twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (51)

Jan 28, 2014

 ޖެނުއަރީ 21 ވަނަ ދުވަހުގެ ބަޔާގުޅޭ

މުށިމައްޗަށް ފެތުރުނު ކަރުދާސްތައް ނަގަމުން ޝާޔާ އެ ރިޕޯރޓްތަކަށް  ބަލާލިއެވެ. އެއީ ސަލަފް ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ ލިޔުންތަކެކެވެ. އޮޕަރޭޝަނަށްފަހު ޑޮކްޓަރު ދެއްވާފައިވާ ރިޕޯރޓުގައި ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އުމުރުގައިވެސް ކުއްޖަކު ލިބުމަކީ ނާދިރު ކަމެއްކަމުގައި ފާހަގަ ކުރައްވާފައި އޮތެވެ.

”ކާރު އެކްސިޑެންޓުގައި އަހަރެން ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން އުއްމީދު ކަނޑާލި. މާތްﷲގެ ހެޔޮ ރަޙްމަތްފުޅާ އެކު އަހަރެން ކުރި އޮޕަރޭޝަނުން ފުރާނަ ސަލާމަތް ކުރެވުނީ އެތައް ގުނަވަނެއް ޤުރުބާންކޮށްގެން. އުނަގަނޑުން ތިރިއަށް ލިބުނު ގެއްލުމުގެ ސަބަބުން އަހަންނަށް އިތުރު ޗޮއިސްއެއް ނެތް.” ސަލަފްގެ އަޑު ކުރަކިވިއެވެ. ޝާޔާ ރިޕޯރޓުތަކަށް ބަލަން ހުރެފައި ސަލަފްގެ މޫނަށް ބަލާލިއިރު ލޯވަނީ ތެމިފައެވެ.

”އަހަންނަށް އުމުރުގައި އުފަލެއް ދެވެން ނެތްކަން އެނގިހުރެ ސަލަފް އަހަންނާ ކައިވެނި ކުރީ ކީއްވެ؟ އިނުމުގެ ކުރިން އަހަންނަށް މިކަން ކިޔައިދޭން މުޙިއްމެއް ނުވިތަ؟” ޝާޔާގެ އަޑު ގުގުމައިގަތެވެ. އިޚްތިޔާރަކާ ނުލައި އޭނާގެ ދެލޯ ފުރަމުން ދިޔަ ކަރުނަތައް ފައިބައިގަތެވެ. މަންޒަރު ބަލަން ހުރި އަނީސާގެ ގާތަށް ރުޅި އައީ ސަލަފް އޮޅުވާލީތީއެވެ.

”އެއީ އަހަރެންގެ އުނިކަމެއްކަން. ނޫނީ އަހަންނަށް ތަޤްދީރުން ނިޔާކުރި ކަމެއްކަން ބުނެދޭކަށް ނޭނގެ. އެނގޭހާ ވެސް އެއްޗަކީ އަހަންނަށްވެސް ލޯބިވުމުގެ ހައްޤު އޮންނާނެކަން. އެއްފަހަރު އަހަރެން ދެކެ ލޯބިވި އަންހެން ކުއްޖަކު އަހަރެން ދޫކޮށްފައި ދިއުމުން އަހަރެން އުއްމީދުތައް ވަޅުޖަހާލާފައި ދުވަހަކުވެސް އިތުރު މީހަކާ ނުގުޅުމުގެ އަޒުމުގައި ދުވަސްތައް ގުނަން ފެށިން. ޝާޔާ ފެނުނު ދުވަހުން ފެށިގެން އެ ޚިޔާލު ދޫކޮށްލެވުނީ. ދެވަނަ ފަހަރަށް އުއްމީދުތަކެއް ކުރެވެން ފެށި. ޝާޔާ. އަހަރެން ބޭނުން ނުވީ ކައިވެނީގެ ކުރިން ކިޔައިދޭން. ޝާޔާގެ މަންމަ ދެކޮޅު ހަދާފާނެތީ. ޝާޔާ އިންކާރުކުރާނެތީ. އެކަމަކު ކައިވެނީގެ ފަހުން ތަކުރާރުކޮން އަހަރެން މަސައްކަތް ކުރިން ކިޔައިދޭން. ކޮންމެ ފަހަރަކު އަހަރެން ހުއްޓުވަނީ ޝާޔާ. މާޒީގެ ވާހަކަ ނުދައްކާށޭ ކިޔާފައި. އަހަންނަށްވެސް އަހަރެންގެ ހަޔާތުގެ ކަޅު ސަފުހާތައް އިޔާދަ ކުރުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވެ ހުއްޓާލީ.” ސަލަފް ތަކުރާރުކޮން ވާހަކައެއް ދައްކަން މަސައްކަތް ކުރި ހަނދާން ޝާޔާ ވިއެވެ. އެއިން ކޮންމެ ފަހަރަކުވެސް ސަލަފްގެ މާޒީ ކިޔައިދީފައި ޝާޔާގެ މާޒީ އަހާފާނެ ކަމުގެ ބިރަށް ވާހަކަ އޮއްބާލަނީއެވެ.

”ދެން ބުނެބަލަ. ޝާޔާ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްކަން؟” ސަލަފް ޝާޔާގެ މުލައްދަނޑީގައި ހިފާ ލަކި ޖެހިގޮތުން އޭނާގެ ކުޑަހުޅު ހީވީ ލުހިގެން އައި ހެންނެވެ.

”ސަލަފް. އަހަރެން ބުނާ ހައްޤު ތެދެއް މިއީ. ސަލަފްއާ ނޫން މީހަކާއެކު އަހަރެން ދުވަހަކުވެސް…” ޝާޔާ މޫނުމަތީގައި އަތް އަޅާލިއެވެ.

”ތި ރިޕޯރޓަކީ ސައްހަ އެއްޗެއްތޯ ބަލަން މަންމައަށް ފެންނަނީ. ސަލަފް. އަދި ކަންކަން ނިންމާ ހިސާބަކަށް ނުދޭ.”’ މާނާއަށް ނީދެވިގެން ބުނެލިއެވެ.

”ހޮސްޕިޓަލުގެ ލިޔުމެއް ސައްހަ ނުވާނެތަ؟ ” ސަލަފް އުއްމީދު ކުޑަގޮތަކަށް ބުނެލިއެވެ.

”ސަލަފް އަހަންނަށް އިތުބާރު ނުކުރަންތަ؟” ޝާޔާ ގިސްލަމުން އަހާލިއެވެ. ސަލަފް ވަގުތުން އެނބުރުނީ އަނެއް ފަރާތަށެވެ.

” ޝާޔާއަށް އިތުބާރު ކުރެވުނީތީ އަހަރެން ހިތާމަ ކުރަން. ޝާޔާ ކީއްކުރަން އަހަރެންގެ ހަޔާތަށް އައީ.” ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުން ސަލަފްއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. ސަލަފް އޭނާގެ ބޮލުގައި އިލްޒާމްތަކެއް އަޅުވާތީ ޝާޔާގެ ގާތަށް އައީ ރުޅިއެވެ.

”އަހަރެންތަ އައީ. ކަލެއަށް އަހަރެން ފެނިގެން އައީ. މަޖުބޫރުކޮށްގެން އަހަންނަށް ކައިވެނި ޝަރުތު ކުރުވީ. ޔޫއާން އާއި އަހަރެންގެ ދެމެދަށް އެޅުނު ހުރަހަކަށްވީ ސަލަފް އަމިއްލައަށް. މިއަދު ކޮންވާހަކައެއް ތި ދައްކަނީ.” ޝާޔާ ރުޅި ގަދަވެގެން ހީވަނީ ރޫޅިދާނެހެންނެވެ. މޫނުމަތި ރަތްވެގެން ދިޔައެވެ.

”އާން. އެއީ އަހަރެން ކުރި ކަމެއް. މުޅި ހަޔާތުގައި އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށަކީ ޝާޔާ ދެކެ ލޯބިވުން.” ސަލަފްގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގެން ނަމަވެސް ތުންފަތްމަތީ ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

އެންމެން ތިބީ ސިހުމެއްގެ ތެރޭގައެވެ. އިވެމުންދާ ބަސްތަކުން ދުލާއި ހަމަޔަށް ލަފުޒެއް ނުގެނެވިފައެވެ. އީރާ ހުރީ ރުއިންގަނޑު ފަޅައިގެންދާ ވަރުވެފައެވެ. އޭނާގެ ސަބަބުން ގޭތެރޭގައިވަނީ ހުޅުހިފާފައެވެ. ޒަވީންގެ މޫނަށް ރޮވިފައި ހުރެ ބަލާލާފައި ހަނު ހުރީއެވެ. އޭނާގެ ސިއްރު ފަޅާއަރާކަށް އޭނާ ނޭދެއެވެ. ސަލަފް އިރުކޮޅަކު ހުރެފައި ކޮޓަރިއަށް ގޮސް އައީ ޝާޔާގެ ފޮށި ހިފައިގެންނެވެ.

”އަހަންނަށް ރަނގަޅީ މި ހިސާބުން ޝާޔާ ދުރަށް ގޮއްސިއްޔާ. ތި ދަރިފުޅުގެ ބައްޕައަށް ޒިންމާ ނަގަން ފުރުޞަތެއް ލިބޭނީ އަހަންނާ ދުރުގައި ހުރީމަ.” ސަލަފް ފޮށި ތިރީގައި ބަހައްޓާލި ވަގުތު ޝާޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ބޯހޫރުވާލާފައި ދުވެފައި އައިސް ތިރިވީ ސަލަފްގެ ފައިބުޑަށެވެ. ދެއަތުން ސަލަފްގެ ފައިގައި ވަށާލާފައި އިނދެ އަޑު ފަޅާ ރޮއިގަތެވެ.

”ސަލަފް. ހެޔޮނުވާނެ. އަހަރެން ދުރަށް ފޮނުވާނުލާ. އަހަންނަށް ސަލަފްއާ ނުލައި ނޫޅެވޭނެ.” ޝާޔާ އިސްޖަހައިގެން އިންދާ ސަލަފް ގުދުވެފައި ޝާޔާ ބޮލު އިސްތަށިގަނޑުގައި ފިރުމާލިއެވެ. ސަލަފްގެ އަތް ވަކި ހިސާބަކަށް ގޮސް ޝާޔާގެ އިސްތަށިގަނޑުގެ ތެރޭ އިނގިލިތައް މަހާލާފައި ބާރުކޮށްލިއެވެ. ޝާޔާއަށް ވީތަދާ އެކު ރޮއިގަނެވުނެވެ. އަނިސާ އާއި މާނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ޔޫއާން މުށްކަވާލާފައި ރުޅިގަނޑު ކޮންޓްރޯލް ކޮށްލައިގެން ހުރީއެވެ. ތިރީގައި އިށީނދެ އިން ޝާޔާ ކޮޅަށް ސިކުންތުކޮޅެއްގެ ތެރޭ ސަލަފް ނެގީ އިސްތަށިގަނޑުގައި ހިފާލި ގޮތަކުންނެވެ.

”އަތްދޯތް.” ޝާޔާއަށް ވީތަދާއި އެކު ތެޅިގަނެވުނެވެ.

”މިވަގުތުން ފެށިގެން ޝާޔާ އަކީ މަގޭ އަނތްބެއް ނޫން.” ސަލަފް ޝާޔާ ކޮއްޕާލީ އަނީސާގެ ފައިބުޑަށެވެ. ޝާޔާ ހިތްވަރުލާފައި ކޮޅަށް ތެދުވިއެވެ. ސަލަފްގެ މޫނަށް ބަލަން ހުއްޓެވެ. ސަލަފްގެ ނިންމުމާ މެދު އެންމެން ނުރުހިފައި ތިއްބަސް އީފާ ހުރީ އުފަލުންނެވެ.

އޭގެ ބައިގަޑިއިރުފަހެވެ. ސިޓިންރޫމްގައި ތިބި އެންމެން ކޮޓަރިތަކަށް ވަންނަން ފެށިއެވެ. ދެމަފިރިންގެ ކަންތަކުގައި ބަހެއް ބުނަން ބޭނުން ނުވާތީ އެންމެން ހިމޭނުން ތިބެން ނިންމިއެވެ. އަނީސާ ކޮޓަރިއަށް ގޮސް ފޮއްޓަށް އެއްޗެހި އަޅައި ޓެކްސީއަށް ގުޅިއެވެ. ހުވަފެނުންވެސް ނުދެކޭހާ އަރާމުގައި އޭނާއަށް އުޅެވިއްޖެއެވެ. އަރާމު ދިރިއުޅުމުގައި ސިއްކަ ޖެހުމުގެ އަސްލަކީ ޝާޔާގެ ގޮތެއް ފޮތެއް ނެތްކަން ކަމުގައި އަނީސާއަށް ޤަބޫލު ކުރެވުމާއި ހިތް ކިލަނބުވެގެން ދިޔައެވެ. އީރާ އާއި އަނީސާ ގެއިން ނިކުންނަން ފެށުމުން ޝާޔާ ހިނގައިގަތެވެ. އޭނާގެ ހަށިގަނޑުން މިވަގުތު ހަރަކާތްކުރަނީ ދެފައި އެކަންޏެވެ. ސަލަފް އޭނާ ނިކަމެތި ކޮށްލި ގޮތް މަތިން އުމުރުގައިވެސް ހަނދާން ނުނެތޭނެއެވެ.

ޓެކްސީ ގޮސް ހުއްޓުނީ ކުރީގެ ގޭ ދޮރުމައްޗަށެވެ. ޑްރައިވަރުގެ އެހީގައި ފޮށިތައް އެތެރެއަށް ވެއްދުނެވެ. އީރާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަކަށް ޒަވީންއަށް ގުޅާށެވެ. އަނީސާގެ ފަހަތުން ހިނގަމުން ދިޔަ ޝާޔާއަށް ގޭދޮރުމައްޗާއި އަރާހަމަވިތަނާއި އަނީސާ އަތުން މަޑުކުރަން އެންގިއެވެ. އޭނާ ހޭވެރިކަންވީ އެހިސާބުންނެވެ.

”މިގެއަކު ޝާޔާއަކަށް ޖާގައެއް ނެތް.” އަނީސާ އަޑު ތުރުތުރު ލަމުން ދިޔައެވެ. ޝާޔާއަށް މަޑު އާހެއް ދޫކޮށްލެވުނެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން އޭނާހުރީ އަރުބެދޭ ގޮތްވެފައެވެ. ސަލަފް ފަދައިން މަންމަވެސް އޭނާ ބާކީ ކޮށްލާތީ އެހެން ނުހަދާތޯ އާދޭސްކުރަން ބޭނުންވިއެވެ.

”ޝާޔާއަށް ތި ބޮނޑި ދިން މީހަކު ކައިރިން ހިމާޔަތް ހޯދާ. އުޅެން ނޭނގިގެން ތިއައީ ހުސްއަތަކާ ނޫން. އިތުރު ބުރައަކާ އެކު.” އަނީސާއަށް އޭނާ ބުރައަކަށްވީ އަޑު އަހާފައި ހިތް ފަޅަފަޅައިގެން ދިޔައެވެ. މިފަހަރުވެސް އޭނާއަށް ރުއިން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. އަނީސާ އޭނާގެ މޫނުމައްޗަށް ދޮރުޖަހާފައި ތަޅުލި އަޑު އިވުނެވެ. ޝާޔާ ބާރަށް ދެއަތުން ދޮރުގައި ތަޅައިގަނެފައި ހުޅުވާށޭ ގޮވަން ފެށިއެވެ.

މޫސުމް ގޯސްވާންފެށީ ކުއްލިއަކަށެވެ. ވައިގަދަވެފައި ވިދުވަރުގެ އަލި ފެންނަން ފެށިއެވެ. ވާރޭ އޮއްސައިލީ ކުއްލިއަކަށެވެ. ވަޔާ އެކު ވާރޭގެ ތިކިތައް ރަހުމެއްނެތި އޭނާ ތެންމަމުން ދިޔައެވެ. ދޮރުގައި ގަޑިއިރެއްހާއިރު ތެޅިއިރުވެސް ޚަބަރެއް ނުވެގެން ޝާޔާ ހިނގައިގަތެވެ. އޭނާ އަކީ މަންޒިލެއް ނެތް ބިކަ ހާލުގައި ޖެހިފައިވާ މީހެކެވެ. ވަންނާނެ ގެދޮރެއް ނެތެވެ. ގުގުރީގެ އަޑަކީ އޭނާ އެންމެ ބިރުގަންނަ އަޑެވެ. ވަޔާއި އެކު އަންނަ ފިނި ވާރޭ އޭނާ ބަލިކަށިކޮށްލިއެވެ. އެކަމަކު އޭނާ ހުއްޓެން ގަސްތެއް ނުކުރިއެވެ. ފިނިބޮޑުވެ ތުރުތުރު އަޅާ ހާލުގައި ހިނގަމުން ދިޔައިރު ދެފައިން ވާގި ދޫވެ ވެއްޓެން އުޅޭހެން ހީވެއެވެ. ޝާޔާ ހިތްވަރުކޮށްފައި ދެންވެސް ދިޔައީ ކުރިއަށެވެ.

ޖެހިގެން އޮތް ގޯޅި އަޅާލިވަގުތު އެގޯޅިން ނިކުން ކާރުގެ އަލިން އޭނާގެ ލޮލަށް އުދަނގޫވިއެވެ. ކާރު އައިލެއް ބާރުކަމުން މޫނުމައްޗަށް އަތް ނަގާފައި ހަޅެއްލަވައިގަނެވުނެވެ. ކާރު ދުއްވަން އިން ޒުވާނާއަށް ބުރަކި ޖައްސާލެވުނީ ކިރިޔާއެވެ. މަގު މެދުގައި އަތް ހުރަސްކޮށްގެން ހުރި އަންހެން ކުއްޖާ ފެނުމުން އަވަސް އަވަހަށް ކާރުން ފޭބުނެވެ. ޝާޔާ އަތް ތިރިކޮށްލިވަގުތު މޫނުމައްޗަށް އަނދިރިވިއެވެ. ކައިރީގައި ހުރި މީހާގެ މޫނު ވަކިވުމުގެ ކުރިން އޭނާ ދެމުނެވެ. އެ ޒުވާނާ ހުށިޔާރުކަމާ އެކު ބިމުގައި ޖެހުމުގެ ކުރިން ޝާޔާ އަތްދަނޑިމައްޗަށް ނެގިއެވެ. ކާރުގެ ފަހަތު ޝީޓަށް ޝާޔާ އަރުވައިގެން އޭނާ މިސްރާބުޖެހިއެވެ.

ޔޫއާން ކޮޓަރިއަށްވަދެ އެތައް އިރެއްވީއިރުވެސް ރުޅި މަޑުވާގޮތެއް ނުވިއެވެ. ސަލަފް ކަންތައް ކުރިގޮތުން ބަހުގެ ހަމަލާތަކެއް ދޭން ހިތުއަޅައިގެން ރުޅިގަނޑު ބާލަން އޭނާ ނިކުތެވެ. ސަލަފްގެ ކޮޓަރި އާއި އަރާހަމަވިތަނާ އޭނާއަށް އިވުނީ އަޑެކެވެ. ކުޑަދޮރުން ބަލާލިއިރު ސަލަފްގެ ކައިރީގައި އީފާ ހުއްޓެވެ.

”މިއީ ހާދަ އުދަނގޫ ދަނޑިވަޅެކޭ. ހިތަށް އަރާ ކީކޭ ކިޔާފައިބާއޭ ސަލަފްއަށް ހިތްވަރު ދޭނީ. އަސްލުވެސް ލޯބިވާ މީހަކު ބޭވަފާތެރިވުމުން ލިބޭ ހިތްދަތިކަމަށްވުރެ މި ދުނިޔޭގައި ބޮޑު ހިތާމައެއް ނެތް. ސަލަފްގެ ނިންމުން ހަމަ ސަތޭކަ. ޝާޔާ ގެއިން ނެރެލި ގޮތް ހަމަ ބަރާބަރު. އެވީ ހަމަ ރަނގަޅަށް. ދެ މުދާގަނޑު ފަހާ ދުވަން ހަދައިގެން އޭނާއަށް ލިބުނީ ކޮންމޮޅެއް. ސަލަފް ދެރަނުވޭ. އަހަރެން މިހުރީ ސަލަފްއަށްޓަކައި. އަހަރެން އެނބުރި އައީ ސަލަފްއަށްޓަކައި. މާޒީގައި ހެދުނު ގޯސްތަކުން އިބްރަތް ލިބިގެން ހެޔޮގޮތުގައ ކުރިއަށްދާންވެގެން. ސަލަފް ހަޔާތަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިނީ އަހަރެން. އަހަންނަކީ ސަލަފްގެ ކުރީގެ ލޯބިވެރިޔާ އެކަންޏެއް ނޫން. އަބަދުވެސް ހެޔޮއެދޭ އެކުވެރިއެއް. ޝާޔާގެ ހަޤީޤަތް ސަލަފްގެ ލޮލަށް ދައްކައިދިނީ އަހަރެން.” އީފާގެ އަޑު އިވިފައި ޔޫއާން މުށްކަވާފައި ފާރުގައި ބޮޑިއެއް ޖެހިއެވެ. އީފާ އަބަދުވެސް ލޯބިވެރިޔާ ދެކެ ލޯބިވާ ވާހަކަ ދައްކައެވެ. ސަލަފް އަކީ އޭނާގެ ލޯބިވެރިޔާކަން އަދި ކިރިޔާ މި އެނގުނީއެވެ. މި ކުޅިގަނޑު ކުޅެމުންދަނީ ސަލަފް އާއި އީފާ ގުޅިގެން ކަމުގައި ޔޫއާން ދެކެއެވެ

ސަލަފްގެ ބަހެއް އިވޭތޯ ޔޫއާން އެތަނުގައި މަޑުކުރިއެވެ. އީފާއާ ދެކޮޅަށް އެއްޗެއް ނުބުނެ ހިމޭނުން އިނުމުގެ މާނައަކީ އީފާއާ ސަލަފްގެ މެދުގައި އަޑި ނޭނގޭ ގުޅުމެއް އޮތްކަމުގެ ދަލީލެއްކަން ޔޫއާން ޤަބޫލުކުރިއެވެ.

ޝާޔާއަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭނާ ސިހިފައި ބަލާލެވުނީ އޮވެވުނީ ކޮންތަނެއްގައި ތޯއެވެ. އެންމެ ފަހުން ހުރީ މަގުމަތީގައި ކަމުގައި ވިއަސް މިހާރު އޮތީ އަރާމު އެނދެއްގައެވެ. ތެތް ހެދުން ވަނީ ބަދަލުކޮށްފައެވެ. އޭނާގެ އަތުގައި މީހަކު އަތްލިހެން ހީވެ ބަލާލިއިރު ހަތަރު އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އިނީ އޭނާގެ ކައިރީގައެވެ. ޝާޔާގެ މޫނަށް ބަލާފައި އެ ކުއްޖާ މައުސޫމްގޮތަކަށް ހީލިއެވެ.

”ބައްޕާ..އަވަހަށް އާދެބަލަ.” އެ ކުއްޖާ ދުވެފައި ނިކުންނަމުން ގޮވާލިއެވެ. ބަރު ފިޔަވަޅުތަކެއްގެ އަޑު ޝާޔާއަށް އިވުނެވެ. ކޮޓަރިއަށް ވަނީ ހަތާވީސް އަހަރުގެ ޒުވާނެކެވެ. ޝާޔާއަށް ބަލާފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާއި އޭނާގެ ދަރިފުޅު އަނގަ ބަންދުކޮށްލީ އެކުއްޖާ ބުނި އެއްޗަކުންނެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355