ކުޑަކުދިން ބައެއް ކާބޯތަކެއްޗަށް އެލާޖިކް ވުމަކީ އާއްމުކަމެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ލަންޑަންގެ އާއިލާއަކަށް އުފަން ފިންލޭ ރެންސަން މުޅިން ތަފާތެވެ. ހުރިހާ ވައްތަރެއްގެ ކާނާއަށް ވަރަށް ބޮޑަށް އެލާޖިކުވާ ތިން އަހަރުގެ މި ކުޑަ ކުއްޖާ ދިރިހުރުމަށް ކަނީ ހަމައެކަނި ފެނު ކައްކާފައިވާ މެޓާ އެވެ.
ފިންލޭ ރެންސަން އަކީ ވަރަށް މަދުން ނަމަވެސް ފެންނަ އެލާރޖީއެއް ކަމަށްވާ އިއޮސިނޮފިލިކް އެންޓެރޮކްލެޓިސް ޑިސްއޯޑަރ ހުންނަ ކުއްޖެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ ހަޖަމްކުރާ ނިޒާމުގެ ތެރޭގައި ހުންނަ ވައިޓް ބްލަޑް ސެލް ހުންނަން ޖެހޭވަރަށް ވުރެ ގިނަވެއެވެ. އަދި ހަޖަމްކުރުމުގެ ތެރޭގައި އެތެރެހަށީގެ ބައެއް ގުނަވަންތައް ދުޅަވެ ޓިޝޫތައް ހަލާކުވެއެވެ.
ލަންޑަންގެ ގްރޭޓް އޮރްމޮންޑް ހޮސްޕިޓަލުން ފިންލޭ ބެލުމަށް ޖެނެޓިކް ޓެސްޓުތަކެއް ހެދުމަށްފަހު ބުނީ މި އެލާރޖިކް ރިއެކްޝަން އަންނަނީ އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ކާނާއަކީ ވައިރަސްގެ ގޮތުގައި ބަލައިގަންނާތީ އެވެ. ކަން މިހެން ހުރުމާއެކު އޭނާގެ ހަށިގަނޑު އެތެރެއަށް ލޭ އަންނަ ގޮތްވެ އެވެ.
ފިންލޭއަށް ކެވެނީ ‘ގްލޭސިއަރ މިންޓް’ ކިޔާ މެޓައެކެވެ. އެނޫން އެހެން އެއްވެސް ވައްތަރެއްގެ ކާނާއެއް ނުކެވެ އެވެ. އެހެން އެއްވެސް އެއްޗެއް ކައިފިނަމަ އޭނާ ވަރަށް ބޮޑަށް އެލާރޖިކުވެ އެވެ.
ދުވާލަކު 6 ފަހަރު ކާންދޭންޖެހޭ ފިންލޭ މިހާރު ދިރިއުޅެނީ ދުވާލަކު 10 ‘ފޮކްސް ގްލޭޝިއަރ’ ކައިގެންނެވެ. އެނާއަށް ވަނީ މިހާތަނަށް 10 އޮޕަރޭޝަން ކޮށްފަ އެވެ. އެހެން ނަމަވެސް އޭނާގެ ހަށިގަނޑު މެޓާ ނޫން އެހެން ކާއެއްޗެއް އިންކާރު ކުރަނީ ކީއްވެ ކަމެއް ސީދާ ބުނަން ޑޮކްޓަރުންނަކަށް ނޭނގެއެވެ.
ފިންލޭގެ 5 އަހަރުގެ ދައްތަ ޖޯޖިޔާއަކީ ވެސް ޑައިރީ ޕްރޮޑަކްސް، ބިސް އަދި ސޯޔާއަށް ވަރަށް ބޮޑަށް އެލާރޖިކްވާ ކުއްޖެކެވެ. ޖޯޖިޔާއަށް އެހެން ކާތަކެތި ކެވުނު ކަމުގައި ވިޔަސް ފިންލޭގެ ހަށިގަނޑަށް ބޭނުންވާ މާއްދާތައް ފޯރުކޮށްދޭން ޖެހެނީ އޭނާގެ ބަނޑަށް ވަކިން ހާއްސަ ކާންދޭ ހޮޅިއެއް ކޮންމެ ފަހަރަކު ދެގަޑިއެއްހާއިރަށް ލައްވައިގެންނެވެ.
ފިންލޭއަށް ކެއުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހޭއިރުވެސް އޭނާ އަބަދުވެސް ފެންނަނީ ވަރަށް އުފާވެރިކޮށެވެ. 3 އަހަރުގެ ފިންލޭއަކީ އެހެން މީހުންނަށް ނަމޫނާ ކުޑަކުއްޖެކެވެ. — ޑެއިލީ މެއިލް —