ދިވެހި ބަހުގަ ހުންނަ އަކުރު ތަކުގެ ތެރެއިން އެންމެ އަކުރެއް ފިޔަވާ އެހެން ހުރިހާ އަކުރު ތަކަކީ އެއަކުރަކުން ގިނަ ބަސް ފެށޭ އަކުރު ތަކެކެވެ. ދިވެހި ބަހުގެ އަކުރު ތަކުގެ ތެރެއިން އެއް އަކުރަކީ އެއަކުރަކުން ހަމަ އެންމެ ބަހެއް ފެށޭ އަކުރެކެވެ. ދިވެހި ތާނައިގެ އަކުރުތަކުގެ ތެރޭގައި ހިމެނޭ “ޏ” އަކުރުން ފެށޭ ހަމަ އެކަނި ބަހަކީ “ޏަމްޏަމް” އެވެ.
ދުނިޔޭގެ އެހެން ގައުމު ތަކާ އަޅާ ބަލާއިރު ރާއްޖެގައި ހެދޭ ގަސްގަހާގެހީގެ ބާވަތްތަކަކީ ނިސްބަތުން މަދު އަދަދެކެވެ.
ޏަމްޏަމަކީ ކިތަށްމެ އާއްމު ބަހެއް ނަމަވެސް ޏަމްޏަމް ގަހެއް ހަމަލޮލަށް ފެނިފައިވަނީ މަދު ބަޔަކަށްކަން ޔަގީނެވެ. ވަރަށް މަދުން ނޫނީ ރާއްޖެއިން ނުފެންނަ ޏަމްޏަމް ގަހެއް ކުޅުދުއްފުށީގެ ގެއެއްގައި އެބަހުއްޓެވެ. އެ ގަހުގެ ވެރިޔާ މުހައްމަދު އާދަމް މި ނޫހަށް ވާހަކަ ދައްކަމުން ބުނީ އެގަހަކީ މާލެއިން ގެނައި ގަހެއް ކަމަށާއި އެ ގަސް ހައްދަން މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށެވެ.
” ޏަމްޏަމް ގަހަކީ މާލެއިން ގެނައި ގަހެއް. ވަރަށް ކުޑަ ގަސް ގެނައިރު ގާތްގަނޑަކަށް މުށެއް (ފޫޓެއް) ހުންނާނީ އޭރު އެ ގަހުގައި” މުހައްމަދު ބުންޏެވެ.
ކުޅުދުއްފުށީ، “ލަޔާލް” ކިޔާގޭގައި ހުންނަ މި ޏަމްޏަމް ގަހުގައި މިހާރު ގާތްގަނޑަކަށް ދިހަ ވަރަކަށް ފޫޓު ހުރެ އެވެ. 12 ވަރަކަށް އަހަރުވީ މިގަސް ފޯދިފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.
“ބޮޑަށް ހުތް ރަހަ ލަނީ (ދެނީ). ފޮނި ރަހައެއް ވެސް ހުރޭ އެމޭވާގައި” އޭނާ ބުނެޏްވެ.
އޭނާ ބުނީ “ޏ” އަކުރުން ފެށޭ އެއްޗެއް ހޯދުމަށް ސްކޫލުން ބުނުމުން “ޏަމްޏަމް” ހޯދަން ދަރިވަރުން އެ ގެއަށް އަންނަ ކަމަށެވެ. އަދި ބައެއް މީހުން ޏަމްޏަމް ފަތް ހޯދުމަށް އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. މައިގްރެއިން ބައްޔަށް ފަރުވާ ހޯދާ މީހުން އެ ގަހުގެ ފަތް ގެންދަނީ އެ ފަތުގެ ދިޔައިގެ ބޭނުންކޮށްގެން ބޭހެއް ހެދުމަށް ކަމަށް އެ ގެއަށް އެ ފަތް ހޯދަން އަންނަ މީހުން ބުނާ ކަމަށް “ލަޔާލް” ގެއިން މައުލޫމާތު ދެއެވެ.
ހިޔާ ބޮޑު މި ގަހުގައި ޏަމްޏަމް އަޅާފައި ހުންނަނީ ބިލަމަގު ގަހުގައި ބިލަމަގު އަޅާފައި ހުންނަ ގޮތަށް ގަސްގަނޑުގަ އެވެ.