ފެބްރުއަރީ 25 ވަނަ ދުވަހުގެ ބަޔާގުޅޭ
އެމެޖެންސީ ރޫމް ދޮރުމަތީގައި ސަލަފް ކޮޅަށް ހުރެ ދެކޮޅަށް ހިނގަމުން ދިޔައެވެ. އަނީސާގެ ރުއިމުގެ އަޑު މެދު ނުކެނޑި އިވެމުން ދިޔައިރު އަނީސާއާ ޖެހިގެން އިން ޝާޔާ އިނީ މަޑުނެގިފައެވެ. އޭނާގެ ދެލޮލުން ހުއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔަ ނަމަވެސް ގިސްލުމުގެ އަޑެއް އަދި ރުއިމުގެ އަޑެއް ނީވެއެވެ. ޔޫއާން އާއި އީފާ ހުރީ ކޮޅަށެވެ. ޒަވީން އާއި ސުދާވެސް ތަންކޮޅެއް ދުރުގައި ހުއްޓެވެ. މާނާގެ ކައިރީ ހުރީ ނޫރީންއެވެ. އެއްވެސް މީހަކު ބަހެއް ނުބުނެއެވެ.
އެމެޖެންސީ ރޫމްގެ ދޮރު ހުޅުވުނު އަޑަށް އެންމެން ބަލާލީ އެކުއެކީގައެވެ. އެންމެ ކުރިން ނިކުން ޑޮކްޓަރު އިސްޖަހާލުން ފިޔަވާ އެއްވެސް ޖަވާބެއް ނުދެއެވެ. ދަމާފައި ނެރުނު އެނދުގައި އޮތް އީރާގެ ދެއަތް އޮތީ ހަށަމަށް އަރުވާފައެވެ. ލޭމަނާ ކުރުމުގެ ގޮތުން ނޭފަތަށް ޖަހާފައި ހުރި ކަފަކޮޅުގައި ލޭހިކިފައި ހުއްޓެވެ.
”އައި އެމް ސޮރީ. އައި ކުޑް ނޮޓް ސޭވް ހާރ.” ޑޮކްޓަރު ސަލަފްގެ ކޮނޑުގައި އަތްބާއްވާލިއެވެ. އީރާ ގެނައި ވަގުތުން ފެށިގެން ޑޮކްޓަރުންނާއި ނަރުހުން ކުރަމުން ދިޔަ ފަރުވާ ސަލަފްގެ ލޮލަށް ފެނުނެވެ. ފުރާނައަކީ އެއަށްވުރެ ބާރުގަދަ ފަރާތެއްގެ އަތްދަށުގައިވާ އެއްޗެކެވެ. ވަގުތު ހަމަވުމާއެކު އެކަމަށް ހުރަސް އެޅުމަކީ އަހަރެމެން އިންސާނުންނަށް ކުރެވޭ ކަމެއް ނޫނެވެ.
އަބަދަށް ދެލޯ މަރާލައިގެން އޮތް އީރާގެ މޫނު ފެނުމުން ޝާޔާގެ ބަޑި ފަޅައިގެން ދިޔައެވެ. ދެ ލޯ ހުޅުވާށޭ ކިޔައި އީރާ ދެކޮނޑުގައި ހިފާ ތަޅުވަން ފެށުމުން ޔޫއާން ގޮސް ޝާޔާ ދުރުކޮއްގެން ތަންކޮޅަށް ދުރަށްޖެހިލިއެވެ. ޝާޔާ ގިސްލަމުން ޔޫއާންގެ މޭގައި ބޯއަޅާލި މަންޒަރު ސަލަފްގެ ދެލޮލަށް ފެނުނެވެ. އަނީސާ އިނީ ރޮއި ރޮއި ހަލާކުވާން ކައިރިވެފައެވެ. ބާކީ ތިބި އެންމެންގެ ހިތުގައި އުފެދުނު ހަމްދަރުދީގެ ބޮޑުކަމުން ކަރުނަތައް ހިފަހައްޓާލެވުނު އެކަކުވެސް ނެތެވެ. ޒަވީން އަށް އީރާގެ މޫނު ފެންނަ ހިސާބަށް އައުމުގެ ހިތްވަރެއް ނުލިބުނެވެ.
ހިނެވުމާއި ވަޅުލުމުގެ ކަންތައް ނިމުނުއިރު ފަތިސްވާން ކައިރިވެއްޖެއެވެ. ދަންވަރުން ފެށިގެން މޫސުމް ގޯސްކޮން އޮވެފައި ތުނިކޮން ވާރޭ ވެހެން ފެށީ ދާދި ދެންމެއަކުއެވެ. ޔޫއާން ކާރު ގެނެސް ފަހަރަކު ބަޔަކު ގެއަށް ފޮނުވަން ފެށިއެވެ. ޑްރައިވަރު ކައިރީ ބުނެގެން އަނީސާ ގެންދިޔައީ ޔޫއާންމެންގެ ގެއަށެވެ. ކާރު އެންމެ ފަހު ފަހަރު އައިއިރު ތިބީ ސަލަފް އާއި ޝާޔާ އެވެ.
ކާރަށް އެރިވަގުތަކީ ވަރަށް ބާރަށް ގުގުރިއެއްޖެހި ވަގުތެވެ. ސަލަފްއަށް ބަލާލެވުނީ ޝާޔާގެ މޫނަށެވެ. ގުގުރީގެ އަޑަށް ޝާޔާ ބިރު ގަންނަވަރު އޭނާގެ ހަނދާނަށް އައެވެ. ސަލަފް އަތް ދަމާލާފައި ޝާޔާގެ ފުރަގަހުން ގެންގޮސް ކޮނޑުގައި އަތް ބާއްވާލިއެވެ.
”ޝާޔާ އަނދިރި ދެކެ ވަރަށް ބިރުގަންނަކަން އެނގޭ.” ޝާޔާ ސަލަފްއަށް ބަލާލިކަން އެނގިހުރެ ސަލަފް ބުނެލިއެވެ. ޝާޔާ ސަލަފްގެ އަތް ދުރުކޮށްލާފައި ރައްދުގައި ބުނި ޖުމްލައިން ސަލަފްގެ ހިތުގައި ޖެހުނެވެ.
”އަނދިރިކަމަކީ ކޯއްޗެކަން އެނގުނު ފަހުން ބިރެއް ނުގަނޭ. އެއީ އަލިކަން ފަދައިން ފެނި ގެއްލޭ އެއްޗެއް ނޫން. އަބަދުވެސް އެންމެ ކައިރީގައި ވާ އެއްޗަކީ އެއީ.” ޝާޔާ ބުނި ޖުމްލައިގެ ފުން ކަމާއި އޭގައި އެކުލެވޭ ދެވަނަ މާނަ ސަލަފްއަށް ނަގައިގަނެވުނެވެ.
”އަހަންނަށް މަޢާފްކުރޭ ޝާޔާ. އަހަންނަށް މިއަދު އިޙްޞާސް ކުރެވޭ އަހަރެން އަތުން ބީވީ ކިހާ އަގުބޮޑު ޖަވާހިރެއްކަން.” ސަލަފް ފުންނޭވާއެއް ދޫކޮއްލިއެވެ. ކާރު އައިސް މަޑުކޮއްލުމުން ދެމީހުން ދެ ދޮރުން ނިކުތެވެ. ޝާޔާ ބާރަށް ހިނގާފައި ގޮސް ވަނީ އަނީސާ އިން ކޮޓަރިއަށެވެ. އޭރު ދެވަނަ ފަހަރަށް ގެއިން ނިކުތުމުގެ ނިޔަތުގައި އީފާ ނިކުންނަނީއެވެ. ސަލަފްއަށް ފެނުނީ އީފާ ޑިކީ ހުޅުވާފައި ލައްޕަނިކޮންނެވެ. ސަލަފް ދުއްވައިގަތީ އެދިމާލަށެވެ.
އަނީސާއަށް އެތައް އިރެއް ވަންދެން ނަޞޭހަތް ދިންއިރުވެސް ހަމައަކަށް ނޭޅުނެވެ. ދެރަވިއަސް ހިތްވަރު ގަދަކޮއްލައިގެން ޝާޔާ އިނީ އެތެރެއަށް ފަޅައިގެންދާ ވަރުވެފައެވެ. އަނީސާ ގެނެސް މޭގައި ލައްކޮއްލައި ބުރަކަށީގައި ފިރުމައިދޭން ޝާޔާ އިން މަންޒަރު ބަލަން ހުރެފައި ސުދާ ކޮޓަރިއަށް ވަންއިރު ޒަވީން އިނީ އެނދުގައި އިށީދެއެވެ. ފައި ފަލަމަސްގަނޑުގައި ދެ އުޅަބޮށި ވިއްދާލައިގެން ދަތްދޮޅީގައި ހިފަހައްޓާލައިގެންނެވެ. އޭރު އެދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ގިނަވެ ބަންޑުންވަމުން ދެއެވެ. އަނގަމަތި ފަޅައިގެން ދިޔަ ތަނުގައި އަޅާ ވޭނަށްވުރެ ހިތުގައި އަޅާ ވޭން ގަދަކަމުން އެއްޗެއް ނުބުނެވިފައެވެ. ސުދާ ގޮސް އިށީނީ ޒަވީންގެ ކައިރީގައެވެ.
”އަހަރެން ދިއުމުގެ ކުރިން ބޭނުން ސުދާގެ މަޢާފްލިބިގެން ދާން. ސުދާގެ އިހުމާލަށްވުރެ އަހަރެންގެ ކުށް މާބޮޑު. ފަހަރެއްގައި މަޢާފް އެއީ ހައްޤު އެއްޗަކަށްވެސް ނުވެދާނެ. މިވަގުތު އަހަރެން ހިތަށް ބުނެއެއް ނުދެވޭ މިދުނިޔެއިން އަހަރެން އެންމެ ބޮޑަށް ލޯބިވީ ކާކުދެކެކަން. އަހަރެން ދެރަވަނީ އީރާ ވަކިވެގެން ދިޔައީމަ ކަމެއް ނޫނީ ސުދާ ދޫކޮއްފައި ދާންޖެހޭތީ ކަމެއް.” ޒަވީން އަޑު ކުރަކިވަމުން ދިޔައެވެ.
”ޝްޝް..” ސުދާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލާފައި ޒަވީން ކައިރީ އިތުރަށް ވާހަކަ ނުދެއްކުމަށް ބުނެލިއެވެ.
”އަހަރެން ބޭނުންވަނީ ޒަވީން. އަހަރެން ދުވަހަކުވެސް ތިނޫން އިންސާނަކު ދެކެ ލޯތްބެއް ނުވަން. ނުވެސް ވެވޭނެ. މި ހުރިހާ ދުވަހު އަހަރެން މަސައްކަތް ކުރީ ޒަވީން ގެ އިތުބާރު ހޯދޭތޯ. އެކަމެއްވެސް ނުވި. އަހަންނަކަށް ނޫޅެވޭނެ ޒަވީންއާ ނުލައެއް. އަހަރެން ޒަވީން ކުރި ކޮންމެ ކުށަކަށް ހެޔޮހިތުން މަޢާފްކުރާނަން. މީގެ ހަތަރު އަހަރު ކުރިން އަހަރެން ދެކެ ލޯބިވި ޒަވީން އަހަރެން ބޭނުން. އަހަރެމެން ދެމީހުންނަށް އަލުން އެދުވަސްތައް ހޯދޭނެ.” ސުދާ އެންމެ ފަހު ވަގުތު ހޭލައްވާލީ ޒަވީން ހިތުގެ ކަނެއްގައި ވަޅުޖެހެމުން ދިޔަ ލޯތްބެވެ. އީރާ ފަހަތުން ދެވުނީ ސުދާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. ސުދާ ފަރާތުން އަތްބެއްގެ ފަރާތުން ލިބެންޖެހޭ އަރާމާއި އުފާ ނުލިބިގެންނެވެ. އެކަމުގެ ތެރޭ އޭނާގެ ސިކުނޑި ނުބައި އޮއިވަރެއްގައި ފެތި ތަޤްދީރުން ހަޔާތުގެ ކަޅު ސަފްހާތަކާއި ކުރިމަތިލާން ޖެއްސީއެވެ.
ޒަވީން ސުދާ އާއި ދިމާލަށް އެނބުރުނެވެ. އޭނާގެ މޫނުމަތީގައި ފަނޑު ހިނިތުންވުމެއް އުފެދުނެވެ. ސުދާ ގެނެސް މެއާއި ބޮނޑިކޮއްލެވުނީ ދެން ދުވަހަކުވެސް ދޫކޮއްފައި ނުދާނަމޭ ބުނާފަދަ ގޮތަކަށެވެ.
އީފާ ސިހުނީ އޭނާގެ އަތުގައި ސަލަފް ހިފުމުންނެވެ.
”ދަނީތަ؟” ސަލަފް ލައްކެއްޖަހައި އީފާ ކައިރިއަށް ދަމާލިއެވެ. އީފާ ހަމައެކަނި ބޯޖަހާލިއެވެ.
”އަހަރެން މިތަނުގައި ހުރުމުގެ ބޭނުމެއް ނެތް. އަހަރެން އައީ ވަރަށް އަގުބޮޑު އެއްޗެއް ހޯދުމުގެ ނިޔަތުގައި. އެނބުރި ދާންޖެހެނީ ހުސްއަތާ” އީފާ ހުރީ ދުރުބަލަހައްޓައިގެންނެވެ.
”ތަޤްދީރުގައިވާން އޮތީ ކިހިނެއް ކަމެއް އީފާއަށް އެނގޭތަ؟ އަހަރެން އިއްޔެ ނިންމި ނިންމުން އަދި ބަދަލެއް ނުކުރަން.” ސަލަފް ބުނި އެއްޗަކުން އޭނާ ހީބިހި ނަގައިގަތެވެ.
”ކީކޭ؟” އަދިވެސް އެޖުމްލަ އަހަން އީފާ ބޭނުންވިއެވެ.
”އަހަރެން ނިންމުން ބަދަލެއް ނުކުރަން. އަހަރެން ބޭނުންވަނީ އީފާ އާއި ކައިވެނިކޮއްގެން ލަންކާއަށް ދާން. އެންމެންނާ ދުރަށް ދާން.” ސަލަފް ތަކުރާރުކޮއްލިއެވެ. އީފާއަށް އަދިވެސް ޤަބޫލެއް ނުކުރެވެއެވެ. ޝާޔާ އެނބުރި އައީ ސަލަފްގެ ކައިރިއަށެވެ. ޝާޔާގެ ކުށެއްނެތްކަން ސަލަފްއަށް ސާބިތުކޮއްދިނުމުގެ ފަހަތުގައި ވަނީ ޝާޔާ ދެވަނަ ފަހަރަށް ގުޅެން ބޭނުންވާ ކަމެވެ. އީފާ ސަލަފްގެ އަތް ފޮޅުވާލިއެވެ. ގަދަ ހަދާފައި އޭނާ ބޭނުންވީ ކާރަށް އަރާށެވެ. އޭގެ ކުރިން ސަލަފް އީފާ އަތުގައި ހިފާ ގެނެސް ގަޔާއި ބޮނޑިކޮއްލިއެވެ. ހިތުގެ ތެޅުން ފިޔަވާ އީފާގެ ހުރިހާ ޙަރަކާތެއް ހުއްޓުމަކަށް އައެވެ. ނޭވާ އެތެރެއަށް ދަމާލިގޮތަށް އޭނާ ހުރީ ނޭވާ ލާން ނޭނގިފައެވެ. އޭގެ ދެތިން ސިކުންތުފަހުން އޭނާ ސިހުނީ ކަނދުރާގައި ސަލަފް ބޮސްދިނުމުންނެވެ.
”ސަލަފް.” އީފާ ބާރަށް ދެލޯ މަރާލިއެވެ. އިރުކޮޅެއްވަންދެން އެގޮތުގައި ހުރެފައި ދެލޯ ހުޅުވާލިއެވެ. ދެން ސަލަފް ދެކޮނޑުގައި ހިފާ ކޮއްޕާލިއެވެ.
”އަހަރެން ޤަބޫލެއް ނުކުރަން.” އީފާގެ ހިތް ދެ ލޮލަށް ފެންނަމުން ދިޔަ މަންޒަރާއި ކަންފަތަށް އިވުނު ބަސްތައް ޤަބޫލެއް ނުކުރެއެވެ.
”ޝާޔާ އެނބުރި އައީ ކީއްވެ؟ ސަލަފް. އަހަންނަށް ޔަޤީންވެއްޖެ މިއަދު ޝާޔާއަށްވުރެ ރަނގަޅު މީހަކު ސަލަފްގެ ހަޔާތަށް ނާންނާނެކަން. ޝާޔާގެ ތާހިރުކަމާއި ވަފާތެރިކަން އެނގި ސަލަފްގެ ހިތުގައި އޭނާއަށް ދެވުނު ޤަދަރު މަތިވެގެންނެއް ނުދޭތަ؟” އީފާގެ މޫނަށް ބަލަން ހުރި ސަލަފް ހިނިތުންވެލިއެވެ.
”އެތައް ގުނައަކަށް މަތިވެއްޖެ. އީފާ ތިބުނީ ރަނގަޅަށް. ޝާޔާއަށްވުރެ ރަނގަޅު މީހެއް ދުވަހަކުވެސް ނުލިބޭނެ. އެކަމަކު ޝާޔާ އަހަންނަށް ހައްޤެއް ނޫން. އަހަންނަކީ އޭނާގެ ވަފާތެރިކަން ވަޒަން ނުކުރެވުނު މީހެއް. އިތުބާރު ނުކުރެވުނު މީހެއް. އަހަރެން ބޭނުންވަނީ ޝާޔާގެ މަޢާފް. އެއަށްފަހު އޭނައާ ދުރަށް ދާން. އޭނާގެ ދިރިއުޅުމަށް އޭނާ ކަހަލަ ރަނގަޅު މީހަކު އައުމުގެ ފުރުޞަތު ދޭން. އެއީ ޔޫއާން. ޔޫއާން ޝާޔާ ދެކެ ވާ ލޯތްބާއި ވާ ގާތަަށްވެސް އަހަންނަށް ލޯތްބެއް ނުވެވޭނެ. އީފާ އަހަންނަށް އެހީ ވާނަންތަ ޝާޔާއާ ދުރަށް ދާން. އަހަރެން ބޭނުމެއް ނޫން ޝާޔާ ދިރިއުޅުމަށް އެޅޭ ކަޅު ހިޔަންޏަކަށްވާކަށް.” ސަލަފް ދެއަތް އުފުލާލިއެވެ. އީފާ ދުވެލާފައި އައިސް ދެއަތުގެ ތެރެއަށް ވަނެވެ. މިއަދަކީ އީފާ މުޅި ހަޔާތުގައި ރަންއަކުރުން ފަވާލެވޭނެ ދުވަހެކެވެ. އޭނާ އެންމެ އުފާވި ދުވަހެވެ.
ދޮރުގައި ޓަކިދިން އަޑަށް ޔޫއާން ބަލާލިއިރު ކުރިމަތީގައި ހުރީ ޝާޔާއެވެ.
”މަންމަ ރަނގަޅުތަ؟” ޔޫއާން ތެދުވަމުން އަހާލިއެވެ.
”ދެންމެ ނިދިފައި އެބައޮތް.” ޝާޔާ އައިސް އިށީނީ ޔޫއާންގެ ކައިރީގައެވެ.
”އަހަރެން ކަމަކަށް އެދިއްޖެނަމަ ޔޫއާން ކޮއްދޭނަންތަ؟” ޝާޔާ އެދެނީ ކޮންކަމަކަށްބާއޭ ހިތަށް އަރުވާލަމުން ޔޫއާން ދެ ލޯ މަރާލި އެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝާޔާ ބުނި އެއްޗަކުން ޔޫއާން ދެ ލޯ ހުޅުވާފައި ބަލާލިއިރު ހައިރާންވެފައި ހުރި މިންވަރު ހާމަވެގެން ދެއެވެ.
”ޔޫއާން އަހަންނާއި އިންނާނަންތަ؟” ޔޫއާން އަދިވެސް އިނީ ހައިރާންވެފައެވެ. އީފާ ފަދައިން އޭނާވެސް ހީކުރީ ހަޤީޤަތް އެނގުމަށްފަހު ސަލަފް އާއި ޝާޔާ އަބަދަށްޓަކައި ގުޅޭނީ ކަމަށެވެ.
”ޝާޔާ ލޯބިވަނީ…” ޔޫއާން ހުއްޓާލީ ޝާޔާގެ އަތް އޭނާގެ ތުންފަތުގައި ޖައްސާލުމުންނެވެ.
”އެއީ މީގެ ހަފުތާއެއްގެ ކުރިން. ސަލަފް އަކީ ވަގުތީގޮތުން އަހަރެމެން ދެ މީހުންގެ ދެމެދަށް އެޅުނު ހުރަހެއް. އަހަރެން ސަލަފް ދެކެ ލޯބިވީން. އެކަމަކު އަހަރެމެން ދެ މީހުންގެ ކައިވެނި ރޫޅުނު ދުވަހުން ފެށިގެން އެލޯބި ފަނޑުވަމުން ގޮސް މާޒީއަށްވެއްޖެ. އެކަނިވެރި ހަފުތާއެއްގެ ދުވަހަށްފަހު އަހަރެންގެ ދެލޯ ހުޅުވުނީ އެހެން ދުނިޔެއަކަށްހެން ހީވަނީ. ޔޫއާން އަހަރެން ދެކެ ލޯބިވާ މިންވަރު އަހަންނަށް ވަޒަން ކުރެވެންފެށި ހިސާބުން އަހަރެންގެ ހިތް ބުނަމުން ދިޔައީ އަހަރެންގެ ދިރުމަކީ އަދި ދިރިއުޅުމަކީ ތިއީ. އަހަރެން ޔޫއާންގެ މީހަކަށް ހަދައިދީ. އަހަރެން އުފަލުގައި ބެހެއްޓޭނެ މީހަކީ ތިއީ.” ޝާޔާ ދެލޯ ކަރުނުން ފުރުނެވެ. ޔޫއާން މަޑުމަޑުން ޝާޔާގެ އަތުގައި ހިފާލިއިރު އޭނާގެ އަތް ތުރުތުރުއަޅައެވެ.
”އޭރުން ސަލަފްބޭ؟” ޔޫއާންއަށް ބުނެލެވުނެވެ.
”ސަލަފް އެދޭ ގޮތަކީ އެއީ.” ފަހަތުން އީފާގެ އަޑު އިވި ބަލާލިއިރު ސަލަފް އާއި އީފާ ތިބީ ކުރިމަތީގައެވެ. ޔޫއާންއަށް ފެނުނީ ސަލަފް އީފާގެ އަތުގައި ހިފަހައްޓާލައިގެން ހުރިތަނެވެ.
”ޝީ ޑިޒާރވްސް ޔޫ.” ސަލަފް ބުނީ ކުރު ޖުމްލައެކެވެ. އެ ދެމީހުންގެ ގުޅުމާ މެދު ސަލަފްގެ ހިތް ސާފުކަން އެނގުމުން ޔޫއާން އިންތިހާއަށް އުފާވިއެވެ.
”އަދި ތިހާ އުފާވާކަށް ނުވޭ. ގޭގެ މާހައުލާ މެދު ވިސްނާލާ. ޔޫއާން ޖެހޭނެ ތިންމަސް ވަންދެން މަޑުކުރަން.” ސަލަފް އެތެރެއަށް ވަދެ ޔޫއާން ގެނެސް މޭގައި ޖައްސާލިއެވެ.
”އެ ކީއްވެ ތިން މަސް؟” ޔޫއާން ސުވާލު އުފެދުނެވެ.
”އެއީ މީހެއްގެ އިއްދައިގައި އިން އަންހެނެއް.” ސަލަފް އެހެން ބުނެފައި ޝާޔާ އާއި ދިމާލަށް އެނބުރި އަތް ދިއްކޮއްލިއެވެ. ޝާޔާ ސަލަފްގެ އަތުގައި ހިފާލުމުން އެއަތް ތިލަ ގެނެސް ސަލަފް ލައިދިނީ ޔޫއާންގެ އަތުތެރެއަށެވެ.
”އަހަރެމެން ދެބެން ދުވަހަކުވެސް އެއްކަމަކަށް ނުކޯޅޭނަން.” ސަލަފް ޔޫއާން ކޮނޑުގައި ޖަހާލިއެވެ. ޝާޔާ ހަނދާނަށް އައީ މާނާ އެއްދުވަހު ޝާޔާކައިރީ އެދުނު ވައުދެވެ.
”ހޫމް.” ޔޫއާން ސަލަފްގެ ކަރުގައި ބައްދާލިއެވެ. ފެށުނީންސުރެ ދެ މީހުންގެ ޒުވާބަކަށްވި ބައްޕަގެ މައުޟޫ މިހާރު އޮތީ ނިމިފައވެެ. މާނާ ހަޤީޤަތް ހާމަކުރި ދުވަހުން ފެށިގެން ޔޫއާން ހިތުގައި ބައްޕައާ މެދު އުފެދުނު ނަފްރަތު ފޮހެވުނެވެ.
”އަހަރެން ލަންކާއަށް ބަދަލުވުމުގެ ކުރިން މުދާތައް ޔޫއާން އާއި ސުދާގެ މައްޗަށް ބަދަލުކޮއްދޭނަން. އެއީ ތި ދެ މީހުންގެ ކައިވެނީގެ ހަދިޔާކަމުގައި ޤަބޫލުކުރިއަސް އެންމެ ރަނގަޅު.” ސަލަފް ނިކުންނަން ހިނގައިގަތެވެ.
”އަހަރެންގެ ނިންމުން ރަނގަޅުތަ؟” ސަލަފް އެހެން އެހީ ދޮރުން ނިކުމެފައެވެ. ސަލަފްގެ އަތުގައި މުދާތަކެއް ނެތެސް މިއަދު އީފާއަށް ވަރިހަމައެވެ. ދުނިޔޭގެ ހަމަޖެހުން އޮތީ މުދަލާ ގުޅިފައި ނޫންކަން އީފާއަށް ވިސްނިއްޖެއެވެ. އުފަލުގައި އުޅެވޭނީ ތިމާދެކެ ލޯބިވާ މީހެއް ދެކެ ލޯބިވެވިގެންނެވެ.
ތިންމަސްފަސް…
ހުރިހާ ކަމެއްވަނީ ހަމަޖެހިފައެވެ. އީރާ ނެތުމުގެ ފަޅުކަން މަޑުމަޑުން ފޮހެވި ގޮސް އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދެއެވެ. ގޭތެރޭގައި ތައްޔާރުވަމުން ދިޔަ ދެ ކައިވެނީގެ ކަންތަކުގައި އަވަދިނެތި އުޅެމުން ދިޔަ އެންމެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތުތައް ރަނގަޅަށް ފުރިހަމަ ކުރެވޭތޯ ކޮންމެ މީހަކުވެސް ބަލަމުން ދިޔައވެެ. ކައިވެނީގެ މޭޒުދޮށަށް ގާޒީ އާއި ހެކިން ޖަމާވެއްޖެއެވެ.
”ދަރިފުޅާ. ކޮބާތަ ކައިވެނި ކުރަން ތިބި މީހުން.” މާނާ ސުދާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ތައްޔާރުވަމުން ދިޔަ ދެ ޖޯޑުގެ އިންތިޒާރުގައި ތިބި އެންމެންގެ ލޯތައް އަމާޒުވެފައިހުރީ ސިޑިއާ ދިމާލަށެވެ.
”އެ އަންނަނީ” ސުދާގެ އަޑަށް އެންމެން ބަލާލިއެވެ. ކޯޓް ފަޓްލޫނުގައި ހުރި ސަލަފް އަތުގައި ހިފަހައްޓައިގެން ހުރި އީފާގެ މޫނުމަތި އުޖާލާވެފައި އުފާވެރިކަމުން ބަބުޅައެވެ. ހުދު ވެޑިން ޑްރެސް ކަޅު އެހުން ޒީނަތްތެރިކޮއްފައިވާލެއް ފުރިހަމަކަމުން ބަލަން ތިބި މީހުން ތައުރީފުކުރަން ފެށިއެވެ. ސަލަފް ގެ ފަހަތުން ނިކުން ޔޫއާން އާއި ޝާޔާގެ ރީތިކަން ދެގުނައެވެ. ޤުދުރަތީ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ކޮއްފައިވާ ނަލަ މޭކަޕުންނެވެ. މޭޒުދޮށުގައި އިށީން ހަތަރު މީހުންގެ ތެރެއިން ފުރަތަމަ ކުރެވުނީ ސަލަފް އާއި އީފާގެ ކައިވެންޏެވެ. ދެން ޝާޔާ އާއި ޔޫއާންގެ ކައިވެންޏެވެ. ކުލަ ގަދަ ހަފުލާއަކުން ދެ ކައިވެނި މުޅި މާލެއަށް އިއުލާން ކުރެވުނު ހިނދު މުޅި މާލޭގެ ރައްޔިތުންހީވީ އައިސް އެގޭ ދޮށަށް ޖަމާވިހެންނެވެ. މެހެމާނުންގޮސް ގޭތެރެ އަމާންވީއިރު މެންދަމުން އަލިވެ އެކެއްޖަހައިފިއެވެ.
ވެފައިވާ ވަރުބައްޔާ އެކު ޔޫއާން ގެ ފަހަތުން ޝާޔާ ގޮސް ކޮޓަރިއަށް ވަންނަން ފެށުމުން ޔޫއާން މަނާކުރިއެވެ.
”ހަނދާންވޭތަ އެންމެ ފުރަތަމަ ދުވަހު އަހަރެންގެ ކޮޓަރި ދައްކާލަމުން އަހަރެން ބުނީ ކީކޭކަން.” ޔޫއާން ހަނދާންކޮއްދިނެވެ. އެއީ ދުވަހަކުވެސް ހަނދާންނެތޭނެ ބަސްތަކެއް ނޫނެވެ. ޔޫއާން ފަހަތަށްޖެހިލަމުން ޝާޔާއަށް ދޮރު ހުޅުވަން ފުރުޞަތު ދިނެވެ. ދޮރުގައި ހިފާ އެތެރެއަށް ކޮއްޕާލުމުން އޭނާގެ ބޮލަށް އޮހިގަތީ ފިނިފެންމަލުގެ ފިޔައެވެ. ޔޫއާން ފަހަތުން އައިސް ޝާޔާ ނަގައި އަތްދަނޑިމައްޗަށް ލިއެވެ.
”ކަލާޔާނުލައި ދިރުމެއްނެތެވެ.” ޝާޔާ ކިޔާލީ އެނދުގައި ލިޔެފައި އިން ލިޔުންކޮޅެވެ.
”އެއީ އަހަރެން ހިތުގެ އަޑު.” ޔޫއާން ޝާޔާ އެނދުގައި ބައިންދަމުން ބުނެލިއެވެ.
”އަހަރެންގެވެސް.” ޝާޔާގެ އަޑު ނިކުތީ ކިރިޔަކިރިޔާއެވެ. އިތުރަށް އެއްޗެއް ބުނުމުގެ ފުރުޞަތު ނުދީ ޔޫއާން ކައިރިވެލިއެވ.
ސަލަފްގެ ކޮޓަރިވެސް ވަނީ އަލަށް ކައިވެނި ކުރާ ދެމީހަކަށްޓަކައި ޒީނަތްތެރި ކުރާ ވަރަށް ޒީނަތްތެރިކޮއްފައެވެ. ސަލަފް އީފާ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދުމަށްފަހު އީފާ އުނގުގައި ބޯއަޅާލިއެވެ.
”މި އުނގު ފަޅުފިލުވައިދެވޭނެ ކަމުގެ އުއްމީދެއް ނެތް. އެކަމަކު އަހަރެންގެ އޯގާތެރިކަމާއި ލޯބިން އީފާގެ ހިތް ފުރާލަދޭނަން.” ސަލަފް އިނގިލިތައް އީފާގެ އިނގިލިތަކާއި ގުޅާލިއެވެ. ސަލަފްގެ ދުލުން ބަޔާންކުރި ވައުދު އިވިފައި އީފާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ނިރާލިއެވެ. ”އަހަރެން ސަލަފް ޤަބޫލުކުރީ ހެޔޮހިތުން. އަހަންނެކޭ ސަލަފްއެކޭ އެއްވެސް ތަފާތެއް ނެތް. އަހަރެން ސަލަފްއަށް ކިޔައިދޭންޖެހޭ ހަޤީޤަތެއް އެބައޮތް.” އީފާ މޫނުމަތިން ފެނުނު އުފާވެރިކަން ފަނޑުވިއެވެ. ސަލަފް ޝައުޤުވެރިކަމާއި އެކު އީފާގެ މޫނަށް ބަލާލިއެވެ.
”އަހަންނަކަށްވެސް ކުއްޖަކު ނުލިބޭނެ. އޭރު އަހަރެން ސަލަފް ދޫކޮއްލާފައި ދިޔައީ ސަލަފްއަށްވުރެ މުއްސަންޖެއްގެ ކައިރިއަށް. އެމީހާ ފަދައިން އަހަރެން ބޭނުންވީ އުފަލާއި އަރާމު. ދަރިންނަކީ މިނިވަންކަމަށް ހުރަސް އަޅާބައެކޭ ވިސްނިފައި އޮތަތީ ބޭރު ޤައުމަކަށްގޮސް ކުދިން ލިބޭ މަގު ބަންދު ކުރީ. އަހަރެން މިއަދު ދެރަވިއަސް ކީއްކުރާނި.” އީފާއަށް ރޮވުނެވެ. ސަލަފް އީފާ ގެނެސް މޭގައި ޖައްސާލިއެވެ.
”އަހަރެން ވިސްނަން ކުއްޖަކު އެޑޮޕްޓް ކުރަން. އޭރުން ފަޅުކަން ފިލާނެ.” ސަލަފް ވިސްނަން އިނދެފައި ބުނެލިއެވެ. އީފާ ދެލޯ ފޮހެލާފަ އަވަހަށް ބޯޖަހާލިއެވެ.
އޭގެ ދެ ދުވަސްފަހުން ސަލަފް ފުރައިގެން ދިޔައީ ބުނި ފަދައިން މުދާތައް ބައިކޮއްދީފައެވެ. ސުދާ އާއި ޒަވީން އެކުގައި އުޅޭތަން ފެނި އެއްވެސް މީހެއްގެ ހިތުގައި ބުރަކަމެއް ނެތެވެ. ޒަވީންއަށް ހެޔޮވިސްނުން ވިސްނި ސުދާއާ ގުޅުނުކަމީ އެންމެންނަށް ލިބުނު އުފަލެކެވެ. އުފަލަކީ އެންމެންނަށްވެސް ހައްޤު އެއްޗެކެވެ. އެކަމަކު އެ ލިބޭނީ ހަޔާތުގެ ހިތްދަތި ސަފްހާ ތަޖުރިބާ ކޮށްގެންނެވެ. ނޫންނަމަ އުފާވެރިކަމުގެ އަސްލު ރަހަ ވަޒަން ކުރާކަށް ނޭނގޭނެއެވެ. އީރާއަށް އެ ނަޞީބު ނުލިބުނީ އަގީދާގެ ބަލިކަށިކަމުންނެވެ. ކުރެވުނު ފާފަތަކަށް ތައުބާވެ އިސްލާހުވުމުގެ ބަދަލުގައި މަރާއި ކުރިމަތިލީކަމުން ދުނިޔެ ނުލިބުތަނުގައި އާޚިރަތްވެސް ނުލިބުނެވެ.
(ނިމުނީ)