twitterviber whatsapp telegramfacebookyoutube instagram
4th December 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (50)

Jan 21, 2014

 ޖެނުއަރީ 14 ވަނަ ދުވަހުގެ ބަޔާގުޅޭ

ކުރިމަތީގައި ހުރި މީހާއަށް ޝުކުރު އަދާކޮށްފައި ސަލަފް އައިސް އިށީންނަމުން ސިޓީއުރަ މޭޒުމަތީގައި ބާއްވާލިއެވެ. ސޯފާގެ ފަހަތުގައި ކޮޅަށް ތިބި އީރާ އާއި ޒަވީން ތިބީ ދަހިވެފައެވެ. ރަންކިއުމުގެ ކަންތައް ކުރިއަށް ދިޔައެވެ. ހެކިވެރިން އީފާގެ ގާތުގައި ރަންކިއުމަށް އެދުމުން އޭނާ ކަނޑައަޅާފައިވާ ރަނުގެ އަދަދު އިއްވާލިއެވެ. އެ އަދަދު އިވިފައި ސަލަފް ޚައިރާންވެ އީފާއަށް ބަލާލެވުނު މެއެވެ. އެ އަޑު ނިކުތީ އީފާގެ ދުލުން ބާއޭ ހިތަށް އެރިއެވެ.

”ވިހި ރުފިޔާ.” އަދަދު އިވިފައި ޝާޔާގެ ހަނދާނަށް އައީ އޭނާ ރަންކީ ރޭގެ މަތިންނެވެ. ވިހި ރުފިޔާއަށް އޭނާ ރަންކީ ސަލަފް އާއި މަންމައަށް ޖެއްސުމަށެވެ. އޭނާއަށް ދިމާވި ހާލަތު އީފާއަށް ދިމާނުވާތީ ހިތުގެ އަޑިން ޝާޔާ ނިންމީ އީފާގެ ހިތްތިރިކަމެވެ. ފައިސާގެ މައްޗަށް އީފާގެ އެއްވެސް އެދުމެއް ނެތްކަމެވެ.

ކުޑައިރުކޮޅެއްގެ ފަހުން ރަންކިއުމުގެ ކަންތައް ނިމި ހެކިވެރިންނާއި އާއިލާގެ މެންބަރުން އެއް ސުފުރާ މަތިން ކެއުމުގެ ދައުވަތު ޔޫއާން ދިނެވެ. އެންމެން އެކުގައި ސައިކޮޓަރިއަށް ހިނގައިގަތެވެ. ސަލަފް ތެދުވީ ސިޓީއުރަ އެ އޮތްގޮތަށް ބާއްވާފައެވެ. މީހަކަށް ޝައްކުވުމުގެ ފުރުޞަތު އޮވެދާނެއޭ ހިތައި ޒަވީން އެންމެންނާ އެކު ސައިކޮޓަރިއަށް ވަނެވެ. އެތަނުގައި މަޑުކުރީ އީރާއެވެ. އަވަސް އަވަހަށް ސިޓީއުރަ ކަނޑާލާފައި އޭގެތެރޭގައިވާ ރިޕޯރޓްތައް ނެގިއެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނީ އޭގެ ތެރޭގައި ހުރި ލޭގެ ޓެސްޓްތައް ފެނިފައެވެ. އެއީ އޭނާ ހެދި ޓެސްޓެއް ނޫނެވެ. ޝާޔާ ބަލިވެ ޑޮކްޓަރަށް ދެއްކިކަން އެނގޭހާވެސް މީހަކީ ނޫރީންއެވެ.

ދެވަނަ ރިޕޯރޓް ހުޅުވާލި ވަގުތު އީރާ ސިހުނީ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި އަތް ބާއްވާލި ހިސާބުންނެވެ. ސިހިފައި ފަހަތަށް އެނބުރިލެވުނު ވަގުތު ކުރިމަތީގައި ހުރި ސަލަފް ފެނިފައި ނިކުންނަން އުޅުނު ނޭވާވެސް އެތެރެ ހަށީގައި ތާށިވެގެން ދިޔައެވެ.

”އެންމެން އެބަތިބި ސައިކޮޓަރީގައި.” ސަލަފް އީރާގެ އަތުން ރިޕޯރޓްތައް އަތުލިއެވެ.

”އާން. ދައްތަގެ ރިޕޯރޓްތަކެއްވީމައި ބަލާލެވުނީ. ބަލިވެތަ އުޅެނީ..” އީރާ ހަމަޖެހެން މަސައްކަތް ކުރަމުން ކުރި ސުވާލުން ސަލަފް އެތެރެ ހަށީގައި ރުޅިގަނޑެއް އުފަންކުރުވިއެވެ. އެ ސުވާލުގެ ޖަވާބު އޭނާއަކަށް ނޭނގެއެވެ. ޝާޔާ ބަލިވެ އުޅުނަސް އޭނަ ކައިރީ ބުނަން މުހިއްމު ނުވީއޭހިތަށް އެރުމުން އިތުރަށް ދެރަވިއެވެ.

”އީރާ އެންމެން އެބަތިބި މަޑުކޮށްގެން..” ސަލަފް އޭނާ ފޮނުވާލަން އުޅުމުން އީރާ އެތަނުން ހިނގައިގަތީއެވެ. ސީދާ ރިޕޯރޓުތައް ދޭށޭ ބުނާކަށް ނުކެރޭނެއެވެ.

”އޭގައި އެ ރިޕޯރޓް އޮތްހެން ހިއެއް ނުވޭ. ޝާޔައްތަ އެހެން ކަމަކާ ގުޅިގެން ޑޮކްޓަރަށް ދެއްކީ ކަމަށް ވެދާނެ.” އީރާއަށް ޚާއްސަވި ގޮނޑީގައި އިށީންނަމުން ސިއްރުން މެސެޖު ކޮށްލީ ޒަވީންއަށެވެ.

ސަލަފް ފަހަރަކު ރިޕޯރޓެއް ބަލަމުން ދިޔައެވެ. ލޭގެ ޓެސްޓުތަކުގައި ގޯހެއް ނެތެވެ. ދެވަނަ ކަރުދާހުގައި އޮތް ރިޕޯރޓް ފެނި އޭނާގެ ބޮލަށް އެނބުރުން އަރައިގަތެވެ. ލިޔުމުން ފެންނަން އޮތް ނަތީޖާ އާއި މެދު ހިތުގައި އުފެދުނީ ކޮޅު ނެތްވަރަށް ޝައްކެވެ.

”ނޫން. ޝާޔާ ބަނޑުބޮޑުވެގެން ނުވާނެ.” ސަލަފްއަށް ސޯފާއަށް ތިރިވެވުނު ގޮތެއް ނޭނގެއެވެ. ނޭވާ ކުރުވެފައި މުޅި މީހާ ދާހިއްލައިގަތެވެ.

”އަހަރެން މި ޤަބޫލެއް ނުކުރަން..” ސަލަފް ހިތާއި ހިތުން ބުނެލިއެވެ. ތެތްކަން ނެތް ލޮލުތެރޭގައި އުފަންވަމުން ދިޔަ ކަރުނަތައް ފުނިޖެހެމުން ގޮސް ކެތްނުވެގެން ފައިބައިގަތެވެ. ކަނާއަތުން  ކޯތާފަތުގައި އަތް ޖައްސާލެވުނެވެ.

ހެކިވެރިން ދިޔަފަހުން ޝާޔާ ނިކުންއިރު ސަލަފް އެކަނި އިންތަން ފެނުމުން ކައިރިއަށް އައެވެ. ދެބެން މެދުގައި ހިނގަމުން އަންނަ ކޯޅުންގަނޑަށް ނިމުމެއް ނާންނާތީ އުފާވެރި ކަމުގައި ބައިވެރިވާން ސަލަފްގެ ހިތް ނޭދެނީ ކަންނޭނގެއޭ ޝާޔާގެ ހިތަށް އެރިއެވެ. ޝާޔާ ނިކުން ފަހަތުން އާއިލާގެ އެހެން މެންބަރުންވެސް ނިކުންނަން ފެށިއެވެ.

”ސަލަފް.” ދާދި ކައިރިން ޝާޔާގެ އަޑުއިވިފައި ސަލަފް ތެދުވެ ބަލާލިއިރު އޭނާގެ ދެލޮލުގައިވާ ރަތްކަން ފެނި އެންމެންވެސް ހައިރާންވިއެވެ. ހިސާބަކަށް ތެމިފައިހުރި ކޯތާފަތުން ރުއިކަމުގެ ނިޝާން ރަމްޒުކޮށްދެއެވެ.

”މިއީ ކޯއްޗެއް؟” ސަލަފްގެ އަޑުގައި ތުރު ތުރު އެޅުމެއް ހުއްޓެވެ. ޝާޔާ ރިޕޯރޓްތައް އަތުލާފައި ބަލާލިއެވެ.

”އިއްޔެ ހުންއައިސްގެން ދައްކަން ދިޔައީ.. ޑޮކްޓަރު ހަދަން ދިން ޓެސްޓުތައް މިއީ..” ޝާޔާ ދެވަނަ ގަނޑަށް ބަލާލާފައި ދެލޯ ބޮޑުކޮށްލެވުނެވެ. އިސްއުފުލާ ސަލަފްގެ މޫނަށް ހިނިތުންވުމަކާ އެކު ބަލާލެވުނުއިރު ތޫނުފިލި ލޮލުގެ ތެރޭ ކަރުނަތައް ބަނބުޅަނީއެވެ.

”ހާދަ އުފާވެއްޖެއޭ. މަންމާ.. ބަލާބަލަ. މި ޓެސްޓްތަކަށް. އަހަރެން މަންމަ އަކަށް ވަނީ..” ހުއްޓުން އަރާފައި ތިބި އެންމެންގެ މޫނުމަތިން އުފާވެރިކަން ބަނބުޅައިގަތެވެ. ދުއްވާ ގޮނޑީގައި އިން މާނާ ދެއަތް ފުޅާކޮށްލީ އެއަތުގެ ތެރެއަށް އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އީރާ އާއި ޒަވީން ނުތަނަވަސްވެފައި ތިބީ ޓެސްޓުގެ ނަތީޖާ ޔަޤީންވީމައެވެ. ދެވަނަ ކަމަކަށް އެމީހުން ކުރި ކަމަކުން ވަގުތީ އުފާވެރިކަން އާއިލާއަށް ގެނުވީތީއެވެ. އެތަނުގައި ހަސަދަވެރިވެފައި އެކަކު ހުއްޓެވެ. އީފާ ދެކުނީ އެއީ ސަލަފްއާ ކައިރިއަށް އާދެވުމަށް އޮތް ހުރަހަކަށެވެ. ޔޫއާން ގަދަކަމުން ހިނިތުންވެލިއެވެ. ޝާޔާ ދެއްކީ ދޮގު ވާހަކަތަކެއް ނޫންކަން އޭނާއަށް ޔަޤީންވިއެވެ. ސަލަފް އާއި ޝާޔާގެ މެދުގައި ގުޅުންވަނީ ރަނގަޅުވެފައެވެ.

ފަހަރަކު މީހަކާ ސަލާމް ކުރަމުން ގޮސް ޝާޔާ ސަލަފްގެ ކުރިމައްޗަށް ހުއްޓުނެވެ. ސަލަފްގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް ނިޝާނެއް ނެތެވެ. ސަލަފް ހުރީ ހުއްޓުން އަރާފައެވެ.

”ސަލަފް އުފަލެއް ނުވޭތަ؟” ޝާޔާ ސަލަފްގެ ގައިގައި އޮޅުލައިގަތެވެ. ވަރަށް ބާރަށް އޭނާގެ ދެކޮނޑުގައި ހިފާ ސަލަފްގެ ހަށިގަނޑާއި ދުރުކޮށްލީ ބީރައްޓެއްސެއް ފަދައިންނެވެ. ހައިރާންވެފައި ސަލަފްގެ މޫނަށް ބަލާލި ވަގުތު މޫނުގެ ކަނާތްފަޅިއަށް ހޫނު ހަމަލާއެއް އަރައިގެން ދިޔައެވެ. ނެގި ދިލަ އާއި ވީތަދާއި އެކު މޫނުގައި ފިރުމާލެވުނީ ގިސްލަމުންނެވެ. މާނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. އަނީސާގެ މެއަށް ހީވީ ހަންޖަރެއް ހަރާލިހެންނެވެ. އޭނާގެ ކުރިމަތީ ޝާޔާއަށް މީހަކު އަތް އިސްކުރާކަށް އޭނާ ނޭދެއެވެ. ނިކަމެތި ހާލުގައި ބޮޑުކުރި ނަމަވެސް ދުވަހަކުވެސް ދެ އަންހެން ދަރިންނަށް އަތް އިސްކޮށްފައެއް ނޯންނާނެއެވެ.

”ބަނޑުބޮޑުވާންވީ ކީއްވެ؟” ސަލަފް ހަޅެއްލަވައިގަތެވެ.

”ކީއްވެ ނުވާންވީ.. ސަލަފް އާއި އަހަރެންގެ މެދުގައި ގުޅުންތަކެއް ހިނގައިދިޔައިރު ކީއްވެގެންތަ ނުވާންވީ؟” ޝާޔާ ރޮމުން ވާހަކަ ދެއްކީ ބާރަށެވެ.

”ތިޔަ ސުވާލުގެ ޖަވާބު ޝާޔާއަށް އެނގޭނެ.” ސަލަފް އެހެން ބުނި ސަބަބެއް ޝާޔާއަކަށް ނޭނގެއެވެ. މަންޒަރު ބަލަންތިބި މެންބަރުންގެ ހިތްތަކުގައި ސުވާލުތަކެއް އުފެދުނެވެ.

”މަށަށް؟” ޝާޔާއަށް އަހާލެވުނެވެ.

ސަލަފް އެއްވެސް ޖަވާބެއް ނުދިނެވެ. އެންމެންގެ މޫނުމަތިން ފެނުނު އުފާވެރިކަން މިލާ ގޮސް ތިބީ ހައިރާންވެ ދެރަވެފައެވެ. މެއާ ތިރިން ދެއަތް ހުރަސްކޮށްލައިގެން ހުރި އީފާގެ ތުންފަތްމަތީ ލާނެތް ހިނިތުންވުމެއް ވިއެވެ. އެ މަންޒަރު އެއްވެސް ލޮލަކަށް ނުފެނުނީ އެމީހުންގެ ސަމާލުކަން ސަލަފްއަށް ހުއްޓިފައިވާތީއެވެ. ޝާޔާ ދެލޯ ފޮހެލާފައި ސަލަފްގެ ކައިރިއަށްޖެހި ދެއަތުން ބާރަށް ސަލަފްގެ ގަމީހުގައި ހިފިއެވެ.

”ކީއްވެގެންހޭ މަށަށް އެނގެންވީ.. ސަލަފް. އަހަރެންގެ ވަފާތެރިކަމާއި މެދު ޝައްކުވަނީތަ؟ އަހަރެން މިހުރީ ސަލަފްގެ އަންހެނުންގެ މަޤާމުގައި. ވީއިރު އަހަރެންގެ ރަހިމުގައި އަށަގަންނަ ދަރިފުޅާއި މެދު ސަލަފް އިންކާރު ކުރަންޖެހޭ ސަބަބެއް އަހަންނަށް ބުނެދީ..” ސަލަފް ޝާޔާގެ އަތް ފޮޅުވާލިއެވެ.

”އިއްޔެ ދޮޅުގަޑިއިރު ވަންދެން މަތީ ކޮޓަރި ތަޅުލައިގެން ޔޫއާންއާ އެކު ޝާޔާ ކުރީ ކޮންކަމެއް؟ މިހާ ދުވަސްވީއިރު ޝާޔާއަށް ކީއްވެ ނުބުނެދެވުނީ ޔޫއާން އަކީ ކުރީގެ ލޯބިވެރިޔާކަން. އަދިވެސް އެ ހަނދާން ނުނެތޭކަން. އަދިވެސް އެ ގުޅުން ކުރިއަށް ގެންދަން ބޭނުންވާކަން. އެހެންނަމަ އަހަރެން ޝާޔާ މިނިވަންކޮށްދިނީސް.” ސަލަފްގެ ޖުމްލަތައް ވީ އެތަނުގައި ހާޟިރުވެ ތިބި މެންބަރުންގެ ކަންފަތަށް ހޮނު އެޅުން ފަދަ ކަމަކަށެވެ. މާނާ އަމިއްލައަށް އިސްޖަހާލީ އެ ސިއްރު ފޮރުވުމުގައި އޭނާގެ ދައުރުވާތީއެވެ. ޔޫއާން އާއި ޝާޔާގެ ކަންތައް ސިއްރު ކުރި ނަމަވެސް ޝާޔާއަށް އޭނާ އިތުބާރު ކުރިއެވެ.

ޝާޔާއަށް އަނގަމަތީ އަތް އަޅާލި ގޮތަށް ހުރެވުނީއެވެ. އަނީސާ ގެ މޫނަށް ބަލާލެވުނުއިރު މަންމަގެ މޫނުމަތިން ފެނުނު ރުޅިވެރިކަމުން އޭނާގެ ހިތަށް ލިބުނީ މާޔޫސްކަމެވެ. އެންމެންގެ މޫނުތައް ފަރާތް ފަރާތަށް އަނބުރަމުން ދިޔައީ އޭނާއަށް އިތުބާރު ކުރުމަކާ ނުލައެވެ.

ޝާޔާ އާއި ސަލަފްގެ ދެމެދަށް ޔޫއާން އައިސް ހުއްޓުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ޝާޔާގެ މޫނަށް ބަލާލުމުން ޝާޔާގެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރުން ޔޫއާންގެ ހިތް ކުދިކުދި ވަމުން ދިޔައެވެ. އިއްޔެ ކޮޓަރި ތެރޭގައި އެއްވެސް ގުޅުމެއް ހިނގައިނުދާކަން އޭނާއަށް އެނގެއެވެ.

”ސަލަފް. އެއީ ކުށްހީއެއް. އަހަރެމެން ދެމެދު..” ޔޫއާން ޖުމްލަ ފުރިހަމަ ކުރާނެ ފުރުޞަތެއް ނުދިނެވެ.

”އަހަރެން ކީއްވެ އިތުބާރު ކުރަންވީ. އެއް ކަންތައް ސިއްރު ކުރި ބަޔަކު އެކަހަލަ އެތައް ކަމެއް ސިއްރު ނުކުރާނެއޭ ކާކު ބުނާނީ” ސަލަފް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. ސަލަފްގެ ވާހަކަ ހުރިގޮތުން ޔޫއާންއަށް ނެގުނު މާނަ ގޯހެވެ. ޝައްކުގެ ތީރު އުކަންވީ ދިމާ ނޫން އެހެން ދިމާލަކަށް އުކެމުން ދިޔައެވެ.

ކޮޓަރިއަށް ވަންފަހު ދޮރު ތަޅުލެވުމާއި، ތަޅުދަނޑި ތާށިވުމާއި، ފޯނުގެ ކޭބަލް ބުރިކޮށްލާފައި އޮތުން މިއީ އިއްތިފާޤެކޭ ނުބުނެވޭނެއެވެ. ޔޫއާން ކުރަމުން ދިޔަ ޝައްކުގެ އަމާޒު ފަތްގަނޑަކަށްވީ އެއްބަނޑު އެއްބަފާ ބޭބެއެވެ.

”ޝާޔާ. ސަލަފް އެބުނީ ތެދުތަ؟ އަހަރެންގެ ކަންފަތަށް މި އިވުނީ ތެދުތަ؟ ޝާޔާ އާއި ޔޫއާން އިއްޔެ ކޮޓަރި ތެރޭގައިތަ ތިބީ.” އަނީސާ އައިސް ޝާޔާގެ ކޮނޑުގައި ހިފާ އަނބުރާލަމުން އަހަމުން ދިޔައެވެ.

”އާން. އެކަމަކު މަންމާ..”

”ހުއްޓާލާ ޝާޔާ. ހަމަ މިހާރު ހުއްޓާލާ. އަހަރެން ހީކުރީ ޝާޔާ ތިއީ މަގޭ އެންމެ ބަސްއަހާ ދަރިފުޅުކަމަށް. އަހަރެންގެ އަގު ހިފަހައްޓަން ހުރި މީހަކީ ތިއީ. ސަލަފް ވީ އޯގާގެ ބަދަލު ތިޔަ ދިނީ ރަހުމުކުޑަގޮތަކަށް. ވަފާތެރިކަމުގެ އަގު ބޭވަފާތެރިކަމުން ނިންމާލީ. ޗި. ތިއީ މަގޭ ބަނޑުއަޅާ ވިހޭ ދަރިއެކޭ ބުނަންވެސް ލަދުގަނޭ. މިއަދު ސަލަފްގެ މަޤާމުގައި އެހެން ފިރިހެނަކު ހުރިނަމަވެސް އަމިއްލަ އަންހެނުންނާއި މެދު ޝައްކު އުފެދޭނެ.” އަނީސާވެސް ޝާޔާ ކުށްވެރި ކުރިއެވެ.

”ނޫން ނޫން. މަންމާ. މަންމަގެ ޤަދަރު ކުޑަވާނެ އެއްވެސް ކަމެއް އަހަރެން ނުކުރަން. އަހަރެން ބުނާ ހައްޤު ތެދު މިއީ. ސަލަފް ނޫން މީހަކާއި އެކު އަހަރެން ދުވަހަކުވެސް…” ޝާޔާއަށް ގިސްލެވުނެވެ. އަޑުވެސް އަރުގައި ތާށިވިއެވެ. އިތުރަށް އަމިއްލަ ނަފްސް ދިފާއު ކޮށްފައި ބުނާނެ އެންމެ ލަފްޒެއްވެސް ދުލާއި ހަމަޔަކަށް ނައެވެ.

”ދެން ކީއްވެގެންތަ ޝާޔާ ބަނޑުބޮޑުވާންވި..” ސަލަފް އަނެއްކާވެސް ފެންމަތި ކުރުވީ އެ ސުވާލެވެ.

”އަހަރެން ބަނޑުބޮޑު ނުވާންވީ ސަބަބެއް ސަލަފް ދައްކާ. އޭރުން އަހަރެން ޤަބޫލު ކުރާނަން. ސަލަފް ޖެހޭނެ އެކަމުގެ ހެކި ދައްކަން. ކޮބައިތަ ހެއްކަކީ؟ ކެރެންޏާއި ދައްކަބަލަ.” ޝާޔާ ހަޅެއްލަވައިގަތެވެ. ސަލަފް ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށް ވަނެވެ. އަބަދުވެސް ފައިލު ބާއްވާތަން ހާވާފައި ނުފެނިގެން އެނބުރުނު ތަނާއި ސައިޑް ޓޭބަލްމަތީ އޮތްތަން ފެނި ފައިލު ނެގިއިރު ޝާޔާއަށް އެ ހަޤީޤަތް އެނގެއޭ ހިތް ބުނަން ފެށިއެވެ. އެތަނުގައި ފައިލު އޮންނާނީ ޝާޔާ ނެގީމައި ކަމުގައި އޭނާ ދެކެއެވެ. ސަލަފް ހަލުވި ފިޔަވަޅު ތަކެއް ނަގަމުން އައިސް ޝާޔާގެ ކުރިމައްޗަށް ހުއްޓި ފައިލުގައި ހުރި މެޑިކަލް ރިޕޯރޓްތައް ނަގައި މޫނުމައްޗަށް ވާގޮތަށް އުކާލިއެވެ. ފަންކާގެ ވަޔާއި އެކު އުދެހެމުން އުދުހެމުން ގޮސް ފަހަރަކު ކަރުދާސްގަނޑެއް ޓައިލްސް މައްޗަށް ތިރިވިއެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355