ދަތުރުވެރިޔަކު ހިނގާފައި ދިޔަ ދިއުމެއްގައި އެތްތަކެއް ގެންގުޅުނު މީހަކާ ދިމާވި އެވެ. ހައިރާންވެފައި މަޑު ކޮށްގެން ބަލަން ހުރެވުނީ މި ބިޔަ އެތްތައް ހައްޔަރު ކުރެވިފައިވަނީ މި އެތްތަކުގެ އެންމެ ފައެއްގައި ބަނދެވިފައިވާ އެންމެ ވާ ފަށަކުން ކަމަށް ވާތީ އެވެ. ޗޭނުގަނޑެއް ނުވަތަ ކޮށްޓެއް މި ތަކެތި ހައްޔަރު ކުރުމުގައި ބޭނުން ކުރެވިފައެއް ނުވެއެވެ.
ނަމަވެސް ޔަޤީންކޮށް އެނގޭ ކަމަކީ މި އެތްތަކަށް މި އެތްތައް ބޭނުން އިރެއްގައި މި ވާފަށްތައް ކަނޑާލާފައި ސަލާމަތް ވެވޭނެ ކަމެވެ. އެހެނަސް ކޮންމެވެސް ސަބަބަކާ ހުރެ މި ތަކެތި ސަލާމަތްވެ ރައްކާވާކަށް މަސައްކަތެއް ނުކުރެ އެވެ.
މި ސަބަބާ ހުރެ މި އެތްތަކުގެ ވެރި ފަރާތުން މިކަމާ ގުޅޭގޮތުން ސުވާލު ކުރިއެވެ.
އޭނާ ހީލާފައި ބުންޏެވެ. “އެ ތަކެތި ވަރަށް ކުޑައިރުންސުރެ ހައްޔަރު ކުރެވިފައިވަނީ އެ ވާ ފަށުން. އޭރު މިހާ ބިޔައެއް ނުވާނެ.. އޭރު ސަލާމަތްވާން ކުރި މަސައްކަތްތައް ނާކާމިޔާބު ވުމުން އެ ތަކެެއްޗަށް ޤަބޫލު ކުރެވެނީ މިހާރުވެސް އެ ވާ ފަށެއް ކަނޑައެއް ނުލެވޭނޭ..”
މި ދަތުރުވެރިޔާ ހައިރާންވެ އާޝޯހުވެފައި ހިތަށް އެރިއެވެ. މި ތަކެއްޗަށް ބޭނުން އިރަކު ސަލާމަތް ވެވެން އޮތް ނަމަވެސް ޤަބޫލު ކުރެވޭ ޤަބޫލު ކުރުމެއްގެ ސަބަބުން ސަލާމަތް ވާން މަސަައްކަތް ނުކުރެވި ތިބެވެނީ އެވެ.
އަހަރެމެންގެ ހަޔާތުގައި މިހެން ދިރިއުޅޭއިރު މިކަހަލަ ކިތައް މީހުންނާ ދިމާވޭ ހެއްޔެވެ؟ ކިތަންމެ ބައެއް އެއްފަހަރު ކަމެއް ނާކާމިޔާބު ވުމުން ދެވަނަ ފަހަރަށް މަސައްކަތް ނުކޮށް އެބަ ތިބެއެވެ. އެއީ އެފަދަ މީހުންނަށް ޤަބޫލު ކުރެވެނީ މި އެތްތަކަށް ޤަބޫލު ކުރެވޭފަދަ ގޮތަކަށް ކަމުގައި ވާތީއެވެ.
ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ނާކާމިޔާބީ އަކީ ލިބޭ ވަރަށް ބޮޑު ތަޖުރިބާ އެއްކަމެވެ. އަދި ކަމެއް ކާމިޔާބު ކުރުމަށް ލިބޭ ފިލާވަޅެއް ކަމުގައެވެ. ބޮޑެތި ކާމިޔާބީ ތަކަކީ ގަދަ އަޅާ މަސައްކަތް ކޮށްގެން ލިބޭ އެއްޗެކެވެ. ކަމެއްގައި އެއްފަހަރު ނާކާމިޔާބު ވުމުން ހުއްޓާލައިފިނަމަ ކާމިޔާބީ އަކީ ދުރުގައިވާ ކަމެކެވެ.