twitterviber whatsapp telegramfacebookyoutube instagram
9th May 2024

ފުރާނަ ބުނެދެމުންދާ ގޮތް

Apr 21, 2014

ނޫރުއްސަލާމް އަބޫބަކުރު

ހިފަހައްޓާށެވެ. އެހެނަސް ހުރިހާ ދިމާއަކުން ނުބަންނާށެވެ. އަނދަގޮނޑިޖަހައި ހައްޔަރުނުކުރާށެވެ. ބިޑިއަޅައި ކަސްތޮޅުނުކުރާށެވެ! ހިފަހައްޓާށެވެ. ކޮންމެވެސް ވަރަކަށެވެ. ވާންކަމެއް ބަހައްޓާށެވެ. ކޮންމެވެސް މިންވަރަކަށެވެ. ހުރިހާ ދިމާއަކުން ބަނީމާ ހުއްޓޭނީ ހަރަކާތެވެ. ބެދޭނީ ހަފަރާތެވެ.

މިނިވަންކުރާށެވެ! ވިސްނުމާއި ފިކުރާއި ޚިޔާލު އަޅުވެތި ނުކުރާށެވެ. އެހެނަސް އެޔަށް އަޅުކަން ނުކުރާށެވެ. މުރާދެއްނެތި މޮހައި ނުލާށެވެ. އޮޔާއި ވަޔަށް ފިކުރު ސަޖިދަ ނުކުރުވާށެވެ. އެހެނަސް އޮޔާއި ވައި ތިބާގެ ފިކުރަށް އަޅުވެތިކުރާށެވެ.

ހުރިހާ ދިމާއަކުން މޮހައިލީމާ ހަރެއް ނުލާނެއެވެ. ވަރެއް ނުހުންނާނެއެވެ. ވިއްސި ހިނގައިދާނެއެވެ. ވަޔަށް ބުރައިދާނެއެވެ.

ބުއްދިވެރިވާށެވެ. އެހެނަސް ބުއްދިއާ ހެދި މޮޔަ ނުވާށެވެ. ފުނާނައަށް މިސްރާބު އޮޅިދާނެއެވެ. ޙައްޤު ތިބާއާ ރުޅިވެދާނެއެވެ.

ޖަޒުބާތާއި މިޒާޖު ދޫކޮށް ނުލާށެވެ. ދެރަވާށެވެ. ރޯށެވެ. އެކަމަކު ހިތާމަނުކުރާށެވެ. ހިނިތުންވެ ހީއުޅޭށެވެ. އުފާކުރިޔަސް ބޮޑާވެ ނުގަންނާށެވެ.

ރުޅިއަންނާށެވެ. ރުޅި އަންނަންޖެހޭ ވަގުތުގައެވެ. އެހެނަސް ރުޅީގެ ޙަޤީޤީ ގޮތުގައެވެ. ރުޅިއަކީ ވަހެއް ކުލައެއް ނުހުންނަ ފަދައިން ދުލެއް ވެސް ހުންނަ އެއްޗެއް ނޫނެވެ. އެހެންވީމާ ރުޅިއަޔަސް ބަސް ނުބުނާށެވެ. ރުޅި ނާންނަ މީހަކީ ބާވަތެއްގެ މޮޔައެކެވެ. ރުޅީގެ ވަގުތުގައި ހަނުހުރެއްޖެ މީހަކީ ފުރަތަމަ ދަރަޖައިގެ ބުއްދިވެރިއެކެވެ.

ޠަބީޢަތްތަކާއި ހަނގުރާމަކޮށް ޖަދަލު ނުކުރާށެވެ. ރޭގަނޑު އަނދިރިވާނެއެވެ. އެއަނދިރިކަން ދުއްވާލަން ހޮޅިބުރިތަކުން ދުނިޔެ ފުރާ ނުލާށެވެ. ހަނދާއި ތަރިތަކުން ފުދޭ މިންވަރުވާނެއެވެ. ފަތިސްވެ އަލިވިލުމުން އެކީ އަލިވާނެއެވެ. އަވަސްއަރައި ނުގަންނާށެވެ.

ދުވާލު އަނދިރިކުރަން ނޫޅޭށެވެ. އިރުކޭތައިގެ ނާދިރުކަން ފިލައިދާނެއެވެ. ރޭވުމުން އަނދިރިވާނެއެވެ. އިހަށް ކެތްތެރިވެގެން ނުނިދާ މަޑުކުރާށެވެ.

ޙަޤީޤަތްތަކާ މެދު ޙަޤީޤަތަށް ވިސްނާށެވެ. ވިސްނުން ޙަޤީޤަތް ކުރާށެވެ. އެއަށްފަހު ޙަޤީޤަތާ މެދު ރުހެން ދަސްކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355