twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (54)

Feb 18, 2014

 ޖެނުއަރީ 11 ވަނަ ދުވަހުގެ ބަޔާގުޅޭ

ޒާފްގެ ކައިރީ އޮށޯންތަނާ ޝާޔާއަށް ނިދުނީ ރޭގައި ވެސް ރަނގަޅަށް ނުނިދާ ހުރުމުންނެވެ. އެކަމަކު އެގޮތުގައި މާގިނަ އިރު ހޭދައެއް ނުކުރެވުނެވެ. ސިހިފައި ދެލޯ ހުޅުވުނީ ޒާފް ކުކުރާ އަޑަށެވެ. ޝާޔާ ތެދުވެ ބަލާލިއިރު ކުރުގެޅިގެން ޒާފް އޮތީ ހީކަރުވާތީއެވެ. ހެޑްބޯޑްމަތީގައި އޮތް ރިމޯރޓްނަގައި އޭސީ ނިއްވާލާފައި ފައިލާކޮޅުގައި އޮތް ރަޖާގަނޑު އަޅައިލެން އުޅެނިކޮން ޝާޔާގެ އަތް ޒާފްގެ އަތުގައި ޖެހުނެވެ. ރަޖާގަނޑު ޝާޔާއަތުން ދޫވީ އަތަށްވީ ހޫނެއްގެ ބޮޑުކަމުންނެވެ. ޝާޔާ އަވަސް އަވަހަށް ޒާފްގެ ކަރުދަށުގައި އާއި މޭގައި އަތްފިރުމާލާފައި ޔަޤީންކުރިއެވެ.

ގޭގައި ކައްކަން ގެންގުޅޭ މީހާއަށް ގޮވާފައި ޒިޔާދުއަށް ގުޅައިދިނުމަށް އެދިފައި ޝާޔާ އަވަސްވެގަތީ ތުވާއްޔެއް ތެތްކޮއްފައި ޒާފްގެ ގައިގައި އަޅައިދިނުމަށެވެ.

ޔޫއާން އާއި ޒިޔާދު އެކުގައި ގޮސް ވަނީ އީރާ އެދުވަހު ދައްކާފައި އިން ޑޮކްޓަރުގެ ކޮޓަރިއަށެވެ. ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮން ޒިޔާދުއަށް ގެއިން ގުޅާފައި ޒާފް ހުންއައި ވާހަކަ ބުނުމުން ޒިޔާދުއަށް ޖެހުނީ ދާށެވެ. ޒިޔާދު ގެއަށް ދިޔައިރު ޝާޔާ ހުރީ ޒާފްގެ ހެދުން ބަދަލުކޮއްދީފަ ހޮސްޕިޓަލަށްދާން ތައްޔާރުވެގެންނެވެ.

ސަލަފް އޮފީހުން ނިކުންއިރު އީފާ ހުރީ ކާރު ކައިރީ މަޑުކޮއްގެންނެވެ. އީފާގެ އަތުގައި ބާޒާރު ދެތިން ކޮތަޅު ހުރުމުން އީފާ އެއައީ ބާޒާރުކޮއްގެންކަން އެނގެއެވެ.

”މިތާ ކައިރި ފިހާރައަކަށްވަދެފައި މިއައީ. ދެން ހިތަށް އެރި ދާނީ ސަލަފް އާއި އެކުގައޭ.” އީފާ އަމިއްލައަށް އިސްނަގައިގެން ވާހަކަ ދެއްކިއެވެ. ސަލަފް އީފާގެ ކައިރީ އަރާށޭ ބުނެފައި ކާރަށް އެރިއެވެ.

”މިހާރު ގޮތެއް ނިންމައިފިންތަ؟” ކާރު އިސްޓާޓް ކުރަމުން ސަލަފް އަހާލިއެވެ.

”އާން. އަހަރެން މިހުރީ ސަލަފް އިންނަން ހުރިއްޔާ އިންނަން. އެކަމަކު އަހަރެން ވަނީ ޔޫއާންއަށް ރަންކިޔާފައި.” އީފާ ބުނެލިއެވެ.

”އެކަން ހަމަޖެހޭނެ. އަހަރެން ގާޒީއާ ވާހަކަ ދެއްކުމުން ބުނެފި ކައިވެނި ކުރަން ތިބި ދެމީހުން ބޭނުންނަމަ އެއީ ބާތިލް ކުރެވޭނެ އެއްޗެކޭ. އަހަންނަށް ޔަޤީން، ކަންވީގޮތުން ޔޫއާން އީފާ އާއި އިންނަން ބޭނުން ނުވާނެކަން. ޝާޔާ ހުސްވީފަ ޔޫއާން ޖެހޭނީ އެފަރާތަށް.” ސަލަފް ކާރު ދުއްވާލިއެވެ. އީފާ އިނީ ހިތްހަމަޖެހިފައެވެ.

”ޝާޔާގެ ވިޔާނުދާކަން އެނގުނީމަވެސް ޔޫއާންގެ ހިތް ބަދަލުނުވިކަން އެއީ މައްސަލައެއް. އަދި ޔޫއާން އަރުގައި އޭގެ ހިތި ރަހަ ލާނެ. ސަލަފް. އަހަންނާ ކައިވެނި ކުރަން ނިންމީ އަދިވެސް ލޯބިވާތީތަ؟” އީފާ ބަލާލީ ސަލަފްގެ މޫނަށެވެ.

”އަހަރެން ބޭނުންވަނީ ޝާޔާއާ ވީހާވެސް ދުރަށް ދާން. ކައިވެންޏަށްފަހު އަހަރެން ލަންކާއަށް ބަދަލުވާން ގަސްތު ކުރަން.” ސަލަފް ވިސްނާފައިވާ ގޮތް ހާމަކުރިއިރު އީފާ އިނީ އުފަލުންނެވެ. ސަލަފްގެ ލޮލުގައި އެޅުވި އަދުން ހައްތަހާވެސް ވަނީ ބޮލެވެ. އިންތިހާއަށް ލޯބިވީ މީހަކުދެކެ އެއަށްވުރެ ބޮޑަށް ނަފްރަތު ކުރާކަން އެއީ ނަޞީބެވެ.

ސަލަފްގެ ކާރު އާދައިގެ ދުވެލީގައި ދުއްވަމުން ދިޔައެވެ. ސަލަފް މިސްރާބުޖެހި ގޯޅިން އަޅަން ގަސްތުކުރިތަނާއި އެ ގޯޅިއަށް އެކާރަށްވުރެ އަވަހަށް ދެވަނަ ކާރެއް ވަނެވެ. ސަލަފްއަށްޖެހުނީ ދުވެލި ހައްތަހާވެސް މަޑުކުރާށެވެ. ކުރީގައި އޮތް ކާރު ކުލިނިކެއްގެ ދޮރުމައްޗަށް ހުއްޓާފައި ބަޔަކު ނިކުންނަންދެން ސަލަފްއަށްވެސް ޖެހުނީ މަޑުޖައްސާލާށެވެ. ސަލަފް އިނީ އެއްފަރާތަކަށް މޫނު އަނބުރާލައިގެންނެވެ. ބާޒާރު ކޮތަޅުތައް ހާވަމުން ދިޔަ އީފާ އިސްއުފުލާލިވަގުތު ކުރީގައި އޮތް ކާރުން ފޭބި ޝާޔާ ފެނި ދެލޯ  ބޮޑުކޮއްލެވުނެވެ. އަވަހަށް ސަލަފްއަށް އިޝާރާތުން ދައްކާލެވުނެވެ. ސަލަފް ބަލަން އިންދާ ޝާޔާ ފައިބާފައި އަތްދިމާކުރުމުން ކާރު ތެރެއިން އޭނާ އަތަށް ދިއްކުރީ ކުޑަ ފިރިހެން ކުއްޖެކެވެ. ދެން ފޭބީ ފިރިހެނެކެވެ. އެކުއްޖާ މެއާއި ބޮޑިކޮއްލައިގެން ކުލިނިކުގެ ތެރެއަށް ވަދެގެން ދިޔަ މަންޒަރު ފެނިފައި ކާރުން ސަލަފްއަށް ފޭބުނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. އެމީހުންގެ ފަހަތުން ހިނގައިގަތުމުން އީފާ ކޮތަޅުތައް ކާރުގެ ތެރެއަށް ދޫކޮއްފައި ފައިބައިފި އެވެ.

ޒާފް ހުންގަދަކަމުން ޒިޔާދުގެ އެދުމަށް ޒާފް ބޭއްވީ އަވަސްފަރުވާދޭ ބައިގައެވެ. ޝާޔާ ކައުންޓަރަށް ގޮސް މެމޯ ހައްދައިގެން އެނބުރިލިތަނާ ކުރިމަތީގައި ހުރި ސަލަފް ފެނި އަތުން މެމޯ ކޮޅު ދޫވެގެން ވެއްޓުނެވެ. ލޮލުން ފޭދުނު ކަރުނައަށްވުރެ ކުރިން އޭނާގެ ދެ ތުންފަތްމަތީ ދުވެލީ ފަނޑު ހިނިތުންވުމެކެވެ. ސަލަފް އޭނާ ބަލާ އައީ ކަމަށް ހިތާ އެދިމާލަށް ހިނގައިގަންނަން އުޅުމުން ސަލަފް އެއަތް ނަގައި މަޑުކުރަން އެންގިއެވެ.

”އަހަރެންގެ ހިތް އަބަދުވެސް ބުނޭ އަހަރެން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ނޫންކަން. މިއަދު އަހަންނަށް ހެކި ފެނިއްޖެ.” ސަލަފް އަމިއްލަ ނަފްސާ މެދު ފަޚްރުވެރިވެފައި ދެ ޖީބަށް އަތްޖަހާލިއެވެ. ޝާޔާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ.

”ލޮލަށް ފެންނަ މަންޒަރަކީ ބައެއް ތެދުކަމުގައި ނުވެދާނެ.” ޝާޔާ އަޑުގައި ތުރުތުރު އެޅުމެއް ހުއްޓެވެ.

”އަހަރެންގެ ދެލޯ އަހަންނަށް ކެހިދޭނެތަ؟ އަހަންނަށް އަބަދުވެސް ފެންނަނީ ރަނގަޅު މަންޒަރު. ޝާޔާ ފޮރުވަން މަސައްކަތްކުރާ ހަޤީޤަތް އަހަންނަށް ހާމަވާތީ ޝާޔާ ލަދުގަންނަނީތަ؟ އަހަންނަށް ދެންމެ ފެނުނީ ޝާޔާގެ ލޯބިވރިޔާ އާއި އޭނާގެ ދަރިފުޅު ދޯ. އަނެއްކާ ބަނޑުބޮޑުވީވެސް އޭނާއަށްތަ؟” ސަލަފް ކައިރިއަށްޖެހިފައި ފަހު ޖުމްލަތައް ބުނީ ހަމައެކަނި ޝާޔާއަށް އިވޭވަރަށެވެ. ސަލަފްގެ ހުރި ގޮތް ދޫނުކުރުމާއި ބޮޑާކަމުގެ މައްޗަށް އޭނާ އާދެސްކޮއްފައި އޮހޮރުވާ ކަރުނައިގެ އެއްވެސް އަގެއް ނޯންނާނެއޭ ހިތަށް އެރިއެވެ. ދުލުން އެއްޗެއް ބުނުމުގެ ކުރިއަށް ޝާޔާ އަތް އިސްކުރިއެވެ. ސަލަފްގެ މޫނުމައްޗަށް އެރި ހޫނު ހަމަލާ އާއެކު ހައިރާންވެފައި ބަލާލެވުނު އިރު ޝާޔާ ދެލޯ  ފޮހެލަނީއެވެ.

”އާން އެއީ ހަޤީޤަތް. އުފަލެއް ނުދެވޭ ފިރިހެނަކާއި އެކު މަށެއްވެސް އުޅޭކަށް ބޭނުމެއް ނުވާނެ. އެއީ އަހަރެންގެ ލޯބިވެރިޔާއަކީ. އަހަރެންގެ ހުރިހާ އުއްމީދަކީވެސް. ސަލަފްގެ ވަކިތަކުން މިންޖުވެގެން އައިސް އަހަރެން މިއުޅެނީ ވަރަށް އުފަލުން. އެނބުރި ދިއުމުގެ ޚިޔާލެއްވެސް ނެތް. ސަލަފްގެ ނިންމުންވެސް ރަނގަޅު. ތަޤްދީރު ނިޔާކުރާ ކޮންމެ ފަހަރަކު ދެލޮލަށް ފެންނަ މަންޒަރުތައްވެސް ސައްހަ. އެއީ އަހަރެން ފޮރުވަން މަސައްކަތް ކުރާ ހަޤީޤަތް. އަހަރެންނަކީ ދަހިވެތި އަންހެނެއް. އަހަރެން ބޭނުންވީ ދެކޮޅުންކާން. އޭނާގެ ފަރާތުން އުފާ. ސަލަފްގެ ފަރާތުން މުއްސަނދިކަމާއި ފައިސާ. އެނގިއްޖެތަ؟” ޝާޔާގެ އަޑު ގަދަވެގެން ދިޔަވަރުން ޒިޔާދުއަށްވެސް އެތަނަށް އާދެވުނެވެ. ޒިޔާދު އައިތަން ފެނި ސަލަފް އިތުރަށް އެއްޗެއް ނުބުނެ އައިކޮޅަށް ހިނގައިގަތީއެވެ. ސަލަފް އަޅުވަން މަސައްކަތް ކުރާ ދޮގު އިލްޒާމް ޝާޔާއަށް ކެތްނުވެގެން އަމިއްލަ ބޮލުގައި އެޅުވީއެވެ.

”ޝާޔާ.” ޝާޔާ މޫނުގައި އަތް އަޅައި ބާރަށް ރޮއިގަތުމުން ޒިޔާދުއަށް ކައިރިއަށް ދެވުނެވެ. ޝާޔާގެ ދެކޮނޑުގައި ހިފާ ގަޔާއި ކައިރިކޮއްލެވުނެވެ. ޝާޔާވެސް ހިތްދަތިވެ ހިމާޔަތް ބޭނުންވެފައި ހުރިވަރުން ޒިޔާދުގެ ކަރުގައި އޮޅުލައިގަނެވުނެވެ. ސަލަފް ދޮރުން ބޭރަށް ނިކުންނަން ހަދާފައި ބަލާލިވަގުތު ފެނުނު މަންޒަރުން ކުރިއަށްވުރެ ބޮޑަށް މޫނު ފުސްކޮއްލެވުނެވެ.

”ސޮރީ. އެންމެ ފަހުން މިކަމުގައި ޒިޔާދުވެސް ޝާމިލް ކުރެވިއްޖެ.” ޝާޔާ ދުރަށްޖެހިލީ އޭގެ އިރުކޮޅެއްފަހުންނެވެ.

”އަހަންނަށް ހުރިހާ އެއްޗެއް އެނގިފައި އޮތީ. ޔޫއާން އަހަންނަށް ކިޔައިދީފި. ޔޫއާން މަސައްކަތް ކުރަނީ ޝާޔާ ކުށެއް ނެތްކަން ސަލަފްއަށް ސާބިތުކޮއްދީފައި އަލުން ތި ދެމީހުން ގުޅުވަން. ޝާޔާ ލޯބިވަނީ ސަލަފް ދެކެއެއްނު. އެކަމަކު ބުނަން މިއީ އަހަރެން އަމިއްލައަށް ބުނާ އެއްޗެއް. އެއްވެސްކޮޅަކަށް ބުރަވާތީއެއް ނޫން. އަދި ޔޫއާން އަކީ އަހަރެން އެކުވެރިއަކަށްވާތީ އޭނާ  ރަނގަޅު ކުރަނީކީވެސް ނޫން. ޝާޔާއަށް ދުވަހަކުވެސް ޔޫއާން ވަރުގެ މީހަކު ނުލިބޭނެ. ޔޫއާން އަބަދުވެސް އަމިއްލަ އުފަލަށްވުރެ ޝާޔާގެ އުފާ އިސްކުރޭ. އެނގޭތަ ފަހުން އަހަރެންގެ ނިންމުން ބަދަލުވި ސަބަބު. އަހަރެން ޝާޔާއަށް ގޭގައި މަޑުކުރަން ހުއްދަ ދނީ ޔޫއާން އެދިގެން. އިތުބާރު ނުކުރާމީހަކަށް ހެކި ދައްކައިގެން އަލުން އިތުބާރު ހޯދުމަށްވުރެ ރަނގަޅުވާނެ އިތުބާރުކުރަން ދަންނަ މީހަކާއެކު އުޅެން ގަސްތުކޮއްފިއްޔާ. ޝާޔާއާ ހުރިހާ ގޮތަކުންވެސް ގުޅެނީ ޔޫއާން އާއި.” ޒިޔާދު ހިނގައިގަތެވެ. ޝާޔާ އެ ފިޔަވަޅުމަތީ ހުއްޓިގެން ހުރީއެވެ. ޒިޔާދު ދެއްކި ވާހަކަތަކާއި މެދު އޭނާއަށް ވިސްނަން މަޖުބޫރުވިއެވެ.

ގެއަށް ވަންގޮތަށް ސަލަފް ހަރުކޮން ހިނގާފައި ގޮސް ވަނީ ކޮޓަރިއަށެވެ. އީފާ ސަލަފްގެ ފަހަތުން ހިނގައިގެންތަނާއި ސަލަފްގެ އަޑުއިވިފައި އޭނާއަށް ޖެހުނީ ހުއްޓޭށެވެ.

”އަހަރެން ބޭނުންވަނީ އެކަނިވެލަން.” ސަލަފް އަޑުގައިވަނީ ވަރުބަލިކަމެވެ. އީފާ އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.

”ސަލަފް ޔޫ ނީޑް މީ.” އީފާ ކުރިއަށް ފިޔަވަޅެއް ނެގިއެވެ.

”އަހަރެން ބުނި އެއްޗެއް ނީވުނީތަ؟” ސަލަފްގެ އަޑު ބާރުވިއެވެ.

”އޯކޭ.” އީފާ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. މިވަގުތު ސަލަފް އެކަނިވާން ފުރުޞަތު ދީފިނަމަ ސަލަފްގެ ސިކުނޑިން ޝައްކުތައް އެއްކިބާވެދާނެއެވެ. އީފާ ހިތްބިރުގަނެފައި ހުރެ ކޮޓަރިއަށް ވަނެވެ. ސަލަފްއަށް އެކަނިވާން ފުރުޞަތު ލިބުމުން ކުރިއަށްވުރެ ބޮޑަށް ހާސްވިއެވެ. ޝާޔާ ބުނި ލަފްޒުތައް ސިކުނޑީގައި އެނބުރުން ފެށުމުން ކުރިއަށްވުރެ ހިތުގެ ރިހުން ގަދަވެއްޖެއެވެ.

”އުފަލެއް ނުދެވޭ ފިރިހެނަކާއެކު މަށެއްވެސް އުޅޭކަށް ބޭނުމެއް ނޫން.” ފުރަތަމަ ސިކުނޑީގައި ޓަކި ޖަހާލީ އެ ޖުމްލައެވެ. ދެން ހީވީ ކަންފަތްތެރޭ އެ ޖުމްލަ ހާސްފަހަރު ގުގުމަންފެށިހެންނެވެ. ބޮލުގެ ރިހުން ގަދަވިވަރުން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހާލައިގެން ކަކޫ މައްޗަށް ތިރިވެވުނެވެ.

”އަހަރެން ބޭނުންވީ ސަލަފްގެ މުއްސަނދިކަން.” ދެވަނަ ޖުމްލަ އިވެންފެށީ ކޮޓަރިތެރެންހެން ހީވާންފެށިއެވެ. ސަލަފް ވަށައިގެން ބަލާލިއިރު ކޮންމެ ދިމާލަކުން އޭނާދެކެ ނަފްރަތު ކުރާ ހާލުގައި ހުރި ޝާޔާ ފެންނަމުން ދިޔައެވެ. އޭނާގެ ނުކުޅެދުންތެރި ވާހަކަ އޭނައާ ދިމާލަށް ގޮވަނީއެވެ.

”ނޫން……ނޫން.” ސަލަފް އަޑުގެ ނެތްކޮޅަށް ހަޅެއްލަވައިގަތެވެ. އޭނާގެ އަޑަށްވުރެ ޝާޔާގެ އަޑު ހީވަނީ ގަދަހެންނެވެ. އެ ޖުމްލަތައް ތަކުރާރުވަމުން ދިޔައެވެ. ލޮލުން ނިރާލި ކަރުނަތައް އެގޮތުގައި ހިފަހައްޓާލުމަށްފަހު ސަލަފް ކޮޅަށް ތެދުވިއިރު އޭނާގެ ދެލޮލުގެ ރިހުމަށްވުރެ ރުޅި ގަދައެވެ. ފުރަތަމަ އެ ރުޅީގެ އަމާޒު ފަތްގަނޑަކަށްވީ މޭޒުމަތީގައި ހުރި ޝާޔާގެ ފޮޓޯގަނޑެވެ. އެނަގައި އަތުކޮޅަށް ހޫރާލެވުނެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ރީތިވާ ސާމާނުތައް އަތުން ޖަހައި ބަންޑުންކޮއްލިއެވެ.

ޒާފް ހުންމަޑުވެ ދޫކޮއްލުމުން ގެއަށްދިޔައިރު އެގޭގެ ސޯފާގައި ޔޫއާން އިނީ އެމީހުންގެ އިންތިޒާރުގައެވެ. ޒާފް ކޮނޑުމައްޗަށް ލައިގެން ޒިޔާދު ގޮސް ވަނީ ކޮޓަރިއަށެވެ. ޝާޔާ އައިސް އިށީނީ ޔޫއާން އިން ސޯފާގައެވެ. ޒިޔާދު ދެއްކި ވާހަކަތަކުން ޝާޔާއަށް އަސަރުކޮއްފިއެވެ.

”ޝާޔާ އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނަންތަ؟” ޔޫއާން ފުންނޭވާއެއް ދޫކޮއްލިއެވެ. ހަޤީޤަތް އަހަން ޝާޔާއަށް ފަސޭހަ ނުވާނެކަން އޭނާއަށް އެނގެއެވެ.

”ޝާޔާ. މި ޓެސްޓް ނަތީޖާ ނުބައީކީ ނޫން. މިއީ ސައްހަ އެއްޗެއް.” ޔޫއާން ރިޕޯރޓް ދައްކާލިއެވެ. ޝާޔާއަށް ޤަބޫލު ނުކުރެވިފައި އަތްޖައްސާލެވުނީ އޭނާގެ ބަނޑުގައެވެ. ކުޑަވަގުތުކޮޅަކަށް ބަނޑުބޮޑުކަމުގައި ޤަބޫލު ކުރެވުނީ ޔޫއާން ބުނަން އުޅެނީ ކީކޭކަމާ މެދު ވިސްނާނުލެވިއެވެ.

”މާނައަކީ ޝާޔާ ބަނޑުބޮޑެއް ނޫނޭ.” ޔޫއާންގެ ޖުމްލައިން އޭނާއަށް ހައިރާންކަން ލިބުނެވެ. މަޑުމަޑުން ބަނޑުމަތީގައި އޮތް އަތް ނެގުނެވެ.

”އެކަމަކު މި ރިޕޯޓަކީ ތެދު.” ޔޫއާން ބުނަން އެއްޗެއް ޝާޔާއަށް ދޭހައެއް ނުވިއެވެ. އޭނާ ބަނޑުބޮޑު ނޫންނަމަ ޕޮޒިޓިވް ޖަހާފައި އިން ރިޕޯރޓް ސައްހަވާންވީ ކީއްވެބާއޭ އޭނާގެ ހިތަށް އެރިއެވެ.

”ކީކޭ ތިކިޔަނީ.”

”މިއީ ޝާޔާގެ ނަމުގައި އެހެން މީހަކު ހަދާފައި އިން އެއްޗެއް.” ޔޫއާން މަޑުމަޑުން ކިޔައިދެމުން ދިޔައެވެ.

”އެނގޭތަ އެއީ ކާކުކަން. ޝާޔާ ޤަބޫލުވެސް ނުކުރާނެ.” ޔޫއާން ދެލޯ މަރާލިއެވެ. އަނެއްކާވެސް އޭނާ މަސައްކަތް ކުރީ ހަމަޖެހިލާށެވެ. އެގޮތުގައި އިންދާ އޭނާގެ ކޮނޑުގައި މަޑު އަތްތިލައެއް ބާއްވާލި އިޙްޞާސް ކުރެވިގެން ބަލާލިއިރު ޝާޔާ އިނީ ވަރަށް ކައިރީގައެވެ.

”އަހަރެން ޔޫއާން ދައްކާ ވާހަކަ ޤަބޫލުކުރަން. އަދި އިތުބާރުވެސް ކުރަން.” ޝާޔާގެ ޖުމްލަ އިވިފައި ޔޫއާން ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ.

”އެއީ..”

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355