twitterviber whatsapp telegramfacebookyoutube instagram
22nd November 2026

ނަރުހުންނަކީ…!

May 12, 2014

އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށި

މުޖުތަމަޢުގައި ޤަދަރާ ޝަރަފް، ލިބިވާ ބައެއް ނަރުހުންނަކީ

މުޖުތަމަޢު އެފަރާތުން އެހީ، އެދި ވާ ބައެއް ނަރުހުންނަކީ

ބަލިވީމަ ދާ ހޮސްޕިޓަލަކުން، ބައްދަލު އެވާ ނަރުހުންނަކީ

ބަލިމީހުނަށް ފަރުވާކުރަންމެ، ތިބޭބައެއް ނަރުހުންނަކީ

ވޭނާ ތަދާއެކުގައި ވިޔަސް، ބޭހާ ޝިފާ އެދިގެންދިޔަސް

ހޭހަންކުރަން އެފަރާތްތަކަށްމެ ތިބޭބައެއް ނަރުހުންނަކީ

ހޮސްޕިޓަލުގައި އެނދުމަތި ވިޔަސް، އެތަކެއްދުވަސް އެކަމުގަވިޔަސް

ވިސްނާ ރަނގަޅު ފަރުވާކުރަން، އެނގިތިބި ބައެއް ނަރުހުންނަކީ

ބަލިމީހުނަށް ފަރުވާކުރަން، ބަލިކަން މުޅިން ފިލުވައިލުމަށް

ކެރިގެން މުރާލިކަމާއެކީގަ، އުޅޭބައެއް ނަރުހުންނަކީ

ބޭނުންވި ކޮންމެ ދިމާލަކުން، ބޭހާއި ފަރުވާ ދިނުމުގައި

ލޯތްބާ އަޅާލުން ދޭބައެއް، ގައިމޭ އެއީ ނަރުހުންނަކީ

އުނދަގޫތަކާ ދަތި ހާލުގައި، މޮޅިވެރިކަމާ އަދި އުފަލުގައި

ޚިދުމަތްކުރަން ކެރިތިބި ބައެއް، އަސްތާ އެއީނަރުހުންނަކީ

ނަރުހުންގެ ހުވަޔާ އެއްގޮތަށް، ހުނަރާއި ޤާބިލްކަންމަތީ

އަޒުމާއެކީ ޚިދުމަތްކުރަން، ތިބި މޮޅުބައެއް ނަރުހުންނަކީ

ލައިގެންތިބޭ ހުދުހެދުމުގައި، ފެންނަން އެވާހައި ސާފުކޮށް

ގައިމުވެސް ހިތްހެޔޮއެހާ ހިތްސާފުބައެކޭ، ނަރުހުންނަކީ

ތަޢުރީފުވެސް އެންމެންދުލުން، ޙައްޤޭ އަބަދު ލިބިލިބި ހުރުން

ތަޢުރީފަކަށް ނިމުމެއްނުވާ، ބައެކޭ އެއީ ނަރުހުންނަކީ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293