twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރު ވާހަކަ: ކުރިއުންމީދު

Jul 14, 2014
1

އާމިނަތު ޝާނިޔާ

ތިން އަހަރު ފަހުން، ރަށް ބަލައިގަންނަ ފަދަ ދަރިއަކަށް ވެގެން ރަށަށް ދިއުމަށްޓަކައި ޔަޒާން ދޯންޔަށް އެރިއިރު ބުނަންނޭގޭ ފަދަ އިހްސާސުތަކެއް ހިތަށް ކުރަމުން ދިޔައެވެ. ހިތަށް އަރާފައިބަމުން ދިޔައީ އެންމެ ނަމެކެވެ. އެކުއްޖަކަށްޓަކައި އޭނާގެ ހިތް އެދިގޮވަމުންދާ މަލްދާގެ ނަމެވެ. ހިތް ބުނަމުން ދިޔައީ ޔަޒާނަށް މަލްދާ އެގޭނެ ބާއެވެ؟ މަލްދާ ހުންނާނީ ކިހިނެތް ބާއެވެ؟ މަލްދާ ޔަޒާންދެކެ ލޯބިވޭބާއެވެ؟

މާޒީގެ ތެރެއިން ޔަޒާނަށް މަލްދާގެ ސޫރަ ސިފަވާން ފެށިއެވެ. ލޫޅާފަތި ހަށިގަނޑާއި، ދޮންކުލަ އަރާ އޮމާން ހަންގަނޑެވެ. ބޮޑު ކަޅު ދެ ލޮލާއި، އެ ދެލޮލަށް ހިޔާއަޅުވައިދޭ ދިގު އެސްފިޔަތަކެވެ. އެ ހިނިތުންވުމަކަށްޓަކައި އޭނާގެ ދެލޯ ފިދާވާ ފިނިފެންމާ ކުލައަރާ ދެ ތުންފަތުން ހަދިޔާކުރާ ސާދާ ހިނިތުންވުމެވެ.

ދިގު ދަތުރަކަށް ފަހު ރަށު ފަސްގަނޑުގައި ފައި ޖެހުމާއެކު ޔަޒާންގެ މެޔަށް ބުނަން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް ޔަޒާންގެ ކޮނޑުގައި އަތް ޖަހައިލުމާއެކު ސިހިފައި ފަހަތް ބަލައިލިއެވެ. އެވަގުތު ޔަޒާންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ކުޑައިރުގެ އެންމެ ގާތް އެކުވެރިޔާ އާއި ބައްދަލުވުމުންނެވެ.

“ނަދީމް ކޮބާ ހާލު ކިހިނެއްތަ؟” ޔަޒާން އެންމެ ފުރަތަމަ ވެސް އެކުވެރިޔާގެ ހާލު އަހާލިއެވެ.

“ހަމަ ބަރާބަރު، ނޭހިޔަސް އެނގޭ ޒާން ރަނގަޅުކަން” ހިނިގަނޑެއް ޖަހާލުމަށް ފަހު ފުރަތަމަވެސް ނަދީމް ސަމާސާކޮށްލި އެވެ.

އާއިލާއާ އެކީ ބޭރުގައި ދިރިއުޅޭތީ ރަށުގައި ހުންނަ ޔަޒާންމެންގެ ގެ ހުންނަނީ ކުއްޔަށް ދީފައެވެ. އެހެންވެ ނަދީމްއާ އެކީ ނަދީމް މެންގެޔަށް ދިއުމަށް ހިނގައި ގަތީ ބޮޑުމަގުންނެވެ. ރަށުން ފެންނަ ކޮންމެ މަންޒަރަކަށް އެހިތް ތައުރީފު ކުރަނީ އައިސް ފައިވާ ތަރައްގީގެ ސަބަބުންނެވެ. ޒުވާން އަންހެނަކުދިން ޔަޒާންގެ ސިފަޔަށް ތައުރީފު އޮއްސަމުން ދާކަމެއް މަގުމަތިން ދިޔައިރު ހިތަކަށްވެސް ނާރައެވެ. ބާމަތި ފުޅާ ހަށިގަނޑަކާ ދިގު އިސްކޮޅެކެވެ. ހެޔޮވަރަކަށް ކޮށާލެވިފައިވާ ވަރުގަދަ އިސްތަށިގަނޑެކެވެ. ލޮލުގައި އަވިއައިނު އަޅަލައިގެން ފިރިހެންވަންތަ ހިނގުމެއްގައި ދިޔައީ އެތައް ޒުވާން އަންހެން ކުދިންގެ ހިތާކުޅެމުންނެވެ. ނަމަވެސް ޔަޒާން ގެ ހިތުގައި ވަނީ ހަމައެކަނި މަލްދާ އެވެ.

ގެޔަށް ވަންނަން ދޮރުހުޅުވަލުމަށްފަހު ވަނީ ދެމީހުން އެކީގައެވެ.

“ދަރިފުޅާ ނަދީމް ތި އައީ؟ ދޭ އަވަހަށް ޔަޒާނަށް ކޮޓަރި ދައްކަން. އޭނަ މިހާރު ހުންނާނީ އަރާމު ކޮށްލަން ބޭނުންވެފަ. އެކަމަކު ދެ ކުދިންވާނެ ފުރަތަމަ ސައިބޯން.” ނަދީމްގެ މަންމަ ނާސިހާ އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލިއެވެ. ޖަވާބުގައި ބޯޖަހާލުމަށް ފަހު ޔަޒާން އާއެކީ ނަދީމް ކޮޓަރިއަށް ދިޔައެވެ.

ހަވީރު ހިނގާލަން ނުކުތީ ޔަޒާން އެދުމުގެ މަތިންނެވެ. އެކި ވާހަކަތައް ދައްކަމުންގޮސް ޔަޒާން ނަދީމް ގާތު އަހާލިއެވެ.

“އޭ! ކޮބާ މިހާރު އެއްކަލަ މަލްދާ؟”

“ޒާން ކީއްކުރަންތަ އޭނަ ހޯދަނީ؟ އެއީދެން ޒާން މެންކަހަލަ ހަރުދަނާ ޒުވާނުން ހޯދާވަރުގެ ކުއްޖެއްތަ؟” ހިނިގަނޑެއް ޖަހާލަމުން ނަދީމް ބުންޏެވެ.

“ކީއްތަވީ؟ އެއީ މައްސަލައެއްތަ؟” ޔަޒާން އަހާލިއެވެ. އެވަގުތު ނަދީމް ޖަވާބުދޭން އުޅެފައި ފަހަތުން މީހަކު ގޮވާލުމުން ބަލައިލިއެވެ. އަދި އެއަށް ފަހު އޭނާ ކައިރިޔަށް އައުމަށް އިޝާރަތް ކޮށްލިއެވެ.

“ލައިސާ މީ ޔަޒާން.. ސަހިއްތަގެ ފިރިހެން ދަރިފުޅު! އެނގޭ ދޯ؟” ލައިސާ އޭނާއަށް އެނގޭކަމަށް ބުނެ ބޯޖަހާލުމުން ނަދީމް ބުންޏެވެ.

“މީ ލައިސާ އަހަރެންގެ.. “

“ގާރލް ފްރެންޑް ދޯ” އެހިސާބަށް ބުނިތަނާ ޔަޒާން އެބައި ފުރިހަމަކޮށްލިއެވެ.

އާނ އެކޭ ބުނެފައި ނަދީމް ކުޑަކޮށް ހީލިއެވެ. ނަދީމް އާއި ލައިސާ އަތިރިއަށް ދާންބުނުމުން އެކަމާ ދެކޮޅުހަދައި އެދެމީހުން ފޮނުވާލުމަށްފަހު ޔަޒާން ދިޔައީ ރަށުތެރެ ބަލައިލުމަށް ކަމަށް ބުނެފައެވެ.

އޭރުވެސް ޔަޒާންގެ ހިޔާލުގައި ވަނީ މަލްދާ އެވެ. މަލްދާ ސުކޫލް ގައި އުޅުނުއިރު މަލްދާ އާ ވާހަކަދައްކަން ސުކޫލް ނިމޭގަޑިއަށް ސުކޫލް ކައިރިޔަށް ގޮސް ހުންނަ ހަނދާނެވެ. ގިނަ ވާހަކަތަކެއް ނުދެއްކުނަސް މަލްދާގެ ފަރާތުން ލިބޭ ހިނިތުންވުމަކީ މަލްދާ ޔަޒާން ދެކެ ވާ ލޯބީގެ ހެއްކެއް ކަމަށް އޭނާ ގަބޫލްކުރެއެވެ. ދުލުން ލޯބިވެޔޭ ނުބުނި ކަމުގައި ވިޔަސް މަލްދާ އޭނާ ދެކެ ލޯބިވާކަމަށް ޔަޒާންއަށް ޔަގީން ކުރެވެއެވެ. ގިނަ ދުވަސް ތަކަކަށްފަހު އޭނާ އެނބުރި މިއައީ އެ ޔަގީން ކަމާއެކު، އުންމީދުގައެވެ.

މަގުމަތިން ހިނގަމުން ދިޔަ ޔަޒާން ގެ ހިނގުން ކުއްލިޔަކަށް ހުއްޓުނީ ކުރިމަތިން ފެނުނު މަލްދާ ގެ ސަބަބުންނެވެ.

“މަލްދާ” ބޭއިހުތިޔާރުގައި ޔަޒާނަށް ގޮވާލެވުނެވެ. އެވަގުތު މަލްދާ ފަސްއެބުރި ބަލާލުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ގޭތެރެއަށް ވަދެއްޖެވެ. ފަހަތުން ހަލުވި ފިޔަވަޅުގައި އައި ޔަޒާނަށްވުރެ އަވަހަށެވެ. ޔަޒާންގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ އިހްސާސެއްވިއެވެ. ހީވީ ތޫނު ކަށިތަކެއް ހަރާލިހެންނެވެ.

މަލްދާއަށް ޔަޒާން ނޭނގުނީ ހެއްޔެވެ؟ ނުވަތަ ޔަޒާންދެކެ ލޯބި ނުވަނީ ހެއްޔެވެ؟ މާޔޫސް ކަންމަތީ ހުރެ ގެޔަށް ދިއުމަށް ޔަޒާން ހިނގައިގަތީ ހިތްވަރު އެލުވާލަން ބޭނުންވެގެނެއް ނޫނެވެ. ފަހުން މަލްދާއާ ބައްދަލުކުރަން ނިންމައިގެންނެވެ.

ހެނދުނު ހޭލައިގެން، ސައިބޮއެގެން މިއަދުވެސް ޔަޒާން ނުކުތީ މަލްދާއާ ބައްދަލު ކުރާށެވެ. މަލްދާމެންގޭ ގޯޅިގަނޑުގައި ހުރީ އެގެޔަށް ވަންނަން ނުކެރިފައެވެ. މަލްދާ މަންމަ ގެ ނުރުހުންތެރިކަން ކުރިންވެސް ފެނިފައި ވީތީ އެވެ. އެތަށް އިރަކު އެތާހުރިފަހުން މަލްދާ ނިކުތެވެ. މަލްދާއަށް ޒަޔާން ފެނުމާއެކީ އެތެރެއަށް ވަދެއްޖެވެ. ޔަޒާން ހިތަށްފައިން އަރާފައެވެ. މަލްދާ އޭނަ އެހާދުރުކޮށްލީ ކީއްވެ ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ އެންމެފަހަރަކު ނަމަވެސް ވާހަކަ ދައްކާލާނެ ނަމައެވެ.

އެ ހިޔާލުގައި ހުއްޓާ މަލްދާގެ މަންމަ ގެއިން ނުކުމެގެން ދާތަން ފެނުނެވެ. ފުރުސަތުގެ ބޭނުންހިފައި ގޭތެރެއަށް ވަނެވެ. ސިޓިންރޫމް ގެ ދޮރުހުޅުވާލީ އަދިވެސް މަލްދާ ލިބޭނެ ކަމުގެ އުންމީދުގައެވެ. އެ އުންމީދުތައް ވިއްސިވިހާލިވީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. އެހެން ފިރިހެނަކާއެކީ މަލްދާ އެހައި ގައިގޯޅިކޮށް ހުއްޓާ ފެނުމުން ހީވީ މީހަކު މޫނުމަތީ ޖެހިހެންނެވެ. އެއީ ކޮންފިރިހެނެއްކަން ނޭނގުނަސް މަލްދާ މޫނުގެ އެއްބައި ޒަޔާންއަށް ރީތިކޮށް ފެނުނެވެ.

މަލްދާ ހަމަ ރަނގަޅަށް ވެސް ޔަޒާން މަތިން ހަނދާން ނައްތާލީއެވެ. އެކަމަކުވެސް ލޯ ކުރިމަތިން ފެނުނު މަންޒަރު ގަބޫލް ކުރާކަށް ޒަޔާން ބޭނުމެއްނުވިއެވެ. އެގެއިން ނުކުންނަން ހިނގައި ގަތީ ހާލުގައި ޖެހިފައިވާ ދަތުރުވެރިއެއް ފަދައިންނެވެ. އެންމެ ފަހު ފަހަރަށް މަލްދާގެ މޫނު ދެކިލުމަށްޓަކައި އެނބުރިލި އިރު އޭނާގެ ހިތް ރޮމުން ގެންދެއެވެ. އެވަގުތު އޭނައަށް އެ ފިރިހެން މީހާގެ މޫނު ފެނުނެވެ. އެކަމަކު ގަބޫލް ކުރާނީ ކިހިނެތް ހެއްޔެވެ؟ ޔަޒާން އަށް ހީވީ މޫނުމައްޗަށް އަނދިރި ވިހެންނެވެ. އެކަމަކު ވެސް ހިތްވަރު ކޮށްލާފައި ޔަޒާން މަލްދާއަށް ވަރަށް ބާރަށް ގޮވާލިއެވެ.

“މަލްދާ” އެވަގުތު މަލްދާ ގައިގައި ހިފަހައްޓައިގެން ހުރި މަލްދާގެ ބޭބެ ސިއްސައިގެން ގޮސް މަލްދާ ގައިން ދޫކޮށްލިއެވެ.

އެއްޗެކޭ ބުނުމުގެ ކުރިން ގެޔަށް ވަދެ މަލްދާގެ މަންމަ ބުންޏެވެ.

“ކަލޭތީ ކާކު މިގެޔަށް ވަންނަން. ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް ކަލެއަށް މަގޭ ހުއްދަނެތި މިގެއަކަށް ނުވަދެވޭނެ. ހަމަމިހާރު ނުކުމޭ މިގެއިން”

މަލްދާ މަންމަ ގެ ހަރުކަށި ބަސްތަކުން ހައިރާންކަން ލިބުނީ ޔަޒާން އަށެވެ. މިއީ މަލްދާގެ މަންމައަށް އެނގިގެން ކުރާކަމެއް ހެއްޔެވެ؟ އެވަރުންވެސް ޔަޒާންގެ ދެ ލޯ އަމާޒު ވެފައި ހުރީ ސީދާ މަލްދާ އަށެވެ. އޭރުވެސް އޭނާއަށް މަލްދާގެ ދެ ލޮލުން ލޯބި ފެނުނުހެން ހީވިއެވެ. ދެވަނަ ފަހަރަށް ވެސް މަލްދާގެ މަންމަ ހަޅޭއްލަވައި ގަތުމުން އެގެއިން ނިކުތީ ބޭނުންވެގެނެއް ނޫނެވެ.

ގެޔަށް ގޮސް ނަދީމް ކައިރީ އެހުމުން އެނގުނުގޮތުގައި އެއީ މަލްދާގެ މަންމަ އޭނާގެ ފިރިމީހާ އެކްސިޑެންޓެއްގައި މަރުވުމުން އެކަމުގެ ތުހުމަތު މަލްދާގެ ބޮލުގައި އަޅުވައިގެން ޑްރަގު ބޭނުންކުރާ އޭނާގެ ބޭބެ ލައްވާކުރުވާ ކަމެކެވެ.

“އޭރުވެސް އަހަރެން ބުނީމެއްނު ޒާންމެން ކަހަލަ ހަރުދަނާ ޒުވާނެއް ހޯދާވަރުގެ ކުއްޖެއް ނޫނޭ އެއީ.” ނަދީމް ހަނދާން ކޮށްދިނެވެ.

“ދެން މިރަށު މީހުން މައްސަލައެއް ނުޖައްސާތަ؟” ޔަޒާން ސުވާލު ކުރިއެވެ.

“މައްސަލަވެސް ޖެއްސި އެކަމަކު ކޯޓުގައި އެކަމާ މަލްދާ އެއްބަސް ނުވި. އެހެއްނު ވާނީ އޭނައަށް އޮތީ ބިރުދައްކާފަ ވިއްޔާ”

ޔަޒާން ވަރަށް ދެރަވިއެވެ. މަލްދާއަށް އެކަހަލަ ކަމެއް ދިމާވީތީއެވެ. އޭނާކުރި އުންމީދު ފުޑު ފުޑު ވެދާނެތީއެވެ.

ބަލާކަށް ނުހުރެ ޔަޒާން ދުއްވައިގަތީ މަލްދާމެން ގެއާދިމާލަށެވެ. މަލްދާއެކަމުން ސަލާމަތް ކުރުމުގެ އުންމީދު ގައެވެ. އެގޭ ދޮރުމައްޗަށް ދިޔަތަނާ މަލްދާ ނުކުމެ ގަނޑުކޮޅެއްދީފައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކަ އެތެރެއަށް ވަދެއްޖެވެ. ވާނުވާނޭގި ހުރެ ޒަޔާން ނޯޓުކޮޅު ކިޔަން ފެށިއެވެ.

“ޔަޒާން ދެކެ އަހަރެން ވަރަށް ލޯބިވޭ. ދުވަހަކުވެސް ތިނޫން މީހެއްދެކެ ލޯތްބެއް ނުވޭ. އެކަމަކު މިއަދު މީ ޔަޒާން ބޭނުންވާފަދަ ސާފުތާހިރު އަންހެންކުއްޖެއް ނޫން.. މިހުރިހާ ކަމެއް ޒާންއަށް އެގޭނެކަން އަހަންނަށް ޔަގީން.. އަދި އަހަންނަށް ޔަގީންވާ އަނެއް ކަމަކީ ޒާން އަދިވެސް އަހަރެން ދެކެ ލޯބިވާކަން. ޒާން!! އާދޭސްކޮށްފަ ބުނަން އަހަންނަށް މާފުކޮށްދީ! ޒާން މި ނޯޓް ކޮޅުކިޔާ ނިމޭއިރު އަހަރެން ދުނިޔޭގަ ހުންނާނެ ކަމެއްވެސް ނޭނގެ! އަކަމަކު އަރެންގެ މަންމައަށާއި ބޭބެއަށް ހައްގު އަދަބު ދިނުމަށް ޒާން މަސައްކަތް ކޮށްދީ! އޭރުން އަހަރެންގެ ފުރާނަނެތް މަސްގަނޑަށް ލުޔެއް ލިބިދާނެ! އަހަރެން މިއަދު މި މަރުވަނީ މި ނޫން އެހެން އެއްވެސް ގޮތެއް ނުވިސްނިގެން! ޒާން އަހަރެންނަށް މާފުކުރާނެ ކަމަށް އުންމީދު ކުރަން. ޒާންދެކެ ލޯބިވާ މަލްދާ” އެނޯޓް ކިޔާނިމުނު އިރު ޔަޒާންގެ ހުރިހާ އުންމީދެއް ވެއްޔާ މޮޑެވިއްޖެވެ.

އެ ވަގުތު މަލްދާމެން ގެޔަށް ޔަޒާން ވަނީ އެނޫންއެހެން ގޮތެއްނެތީމަ އެވެ. ސިޓިންރޫމްގައި ދަންޖެހި މަރުވެފައިވާ މަލްދާގެ ސޫރަފެނުމުން ޔަޒާން ގެ ލޮލުން ހޫނު ކަރުނަތައް ފައިބައިގަތެވެ. އަދި އެވަގުތު މަލްދާގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދެންކަމަށް ހިތާހިތުން ވައުދުވުއެވެ. މިއަދު ޔަޒާނައަކީ އެއްވެސް އުއްމީދެއް ނެތް މުސާފިރެކޭ އެއްގޮތެވެ. އޭނާ މިރަށުން އެނބުރި ދާނީ ދުވަހަކުވެސް ނާންނަގޮތަށެވެ. މަލްދާއާއެކީ އޭނާގެ ހުރިހާ އުފާތަކެއްވެސް ވަޅުލައިފިއެވެ.

(ނިމުނީ)

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11-A ގެ ދަރިވަރު އާމިނަތު ޝާނިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355