މުހައްމަދު ހުސެއިން
އައު ދުވަހަކަށް އިރު ފެނުން ތޮޅިލި ހިނދެވެ. އަހަރެން ތައްޔާރު ވަމުންދިޔައީ ވަޒީފާއަށް ނިކުތުމަށެވެ. މިއަދަކީ ވަޒީފާގެ ފުރަތަމަ ދުވަސް ކަމުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ފެރީގައި އިން އިރުވެސް ހިތުތެރޭގައި ހިޔާލުތައް އެނބުރެމުން ދިޔައެވެ.
ކޮންމެއަކަސް ފެރީގައި ހޭދަވި 15 މިނެޓް އަހަރެންނަށް އެ ދުވަހު ވަރަށްވެސް ދިގުވިއެވެ. ފެރީ ގޮސް ވިލިނގިލީގައި ބަނދަރު ކުރުމާއެކު އެންމެ ފުރަތަމަ އަހަރެން ފޭބީމެވެ. އަދި ބާރުބާރަށް ހިނގާފައި ކުޑަކުދިންގެ ހިޔާއަށް ދިޔައީމެވެ.
އަހަންނަކީ އަބަދުވެސް ކުޑަކުދިންނާ ނުލާހިކު ލޯބި ހުންނަ މީހަކީމެވެ. މި ވަޒީފާ އިހުތިޔާރު ކުރި އެންމެ ބޮޑު ސަބަބަކީވެސް އެއީ އެވެ. ސޮއި ކުރުމަށްފަހު އަހަރެން އެތަނުން އެހެން މުވައްޒަފުންނާ ބައްދަލުކޮށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކުގެ މައުލޫމާތު އޮޅުންފިލުވީމެވެ. އެއަށް ފަހު ފުރަތަމަ ފަހަރަށް އެތަނުގައިއުޅޭ ކުދިންނާ ބައްދަލުކުރަން އެހެން މުވައްޒަފަކާއެކީ ދިޔައީމެވެ.
ކުދިންއުޅޭ ކޮޓަރިތަކާ ހިސާބަށް ދެވުމާއެކު އިވެނީ ކުދިންގެ ހުނުމާއި ސަކަރާތް ޖެހުމުގެ އަޑެވެ. ނަމަވެސް ހިތާމަޔަކީ މިކުދިންގެ މައިންބަފައިން މިކުދިން ބިކަކޮށްލި ކަމެވެ. ދޮރުހުޅުވާފަ ވަނުމާއެކީ ހުރިހާ ކުދިން އަހަންނާދިމާލަށް ވަރަށް ބެލިއެވެ. އެހެންޏާ ނުފެންނަ އައު މޫނެއްވީމަ ކަމަށްވެދާނެއެވެ. ނަމަވެސް އަހަންނަކީ ކާކުކަން ބުނެދިނުމުން ދައްތާއޭ ކިޔާފައި ކުދިންތައް އަހަރެންގެ ގާތަށް އައެވެ. އަހަރެން އެކުދިން ގައިގައި ލޯބިން ފިރުމާލީމެވެ.
އަހަރެން ލޮލުގައި އަޅާގަތީ ތަންކޮޅެއްދުރުގައި އެކަނިމާއެކަނި “ޓެޑީ ބެއަރ” އެއް ހިފައިގެން އިން ދިހަ އަހަރަށްދާ ވަރުގެ އަންހެން ކުއްޖެކެވެ. އެހެން ހުރިހާކުދިން އަހަރެން ކައިރިޔަށް އައިއިރު އެކުއްޖާ އެއިނީ ބަލައިވެސް ނުލައެވެ. އަހަރެން މަޑުމަޑުން އެކުއްޖާ ކައިރިޔަށް ދިޔައީމެވެ. އެކުއްޖާ ކައިރިޔަށް އެޅޭކޮންމެ ފިޔަވަޅަކާއެކު އަހަރެންގެ މާޒީ ސޮފުހާތައް އުކެމުންދިޔައެވެ. އެއީ މީގެ ދިހައަހަރު ކުރިއެވެ. އަހަރެން އޭރު އުޅުނީ ގްރޭޑް 9 ގައެވެ. އަހަރެންނާ އަހަރެންގެ މަންމަ އުޅެމުން ދިޔައީ އުފާވެރި ދުވަސްތަކެކެވެ. އިތުރު މީހެއްނެތް މިކުޑަކުޑަ އާއިލާގެ ބޭނުންތައް ފުދެނީ މަންމަގެ މިންނެތް މަސައްކަތުންނެވެ. ބައްޕަ މަރުވީއްސުރެން އަހަރެމެންނަކީ އެކަނިވެރި ދެމައިންނެވެ.
އާދައިގެމަތިން އަހަރެން ސްކޫލް ނިމިގެން ހިނގާލާފައި ގެއަށް އައި ދުވަހަކެވެ. މަގުމަތިން އިތުރު މީހަކު ފެންނާކަށް ނެތެވެ. ފަހަތުން މީހަކު ގޮވާލިހެން ހީވެގެން ފަސްއެނބުރި ބަލައިލީމެވެ. ޒުވާން ފިރިހެނަކު އަހަރެންނަށް ގޮވަނީއެވެ. އޭނާ ބާރުބާރަށް އައިސް އަހަރެންނާ ހަމަކުރިއެވެ. އަދި އަހަރެންނާ ވާހަކަ ދައްކަން ފެއްޓިއެވެ. އަހަރެންގެ މަންމަ އަހަރެންގާތު ނުދަންނަ މީހުންނާ ވަހަކަ ނުދައްކާށެކޭ ނުބުނެއެވެ. އަހަރެންވެސް އޭނާއާ ވާހަކަ ދެއްކީމެވެ.
މިގޮތުގައި ހަފުތާއެއް ވަރުހޭދަވިއެވެ. އަހަރެމެންގެ ގުޅުންބަދަހިވާން ފެށިއެވެ. ނަމަވެސް އޭރު އޭނާއަކީ ކާކުކަމެއް އަހަރެންނަކަށް ނުވެސް އެނގެއެވެ. އޭނާގެ މަގްސަދު އަހަރެންނަށް ކުޑަކޮށްވެސް ފަހުމެއް ނުވެއެވެ.
އެއްރެއެއްގެ އިރާކޮޅެވެ. އަހަރެން އެކްސްޓްރާ އެއް ނިންމާފަ ގެއަށް އަންނަނިކޮށް އޭނާ ފެނިއްޖެވެ. އެރޭ އޭނަ އަހަންނަށް ޗޮކުލެޓެއްވެސް ދިނެވެ. އޭގެން އެތިކޮޅެއް ކާލީމެވެ. އެއަށް ފަހުވީ އެއްވެސް ކަމެއް ހަނދާނެއް ނެތެވެ. ލޯ ހުޅުވާލެވުނުއިރު އަހަރެން އޮތީ އެނދުމަތީގައެވެ. ގާތުގައި މަންމަ އިށީދެގެން އިނެވެ. އަދި ދެތިން އަވައްޓެރިއަކު ވެސް ތިއްބެވެ. މަންމަ ބުނީ އަހަރެން މަގުމައްޗަށް ވެއްޓިފައި އޮއްވާ އަވައްޓެރިން ގެނައީ ކަމަށެވެ.
އޭގެ ފަހުން އަހަރެން ވަރަށް ބަލިވާން ފެށިއެވެ. ސްކޫލަށް ވެސް ދެވެނީ މަދު ދުވަހަކުއެވެ. ނަމަވެސް އޭގެ ފަހުން އެ ޒުވާނާއެއް އަހަންނަކަށް ނުފެނެއެވެ. ބޯ އަނބުރައި ހޮނޑު ލެވެން ފަށައިފިއެވެ. މަންމައަކީ ފޫޅުމައެއް ކަމުން އަހަރެން އިނީ ބަލިވެކަން ދެނެގަންނާކަށް ލަސްތަކެއް ނުވިއެވެ. އެ ދުވަހު މަންމަ އަހަރެންގެ ގައިގައި ވަރަށް ބާރަށް ޖެހިއެވެ. ވަރަށް އެއްޗެހިކިއެވެ. އަހަރެން ރޮއެރޮއެފައި އަހަރެން އެއްވެސް ކުށެއް ނެތްވާހަކަ ބުނީމެވެ. އަދި ކަންތައް ވީގޮތުގެ ވާހަކަ ތަފްސީލްކޮށް ކިޔައިދިނީމެވެ. މައްސަލަ ރިޕޯޓް ކުރުމުގެ ބަދަލުގައި މަންމަ ނިންމީ ރާއްޖެތެރޭ ރަށަކަށް ބަދަލުވާށެވެ. ދުނިޔޭގެ ލަދަށް ވިސްނާފައެވެ.
މަންމަގެ ކުޑައިރުގެ އެކުވެރިއެއް ކަމުގައިވާ ހަލީމަދައިތަގެ ރަށަށް ބަދަލުވިއެވެ. އެގޭގައި އުޅެނީ ހަލީމަ ދައިތަ އެކަންޏެވެ. އޭނާގެ ހުރިހަމައެކަނި ދަރިފުޅުވީ ރާއްޖޭން ބޭރުގައި ކިޔަވަން ގޮހެވެ. ދުވަސްތައް މަސްތަކަށް ބަދަލުވެ އަހަރެންގެ ބަނޑަށް ނުވަމަސް ފުރިއްޖެވެ. މަންމަ އާއި ހަލީމަ ދައިތަ އަހަރެން ވިއްސުމުގެ ތައްޔާރީތަކެއް ވަމުންދިޔައެވެ. މިހުރިހާ ކަމެއް ވީއިރު އެރަށުގެ އެއްވެސް މީހަކަށް މިކަމެއް ނޭނގޭއެވެ.
އެއްރެޔެއްގެ ދަންވަރެވެ. އަހަރެން ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފަށައިފިއެވެ. ވިހޭއިރު ފުރިހަމަ ހޭވެރިކަން ނެތަސް އެއްލި އަތުން ދަރިފުޅުގެ ކަނާއަތުގެ ފައިގައި ހިފުނެވެ. އަދި އިތުރު އިނގިއްޔެއް އިންކަން އެނގުނެވެ. އަހަރެންގެ ދަރިފުޅުގެ ރުއިމުގެ އަޑުއިވުނުހެންވެސް ހީވިއެވެ. ނަމަވެސް މަންމަ ބުނީ ވިހޭއިރުވެސް ދަރިފުޅު އޮތީ މަރުވެފަކަމަށެވެ.
އަހަރެންގެ ލަގޮނޑިއަށް ކެތެއްނުވިއެވެ. އަޑުން އަޑުނަގައި ރުއީމެވެ. ހަލީމަ ދައިތަ ހިތްވަރު ލައިދީފައި ހުރިހާކަމެއް ވެސް ވާނީ ރަގަނޅަށޭ ބުންޏެވެ. އެންމެ ފަހުން އެކަން ގަބޫލް ކުރީމެވެ. އަދި އަހަރެންގެ ދަރިފުޅު މަރުވީ ކަމަށް ނިންމީމެވެ.
އެކުއްޖާގެ ކައިރިއަށް ދިޔަވަރަކަށް އެކުއްޖާގެ ހެދުން ދަށުން ފައި ފާޅުވިއެވެ. އަހަރެންނަށް ކުއްލި ޝޮކެއް ލިބުނީ އެކުއްޖާގެ ކަނާއަތު ފައިގައި އިތުރު އިނގިއްޔެއް އިނީމައެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. މިއީ އަހަރެންގެ ދަރިފުޅުބާއޭ ހިތަށްއެރިއެވެ. އެކަމަކު މަންމަ ބުނީ އަހަރެންގެ ދަރިފުޅު މަރުވީ ކަމަށެވެ.
އަހަރެން އަވަސްވެގަތީ އެކުއްޖާގެ ރިކޯޑްތަށް ހޯދުމަށެވެ. މުވައްޒަފުންގެ އެހީއާއެކު އެގުނު ގޮތުގައި އެކުއްޖާ ކުޑަކުދިންގެ ހިޔަލަށް ގެނެވުނުއިރު ވަނީ އެންމެ ހަތް ދުވަހެވެ. އަދި އެންމެ ހައިރާންކުރުވަނިވި ކަމަކީ އެކުއްޖާ ގެނެވިފައިވަނީ އަހަރެން ވިހޭތާ ހަފުތާއެއް ވީ ދުވަހު އެވެ.
ހިތާމައަކީ އަހަރެންގެ ހިތުގަ މި ވާހާ ސުވާލަކަށް ޖަވާބުދޭން މަންމަ މިއަދު ދުނިޔޭގައި ނެތްކަމެވެ. އެތަށް ގޮތަކުން މަސައްކަތް ކޮށްގެން ހަލީމަދައިތައަށް ގުޅޭނެ ނަންބަރެއް ހޯދީމެވެ. ހަލީމަ ދައިތަ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއީ ހަމަ އަހަރެންގެ ބަނޑުންވިހޭ އަހަރެންގެ ދަރިފުޅުވެ.
އަހަރެންގެ މަންމަ ކަންތައް ކުރި ގޮތަކާމެދު އެއްވެސް ޝަކުވާއެއް ނެތެވެ. އެއީ އެއީ އޭރުގެ ހާލަތު ހުރިގޮތުންކަން އަހަރެންނަށް ވިސްނުނެވެ. އެ ދުވަހު އަހަރެންގެ އުމުރު ހުސްވަންދެން މި ކުޑަކުދިންގެ ހިޔަލުގައި މަސައްކަތް ކުރުމަށް ނިންމީމެވެ. އަހަރެންގެ ދަރިފުޅާއެކު ތާއަބަދު ވުމަށް ނިންމީމެވެ.
(ނިމުނީ)
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ސީ ގެ ދަރިވަރު މުހައްމަދު ހުސައިން އެވެ.