އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި
ޙަސަދަވެރިކަން ހިތުން އޮތުމީ ނުރައްކާ ހާދަބޮޑު ކަމެކޭ
ހަސަދަވެރި ހިތުގެ ހަމަޖެހުމާ އުފާ ނެތި ގެއްލިދާ ކަމެކޭ
ޢަދަދު ނުމެވާނެހާ ގިނަ ގުނަވި ނިޢުމަތްތައް ލިބެން ހުއްޓައި
އަބަދު އަނެކުންގެ ނުޢުމަތް ތައް ފިލައި ދިއުމަށް އެދޭ ކަމެކޭ
އަރާމާ އުފަލުގައި އުޅޭވޭނެ ފުރުޞަތު ފަހިވެފައި އޮއްވައި
ހަރާން ކަމަކަށް އަރައި ގަތުމަށް ނަފުސު އާދޭސް ކުރާ ކަމެކޭ
ތިމާއަށް ނެތްކަމެއް މޮޅު އަނެކުނަށް ލިބިފައި އޮތީވިއްޔާ
ތިމާ އަބަދާ އަބަދު އެކަމާ ފިކުރު ހިންގަން ޖެހޭ ކަމެކޭ
ކަމާ އަޚްވަންތަ ގުޅުމާ ލޯބި ކުލުނާ އޮތް އުފެދިފައިވާ
ދަމާ ކޫއްތާ ފެއަށް މީހާ މުޅިން ގެންދާނެ މީ ކަމެކޭ
އެކީ އެކުގައި އުޅޭ މިތުރުން އެކީ އެއްތަށި މަތިން ކައިގެން
އެހީތެރި އަތްތަކުން މީހާ މުޅިން މަހްރޫމް ވާ ކަމެކޭ
ތިމާއަށް ދެއްވަވައި ފައިވާ ނުހަނު ބޮޑު ޢިއްޒަތާ ޝަރަފާ
ތިމާއަށް ނޭނގި ހުއްޓައި ގެއްލި ވެއްޔާ މޮޑެވިދާ ކަމެކޭ
ގުޅުންތައް އިޖްތިމާޢީ ހަމަޖެހޭ ގޮތަކަށް މިތާ އޮތްހައި
ގުޅުންތައް ކެނޑި ފަސާދަވެދާނެ މީ ސުންޕާ ނުބައި ކަމެކޭ
ކުރާ އަޅުކަންތަކާ ހެޔޮހައި ޘަވާބާ ދަރުމަ ލިބެމުންދާ
ކުރާ ހަސަދައިގެ ފާފައިން ހެޔޮ ޢަމަލު ކައި ހުސްކުރާ ކަމެކޭ
ނިދިން ޣާފިލްކަމުގެ މެރިލޯ ތިހެން މީހާ ނުދަނެ ހުއްޓައި
ގިނިން ނަރަކައިގެ ހޫނު ތިމާ އަނދައިގެން ދާނެ ފަދަ ކަމެކޭ