2014 ވަނަ އަހަރުގެ ފުރަތަމަ 6 މަހުގައި ބޮލީވުޑުން ހައިރާންކުރުވި ހިޓްސް ތަކާއި ފުލޮޕް ފިލުމުތައް ފެނިފައިވެ އެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފިލުމުތަކުން ހޯދި ކާމިޔާބީ ދަށެވެ. 2013 ވަނަ އަހަރު 3010 ކަރޯޑް ރުޕީސް ބޮކްސް އޮފީހުން ހޯދާފައިވެ އެވެ.
މި އަހަރު ފެށިގެން ދިޔައީ ފުލޮޕް ފިލުމަކާ އެކު އެވެ. އެއީ އަރުޝަދު ވާސީގެ “މިސްޓަރ ޖޯ ބީ ކަރުވާލޯ” އެވެ. މި އަހަރުގެ ފުރަތަމަ ކުއާރޓާގައި މާ ބޮޑު ކާމިޔާބީއެއް ލިބިގެން ގޮސްފައިނުވާ އިރު ދެވަނަ ކުއާރޓާގައި ކާމިޔާބީ ހޯދި ފިލުމުތަކެއް އައިސްފައިވެ އެވެ. ތިރީގައި މިވަނީ މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭ ނިކުތް ފިލުމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި 5 ފިލުމެވެ.
ހޮލިޑޭ
75 ކަރޯޑުގެ ބަޖެޓުން ހަދާފައިވާ މި ފިލުމުގައި ހަރަކާތްތެރިވަނީ އާކްޝޭ ކުމާރު އަދި ސޮނާކްޝީ ސިންހާ އެވެ. މިއީ މިހާތަނަށް މި އަހަރު އެންމެ ގިނަ ފައިސާ ހޯދި ފިލްމެވެ. ސަލްމާންގެ “ޖޭ ހޯ” ވައްޓާލުމަށްފަހު މި ފިލުމު ވަނީ 112 ކަރޯޑް ރުޕީސް ތިން ހަފްތާތެރޭގައި ހޯދާފަ އެވެ. މި ފިލްމު އަދިވެސް ދަނީ ބޮކްސް އޮފީހުގައި ރަސްކަން ކުރަމުންނެވެ.
އޭކް ވިލަން
ސްޕަރ ހިޓް “އާޝިގީ 2 ” އަށް ފަހު މޯހިތު ސޫރީ ޑައިރެކްޓުކޮށް ސަރުދާ ކަޕޫރު، ސިދުހާތު އަދި ރިޓޭޝް ހަރަކާތްތެރިވާ މި ފިލުމު ވަނީ 6 ދުވަހުގެ ތެރޭގައި އަހަރުގެ އެންމެ ކާމިޔާބު 5 ފިލުމުގެ ލިސްޓުން ޖާގަ ހޯދާފަ އެވެ. މި ފިލްމު މިހާތަނަށް 70 ކަރޯޑް ރުޕީސް ހޯދާފައިވާއިރު ވަރަށް އަވަހަށް 100 ކަރޯޑް މި ފިލްމު ހޯދާނެކަމުގައި ޓްރޭޑް އެނަލިސްޓުން ލަފާކުރެ އެވެ.
ޓޫ ސްޓޭޓްސް
ޗޭތަން ބަގަތުގެ ނޮވެލް “ޓޫ ސްޓޭޓްސް” ގެ މައްޗަށް ބިނާކޮށް ހަދާފައިވާ “ޓޫ ސްޓޭޓްސް” މި ފިލުމުގައި އަރުޖުން ކަޕޫރު އަދި އާލިޔާ ބަޓް ހަރަކާތްތެރިވެފައިވާއިރު މި ފިލުމުގެ ލަވަތަކަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. މި ފިލުމު ވަނީ ބޮކްސް އޮފީހުގައި 104 ކަރޯޑް ރުޕީސް ހޯދާ އަހަރުގެ ކާމިޔާބު ފިލުމުތަކުގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.
ގުންޑޭ
އަލީ ޒަފަރު ޑައިރެކްޓްކޮށް އަރުޖުން ކަޕޫރު، ރަންވީރު ސިންހް އަދި ޕްރިޔަންކާ ޗޯޕުރާ ހަރަކާތްތެރިވާ މި ފިލުމު ވަނީ 77 ކަރޯޑް ރުޕީސް ބޮކްސް އޮފީހުގައި ހޯދާފަ އެވެ.
ކްއީން
ކަންގަނާ ރަނޯޓް ހަރަކާތްތެރިވާ 20 ކަރޯޑް ރުޕީސް ގެ ބަޖެޓަކުން ހަދާފައިވާ “ކުއީން” މި ފިލުމު ވަނީ ބޮކްސް އޮފީހުގައި 61 ކަރޯޑް ރުޕީސް ހޯދާ މި އަހުރުގެ އެންމެ ބޮޑު ފައިދާ ލިބުން ފިލުމަށް ވެފަ އެވެ. މި ފިލުމުވަނީ ބެލުންތެރިންގެ އިތުރުން ކްރިޓިކްސް އިން ވެސް ބަލައިގަނެފަ އެވެ.
ދެން މި ބަލާލަނީ މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު 5 ފިލުމަށެވެ.
މިސްޓަރ ޖޯ ބީ ކަރުވާލޯ
އަރުޝަދު ވާސީ އަދި ސޯހާ އަލީ ހާންގެ މި ފިލުމަށް ލިބިފައިވަނީ އެންމެ 3 ކަރޯޑް ރުޕީސް އެވެ. މި ފިލުމު ހެދުމަށް 10 ކަރޯޑު ރުޕީސް ހަރަދުވެފައިވާއިރު 7 ކަރޯޑު ރުޕީސްގެ ގެއްލުމެއް ވަނީ ވެފަ އެވެ.
ގުލާބް ގޭންގް
އަންހެނުންގެ ދުވަހު ރިލީޒް ކުރެވުނު މާދުރީ އަދި ޖޫހީ ޗާވުލާ ހަރަކާތްތެރިވާ ގުލާބު ގޭންގް ވީ އަހަރުގެ ބޮޑު ފްލޮޕަކަށެވެ. 25 ކަރޯޑް ރުޕީސްއިން ހަދާފައިވާ މި ފިލުމަށް ބޮކްސް އޮފީހުގައި ލިބުނީ 14 ކަރޯޑެވެ.
ޑިސްކިޔާން
ސިލްޕާ ޝެޓީ ޕްރޮޑިއުސްކޮށް ހަރުމަން ބަވޭޖާ އަދި ސަނީ ޑިއޯލް ހަރަކާތްތެރިވި މި ފިލުމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 4 ކަރޯޑް ރުޕީސް އެވެ. މި ފިލުމަށް ހެދުމަށް 35 ކަރޯޑް ރުޕީސް ހަރަދުކޮށްފައިވެ އެވެ.
ޔަންގިސްތާން
“ޑިސްކިޔާން” އާ އެއްދުވަހު ރިލީޒްވި ޖެކީ ބަންގާނީ ހަރަކާތްތެރިވާ މި ފިލުމަށް ބޮކްސް އޮފީހުގައި ލިބިގެން ގޮސްފައިވަނީ 3.37 ކަރޯޑް ރުޕީސް އެވެ. ހެދުމަށްޓަކައި 23 ކަރޯޑު ރުޕީސް ހަރަދުކޮށްފައިވެ އެވެ.
އޯ ތޭރީ
ސަލްމާން ހާންގެ ޅިއަނު އަތުލް ޕްރޮޑިއުސްކޮށް ޕުލްކިޓް ސަމްރާތު ހަރަކާތްތެރިވި މި ފިލުމުގައި ސަލްމާން ހާންގެ ނެރޭޝަން އަދި ލަވައެއް ހިމެނިފައިވީ އިރުވެސް މި ފިލުމަށް ބޮކްސް އޮފީހުގައި ހޯދިފައިވަނީ 2.50 ކަރޯޑް ރުޕީސް އެވެ.
ސަލްމާން ހާންގެ “ކިކް”، އާމިރު ހާންގެ “ޕީކޭ”، ޝާހުރުކު ހާންގެ “ހެޕީ ނިއު އިޔާ”، ރިތިކް ރޯޝަންގެ “ބޭންގް ބޭންގް” އަދި ރަންބީރު ކަޕޫރުގެ “ބޮންބޭ ވެލްވެޓް” އަކީ ކުރިއަށް މި އަހަރު އަންނަން ހުރި ބޮޑެތި ފިލުމުތަކެވެ. މި ފިލުމުތައް ބޮކްސް އޮފިހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމުގައި ގިނަ ބަޔަކު އުއްމީދުކުރެ އެވެ.