އަކުބަރު ރަސްގެފާނަކީ ކުރީގެ ދިވެހި ވާހަކަ ފޮތްތަކުގެ އެންމެ މަޝްހޫރު އެއް ޝަޚްސިއްޔަތެވެ. މި ރަސްގެފާނުގެ އެންމެ އަރިސް ވަޒީރެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ބީރުބޮލު ވަޒީރެވެ. މި ވަޒީރަކީ ވިސްނުންތެރި އަދި ހިކުމަތްތެރިކަމަށް މަޝްހޫރުވެފައިވާ ވަޒީރެކެވެ.
****
އަކުބަރު ރަސްގެފާނަކީ ޝިކާރަކުރެއްވުމަށް ޚާއްސަ ޝައުޤުވެރިކަމެއް ބަހައްޓަވާ ރަސްކަލެކެވެ. އެގޮތުން ޝިކާރައަށް ނުކުމެ އުޅުނު ދުވަހެއްގައި މި ރަސްގެފާނުގެ އިނގިއްޔެއް ބުރިވި އެވެ. އެހެންކަމުން ޝިކާރުކުރުން ކުރުކޮށްލާފައި އަވަހަށް އެނބުރި ގަނޑުވަރަށް ވަޑައިގެން މި ވާހަކަ ބީރުބޮލު ވަޒީރަށް ދަންނަވައިިފި އެވެ. ބީރުބޮލު ވަޒީރު ދެންނެވި އެވެ. “ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް. އަވަހަށް ޑޮކްޓަރަށް ދަންނަވާ.” ބީރުބޮލުގެ މި ޖަވާބަށް ރަސްގެފާނު ވަރަށް ކޯފާ އިސްކުރައްވާ ބީރުބޮލު ވަޒީރު ހުރަގެއަށް ލުމުގެ އަމުރު ނެރުއްވިއެވެ. އަދި އެ އަމުރު ތަންފީޒު ކުރެވުނެވެ.
ޒަމާންތައް ވޭތުވަމުން ދިޔައެވެ. ކައިރީގައިވާ ރަށެއްގެ ދުއްތުރާ އަކުބަަރު ރަސްގެފާނަށް ފޯރަމުން ދިޔައެވެ. މިކަމާހެދި ރަސްގެފާނު ހަނގުރާމައަކަށް ލަޝްކަރީން އެއްކުރުމުގެ އަމުރު ނެރުނެވެ. އަދި މާ ލަސްތަކެއްނުވެ ބޮޑުބިޔަ ލަޝްކަރެއް އެއްކުރައްވައިފި އެވެ.
ބޮޑު ހަނގުރާމައަކަށް ތައްޔާރުވެ ދަތުރަށް ފެށިއެވެ. އަދި މަންޒިލާ ހަމައަށް ދެވުމާއެކު ހަނގުރާމަ ފެށުނެވެ. ހީކުރިވަރަށްވުރެ ވަރުގަދަ ހަމަލާތަކާ އަކުބަރު ރަސްގެފާނަށް ކުރިމަތިލާން ޖެހުނެވެ. ކައިރީގައި ބީރުބޮލު ވަޒީރު ނެތުމުން ރަސްގެފާނަށް ކަންތައްތައް ކުރުމުގައި ރަނގަޅު އިރުޝާދު ލިބުމުގައި ދަތިވި އެވެ. އަދި ހަނގުރާމައިން ބަލިވެ އަކުބަރު ރަސްގެފާނާއި ރަސްގެފާނުގެ ލަޝްކަރުން ސަލާމަތްވެ ތިބި މީހުން ހައްޔަރު ކުރެވުނެވެ.
އިދިކޮޅު ޤައުމުގެ ވެރިއަކަށް ހުރީ ވަރަށް ނުބައި ނުލަފާ ވެރިއަކަށްވުމުން އެ ރަސްގެފާނު އަމުރު ނެރުނީ ހައްޔަރުވީ މީހުންގެ ތެރެއިން ހުރިހާ ގުނަވަނެއް ހަމައަށްހުރި އެންމެން ޤަތުލުކޮށް އެހެން އެންމެން ދޫކޮށްލުމަށެވެ. އަކުބަރު ރަސްގެފާނުގެ އިނގިއްޔެއް ބުރިވެފައިވުމުން ސަލާމަތްވީ މީހުންގެ ތެރޭގައި ހިމެނުނެވެ. މިކަމާ ވަރަށް ޝުކުރުކޮށް ރަށަށް އެނބުރި ވަޑައިގަތެވެ.
ރަށަށް އެނބުރި ވަޑައިގެން އެންމެ މުހިއްމު ކަމަކަށް ހެއްދެވީ ބީރުބޮލު ވަޒީރު ހުރަގެއިން ނެރުމެވެ. އެހެންކަމުން ބީރުބޮލު ވަޒީރު ހުރަގެއިން ނެރުއްވާ ވަރަށް ޝުކުރު އަދާކޮށް ކަންތައްވީގޮތް ކިޔައިދެއްވުމަށްފަހު ދެންނެވި އެވެ. “ބީރުބޮލު ވަޒީރު ދެންނެވީ ތެދު ވާހަަކަ އެެއް. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން މިހާރު ޤަބޫލު ކުރެވިއްޖެ. އެކަމަކު ސުވާލެއް ކޮށްލާނަން. ބީރުބޮލު ވަޒީރު ހުރަގެއަށް ލާން އަމުރު ނެރުމުންވެސް ދެންނެވީ ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަމަށް. އެއީ ކީއްވެގެންތޯއެވެ؟”
“އެކަމުގެ ސަބަބުން އަޅުގަނޑަށް އެތައް ފިލާވަޅުތަކެއް ލިބިއްޖެ. އަދި އެކަމުގެ ސަބަބުން އަޅުގަނޑަށް ނޭނގިނަމަވެސް މާތް ﷲ އެތައް ކަމެއް މިންވަރު ކުރައްވާފައި ވާނެ ކަމީ ޔަޤީން ކަމެއް. އަދި އެ ދުވަހު ރަސްގެފާނު އެގޮތަށް ކަންތައް ނުކުރެއްވިނަމަ އަޅުގަނޑު ރަސްގެފާނުގެ އެންމެ އަރިހުގައި ހަނގުރާމައިގައި ވީސްކަން ވަރަށް ޔަޤީން. އަދި ހައްޔަރުވެ ޤަތުލުވާ މީހުންގެ ތެރޭގައި އަޅުގަނޑުވެސް ވާނެކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭ” ބީރުބޮލު ވަޒީރު ވަރަށް އަދަބުވެރިކަމާއެކު ދެންނެވިއެވެ.
ރަސްގެފާނު ބީރުބޮލު ވަޒީރަށް ވަރަށް ތައުރީފުކުރައްވާ ދައުލަތުގެ ހާއްސަ މެޑަލެއް އެރުވި އެވެ.
***
މި ވާހަކައިން ތަފާތު އިބްރަތްތަކެއް ލިބިއްޖެކަމަށް އުއްމީދު ކުރަމެވެ. އަހަރެމެންގެ ހަޔާތުގައި މިފަދަ އެތައްކަމެއްވާކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. އެގޮތުން ކަމެއް ދިމާވުމުން އަޅުގަނޑުމެންނަށް އެކަމުން ރަނގަޅަށް ދިމާވީ ކޮން ކަމެއްކަން ނުވިސްނާ “އަހަންނާމެދު މިހެން ނުވިނަމަ އޭ، މިވެނި ގޮތަކަށް ވީ ނަމައޭ” މިފަދަ ގޮތްގޮތަށް ވާހަކަ ދެއްކޭ ފަހަރު ވަރަށް ގިނައިން އާދެއެވެ. ނަމަވެސް “ނަމަ” ކިޔައިގެން ވާހަކަ ދެއްކުން ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމް ވަނީ ވަރަށް ބޮޑަށް މަނާކުރައްވާފައެވެ.
އަދި ކަންކަމާ މެދު ޕޮޒިޓިވްކޮށް ވިސްނާ ނުވަތަ ކަންކަމަށް ޝުކުރުވެރިވުމަކީ ސަބަބުތަކުގައި ހިފުމުން ދުރުހެލިވުމެއްވެސް ނޫނެވެ. އަދި ޤަޟާ ޤަދަރަށް އީމާންވުމުން އެއްކިބާވުމެއްވެސް ނޫނެވެ. އެހެނީ އެއްދުވަހަކު އުމަރުގެފާނު ޝާމް ކަރައަށް ވަޑައިގެން މަގުމަތީގައި އެކަލޭގެފާނަށް ޝާމްކަރައިގައި ތާޢޫން ބަލި (ގައިން ގަޔަށް އަރާ ބައްޔެއް) ފެތުރިފައި ވާކަން އެނގިވަޑައިގަތެވެ. އެހެންކަމުން ޝާމްކަރައަށް ކުރި ދަތުރު ކެންސަލް ކޮށްލައްވާ އެނބުރި ވަޑައިގަންނަވާން ފެށުމުން އެކަލޭގެފާނުގެ އަރިހުގައިވާ ބޭކަލަކު ދެންނެވި އެވެ. ﷲ ގެ ޤަދަރަށް ފިލާ ވަޑައިގަންނަވަނީތޯއެވެ؟ އެވަގުތު އުމަރުގެފާނު ދެންނެވި އެވެ. މި ވަޑައިގަންނަވަނީ ﷲ ގެ ޤަދަރުން ﷲ ގެ ޤަދަރަށެވެ.
އެހެނީ ބަލި ލައްވާފައިވަނީވެސް މާތް ﷲ އެވެ. އަދި ބަލިން ރައްކާތެރިވުމަށްވެސް ވަނީ މާތް ﷲ ވަނީ އަމުރު ކުރައްވާފަ އެވެ. އެ ރަށަށް ވަޑައިގަތުމުން ދުރުހެލިވުމަކީ ބަލިން ރައްކާތެރިވުމަށް އުމަރުގެފާނު އެޅުއްވި ފިޔަވަޅެކެވެ. ހަމައެގޮތަށް ކަންކަމުގައި ރަނގަޅުގޮތް މެދުވެރިވުމަށް މަސައްކަތްކޮށް ލިބޭ ދެރައާއި ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.