުރު ކުރުމުން ދެމީހުންގެ ހިތުގައި އެކަކު އަނެކަކާ މެދު ލޯބި އުފެދިދާނެއެވެ. އީފާ އެއްޗެއް ނުބުނެ ބަންޑުން ޖެހިފައި އުނަގަނޑު ފެންނަހެން ހެދުން އުފުލައިލިއެވެ. ޔޫއާން މަޑުމަޑުން ބޭސްކޮޅު އުނގުޅާފައި މަސާޖުކޮށްލަދޭން ފެށިއިރު އެ އަތުގައި ކޮންމެވެސް ވަރެއްގެ ތުރުތުރު އެޅުމެއް ހުއްޓެވެ.
”އީފާ އަރާމުކޮށްލާ. ގަޑިއަށް ތައްޔާރުވާތި.” ޔޫއާން ތެދުވަމުން ބުނެލިއެވެ. އީފާ ބޯޖަހާލިއެވެ. އޭނާ އޮތީ ލަދުގަނެފައެވެ. ޔޫއާންގެ ފަރާތުން ގާތްކަމެއް އެ ފެނުނީ ދެވަނަ ފަހަރަށެވެ. ފުރަތަމަ ތުންފަތަށް ހަދިޔާ ލިބުނުރޭގެ މަތިން ހަނދާންވެއްޖެއެވެ. ޔޫއާން އޭނައާ މެދު ގާތްކަން ބަހައްޓަނީ ލޯބިވާތީބާއޭ ހިތަށް އެރިއެވެ.
ރޭގަނޑުގެ ވަގުތެވެ. ސަލަފް އޮފީހުން ނިމިގެން އައިސް ފެންވަރާލައިގެން ސިޓިންރޫމަށް ނިކުންއިރު ކޮޓަރިތަކުން އެހެން މެންބަރުވެސް ނިކުންނަނީއެވެ. ނޫރީން ގޮސް މާނާވެސް ނެރެދިނެވެ. ހެކިވެރިންނަށް ކުޑަވަރެއްގެ ސަޔެއް ތައްޔާރުކުރިއިރު ހުރިހާ އެއްޗެއްވެސް ގެނައީ އޯޑަރަށެވެ. އާއިލާގެ މީހުންނަށް އެއްވެސް ބުރައެއް ނުޖައްސައެވެ. ހެކިވެރިންނާއި އެންމެން ހަމަވުމުން އެތަނުގައި މަދުވީ މިރޭ ރަންކިޔަން ތިބި ޖޯޑެވެ. ޝާޔާ ވަނީ އީފާގެ ކޮޓަރިއަށެވެ. އީފާ ތައްޔާރުވެގެން ނިކުންނަނީއެވެ. ހުދު އަތްދިގު ކުރުތާ އަކާއި ކަޅު ޖިންސެއްގައި ހުރި އީފާ ރީތިކަމަށް ދެއްކީ އާދައިގެ މޭކަޕަކުން ފުއްދާލާފައި ހުރީތީއެވެ. އިސްތަށިގަނޑަށްވެސް ވައްތަރުތަކެއް ނުޖައްސާ އޮތީ ދޫކޮށްލާފައެވެ.
”ވަރަށް ރީތި. ކުރު އެއްޗެހި ލުމަށްވުރެ މިކަހަލަ އެއްޗެހި ލީމައި ވަރަށް ގުޅޭ.” ޝާޔާ ހިތްހެޔޮކަމާއި އެކު ވާހަކަ ދެއްކިއެވެ. އީފާ އެއްޗެއް ނުބުނެ ހިނގައިގަތީ ތައުރީފްކުރީތީ އެކަމަށް ޝުކުރުވެސް އަދާނުކޮށެވެ. އީފާގެ ފަހަތުން ޝާޔާއަށް ދެވުނުއިރު ޔޫއާންވެސް ނިކުންނަނީއެވެ. ސުދާގެ ދެމަފިރިންތިބީ ކޮޅަށެވެ. ވަކިން އިން ސޯފާގައި ސަލަފް އިށީނުމުން ދެމީހުންގެ ޖާގަހުރި އެއްސޯފާގައި ޔޫއާން އާއި އީފާ އިށީނެވެ. ދެން ހުރި ސޯފާ ހެކިވެރިންނަށާއި އާއިލާގެ މެންބަރުންނަށް ހާއްސަކުރެވުނެވެ.
ހެކިވެރިންގެ ތެރެއިން އިސްކޮން ހުރި މީހާ ފޯރމް ނަގައި މޭޒުގައި ބާއްވާލަމުން ސުވާލު ކުރަން ތައްޔާރުވިތަނާއި ދޮރުގައި ޓަކި ދީފިއެވެ. އަނީސާގެ ކައިރީގައި އިން އީރާއަށް ދޮރާއި ދިމާއަށް ބަލާލާފައި ޒަވީންއަށް ބަލާލެވުމުން ޒަވީން ހިނގައިގަންނަނީއެވެ. ޒަވީންގެ ކުރިއަށް ސަލަފް ތެދުވެފައި ދޮރު ހުޅުވާލުމުން ދޮރު މަތީގައި ހުރި މީހާ ސިޓީއުރަ ދިއްކޮށްލީ ސަލަފްގެ އަތަށެވެ.
(ނުނިމޭ)