twitterviber whatsapp telegramfacebookyoutube instagram
25th November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (52)

Feb 4, 2014

 ޖެނުއަރީ 28 ވަނަ ދުވަހުގެ ބަޔާގުޅޭ

ޝާޔާއަށް ބަލާފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އޭނާގެ ދަރިފުޅު އަނގަ ބަންދުކޮށްލީ އެ ކުއްޖާ ބުނި އެއްޗަކުންނެވެ.

”ބައްޕާ. މަންމަ ކައިރީ ބުނެބަލަ ދެން ދުވަހަކުވެސް ޒާފް ދޫކޮށްފައި ނުދައްޗޭ.” ޝާޔާ ހައިރާންވެފައި ބަލަން އިންދާ ފެނުނީ އެ މައުސޫމް ކުއްޖާގެ ދެލޯ ފެންކަޅިވެގެން ދިޔަ މަންޒަރެވެ. ކަރުނައިގެ ސައިލާބު ކުޑަ ހިނދުކޮޅެއްގެ ތެރޭ ދެލޯ ފުރި ބަންޑުންވެގެން ދިޔަތަނެވެ.

”ޒާފް. ޑޯންޓް ކްރައި. އަހަރެން ވާހަކަ ދައްކާނަން. ދޭ ހުދާ ކައިރިއަށް.” ޒާފްއާ ހަމަޔަށް ތިރިވަމުން ކޯތާފަތްމަތި ތެންމަމުން ދިޔަ ކަރުނަތައް ފޮހެލައިދެމުން ޒުވާނާ ވާހަކަ ދެއްކީ މަޑުމައިތިރި ކަމާ އެކުގައެވެ. ޒާފް ހިނިތުންވެފައި ނިކުންނަމުން ދޮރު ލައްޕާލި އެވެ.

ސަލަފްގެ ކޮޓަރިން ނިކުމެގެން އީފާ ގޮސް ކޮޓަރިއަށް ވަން ފަސްފަހަތުން ޔޫއާން ވަނެވެ. ކޮޓަރީގެ ދޮރު ލައްޕާ ތަޅުލި އަޑަށް އީފާ ބަލާފައި ޔޫއާން ހުރިތަން ފެނުމުން ހައިރާންވިއެވެ.

”ޔޫއާން. މިގަޑީގައި.” އީފާ ވަރަށް ހަމަޖެހިލާފައި ވާހަކަ ދެއްކިއެވެ. ޔޫއާން ހަލުވި ފިޔަވަޅުތަކެއް އަޅާފައި އީފާ ކައިރީ ހުއްޓި ދެކޮނޑުގައި އަޅާ ފާރާއި ދިމާލަށް ކޮއްޕާލިއެވެ. ކުއްލިއަކަށް ޔޫއާން ގެނައި މި ހަރަކާތުގެ ސަބަބުން ނުވިސްނާ ހުރި އީފާ ފާރުގައި ޖެހުނު ގޮތުން ތަދުވިއެވެ.

”އައުޗް. ޔޫއާން. ކޮން ރުޅިއެއް.” އީފާ ކޮނޑުގައި ފިރުމާލަމުން ބަލާލިއިރު ފާރުގައި ގޭނުނު ދިމާލުން އިނީ ލޭކޮށިފައެވެ.

”އަހަރެން ކުރާ ސުވާލުތަކަށް އީފާ ތެދުބަހުން ޖަވާބު ދީ.” ޔޫއާން އީފާގެ ބޮލު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އީފާއަށް ތަދުވިކަން ރަމްޒު ކޮށްދިނީ ލޯ ފުރިގެން ދިޔަ ކަރުނަތަކުންނެވެ.

”ސަލަފް އަކީ އީފާގެ ލޯބިވެރިޔާތަ؟” ޔޫއާން ބޭނުންވީ އީފާގެ އަނގައިން ބުނުއްވާށެވެ. ވަމުން ދިޔަ ތަދުގެ ސަބަބުން އީފާ ވަގުތުން އިއުތިރާފްވިއެވެ.

”ކީއްވެގެން ނުބުނީ އަހަރެން ކައިރީ.” ޔޫއާން ކުރިއަށްވުރެ ބޮޑަށް އީފާގެ އިސްތަށިގަނޑަށް ވާންކޮށްލިއެވެ. އީފާ އެއް އަތުން ޔޫއާންގެ އަތް ނައްޓަން މަސައްކަތް ކުރަމުން ޖަވާބުދާރީވީ އިރު އޭނާގެ އަޑު ތުރުތުރު އަޅައެވެ.

”މަސްލަހަތައްޓަކައި.”

”ދޮގު. އީފާ ބޭނުންވީ އަޑިން ނޫން ކަމަށް ހެދިގެން ސަލަފް އާއި ކައިރިވާން.” ޔޫއާން ހަޅެއްލަވައިގަތެވެ.

”އާން.” އީފާ އެއްބަސްވިއެވެ. ދޮގު ހަދައިގެން މަތި އޮމާން ކުރަން އޭނާ ބޭނުމެއް ނޫނެވެ. ސަލަފް ހުސްވެފައި ހުރުމުން އެންމެ ރަނގަޅުވާނީ އެގޮތެވެ. ޔޫއާން ފަސޭހައިން އޭނާ މިނިވަންކޮށްދޭނީ އޭރުންނެވެ.

”އަހަރެން އަބަދުވެސް ބޭނުންވަނީ ސަލަފް އަހަރެންގެ މީހަކަށް ހަދަން.” އީފާ ބުނެލިއެވެ. ޔޫއާން އީފާގެ އިސްތަށިގަނޑުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.

”އަހަރެން އެނބުރި އައީ މަޢާފަށް އެދެން. ސަލަފް ޝާޔާއާ ކައިވެނިކޮއްގެން އުޅޭކަމެއް އަހަންނަކަށް ނޭނގެ.” އީފާ ހާމަކުރަމުން ދިޔައީ ފަސްޖެހުމެއް ނެތިއެވެ.

”ސަލަފް ދޫކޮށްފައި ދިޔައީ ކީއްވެ؟” ޔޫއާންގެ އަޑުގައި ރިހުމެއް ހުއްޓެވެ.

”ސަލަފް އެކްސިޑެންޓްވެ ކުއްޖަކު ނުލިބޭނެކަން އެނގުމުން އަހަރެން ދިޔައީ. އެ ނުކުޅެދުންތެރިކަން އުޒުރަކަށް ހަދާފައި. ފަހުން އިޙްޞާސްވި ސަލަފް އަކީ ހަށިގަނޑުގެ ދިރުމަކީ އެއީކަން. އަހަރެން މާޔޫސްވި ސަލަފްގެ ހަޔާތުގައި އަހަރެންގެ މަޤާމު ދެވަނަ މީހަކަށް ދީފައި ހުރުމުން. އަހަރެން ބޭނުންވީ އެއްކައިރި ކުރަން.” އީފާ ކިޔައިދެމުން ދިޔައެވެ.

”ސަލަފް ހިތުގައި ޝައްކު އުފެދޭނެކަމާ މެދު އަހަރެން އުއްމީދެއްވެސް ނުކުރަން. ސަލަފް އަކީ ވަރަށް ބަލިކަށި މީހެއް. އަހަރެން ދެއްކި ވާހަކަ އޭނާ އެންމެ ފަހަރަކުން ޤަބޫލު ކުރި. އަހަރެން ހެކިވެސް ދެއްކިން. ޔޫއާންއަށް ޝާޔާގެ ނަމުގައި އަދި ޝާޔާއަށް ޔޫއާންގެ ނަމުގައި ނޯޓްފޮނުވައި ބޮޑު ކޮޓަރީގައި ބައްދަލު ކުރުވީ އަހަރެން. ދެމީހުން ވަނުމުގެ ކުރިން ފޯނުގެ ލައިން ކަނޑާލީވެސް އަހަރެން. އަދި ދެމީހުން ވަނުމަށްފަހު ތަޅުވަޅަށް އަލްޓިކޯ އަޅައި ތަޅުދަނޑި ތާށިކުރީވެސް އަހަރެން. އެހިސާބުން އަހަންނަށް އެނގިއްޖެ ސަލަފް އާއި ޝާޔާގެ ގުޅުން އޮތީ ހީނަރުވެފައިކަން.” އީފާ ހުއްޓާލިއެވެ.

”ދެން ޕްރެގްނެންސީ ރިޕޯރޓް.؟” ޔޫއާން އަހާލިއެވެ.

”އެކަން އަހަރެން ނުދެނަހުރިން. އެއީ އަހަރެން ކުރި ކަމެއް ނޫން. އެއީ ޝާޔާ ހުރި ހާލުކަމެއް ނޫނީ ލެބޯރޓްރީގެ މައްސަލައެއްކަމެއް ނޭނގެ. ހަމަ ތެދެއް މިބުނީ. އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރޭ.” އީފާ ހުވާކުރަން ފެށުމުން ޔޫއާންއަށް ޤަބޫލު ކުރެވުނެވެ.

ޝާޔާގެ ކުރިމަތީގައި ހުރ ހުސްގޮނޑީގައި އިށީންނަމުން އެ ޒުވާނާ ކުޑަ ތަޢާރަފެއް ދިނެވެ.

”މިއީ ޒިޔާދު. އަހަންނަކީ ޒާފްގެ ބައްޕަ. އަހަރެން މަޢާފަށް އެދެން ޒާފްގެ ވާހަކައިން ހައިރާންކަން ލިބުން ނަމަ.” ޒިޔާދު ތަޢާރަފްވުމުން ޝާޔާވެސް އޭނާގެ ނަން ބުނެފައި ހިމޭނުން އިނެވެ.

”ޒާފްގެ މަންމަ. އަހަރެންގެ އަންހެނުން ފިޒާ މަރުވީ ޒާފްގެ އުމުރުން އެއް އަހަރުގައި. ކާރު އެކްސިޑެންޓެއްގައި. އެ ދުވަހަށްފަހު ތަކުރާރުކޮށް ޒާފްއަށް ވިސްނައިދޭން މަސައްކަތް ކުރަމުން މިދަނީ މަންމަ ނާންނާނެ ކަމުގައި. އެކަމަކު އެ ޅަ ސިކުނޑިއަށް އެކަން ނަގައިގަނެވޭ ގޮތެއް ނުވޭ. ކޮންމެ ރެއަކު ބޮޑާހާކާނެ މަންމަ ނެތިގެން. މިރޭ އެންމެ ފަހުން އަހަރެން ނިކުމެގެން ދިޔައީ އޭނާ ބޮޑާ ހާކަން ފެށީމަ. އަހަރެން ނިކުންނަން އުޅުމުން އޭނާ ބުނި މަންމަ ގޮވައިގެން ނޫނީ އެނބުރި އައިސްގެން ނުވާނެ ކަމުގައި. ކަންދިމާވިގޮތުން އަހަރެން ވަނީ ޝާޔާ އަތްމައްޗަށް ލައިގެން. އޭނާއަށް ޤަބޫލު ކުރެވުނީ ތިއީ މަންމަ ކަމުގައި. ސޮރީ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިފުޅަށް ދޮގު ހަދާކަށް. އަދި މަންމަ ނޫން މީހަކަށް މަންމަ ކިއުއްވާކަށް. ޝާޔާއަށް ނޭނގި އަހަރެމެންގެ ދިރިއުޅުމަށް ވައްދާކަށް.” ޒިޔާދު ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި އާދޭސް ކުރާ މީހަކު ފަދައިން ދެއަތް ޖޯޑުކޮށްލިއެވެ.

”މިރޭ މޫސުމް ގޯސް ނޫންނަމަ އަހަރެން އެދޭނަން މިވަގުތުވެސް ނިކުންނަން. އަހަރެން އެދެނީ އިރު އެރުމާ އެކު ޝާޔާ މިގޭ ދޫކޮށްފައި ދާން.” ޒިޔާދު ނިކުމެގެން ދިއުމުން ޝާޔާ ބޮލު އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. ޒިޔާދުގެ އޯގާތެރިކަމުން މިރޭގެ ހިޔާވަހިކަން ލިބުނު ކަމުގައިވިއަސް މާދަމާ އޭނާ ވަންނާނެ ފުރާޅެއް ނެތެވެ. އޭނާގެ މަންމަވެސް އޭނާ ބޭރުކޮށްލީއެވެ. ސަލަފް އޭނާ ވަރިކުރި ގޮތުގެ މަތިން ހަނދާންވުމުން ރޮވިއްޖެއެވެ. އޭރު ކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލައިގެން ޒާފް ބަލަން ހުއްޓެވެ.

ޔޫއާން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ ސަލަފްގެ ކޮޓަރިއަށެވެ. ސަލަފް ސޯފާގައި ދިގު ދެމިލައިގެން އޮތްތަން ފެނި އޭނާ މުށް ބާރުކޮށްލިއެވެ. އަދި ސަލަފްއާ ދިމާލަށް ގުދުވެފައި ގިރުވާނުގައި ހިފާ ކޮޅަށް ނެގިއެވެ.

”ކަލޭ  މިއަދު ސާބިތުކޮށްދީފި ތިއީ އެ މުޑުދާރު ބައްޕަގެ ދަރިއެއްކަން.” ޔޫއާން ސަލަފް ދަމާފައި ނެރުނީ ކޮޓަރިން ބޭރަށެވެ.

”ކަލެއާއި ބައްޕަ ތިބީ އެކައްޗަކަށް. ކަލޭ ހަށިގަނޑުގައި ކެކެމުން ތިދަނީ އެ މުޑުދާރު ލޭ. ތިއީ ހަމަ އެ ޝަހުސިއްޔަތު. އެ ގޮތް ދޫނުކުރުން. ފިނޑިކަން. ހަޤީޤަތް ޤަބޫލު ނުކުރާކަން. އަދި އަނިޔާ ކުރުން. ހަޤީޤަތް ޤަބޫލު ނުކުރެވޭ މީހަކު ކީއްކުރަންބާ ދުނިޔެއާއި ކުރިމަތި ލަނީ.” ޔޫއާން ހީވަނީ ރުޅީގެ ސަބަބުން ރޫޅިދާނެހެންނެވެ. ސަލަފް ޔޫއާންގެ އަތް ފޮޅުވާލާފައި ފަހަތަށް ޖެހިލިއެވެ.

”ޔޫއާން ކިޔަން ބޭނުން އެއްޗެއް ސާފްކޮން ކިޔާބަލަ.” ސަލަފްއަށް ޔޫއާން ކީ އެއްޗެއް ދޭހަ ނުވީތީ ޔޫއާން ރުޅި ގަދަވިއެވެ.

”ކަލޭ ހީކުރީ ކީކޭ. ޝާޔާގެ ބަނޑުގައި އުފެދޭނީ އަހަރެންގެ ދަރިއެކޭތަ؟ އަހަރެން މިއީ އެހާ މުޑުދާރު މީހެއް ނޫނޭ. ކައިވެނީގެ ބޭރުން އަންހެނެއްގެ ކިބައިން އަހަރެން އުފާ ލިބިގަންނާކަށް ނޫޅޭނަން. ސަލަފް. ޝާޔާ ބޭނުންކުރީ ކަލޭ. ވީއިރު ޤަބޫލު ނުކުރަންވީ ކީއްވެގެންތަ؟”  ޔޫއާން އަސްލު މައުޟޫއަށް ޖެހިލިއެވެ.

”އޯހް. ސިންޕަތީ ވެވެނީތަ؟ ނުވާންވީ ކީއްވެ. ކުރީގެ ލޯބިވެރިޔާ ވިއްޔަ. އޭނާއަށް ލިބޭ ދެރައަކީ ޔޫއާންގެ ހިއްސާއެއް ވިއްޔަ. ޔޫއާން. އަހަރެންނަށް ޔަޤީން ޝާޔާ އަހަންނަށް ބަނޑުބޮޑު ނުވާނެކަން.” ސަލަފް މަލާމަތްކޮށްލާފައި ގޮތުގައި ހިފެހެއްޓިއެވެ.

”ބައްޕަވެސް ކަންތައް ކުރި ގޮތް ތިއީ. މަންމަ އަހަންނަށް ބަނޑުބޮޑުވުމާ އެކު ބެލީ ބޯ ދަމައިގަނެވޭތޯ. އަހަރެން މިއީ އޭނާގެ ދަރިއެއްކަމަށް ޤަބޫލެއް ނުކުރި. އަހަރެންގެ ސެޓްފިކެޓްގައި އިންނާނީ ބައްޕަނެތް ޒިނޭގެ ދަރިއެއްގެ ގޮތުގައި. އޭރު މަންމަ ހުރީ ބައްޕައާ އިނދެގެން. ޝާޔާއަށްވެސް މިވީ އެހެން. ބައްޕަ އަހަރެން ގިނަ ކުރީ.” ޔޫއާންގެ ރުޅި ކަރުނައަށް ބަދަލުވެގެން ދިޔައެވެ.

”ޔޫއާން. ކަލޭ އެންމެ ފަހަރަކު ނަމަވެސް ހަޤީޤަތް އަހަން އެއްބަސްވެބަލަ.” ފަހަތުން މާނާގެ އަޑު އިވިފައި ދެމީހުން އެކުގައި ބަލާލިއެވެ. ގޮނޑި އަމިއްލައަށް ދުއްވަމުން މާނާ އައިސް އެތަނުގައި ހުއްޓެނީއެވެ.

”ބައްޕަގެ މަޤާމުގައި ކޮންމެ މީހަކު ހުރިނަމަވެސް ކަންތައް ކުރާނީ އެފަދައިން. ޔޫއާން ފަޟީހަތްވެ ގިނަވީ އަހަރެންގެ އިޙްމާލުން. ބައްޕަ މަސައްކަތް ނިންމާފައި ގެއަށް އައިރޭ ތަންމަތި ފަޅުފިލުވަން އަހަރެން ކައިރީ ފިރިހެނަކު ނެތްނަމަ ފަހަރެއްގައި އެހެން ދިމާނުވީސް.” މާނާ އިސްޖަހާލިއެވެ. ޔޫއާން ހައިރާންވެފައި މާނާއަށް ބަލާލިއެވެ.

”ބައްޕައަށް އަހަރެން ޒިނޭކުރާކަން އެނގުމުން ނެރެ އެއްލާލީ. އޭގެ ހަފްތާއެއް ފަހުން އެނގުނީ އަހަރެން ބަނޑުބޮޑުކަން. ހުދު އަހަންނަށްވެސް ޔަޤީންނުވި ބަނޑުގައި އޮތީ ކާކުގެ ދަރިއެއްކަން. އަހަރެން ކުށަށް އިއުތިރާފްވެ ދެވަނަ ފުރުޞަތަކަށް އެދުމުން ބައްޕަ އަހަންނަށް ދެވަނަ ފުރޞަތެއް ދިން އެކަމަކު ޔޫއާން އަކީ އޭނާގެ ދަރިއެއްކަން ޤަބޫލެއް ނުކުރި. އަހަރެން އެކަމަށް ގަދައެއް ނާޅަން. އޭގެ ތޭރަ އަހަރުފަހުން މަރު ތަންމަތީގައި އޮވެފައި އޭނާ ވަސިއްޔަތް ކުރީ ޔޫއާންގެ ޑީއެން އޭ ޓެސްޓްހަދަން. ޔޫއާން އަކީ އޭނާގެ ދަރިއެއްކަން އެނގުނު އިރު އޮތީ ސަލަފްގެ ނަމަަށް ހުރިހާ މުދަލެއް ބަދަލުކޮށް ނިމިފައި. އެހެންވެ މަރަށް ދަމުން ސަލަފްއަށް ވަސިއްޔަތް ކުރީ ޔޫއާންއަށް މުދަލުން ބައި އަޅަން. އެކި ފަހަރަކު ހާލު ނިޔާކުރާނީ އެކި ގޮތަށް. ސަލަފް. މަންމަ ހީކުރީ ސަލަފް އަކީ ކެއްތެރި އިންސާނެއް ކަމަށް. އެންމެ މިނެޓެއްގެ ތެރޭ ކަންތައް ނިންމުމަށްވުރެ ބޮޑަށް އެކަމުގެ ހަޤީޤަތް ބަލާނެ މީހަކު ކަމަށް. ޝާޔާ އާއި މެދު ސަލަފް ކަންތައް ކުރީ ރަނގަޅަކަށް ނޫން. އަހަރެންގެ ހިތް ބުނޭ ޝާޔާ އާދޭސްކޮށްފައި އެ ދެއްކި ވާހަކައަކީ ތެދެކޭ.” މާނާ ސަލަފްއަށް ބަލާލިއެވެ. ސަލަފް ހުރީ އިސްޖަހައިގެންނެވެ.

”އެންމެ ފަހަރަކު ހޮސްޕިޓަލުން ޔަޤީން ކުރި ނަމަ. ސަލަފް. މަންމަ ހީކުރީ ޔޫއާންއަށްވުރެ ބޮޑަށް ޝާޔާ ދެކެ ލޯބިވަނީ ދަރިފުޅުކަމަށް.” މާނާ ބުނި އެއްޗަކުން ސަލަފް ހިތުގައި ޖެހުނެވެ.

”އަހަންނަށް ގޮތް ނިންމުނީ އަވަހަށް ކަމަށް ވެދާނެ. އެކަމަކު އަހަރެން ޔަޤީންކުރާކަށް ބޭނުމެއް ނޫން. ޝާޔާ އަހަރެން ދެކެ ލޯބިވާނަމަ އަހަންނަށް އެކަން ސާބިތުކޮށްދޭނެ.” ޔޫއާން ހިނގައިގަންނަމުން ބުނެލިއެވެ.

”ނޫން. އަހަރެން ހޮސްޕިޓަލަށް ގޮސް ޔަޤީނެއް ނުކުރާނަން. ސަލަފް އަހަންނަށް އިތުބާރު ކުރާނަމަ އެނބުރި އަންނާނެ. ޔަޤީންކުރަން ބޭނުންވާނީ އޭނާ.” ޝާޔާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އެކަނި އިނދެ ވިސްނަމުން ދިޔައެވެ. އޭނާ ބަނޑުބޮޑުވިއަސް ފަރުވާލެއް ނެތެވެ. އޭނާގެ ރަހިމުގައި އުފެދޭނީ ހަމައެކަނި ސަލަފްގެ ލެއެވެ. އޭނާ ދުވަހަކުވެސް ސަލަފް ނޫން މީހަކާއި އެކު ގުޅުން ހިންގާފައެއް ނޯންނާނެއެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލާފައި އޭނާ އިނީ ވިސްނުމުގެ ތެރޭގައެވެ.

ނުނިދިގެން އީރާ ތެދުވިއެވެ. ޒަވީންގެ ނަންބަރަށް ގުޅާފައި  ފޯނަށް ބަލަހައްޓައިގެން އިންދާ އެކޮޅުން ފޯނު ނެގިކަން ސްކްރީނުން ދައްކަން ފެށިއެވެ.

”ޒަވީން. އަހަރެން ބޭނުންވަނީ ހުރިހާ ވާހަކައެއް ކިޔައިދޭން. އެ ރިޕޯރޓަކީ ޝާޔާގެ ނަމުގައި އޮތަސް އަހަރެންގެ ރިޕޯރޓެއްކަން ބުނަން ބޭނުންވަނީ. އަހަރެންގެ ސަބަބުން ޝާޔައްތަގެ ދިރިއުޅުން ހަލާކުވާކަށް އަހަރެން ނޭދެން ” އީރާއަށް ރޮވުނެވެ. އެކޮޅުން ޒަވީންގެ ޖަވާބެއް ނާދެއެވެ. އިރުކޮޅަކުން އިވުނީ ފޯނު ކެނޑުނު އަޑެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355