twitterviber whatsapp telegramfacebookyoutube instagram
17th September 2026

އަދަބިއްޔާތު – ޅެން ހެދުމަކީ…

Jan 30, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ޅެންހެދުމަކީ މީބޮޑުކަމެއް، ކުރެވޭ ވަރަށްވުރެ ބުރަކަމެއް

ޅެން ބަހުރުވައިން އެއްޗެއް ބުނުން، މީވާ މަށަށް އުނދަގޫކަމެއް

ޝައުޤެއް މިކަމުގައި ހުއްޓަކަސް، ކުރުމަށް މިކަން ބޭނުންވިޔަސް

ނުކިޔަވަ މިކަން ހުރި މީހަކަށް، ނޫނޭ މިއީވާ ދަތިކަމެއް

ޅެމުގައި އެހުންނަ ވަޒަންތަކާ، އޭގައި އެވާ އެކި ހަމަތަކާ

އެނގިފައި ނެތީމާ ރީތިކޮށް، ކިހިނެއް މިއީ ވާނޭ ކަމެއް

ބަހުގައި އެވާ އެކި ހަމަތަކާ، ބޭނުން ކުރާނޭ ގޮތްތަކާ

ބަހުރުވަ ބަދަލުވާ ގޮތް މޮޅަށް، ނޭނގޭ ކަމުން ހިތްދަތި ކަމެއް

ލިޔެފައި އެހުރި މޮޅު ޅެންތަކާ، މީހުން އެ ފަންނަން މޮޅުކަމާ

ފެނިފައި މަށަށްވެސް ވާނެޔޭ ހީކޮށް ކުރަން އުޅެވޭ ކަމެއް

މީ ފަންނަކަސް މޮޅުދަސްކުރާން، ބޭނުންވިޔަސް ރީޗަށް ކުރާން

މީހަކު މަށަށް މިކަމުގަ އެހީ ނުވިކަން މިއީ ވާ ދެރަކަމެއް

ދަތި އުނދަގުލުން ހެދިޔަސް ޅެމެއް، އޭގައިވިޔަސް މޮޅު ޢިބްރަތެއް

ކަތި ބަސްބަހުން މީހުން ފޮށޭ، ކޮންމެސް ބަޔަކު ނުރުހޭކަމެއް

ވަކި ގަލަމަކުން ލިޔުމުން ޅެމެއް، އޭގައި ނެތަސް މާ މޮޅުކަމެއް

ކެކިގެން އަރާ އެންމެން ދުލުން، ތަޢުރީފް ކުރަމުންދާ ކަމެއް

އިންކާރު ކުރިޔަސް މިކަމުގައި، އިންސާފުގައި އެކަހެރިވެގެން

ވިސްނައި މިކަން ހުރި ގޮތްކިޔާން ޖެހުމީ އިތުރު ހިތްދަތި ކަމެއް

ކޫރުންތަކެއް އެޅުނަސް ހިތުން، ރޫޙަށް އަރާމު ލިބޭކަމެއް

ދޫކޮށް ނުލައި މިގޮތުން ވިޔަސް ހުއްޓައި ނުލާނެ މިއީ ކަމެއް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293