twitterviber whatsapp telegramfacebookyoutube instagram
22nd November 2024

ވާހަކަ – ކަލާޔާނުލާ ދިރުމެއްނެތެވެ. (55)

Feb 25, 2014

 ފެބްރުއަރީ 18 ވަނަ ދުވަހުގެ ބަޔާގުޅޭ

ސޯފާގައި އިނދެ އީރާ މެދު ނުކެނޑި ކުރަމުން ދިޔަ ކޯލްތަކަށް ޖަވާބެއް ނައެވެ. ޒަވީންގެ ފޯނު ރިންގުވުން ފިޔަވައި އޭނާގެ ކަންފަތުގައި ޖެހުނު އަޑެއް ނެތެވެ. އީރާ އިނީ ފެންކަޅިވެ ކަންބޮޑުވެފައެވެ. ޒަވީން އާއި އޭނާގެ ގުޅުން އެގޭ ހިޔާވަހިކަމުން ނިކުން ހިސާބުން ނިމިދާނެ ކަމަށް އުއްމީދެއް ނުކުރެއެވެ. އީރާ ހީކުރީ އެންމެ ފުރަތަމަ އޭނާގެ ރަހިމުގައި ދިރުމެއް އުފެދޭކަން އެނގުނު ހިސާބުން ފެށިގެން ޒަވީން ޒިންމާ ނަގާ އެކަން ފޮހެލާނެ ކަމަށެވެ. އޭނާއަށް އެކަމުގެ މަގު ފަހިކޮއްދޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޒަވީން އޭނާ ގަންބާލީ ވަޅުގަނޑެއްގެ ތެރެއަށެވެ. އެކަމުގެ ބަދަލު ޝާޔާގެ ދިރިއުޅުމަށް ކޮއްފާނެ ކަމަށް ހިއެއް ނުކުރެއެވެ.

ދޮރުގައި ޓަކިދިން އަޑަށް ސިހިފައި އީރާ ބަލާލިއެވެ. މަޑުމަޑުން ސޯފާއިން ތެދުވެ ހިނގައިގަތުމުގެ ކުރިން އަނީސާ ގޮސް ދޮރު ހުޅުވާލިއެވެ. ފަހަތުގައި ހުރި އީރާއަށް ފެނުނީ ދޮރު ހުޅުވުނު ވަރަށް ވުރެ ބާރަށް ދޮރު ލައްޕަން އަނީސާ ކުރި މަސައްކަތެވެ. އެވަގުތު ދޮރުފަތުގައި މީހަކު ހިފަހައްޓާފައި އެތެރެއަށް ދޮރު ކޮއްޕާލުމުން އަނީސާއަށް ފަހަތަށް ޖެހެވުނު މަންޒަރެވެ. އެތެރެއަށް ވަން ޝާޔާ އައިސް ހުއްޓުނީ އީރާގެ ކުރިމަތީގައެވެ.

”ހިނގާ މަށާ އެކު.” ޝާޔާ ހިފީ އީރާގެ އަތުގައެވެ.

”ޝާޔާ.” އަނީސާ ބާރަށް ގޮވާލިއެވެ. ޝާޔާ އަނީސާއަށް ބަލާލާފައި އެއް އަތް އުފުލާލިއެވެ.

”މިކަމުގެ ތެރެއަށް މަންމަ ނުވަނިއްޔާ ރަނގަޅުވާނެ.” އަޑުގައިވަނީ ހަރުކަށިކަމެވެ. އަނީސާއަށް ފެނުނީ ޝާޔާގެ ދެލޮލުގެ ތެރެއިން ވިދަމުން ދިޔަ ކަރުނަތަކަށްވުރެ އޭނާގެ ރުޅި އިސްވަމުން ދިޔަ ތަނެވެ.

ޝާޔާ ހިނގައިގަތީ އީރާ ދަމަމުންނެވެ. ”ކޮންތާކަށް؟” އީރާ އަތްދަމައިގަންނަން މަސައްކަތް ކުރަމުން އަހާލިއެވެ. ޝާޔާ ހިފަހައްޓާފައިހުރިލެއް ބާރުކަމުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. ޝާޔާ ޖަވާބު ނުދިނުމުން އަނީސާ އައިސް ހުއްޓުނީ ކުރިމަތީގައެވެ.

”އަދިވެސް ޔަޤީންކުރަން ބޭނުންވާތީ.” ޝާޔާ ބުނީ ކީކޭކަމެއް އަނީސާއަކަށް ދޭހައެއް ނުވިއެވެ.

”ހިތްވަރެއް ހުރިއްޔާ މަންމަވެސް އާދޭ ދާން. އޭރުން ކަމުގެ ހަޤީޤަތް ހާމަވެގެންދާ މަންޒަރު ފެންނާނެ.” ޝާޔާ އަނީސާއަކަށް އަދި އީރާއަކަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުދެއެވެ. އީރާ ގޮވައިގެން ގޮސް ޝާޔާ ކާރަށް އަރައި ހަމަޖެހިލިއެވެ. އަނީސާ އައިސް ކާރަށް އަރަންދެން ކާރު ދުއްވައިނުލާ މަޑުކޮއްގެން އޮތެވެ. ޔޫއާން ކާރު ހުއްޓީ ސްކޭން ސެންޓަރެއްގެ ކުރިމަތީގައެވެ. އެޕޮއިންޓްމެންޓް ހަމަޖައްސާފައިވާތީ އެމީހުންނަށް މަޑުނުކޮށް އެތެރެއަށް ވަނުމުގެ ފުރުޞަތު ލިބުނެވެ. އީރާ ކައިރީ އެނދުގައި އޮށޯންނަން ބުނުމުން އޭނާގެ ދެފައި ތުރުތުރުލައިގަތެވެ. ކުރިމަތީގައި ހުރި ސްކޭން މެޝިން ފެނުމުން ހިތް ބިރުގަންނަން ފެށިއެވެ. އެއްފަހަރު އަނީސާގެ މޫނަށް ބަލާލާފައި ދެލޯ ފޮހެލަމުން އީރާ އަރައި އޮށޯތެވެ. ޔޫއާން ބޭރަށް ނިކުންނަމުން ޝާޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

ޖެލްތައް ބަނޑުމައްޗަށް އަޅާފައި ޕްރޮބް ޖައްސާލުމާއި އެކު ފާރަށް އެޅިފައި ހުރި ސްކްރީނުން ފެނުނީ ރަހިމުގެ ތެރޭގައި އަށަގަންނަމުން ދިޔަ ދަރިފުޅުގެ ހަރަކާތްތަކެވެ. ޝާޔާ އިސްޖަހާލިއެވެ. އަނީސާއަށް ޔަޤީންވީ އީރާ ބަނޑުބޮޑުކަން އެކަންޏެވެ.

”ރިޕޯރޓް ތައްޔާރުކުރަން އިރުކޮޅެއް ވާނެ. ބޭރުގައި މަޑުކޮއްލައްވާ.” އީރާގެ އަތަށް ޓިޝޫއެއް ދީފައި އެތަނުގައި ހުރި ރޭޑިޔޮލޮޖިސްޓް ބުނެލިއެވެ. އީރާއަށް ވަގުތު ދީފައި ޝާޔާ ހިނގައިގަތީ އަނީސާ އަތުގައި ހިފައިގެންނެވެ.

އީރާ ދޮރުން ނިކުންއިރު އަނީސާ އިނީ ސޯފާގައި މޫނުގައި ދެއަތް އަޅައި ފޮރުވާލައިގެންނެވެ. ޝާޔާ ކައިރީގައި އިނދެ ނުރޮން ހިތްވަރު ދެމުން ދިޔައެވެ. ލިބުނު ކުޑަވަގުތުކޮޅުގައި ޝާޔާ ހަޤީޤަތް ކިޔައިދިނެވެ.

ރިޕޯރޓް ލިބުމާ އެކު ކާރުގައި އެންމެން މިސްރާބުޖެހީ ސަލަފްގެ ގެއަށެވެ. ބަޔަކު ވަންއަޑަށް ނޫރީން ބަދިގެ ތެރޭގައި ހުރެފައި ނިކުތެވެ. ޝާޔާ ވަރަށް މަޑުމައިތިރިކަމާ އެކު ސަލަފްއަށް ގޮވައިދޭން އެދުމުން ނޫރީން ހިނގައިގަތެވެ. ބަޔަކު އަޑު އިވިގެން ޒަވީން ބޯދިއްކޮއްލިއެވެ. ދޮރުލައްޕާފައި އެތެރެއަށް ވަދެ ސުދާ ކައިރީ އިށީނެވެ. ރޮއިރޮއި ހަލާކުވާން ކައިރިވެފައި އިން ސުދާގެ އަނގައިން އަޑެއް ބޭރެއް ނުވެއެވެ.

ސަލަފް ސިޑިން ފައިބަން ފަށާފައި ހުއްޓުނެވެ. ކުރިމަތީގައި ހުރި ޝާޔާ އާއި ޔޫއާން ފެނި އޭނާގެ ނަފްސު ކޮންޓްރޯލުން ނެއްޓުނެވެ. ސަލަފް ސިޑީގެ ހަރުފަތްތައް ގިރާކޮއްފައި އައިސް ޝާޔާގެ ކުރިމަތީގައި ހުއްޓުނެވެ.

”ކަލޭ މިގެއަށް އައީ ކީއްކުރަން؟” ސަލަފް ދަތްވިކައިގަތެވެ. އަދިވެސް އޭނާގެ ކަންފަތްދޮށުގައި ޝާޔާ އިއްވި ޖުމްލަތައް ތަކުރާރުވަނީއެވެ.

”މިއައީ އެންމެ ފަހު ފަހަރު. ސަލަފްއާ ދުރަށް ދިއުމުގެ ކުރިން ހަޤީޤަތް ކިޔައިދޭންވެގެން.” ޝާޔާގެ އަޑު މަޑެވެ.

”އަހަރެން އިތުރަށް އަހާނެ އެކައްޗެއްވެސް ނެތް.” ސަލަފް ކޮނޑުގައި ޔޫއާން އަތް ޖައްސާލިއެވެ. ”ތިއީ ބައްޕަގެ ދަރިއަކަށްވަންޏާއި އަޑުއަހާ..” ޔޫއާން ކުރީ ޗެލެންޖެކެވެ.

”ސަލަފް ބުނީމެއްނު ސަލަފްގެ ދަރިއަކަށް އަހަރެން ދުވަހަކުވެސް ބަނޑުބޮޑެއް ނުވާނެއޭ. އަހަރެން މިއަދު ޤަބޫލުކޮއްފިން އެކަން. ސަލަފްގެ ދަރިއަކަށް އަހަރެން ބަނޑުބޮޑެއް ނުވާނެ. ސަލަފް. އަހަރެން ސަލަފްއަށް ބޭވަފާތެރިއެއް ނުވަން. މި ރިޕޯރޓަކީ ހަޤީޤަތެއް ނޫން. މިއީ އަހަރެންގެ ހަށިގަނޑުން ނެގި ސާންޕަލްއިން ހަދާފައި އިން ޓެސްޓެއް ނޫން.” ސަލަފްގެ ކަންފަތުގައި ޖެހުނު ލަފްޒުތަކުން އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ކޯރިޑޯގެ ތެރެއިން ނޫރީން ނިކުތީ މާނާ ގޮވައިގެންނެވެ. އެއަޑު މާނާއަށް އިވުނެވެ.

”ދެން ކާކުގެ؟” ސަލަފްއަށް އަހާލެވުނެވެ.

”އަހަރެންގެ.” އިސްވެ އީރާ ވާހަކަ ދެއްކިއެވެ.

”އަހަރެން ހިއެއް ނުކުރަން ހަޤީޤަތް މިހެން ފާޅުވެގެން ދާނެކަމަކަށް. އަދި އެކަމުގެ ނަތީޖާ މިހެން ފެންނާނެކަމަކަށް. އަހަންނަށް މައާފްކުރޭ ޝާޔައްތާ. އަހަރެންގެ ސަބަބުން…….” އީރާއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

”އެރޭ އީރާ ހަނު ހުރީ ކީއްވެ؟” ސަލަފް އީރާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

”އަހަންނަށް ހިތްވަރެއް ނުލިބުން.” އީރާ ގެ މޫނަށް އެންމެން ތިބީ ބަލަހައްޓައިގެންނެވެ.  ސަލަފްގެ ހިތަށް އުދަނގޫވަމުން ދިޔައެވެ. އޭނާގެ ދުލަށް ބުނާނެ އެންމެ ލަފްޒެއްވެސް ނައެވެ. ހަޤީޤަތް ހާމަވަގެން ދިޔައިރު އޭނާ ނިންމާފައިވާ ނިންމުންތަކުގެ ސަބަބުން އެދެމެދަށްވަނީ ހުރަހެއް އެޅިފައެވެ. ފަހަތު ސިޑިމަތީގައި ހުރި އީފާއަށް މިވަގުތަކީ އޭނާ ނިކުމެގެން ދާންވީ ވަގުތުކަން ނަގައިގަނެވުނެވެ.

”މަޢާފަށް އެދެންވީ ކިހިނެއް ކަމެއްވެސް ނޭނގެ. ޝާޔާ. އަހަންނަކީ ފިނޑިއެއްކަން މިއަދު ޤަބޫލު ކުރެވިއްޖެ. ޔޫއާން ކުރި މަސައްކަތަކީ އަސްލު އަހަރެން ކުރަންޖެހޭ މަސައްކަތް. ކަމުގެ ހަޤީޤަތް ހޯދަން އަހަރެން މަސައްކަތެއްނުކުރަން. އަހަރެން ހުރީ އަމިއްލަ ނަފްސުގެ މައްޗަށް ބޮޑާވެވިފައި.” ސަލަފްގެ އަޑު ހިނދެމުން ގޮސް މަޑުވިއެވެ.

މުޅިތަނަށް ވެރިވީ ހިމޭންކަމެވެ. ޔޫއާން އީރާގެ މޫނަށް ބަލާލާފައި އެ ހިމޭންކަން ކަނޑާލީ އެންމެންގެ ސަމާލުކަން ހޯދަމުންނެވެ.

”އީރާގެ ބަނޑުގައި އޮތީ ކާކުގެ ދަރިއެއް؟” އެއީ މުހިއްމު ސުވާލެކެވެ. އީރާއަށް ބަނޑުގައި އަތްޖައްސާލެވުނެވެ. އެކަމަކު އޭނާ ޖަވާބުދޭކަށް ގަސްތެއް ނުކުރިއެވެ. ދެވަނަ ފަހަރަށް އެގޭގައި އޭނާގެ ސަބަބުން ހުޅުހިފަން ނޭދޭތީއެވެ.

އަނީސާގެ ސިކުނޑި އެ ސުވާލު ގެ ޖަވާބު ހޯދުމަށް ފީނައިގަތެވެ. ޒަވީން އާއި އީރާ އެކުގައިވަނިކޮން ފެނުނު މަންޒަރުތައް އޭނާގެ ހިތަށް ސިފަވިއެވެ. ހިތްދަތިވެފައި ދެލޯ މަރާލެވުނީ އެކަމުގައި އަނީސާގެ އިޙްމާލުވާކަން އެނގޭތީއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން އީރާ ދުރު ކުރުވިނަމަ… އަނީސާ ފުންނޭވާއެއް ދޫކޮއްލިއެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވަނީ އީރާއަށެވެ. ކެއްތެރިކަން ކުޑަވެފައި އިންތިޒާރު ކުރަމުން ދަނީ އެސުވާލުގެ ޖަވާބަށެވެ.

”ޒަވީން.” އީރާއަށް ބަލަން ތިބި އެންމެންގެ ނަޒަރު އަނީސާއަށް ހުއްޓާލެވުނީ އަނީސާ އެހެން ބުނެގެންނެވެ. ޔޫއާން އާއި ސަލަފްގެ ނިތަށް ރޫގިނަވެގެން ދިޔައެވެ.

”އެއީ ތެދެއްތަ؟” ޔޫއާން އީރާއަށް ބަލާލުމުން އީރާ ބޯޖަހާލިތަން ފެނި ޔޫއާންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ސަލަފް ކުރިއަށްގޮސް އެކޮޓަރި ދޮރުގައި ތަޅައިގަތެވެ. ޒަވީން ތެޅިގެންފައި ބޮލުގައި ފިރުމާލިއެވެ. ސުދާ އިން ހާލުން ދޮރު ހުޅުވާކަށް ނުކެރޭނެއެވެ. ޒަވީން ވަގުތުން ސުދާގެ ދެއަތް މޮހެލިއެވެ. ވަރުދެރަވެފައިވާ ސުދާގެ ހަށިގަނޑު ނަގައި ގެންގޮސްފާޚާނާ ތެރެއަށް ވައްޓާލިއެވެ. އަދި ދޮރު ހުޅުވުމަށް އަވަސްވެގަތެވެ.

ދޮރު ހުޅުވިތަނާއި ސަލަފް ވަދެފައި ހިފީ ޒަވީންގެ ކަރުގައެވެ.

”ގޮތްކުޑަ..” ސަލަފް އަތުގެ ހޫނު އެތިފަހަރެއް ޒަވީންގެ މޫނަށް އަރައިގެން ދިޔައެވެ. އޭނާގެ އަނގަމަތި ފަޅައިގެން ގޮސް ލޭއޮހިގަތެވެ.

”އަހަރެންގެ ކޮއްކޮއާ އިނދެގެން ހުރެ.” ސަލަފް ހުރީ ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އެއްވެސް މީހަކު ސަލަފް ދުރުކުރާކަށް ނޫޅެއެވެ. ޔޫއާން މަންޒަރު ބަލަން ހުއްޓާ ފާޚާނާ ތެރެއިން ކުކުރާ އަޑު އިވިގެން ދުއްވައިގަނެވުނެވެ. ޓައިލްސް މައްޗަށް ވެއްޓިފައި އޮތް ސުދާ ފެނިފައި ޔޫއާންގެ ދެލޮލުން ކަރުނަ ހިލިގެން ދިޔައެވެ. ސުދާގެ އަނގަމަތި މޮހެލައި ގަޔާލައި ބޮޑިކޮއްލެވުނެވެ.

ސުދާގެ ހާލަތުގެ ފެނި އިތުރަށް ސަލަފްގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ޝާޔާ އައިސް ސުދާއާ ހަވާލުވުމުން ޔޫއާން ގޮސް ޒަވީން އާއި ސަލަފްގެ ދެމެދުގައި ހުއްޓުނެވެ.

”ނޫން ސަލަފް. ދެން ހުއްޓާލާ. އަހަރެން ބޭނުންވަނީ ޒަވީން އެއްފަހަރު ނަމަވެސް އެކަމަށް އެއްބަސްވާން.” ޔޫއާން ވާހަކަ ދެއްކީ މަޑުމައިތިރި ރާގެއްގައެވެ. ޒަވީން އަކީ އެއްއިރެއްގައި އޭނާގެ އެކުވެރިއެކެވެ.

”ޒަވީން އެއްބަސް ނުވިއަސް އެއީ ހަޤީޤަތަކީ. ސަލަފް ކައިވެނި ރޫޅުނީ ޒަވީންގެ ސަބަބުން. އަހަންނަށް އެނގިގެން ބުނުމުގެ ކުރިން އަހަންނަށް..” ސުދާއަށް ވާހަކައެއް ނުދެއްކުނެވެ. ޝާޔާ ސުދާ ގެނެސް ބޮނޑިކޮއްލާފައި ވާހަކަ ނުދެއްކުމަށް ބުނެލިއެވެ.

“ނޫން ޝާޔާ މިއަދު އަހަންނަށް ފުރުޞަތު ދީ. އަހަންނަކީވެސް މި ކުށުގައި ބައިވެރިވެވުނު މީހަކަށް ވެދާނެ. ޒަވީން އީރާގެ ކައިރިއަށް ދިޔައީ އަހަރެންގެ ފަރުވާކުޑަކަމުންކަން ޤަބޫލުކުރަން. އަހަންނަށް އެކަން އިޙްޞާސްވެ މަޢާފަށް އެދެން އައި އިރު އަހަރެން ބަނޑުބޮޑު. ދެވަނަ ފުރުޞަތަކަށް އެދި އެދި އާދޭސްކުރަމުން ދިޔައިރު ޒަވީން އެދުނީ އަހަރެންގެ ބަނޑުގައި އުފަންވަމުން އައި ނިޝާން ދޮވެލަން. އަހަރެން ޓެންޝަނަށް ދިޔަ ސަބަބަކީ އެއީ. އޭގެ ފަހުންވެސް ތަކުރާރުކޮން ޒަވީންގެ ރުހުމާއި ކުރީގެ އިތުބާރު ހޯދަން އަހަރެން މަސައްކަތް ކުރިން.” އެންމެން އަހަމުންދިޔައީ ސުދާގެ ވާހަކަތަކެވެ. އެންމެންގެ ސަމާލުކަން ސުދާއަށް ދީފައިވާ ދަނޑިވަޅުގައި އީރާ ފަހަތަށް ޖެހެމުން ދިޔަ ކަމެއް އެކަކަށްވެސް ނޭނގެއެވެ.

އީރާގެ ސިކުނޑި އޭނާއަށް ވިސްނައިދެމުން ދިޔައީ އޭނާގެ ސަބަބުން މަންމައަށް އުފަލެއް ނުދެވުނު ކަމެވެ. އޭގެ ބަދަލުގައި މަންމަގެ ނަމަށް ގެނައި ކިލަނބުކަމާއި އިއްޒަތް ވެއްޔާ މޮޑެވިއްޖެ ކަމެވެ. އޭނާ އަކީ ބޭކާރު މީހެކެވެ. މީހަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ. އޭނާގެ ދަރިއަކު އުފަންވެއްޖެނަމަ ޚަރަދު ބަލަހައްޓާނީ ކާކު ހެއްޔެވެ؟ ކިޔަވައިގެން ހުރި މީހެއް ނޫނެވެ. ކިޔެވުމުގެ ބަދަލުގައި އީރާ ދުވީ ދުނިޔޭގެ އުފަލާއި ހިތްހަމަޖެހުން ހޯދާށެވެ. އެކަމުން އޭނާއަށް ވަކި މޮޅެއް ނުވިއެވެ. ޝަހުދު އާއި ޒަވީންވެސް އޭނާގެ ފަރާތުން އުފާ ލިބިގަތީއެވެ.

ޒަވީން އަކީ އަމިއްލަ ގެއެއް ހުރި މީހެއް ނޫނެވެ. މި ހަޤީޤަތަށްފަހު ސަލަފް ނެރެ އެއްލާލައިފިނަމަ ބަނޑުފުރާނެ ގޮތެއް ހުރި މީހެއް ނޫނެވެ. ޒަވީންގެ މިލްކުގައި މުދާތަކެއް ނެތެވެ. އެއްކުރެވިފައި ފައިސާއެއް ނެތެވެ. އީރާއަށް ޤަބޫލު ކުރެވުނީ އޭނާ ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމެވެ.

ދުވެފައި އީރާ ސިޑިން އެރި ވަގުތަކީ އީފާ ލަގެޖްތައް ހިފައިގެން ނިކުން ވަގުތެވެ. އީރާ ދުވެފައި ދިޔަ މަންޒަރު ފެނުނު ކަމުގައި ވިއަސް އީފާ ގަސްތުކުރީ ދެން މަޑުނުކޮށް ދާށެވެ. ސަލަފްގެ ދިރިއުޅުމަށް އަންނަން ކުރި މަސައްކަތް ބޭކާރުވެ ހަޤީޤަތް އެނގުމުން ސަލަފް ބޭނުންވާނީ ޝާޔާކަން އެނގޭތީ އީފާ ބޭނުންވީ އެންމެންނާ ދުރަށް ދާށެވެ.

އީފާ ކާރަށް އަރާ ހަމަޖެހިނުލެވި އުޅެނިކޮން ވަރަށް ބާރަށް އެއްޗެއް ޖެހިގެން އަޑަށް ސިހުނެވެ. ކޮން އެއްޗެއްތޯ ބަލަންވެގެން އީފާ ނިކުންނަން އުޅުނުވަގުތު އޭނާއަށް ފެނުނީ ކާރުގެ ލޯގަނޑުތައް ލެއިން ކަޅިވެގެން ދިޔަ މަންޒަރެވެ. އީފާއަށް ހަޅެއްލަވައިގަނެވުނެވެ. އެ އަޑު ގޭތެރޭގައި ތިބި އެންމެންގެ ކަންފަތުގައި ޖެހުނެވެ. އަވަހަށް ބޭރަށް ނިކުންއިރު ފެނުނު މަންޒަރުން ކުރިއަށް ފިޔަވަޅެއް ނަގަން ކެރުނު އިންސާނަކު އެތަނަކު ނެތެވެ. ކާރުމަތީގައި އޮތް އީރާގެ އަނގައާއި ނޭފަތުން ފައިބަމުން ދިޔަ ލެއިން ކޯރު ހެދެމުން ދިޔައެވެ.

(ނުނިމޭ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355