ފިނި މޫސުމުގެ އެންމެ ފިނިގަދަ ދުވަސްވަރެވެ. މިހާ ފިނިގަދަ ފިނި މޫސުމެއް ނާންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ފިނި މޫސުމުގެ ގަދަ ފިނީގެ ސަބަބުން ޖަންގަލީގެ ގިނަ ޖަނަވާރު ތަކެއް ދަނީ މަރުވަމުންނެވެ.
މިހާ ހިސާބަށް ކަންތައްތައް ދިއުމުން ވަލުކޮޝިކަލިތައް އެއްވެ ބޮޑު ޖަލްސާއެއް ބޭއްވި އެވެ. އެ ޖަލްސާ ބޭއްވީ ހޫނުކޮށް ތިބުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ސައްލާ ކުރުމަށެވެ. އެއީ އެހެން ޖަނަވާރުންތައް ފަދައިން ވަލުކޮޝިކަލިތައް ވެސް ފަހަރަކު އެއްޗެއް މަރުވަމުން ދާތީއެވެ.
ހުރިހާ ވަލުކޮޝިކަލިތަކަށް ވެސް އެއްބަސް ވެވުނީ ހުރިހާ ވަލުކޮޝިކަލިތަކެއް އެއްތަނަކަށް ޖަމަޢުވެ އެކެތި އަނެކެތިން ހޫނު ލިބިގަތުމަށެވެ. ނަމަވެސް މިގޮތަށް ހެދުމުން އެކެތި އަނެކެތީގެ ކަށިތައް ކައިރީގައިވާ ވަލުކޮޝިކަލުތަކުގެ ގަޔަށް ހެރި ކުދިކުދި ޒަހަމްތައް ލިބެމުން ދިޔައެވެ. އެހެންކަމުން އެކެތި އަނެކެތީގެ ކަށިތައް ނެހެރޭނެ ވަރަށް ދުރުގައި ތިބުމަށް އެ ތަކެތި ނިންމި އެވެ.
މާ ގިނައިރުތަކެއް ނުވެ އެކެތި އަނެކެތި ހީގަނެ ވަލުކޮޝިކަލިތައް އަނެއްކާވެސް މަރުވާން ފަށައިފި އެވެ. މިހެންވެ ވަލުކޮޝިކަލިތަކަށް ދެގޮތުންކުރެ އެއްގޮތަކަށް ނިންމަން ޖެހުނެވެ. އެއީ ވަކިވަކިން ކަށިތައް ނެހެރޭނެހެން ދުރުގައި ތިބެ މަރުވުން ނުވަތަ ކަށިތަކުން ލިބޭ ކުދިކުދި ޒަހަމްތަކަށް ކެތްކޮށްލައިގެން ފިނި މޫސުން ނިމެންދެން މަރުނުވެ ދުނިޔޭގައި ތިބުމެވެ. ހުރިހާ ވަލުކޮޝިކަލިތައް ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާ އެކު ނިންމީ އެކުގައި ކައިރި ކައިރީގައި ތިބުމަށެވެ.
އަހަރެމެންގެ ހަޔާތަކީވެސް މިފަދަ ކަމެކެވެ. އަހަރެމެން ދުނިޔޭގައި އުޅޭއިރު ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާއި، އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ތިމާ ހިތްހަމަނުޖެހޭނެ ކަންތައްތައް ކުރެވޭނެ ބައެކެވެ. ސަބަބަކީ އެއްވެސް އިންސާނަކީ ފުރިހަމަ އިންސާނަކަށް ނުވާތީ އެވެ. އެއީ އިންސާނީ ޠަަބީއަތެވެ. އެހެނަސް ދިމާވާ ކުދިކުދި ކަންތައްތައް ހަނދާން ނައްތާލާ އަނެކުންނަށް މާފުކުރާނަމަ އެމީހެއްގެ ދިރިއުޅުމުގައި ދިމާވާ ތަފާތު ގޮންޖެހުންތައް ގިރާކުރަން ފަސޭހަ ވާނެއެވެ. އަދި އެކުވެރިކަން ދެމެހެއްޓުމަށް އެހީތެރިވެދީ އަނެކުންގެ ކުރިމަތީ ތިމާގެ ޤަދަރާއި އިއްޒަތް އުފުލިގެން ދާނެއެވެ.