twitterviber whatsapp telegramfacebookyoutube instagram
6th May 2024

ވިހަގަދަ ޖަނަވާރުތަކާ ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް؟

May 6, 2014

ފައިދިގު މަކުނެއް ފެނުމުން ބިރުން އުޅެން ހެދުމުން އެކުވެރިޔަކު ޖޯކު ޖަހާ ދިމާ ކޮށްލި އެވެ. ވަރަށް ކުޑައިރު ފައިދިގު މަކުނެއް ދަތް އެޅުމުން ވީ ތަދާ އުޅުނު ގޮތް އެނގޭނަމަ އެގޮތަށް ދިމާ ނުކުރާނެކަން ޔަޤީނެވެ. ނަސީބު ރަގަޅު ކަމުން ވިހައިގެ މާ ބޮޑު އަސަރެއް ނުކޮށް ސަލާމަތްވި އެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދިރިއުޅޭ މިފަދަ ސޫފިސޫތްޕާއި މެދު އަޅުގަނޑުމެންނަށް ސަމާލުވެވޭ މިންވަރާމެދު ވިސްނާލަން ޖެހެއެވެ. އަދި ރާއްޖޭގެ މާހައުލުގައި ކުރިން ނޫޅޭފަދަ ބައެއް ޖަނަވާރުތައް ރާއްޖޭގެ މާހައުލުގެ ތެރެއަށް ދޫވަމުންދާ މި ދަނޑިވަޅުގައި މިކަމާމެދު ސަމާލުވުމަކީ މުހިއްމު ކަމެކެވެ. މިފަދަ ޖަނަވާރުތައް އެއްގަމުގައި، މޫދުގައި އަދި ދޫނިސޫފާއިސޫފީގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ.

މިފަދަ ޖަނަވާރުތައް އާންމު ގޮތެއްގައި ބެހެނީ ދެބަޔަކަށެވެ. އެއީ އެ ޖަނަވާރެއްގައި ޖެހުމުން ނުވަތަ އަތްލެވުމުން ވިހަވާ ޖަނަވާރު(ޕޮއިޒަނަސް އެނިމަލްސް)  އަދި އެ ތަކެއްޗަށް ނުރައްކަލެއް އަންނަހެން ހީވުމުން ސަލާމަތްވުމަށްޓަކައި ހަމަލާދީ ވިހަލާ ޖަނަވާރު (ވެނޮމަސް އެނިމަލްސް) ތަކެވެ. މި ދެބާވަތުގެ ޖަނަވާރުތަކުގެ ވިހައިގެ ސަބަބުންވެސް އިންސާނުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށްދާ ފަހަރު އާދެއެވެ.

ބައެއް ކަހަލަ ޕޮއިޒަނަސް އެނިމަލްސް ތަކަށް ބަލާއިރު ޕޮއިޒަން ޑާޓް ފްރޮގް(ބޮކުގެ ބާވަތެއް)، ޕުފަރ ފިސް(މަހެއް)، ބޮކްސް ޖެލީ ފިސް(ގިއްނޯހުގެ ބާވަތެއް)، ބްލޫ ރިންގްޑް އޮކްޓޮޕަސް(ބޯވައިގެ ބާވަތެއް)، މާބްލްޑް ކޯން ސްނެއިލް(މޫދުގައި އުޅޭ ފިނިހަކައިގެ ބާވަތެއް) ފަދަ ޖަނަވާރުތަކަކީ މި ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ބައެއް ޖަނަވާރުތަކެވެ. މި ތަކެއްޗަކީ މިތަކެތި ދިރިއުޅޭ މާހައުލުންނާއި މިތަކެތީގެ ހާއްސަ ކެއުންބުއިމުން ވިހަ ލިބިގަންނަ ޖަނަވާރުތަކެވެ. މިގޮތުން މިތަކެތި މި ތަކެތީގެ މާހައުލުން އެކަހެރިކޮށް މި ޖަނަވާރުތަކުގެ އާންމު ކެއުންބުއިމުން މަހްރޫމް ކޮށްފިނަމަ ވިހަ އުފެއްދުމުން މަހްރޫމްވެ އެވެ. މި ޖަނަވާރުތަކުގެ ތެރެއިން ބޮކްސް ޖެލީފިސްގެ ވިހައިގެ ސަބަބުން މިހާތަނަށް 5567 މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.

ވެނޮމަސް އެނިމަލްސްތަކަށް ބަލާއިރު ބްރެޒިލިއަން ވެންޑަރިން ސްޕައިޑަރ (ފައިދިގު މަކުނުގެ ބާވަތެއް)، ބްލެކް ވިޑޯ (ފައިދިގު މަކުނުގެ ބާވަތެއް)، ކިންގް ކޯބްރާ (ހަރުފައިގެ ބާވަތެއް)، ޑެތް ސްޓޯކާ ސްކޯޕިއަން (ނަގުލަންދާށީގެ ބާވަތެއް) އަކީ މި ލިސްޓްގައި ހިމެނޭ ބައެއް ޖަނަވާރުތެކެވެ. މިފަދަ ޖަނަވާރުތައް ދަތްއަޅައި ހަށިގަނޑުގެ ނާރުތަކުގެ ތެރެއަށް ވިހަ ފޮނުވާލުމުގެ ސަބަބުން ހިތުގެ ހިނގުން އަވަސްވެ ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި، ނޭވާލާން އުނދަގޫވުމާއި، ގައިގައި ރިއްސާ ދާހިއްލުމުގެ އިތުރުން ބައެއް އެހެންކަހަލަ އުދަނގޫތަކާއި ކުރިމަތިވެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ.

މިފަދަ ޖަނަވާރުތައް ހަމަލާދީފިނަމަ ކަންތައް ކުރާނެ ގޮތް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ގިނަ ސިއްހީ މާހިރުން ލަފާދޭ ގޮތުގައި މިފަދަ އެއްޗެއް ދަތްއަޅައިފިނަމަ އެ ސަރަހައްދެއް ސައިބޯނިލައިގެން ދޮވުމާއި، ވިހަ ފެތުރުނަ ނުދިނުމަށްޓަކައި އެ ސަރަހައްދުގައި އައިސް އެޅުމާއި، ގަދައަށް ލޭ ނާންނަނަމަ އެ ސަރަހައްދެއް ނިވާނުވާނޭހެން ބެހެއްޓުމަކީ އެންމެ އަވަހަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ. އަދި ލަސް ނުކުރައްވާ ސިއްހީ މާހިރުންގެ އިރުޝާދު ހޯދުމަކީ އެންމެ މުހިއްމު ކަންތަކެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ މިފަދަ ޖަނަވާރުތައް މަދު ޤައުމަކަށްވުމީ އަޅުގަނޑުމެން ޝުކުރުވެރިވުން ވާޖިބު ކަމެކެވެ. ނަމަވެސް ބައެއްގެ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ޖަނަވާރުތައް ފެތުރެމުންދާކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި ކޮޓަރިއާއި ގޭތެރެއިގެ އިތުރުން އަންނައުނުތައް ސާފުކޮށް ބެހެއްޓުމަކީ މިފަދަ ޖަނަވާރުތަކުން ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ބައެއް މުހިއްމު ކަންތަކެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355