twitterviber whatsapp telegramfacebookyoutube instagram
18th February 2026

އަދަބިއްޔާތު – ކުޅުދުއްފުށީ މަށިކުޅި

Feb 16, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

ކުޅުދުއްފުށީގައި ފަޚުރެކޭ މަށިކުޅި އަކީ އޮތް އުފެދިފައި

ކުޅުދުއްފުށީގެ ނަމާ ގުޅޭ ރަމްޒެއް އެއީ އޮތް އެކުވެފައި

ކުޅުދުއްފުށީ ކޮޅުގައި އުތުރު ސަރަޙައްދަކަށް ބޮޑު ފެތުރިފައި

ކުޅުދުއްފުށީގެ ބިމުން ބައެއް ފެންނާނެހެން އޮތް ޗަކަވެފައި

ކުޅިއަށް އެވާ ސަރަޙައްދުގައި ބުރެވީގެ ގަސްތައް އެތުރިފައި

ކުރިތައް ފަޅައި ހެދެމުން އެދާ ޖަންގައްޔަކަށް ސިފަ ކުރެވިފައި

ކަނޑުލާއި ކުއްޅަވަކާ ހެދޭ ބިމެކޭ އެއީ މުއްސަނދިވެފައި

ރަނޑުލާއި ބޮޑަވަކި އެކުލެވޭ ގުލްޒާރެކޭ އޮތް ފަރިވެފައި

މޫދުގަ އުޅޭ އެކި ފާޑު މަސް ފެންގަނޑުތެރޭ ޝާމިލްވެފައި

މޫދުގެ ފެނާ ކުޅިއާގުޅޭ ކޯރެއް ކުރިން އޮތް ހުޅުވިފައި

ރާއްޖޭގެ އެއްވެސް ކުޅިއަކުން ފެނިފައި ނުވާ މަށި ހުދުވެފައި

ރާއްޖޭގެ ނިސްބަތުގައި ވިޔަސް ނުމެނެތް މެޔޭ ފާހަގަވެފައި

ރަށުގައި އުޅޭ ގިނަ އަންހެނުން ބޮނބިފާ ކަމަށް އޮތް ބެލެވިފައި

ޝައުޤާ އެކީ މާލީ ނަފާ ހޯދާނެ ގޮތް ހުރި ފަހިވެފައި

ތަރިކައެއްމީ ރައްޔިތުން ނަށް ވާރުތައިން އޮތް ލިބެވިފައި

ފަރިކަމެއް އަދި ޢިއްޒަތެއްމީ ކަމުގައި ރަށަށް އޮތް ހިމެނިފައި

އެކި ރަށްރަށުން އެކި މިންވަރަށް ހުރި ކުޅިތަކެއް ފާހަގަވެފައި

ދެކި ލައްވަވާށޭ މިކުޅިއެއް ނުމެނެތް ޙިމާޔަތް ކުރެވިފައި

އިލްތިމާސެއް މީ ކުރާ ޅެންބަހުރުވައިން އޮތް ލިޔެވިފައި

މިލްކުގައި ބާއްވާށެ އެދެނީ ރައްޔިތުން އެއްބަސްވެފައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355