ޗެލްސީ ކަޓުވާލުމަށްފަހު އެތުލެޓިކޯ މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.
ރޭ ޗެލްސީީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޑިއޭގޯ ސިމިއޯނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެތުލެޓިކޯ މެޑުރިޑުން ކާމިޔާބު ކުރީ 3-1 ގެ ނަތީޖާ އަކުންނެވެ. މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.
ރޭގެ މެޗުގެ 36 ވަނަ މިނެޓްގައި ފުރަތަމަ ލަނޑުޖަހާ ޗެލްސީއަށް ލީޑު ހޯދައިދިނީ އެތުލެޓިކޯ މެޑުރިޑުން މަޝްހޫރުކަން ހޯދި ސްޕެއިންގެ ފޯވާޑް ފޭނާންޑޯ ޓޯރޭސް އެވެ. ނަމަވެސް ޗެލްސީއިން މި ލަނޑު ޖެހުމާއެކު އެތުލެޓިކޯ މެޑުރިޑުން ކުޅުން ވަރުގަދަކޮށް ފުރަތަމަ ހާފު ނިމެން 1 މިނެޓަށްވެފައި ވަނިކޮށް އެތުލެޓިކޯގެ އެޑްރިއަން ލޯޕޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
އަވޭ ގޯލުގެ އުސޫލުން ބަލިވެފައި އޮތުމުން ފައިނަލަށް ދިއުމަށްޓަކައި ލަނޑެއް ޖެހުމަށް މަޖުބޫރުވެފައި އޮތް ޗެލްސީއިން ދެވަނަ ހާފު ފަށައިގެން ކުރަމުން ދިޔަ ބުރަ މަސައްކަތުގެ ހުރަހަކަށްވީ ޗެލްސީއިން އެތުލެޓިކޯއަށް ލޯން ކޮށްފައިވާ ހުނަރުވެރި ކީޕަރ ކޯޓޮއިސް އެވެ. އަދި ޗެލްސީއަށް އިތުރު މާޔޫސް ކަމެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ސެމުއެލް އެޓޫ ޕެނަލްޓީ އޭރިޔާ ތެރެއިން ޑިއޭގޯ ކޯސްޓާއަށް ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުމުންނެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށް އެތުލެޓިކޯ މެޑްރިޑަށް ރޭ ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ މި ސީޒަނަށްފަހު ޗެލްސީއަށް ބަދަލުވާނެ ކަމުގެ ޚަބަރުތައް ލިބިފައިވާ ޑިއޭގޯ ކޯސްޓާ އެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކާމިޔާބުކުރި 8 ވަނަ ލަނޑެވެ.
40 އަަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކުރި އެތުލެޓިކޯއަށް އެޓީމުގެ ތިން ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އާޑާ ޓޫރާން އެވެ.
ފުރަތަމަ ފަހަރަށް އެއް ސިޓީއަކަށް ނިސްބަތްވާ ދެ ކުލަބުން ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭ މި ފައިނަލްގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ޗެމްޕިއަންސް ބަޔާން މިއުނިކު ސެމީގައި ބަލިކުރުމަށްފަހު ފައިނަލަށް ދަތުރުކުރި ރިއަލް މެޑްރިޑާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް އޮންނާނީ މޭ މަހުގެ 24 ގައި ޕޯޓްގަލްގެ ލިސްބަންގަ އެވެ.