އާދަމް އިބްރާހީމް ދުރުމީ ، ހދ.ކުޅުދުއްފުށި
ފޭސްބުކަށް ވެސް ހަމަތަކެއް ދީފައި އެއަށް އޮންނަން ޖެހޭ
މީސްތަކުންވެސް ކަންކުރާގޮތް މިކަމުގައި ދަންނަން ޖެހޭ
ލިސްޓުގައި ފޭސްބުކް ފްރެންޑުން ގިނަ ކުރާނޭ ގޮތް ބަލައި
ވިސްނަވިސްނައި އަބަދުވެސް އެކަމަށް ގޮތެއް ހޯދަންޖެހޭ
ހުތުރަކަސް އަދި ހަޑިޔަކަސް މިތުރުން އެލާ “ނަފްސީ” ތަކަށް
ނުރުހި ހުރެވެސް “ހާދަ ސަޅިއޭ” ބުނެ ކޮމެންޓް ކުރަންޖެހޭ
ކޮންމެވެސް ތާކުން ބަލައިގެން މޮޅުބަހެއް ހޯދާނަގައި
ކޮންމެވެސް ފޮޓޯއެއްގެ މައްޗަށް ލިޔެ އެއަށް އެބަ ލާންޖެހޭ
ފެންނަ އަނިޔާވެރި އެތައް ޢަމަލެއް އެއިން ފެންނަން އޮތަސް
ފެންނަހިނދު ހަމަ އެންމެ ފުރަތަމަވެސް “ލައިކް” އެބަދޭންޖެހޭ
ނޭނގުނަސް އަދި ނުފެނުނަސް، ލޭގެ ގުޅުމެއް އަދި ނެތަސް
ދޭކޮމެންޓް ތަކަށް ނިމޭއިރު އޭ ” ބްރޯ ” ބުނެލަންޖެހޭ
ދެމަފިރިންވެސް އޮންނަ އެކި ފާޑުގެ ގުޅުންތައް ހާމަކޮށް
ދެރަނުވާންވެސް ކޮންމެ މީހަކު ނެގި ފޮޓޯ އެބަލާންޖެހޭ
ފެންނަ ހިނދު ރުހެވޭ ފޮޓޯއެއް އަދި ވަކިން ޕޯސްޓެއްވިއަސް
ފެންނަ ހަމަ ފުރަތަމަ ސިކުންތުންވެސް “ޝެއަރ” ކޮށްލަންޖެހޭ
ފޭސްބުކުން ރަޙްމަތްތެރިން ޙިއްޞާކުރަން ކަންކަން އެކީ
ފޭސްބުކަށްލާ ޕޯސްޓްތައް ވެސް އެކުގަ ޓެގްކޮށްލަން ޖެހޭ
ވަގުތުތައް ބޭކާރު ވިޔަކަސް ފޭސްބުކަށް ވަދެއުޅުމުގައި
ވަގުތު ހޯދައިގެން އަބަދުވެސް ޗެޓްކުރަން އިންނަން ޖެހޭ
ހުތުރުބަސްތައް ލިޔެ ފްރެންޑުން ލައި އުޅޭނަމަ ފޭސްބުކަށް
ހުތުރުނަން ލިބިދާނެތީ ވެސް ” އަންފްރެންޑް ” ކުރަންޖެހޭ
ފޭސްބުކަށް އޮތް ހަމަތަކެއް ކަމުގައި މިކަންކަން އެބަދެކޭ
ރޭސް ޖަހާފައި ކުރިއަރައިގެން މިކަމުގައިވެސް ދާންޖެހޭ
ފޭސްބުކަށް ވަނުމީ އިންގޭތޯ މިއަދުދެން މާ މޮޅުކަމެއް
ކޭޝްނެތަސް އަދު ފޭސްބުކަށް ވަދެވޭނެގޮތް ހޯދަންޖެހޭ