twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަދަބިއްޔާތު – މި ނޫން ގޮތެއްނެތް…؟

Feb 5, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ހިތާމަ ތަކާ ތަދާ ވޭނާ، ލިބޭ މިޙަޔާތުގައި އަސްތާ

ފިލައިދާނޭ ޝިފާއެއް ދޭނެ މޮޅު ހަމަ އެކަކުވެސް އަދު ނެތް

މިލައިގެން ދިޔަ ހަޔާތުގެ ޤުލްޝަނުން ގެއްލުނު އެ ޗާލޫކަން

ފިލައިގެން ގޮސް ބަހާރެއްއާ އަލުން ގެންނާނެ މީހަކު ނެތް

މަލުން ވަސްމީރުވީ ތާޒާ ހަދައިގެން އުޅުނު ގުލްދަސްތާ

މަލުން ވަސްނެތި ފިލައި ދިއުމުން ހިފާނޭ އެކަކުވެސް އަދުނެތް

އަރައިގެން އައި ނަޞީބުގެ ތަރި އުޑުން އަދު އޮއްސިގެން ދިއުމުން

ވަށައިގެން އަނދިރިކަން ނޫނީ މިއަދު ފެންނާކަށެއްވެސް ނެތް

އެކީގައި އުޅުނު މިތުރުން ވެސް އެކީ އެއްތަށިމަތިން ކައިގެން

ދެމީހަކު އެއްވެލައި ތިބެގެން ހެފުންކަށި ނޫންކަމެއްވެސް ނެތް

ބަލައިލާ ކޮންމެ ލޮލަކުންވެސް، ކުރިން ރުހިގެން ބަލައި އުޅުނަސް

ބުރައިގެން އަންނަ އަލިފާނުން މިއަދު ނުފިހޭ ގޮތެއްވެސް ނެތް

ކުރާ ހަމަ ކޮންމެ ކަމަކަށްވެސް ނިކަން ރަނގަޅޭ ކުރިންބުނެފައި

ކުރާ އެއްވެސް ކަމެއް މިއަދަކު، ކަމާދާނޭ އެކަކުވެސް ނެތް

މަޔާ ބަފަޔާ ޅައިރު ލޯބިން އުރައިގެން އޭރު އުޅެ އުޅެފައި

އަރާ އަރަފޯދުމުން ދަރިޔާ ގަޔާވާނޭ ގޮތެއް އަދުނެތް

ކޮލަށް ބޮސްދީ އަތުން ފިރުމާ ނިކަން ލޯބިން އެކީ އުޅެފައި

ކޮޅަށް ހުންނާނެ ވަރުނެތުމުން އެހީވާނޭ އަތެއްވެސް ނެތް

އިލާހީ ޤުދުރަތުން ރާވާ، ގޮތެއް މާމޮޅު އެހެން އޮއްވައި

ޚިޔާލީ ކެއްކިޔަސް ފޮލައެއް ޙަޤީޤަތަކަށް އެ ވާކަށް ނެތް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355