އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި
ކުނިކޮށި އެ އޮތްތަނުގައި ކުރިން އޮވެޔޭ ހެދިފަ ބޮޑު ފެންގަނޑެއް
އެކިވަރުގެ މަސްތައް ދިރިއުޅޭ މާސާފުނޫން ލޮނު ފެންގަނޑެއް
މާފަލުގެ ފެންގަނޑު ނަމުން މީހުން އެތަނަކަށް ނަންކިޔާ
މާ ދުރުދުރަށް އުތުރަށް އޮވޭ ގުޅިފައި އެކީގައި ޗަކަގަނޑެއް
ފެންގަނޑުގެ މެދުގައި ގަސްހެދޭ އޮވެޔޭ އުފުލިފައި ވެލިގަނޑެއް
ފެންނަން ބަލައިލީމާ ދުރުން ސިފަ ވާނެހެން ކުޑަ ރަށް ގަނޑެއް
ފެންހަރުފަޔާ ކުޅިކޯޅިޔާ، ކަކުނީގެ އެކި ބާވަތް ތަކާ
ފެންގަނޑު ތެރޭގައި ހަރުހަދައި އާލާ ވެދާ ހާލީ ގަނޑެއް
އެކި ފާޑު އުދުހޭ ދޫނިތައް އެކި މޫސުމަށް އެކި މިންވަރަށް
އެކިތަންތަނުން އައިސް އަބަދުވެސް ތިބެޔޭ އެތަނުގައި ބައިގަނޑެއް
ގޮނޑުދޮށް ފަރާތުން ހޭޅިފަށް ފެންގަނޑުގެ ދެކުނު ފަރާތުގައި
ބޮޑުކޮށް އޮވޭ ކަށިކެޔޮގަހާ މަގުލާ ހެދޭ ބޯ ވާގަނޑެއް
ފެންގަނޑުގެ ދެކުނުން ދިޔަފަށުން ގުޅިފައި އެކީ އޮންނާނެހެން
ފެންނަން ދުރުން މާދުރުދުރަށް ފެތުރިފަ އޮވޭ ހަރު ގާގަނޑެއް
ފެންގަނޑުގެ އުތުރު ފަރާތުގައި ގޮނޑުދޮށުގެ ސިފަކޮށްދޭނެހެން
ފެންގަނޑުގެ ރާޅުޖަހާފަށުން ގުޅިފައިވަނީ ކަޅުވެލިގަނޑެއް
ބޮޑަވަކި ކުރެދި ތަކަފަތި ހެދޭ ފެންގަނޑު ތެރޭގައި ރީތިކޮށް
ބޮޑުވާ ދިޔާގައި ފެންގަނޑާ މޫދާ ގުޅޭ ކެނޑި ބާގަނޑެއް
ނަންވެސް އެތަނުގެ ކިޔާއުޅޭ ނީވޭ މިހާރަކު އެކަކުވެސް
ފެންނަން އެތާ އޮތްނަމަ އެތަން ގައިމުން ނުވީސްތާ ނެތި ފަނޑެއް