ހދ.އަތޮޅު ތަޢުލީމީ މަރުކަޒްގެ 2014 ވަނަ އަހަރުގެ އިންޓަރ ހައުސް ފުޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތުގެ ތަށި މާކަރީ ހައުސް އުފުލާލައިފި އެވ.
އެސްކޫލުގެ ހަތަރު ހައުސްގެ މެދުގައި ކުޅުނު މިމުބާރާތުގެ ޗެމްޕިއަންކަން މާކަރީ ހައުސް ހޯދީ މިއަދު ހަވީރު ކުޅުނު ފުޓްބޯޅައިގެ ފައިނަލް މެޗްގައި މާރޒް ހައުސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން 4-5 ލަނޑުގެ ކުޑަ ތަފާތަކުންނެވެ. މެޗުގެ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 އެއްވަރުވެފަ އެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާކަރީ ހައުސްގެ ޝަމްވީލް މުޙައްމަދެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓްގައި މިއަދު ކުޅުނު ނެޓްބޯޅަ ފައިނަލް މެޗް މާކަރީ ހައުސްއިން މޮޅުވީ މާރޒް ހައުސްގެ މައްޗަށް އެންމެ ޕޮއިންޓެއްގެ ކުރި ހޯދައިގެންނެވެ. މާކަރީ ޓީމަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާކަރީ ހައުސްގެ ގޯލް އެޓޭކަރ ފާތުމަތު ޝާހިދާ ހަމްމާމް އެވެ.
ފުޓްބޯޅާ މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަން ހޮވިފައިވަނީ މާރޒް ހައުސްގެ އަހުމަދު އަހްޒަމާއި އަހުމަދު ސިމާން އަލީ އާއި އަލީ އަބްދުﷲ ރަމީޒާއި މާރކަރީ ހައުސްގެ ސިމާހް އިބްރާހީމްގެ އިތުރުން ޝަމްވީލް މުހައްމަދު، ވީނަސް ހައުސްގެ އަތޫފް އަހުމަދު އަދި ޕްލޫޓޯ ހައުސްގެ އަހުމަދު ރިޝްވާނެވެ.
ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ މާރޒް ހައުސްގެ އަހުމަދު އަހްޒަމެވެ. އަދި އަހްޒަމް ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ދެކުޅުންތެރިން ގެތެރޭގައިވެސް ހިމެނިފަ އެވެ. އެންމެ ގިނަ ގޯލްޖެހި އަނެއް ކުޅުންތެރިއަކީ ވީނަސް ހައުސްގެ އަހުމަދު އަތޫފެވެ.
ނެޓްބޯޅަ މުބާރާތުގެ އެންމެ މޮޅު 7 ކުޅުންތެރިންނަކީ މާރކަރީ ހައުސްގެ ގޯލްއެޓޭކަރ ފާތުމަތު ޝާހިދާ ހަމްމާމް އާއި ގޯލްކީޕަރ ޒީނަތު އަލީ އާއި ސެންޓަރ އަފާ އަބްދުﷲ އާއި މާރޒް ހައުސްގެ ސެންޓަރ އަތުފާ އަބްދުއްރަޝީދުގެ އިތުރުން ގޯލްއެޓޭކަރ ސަރާ މުހައްމަދާއި ގޯލްޝޫޓަރ ސަމްހާ އަމްޖަދު އަދި ވީނަސް ހައުސްގެ ގޯލްޑިފެންޑަރ ހައްވާ ރިފްނާ އެވެ.
ނެޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާކަރީ ހައުސްގެ ގޯލްއެޓޭކަރ ފާތުމަތު ޝާހިދާ ހަމްމާމް އެވެ.
މުބާރާތުގެ ހާއްސަ ވަނަވަނަ އަށް ދިޔަ ފަރާތަކަށް އިނާމު ހަވާލު ކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދާއި ކައުންސިލު މެންބަރު އައިމިނަތު މަޖީދާ އަދި އަތޮޅު ކައުންސިލުގެ ނައިބު އަހުމަދު އާތިފެވެ.