ނައުފާ ނަސީރު
އިރުގެ ދޯދިތައް މ. ތަރިވިދާގޭގެ ބަގީޗާ ތެރެއަށް އެޅެމުން އަންނައިރު އެ ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ. އެފަދަ ގުދުރަތީ ރީތި މަންޒަރުތަކަކީ މީހަކު ބަލާފޫހި ނުވާނެ މަންޒަރުތަކެއްކަން ޔަގީނެވެ. ދުރުން ބަލާމީހަކަށް ހަމީދު ވިސްނަމުން އެދަނީ މި ޗާލު މަންޒަރުތަކަށް ކަމަށް ހީވެދާނެއެވެ. ނަމަވެސް އޭނާގެ ވިސްނުންވަނީ މުޅިން އެހެން ދިމާއެއްގައެވެ.
ހަމީދު ސިހިގެންދިޔައީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަމިލް އޭނާއަށް ގޮވާލި އަޑަށެވެ.
“ހަމީދު ކޮންކަމަކާތަ މާވަރަކަށް ތި ވިސްނަނީ. މިހާރަކަށް އައިސް ހަމީދަކަށް އަހަރެންވެސް މުހިންމެއް ނޫން” އަމިލް ޝަކުވާ ކުރިއެވެ.
“އަހަންނަކީ ހާދަ ބަދުނަސީބު މީހެކޭ. އަހަރެން މިހާރު މިދުނިޔޭގައި އުޅޭހިތެއް ނުވޭ” ހަމީދު ރޮއެގަތެވެ.
“ވެގެން އުޅޭގޮތެއް އެނގޭނީ މަށަށްވެސް ކިޔައިދިނީމަތާ. އަދި ތިކުރާ ފިކުރުތަކަށް ލުޔެއް ލިބޭނީވެސް އެހެންމީހަކަށް ކިޔައިދީގެން” އާމިލް އޭނާގެ އެކުވެރިޔާއަށް ނަސޭހަތްތެރި ވިއެވެ.
އެހެންކަމުން ހަމީދު ގަސްތުކުރީ ހުރިހާ ވާހަކަތަކެއް އާމިލަށް ކިޔައިދޭށެވެ. ހަގީގަތުގައި ހަމީދު މިއަދު ވިސްނަމުން އެދަނީ އޭނާގެ ބަރުބާދުވި ހަޔާތާ މެދުގައެވެ. އޭނާގެ އާއިލާއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދުގައެވެ.
*****
އަހަރެންގެ މަންމައަކީ ވަރަށް ފަގީރު ދިރިއުޅުމެއް އުޅެމުންއައި މީހެކެވެ. ބައްޕަ ވަނީ އަހަރެން ދުނިޔެއަށް ނާންނަނީސް މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ. އެއް ދުވަހު ކައިފިއްޔާ އަނެއް ދުވަހު ތިބެނީ ނުކައެވެ. ލިބޭ ކާއެތި ކޮޅުވެސް މަންމަ ދެނީ ދަރިންނަށެވެ. އެފަދަ ނިކަމެތި ހާލެއްގައި އަހަރެމެން އަމިއްލަ ފައި މައްޗަށް ތެދުވެވޭވަރު ކުރިއެވެ.
އަހަރެން އުޅޭ ގެއާ އިންވެގެން ހުންނަ ގެއެއްގައިވެސް އުޅެނީ ހަމަ އެފަދަ ނިކަމެތި ހާލެއްގައި އުޅޭ ބަޔެކެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެމީހުން އަހަރެމެންނަށް ވުރެވެސް ނިކަމެއްޗެވެ. އެއީ އެގޭގައި އުޅޭ ދެ އަންހެން ކުދިންވެސް މަންމަ އާއި ބައްޕަގެ ލޯބިން މަހްރޫމުވެފައި ވަތީއެވެ. މަންމަ އާއި ބައްޕަ އެކުދިންގެ ލޮލަށް ނުވެސްފެނެއެވެ. މިހާ ހިސާބަށްވެސް އެކުދިން ބަލައިބޮޑުކުރީ އެކުދިންގެ މާމައެވެ.
އަހަރެންނަށް އެ ކުދިންގެ ހިތްދަތި ދިރިއުޅުން އެނގުނު ހިސާބުން އަހަރެންގެ ހިތުގައި އަޒުމެއް ކަނޑައެޅުނެވެ. ދެން އެމީހުންގެ ހަޔާތުހެ ބާކީ އޮތަދުވަސްތައް އުފަލާ އަރާމުގައި ހޭދަކުރުމަށް މަސައްކަތް ކޮށްދިނުމެވެ. މި ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން އެ ގެއިން އެންމެ ދޮށީ ކުއްޖާއާ ކައިވެނި ކުރީމެވެ. އޭރު ދެމީހުންގެ ދެމެދުގައި އެއްވެސް ވަރަކަށް ލޯބި އުފެދިފައެއް ނުވެއެވެ. ނަމަވެސް ކައިވެންޏަށް ދެ އަހަރުވީއިރު އަހަރެންގެ ހިތަށްވަނީ ބަދަލުތަކެއް އައިސްފައެވެ. އަހަރެންނަށް ވަނީ ލީލާ އާއި ވަކި ނުވެވޭވަރުވެފައެވެ. ހަމަ އެފަދައިން ލީލާގެވެސް ހިތުގެ އެދުމަކީ މިއީއެވެ. އޭރު އަހަރެމެންނަށް ވަނީ ކައިވެނީގެ ފޮނިމޭވާ ލިބިފައެވެ. ހަޔާތުގައި ފާއިތުވި 2 އަހަރުވަނީ އަމާން ކަމާއެކީ ވޭތުވެގޮހެވެ. އޭރު އަހަރެމެން އުޅުމުންދިޔައީ އަހަރެންގެ މަންމަގެ ގޭގައެވެ.
ނަމަވެސް އޭގެ ކުޑަދުވަސްކޮޅެއް ފަހުން ގޭތެރޭގައި އަހަރެންގެ އަންހެނުންނާ މައްސަލަޖެހެން ފެށިއެވެ. މަންމައާ ބެހޭގޮތުން ލީލާގެ ޝަކުވާތައް އަންނަން ފެށިއެވެ. އޭނާ ބޭނުންވަނީ ގެއިން ނުކުމެގެން އެހެންގެއަކަށް ދާށެވެ. އަހަރެންގެ ހިތުގައި ލީލާއާ މެދު ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެންވެސް ބޭނުންވީ ލީލާ ބޭނުންވާގޮތެއް ހަދައިދިނުމެވެ. އެހެންވެ އަހަރެންނަށް ލިބިފައިވާ ބިންކޮޅުގައި ރީތި ގަނޑުވަރެއް ފަދަ ގެޔެއް ލޯބިވާ އަނބިމީހާއަށް ހަދައިދިނީމެވެ. އެންމަ ފެންވަރުގެ ފަރުނީޗަރުވެސް އެތާނގައި ހުންނާނެވެ. މި ފެންވަރުގެ ގެޔެއް ހެދީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. ހުރިހާވެސް އެދުމަކީ ލީލާ އާއި ލޯބިވާ ލައިލާ އުފަލުގައި ބެހެއްޓުމެވެ. ބާކީ ދުވަސްތައް އަހަރެންގެ އުފަވެރި އާއިލާ ހޭދަކުރީ އެގޭގައެވެ. އެދުވަސްތަކުގައި އަހަރެންގެ މަންމަ ގާތަށް ދިއުމަށް ލީލާ ނުރުހޭތީ އަހަރެން އެ ގެއަކަށް ނުދަމެވެ. މަންމަ މުސްކުޅިބަލީގައި ވީއިރު އަހަރެން އެ މަންމައަކަށް އަޅައެއް ނުލަމެވެ. އަހަރެން ހުރީ އޭނާ އެދޭ ކަމެއް ކުރުމަށް ފުރިހަމަ ތައްޔާރު ވެގެންނެވެ.
ލޯބިވާ ދަރިފުޅު ލައިލާ ގްރޭޑް ދެއަކަށް ދިއުމާއެކު އަހަރެން އާއިލާ މާލެ ބަދަލުކުރީމެވެ. މައިގަނޑު މަގުސަދަކަށްވީ ދަރިފުޅު ތައުލީމީ ގޮތުން މޮޅު ކުއްޖަކަށް ހެދުމެވެ. އަދި އަންހެނުންނަށް އިތުރަށް ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އަހަރެން ލައިލާ އަށް އައީ ބައްޕައެއްގެ ލޯބި އެންމެ ފުރިހަމަގޮތުގައި ދެމުންނެވެ. ބުނާ ކޮންމެ ކަމެއް ވަގުތުން ކޮށްދެމުން ދިޔައީމެވެ. އޭރުވެސް އަހަރެން އުޅުމުންއައީ ވަރަށް ބުރަކޮށެވެ. ގޭގައި ކެއްކުމާއި ދޮވެ އިސްތިރި ކުރުމުގެ އިތުރުން ވަޒީފާ ވެސް އަދާކުރަނީ އަހަންނެވެ. ނަމަވެސް އަހަރެން މި ހުރިހާކަމެއް ކޮށްދެނީ އާއިލާއަށްޓަކައެވެ. އުފަލުން އެއްވެސް ޝަކުވާއެއް ކުރުމެއްނެތި މިކަންކޮށްދެނީ އަހަރެންގެ އަންހެނުން އެދޭ ގޮތަކީ މިއީ ކަމަށްވާތީއެވެ.
މާލެ ބަދަލުވިތާ 3 އަހަރު ދުވަހުގެ ތެރޭގައި ލީލާ ހަދަމުންދިޔަ ކޯސް ނިމިއްޖެއެވެ. ދެން އޭނާ ބޭނުންވީ މެލޭޝިޔާއަށް އެކޯހުގެ މަތީ ލެވެލްތައް ހެދުމަށް ދާށެވެ. މިކަމަށް އޭނާ އަހަރެންކައިރީ އެދުމުން އަހަރެން އެކަންވެސް ކޮށްދިނީމެވެ. އަދި ދަރިފުޅު މެލޭޝިޔާގައި ފެންވަރުގެ ސްކޫލަކަށް ވެއްދީމެވެ. ފައިސާ ކިތަންމެ ވަރަކަށް ހޭދަވިޔަސް އެކަމާ އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. މިފަދައިން އަހަރުތަކާއި މަސްތަކާއި ދުވަސްތައް ފާއިތުވަމުން ދިޔައިރު އަހަރެންގެ އަންހެނުން ލީލާއާ ބެހޭ ތަފާތު ވާހަކަތައް އަޑުއިވެއެވެ. އޭނާ ހިލޭ ފިރިހުނުންނާ ވާހަކަ ދައްކާ ވާހަކަވެސް ބައެއް މީހުން އަހަރެން ކައިރީ ބުނެއެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރަމެވެ. އަހަރެން ދެކޭގޮތުގައި އެއީ ލީލާ ރީތިވެފައި އޭނާ އެކި ގޮތްގޮތުން ކުރިއަރައިގެން ދާތީ މީހުން ދައްކާ ވާހަކަތަކެކެވެ.
އަހަރެން ކޮންމެ އަހަރަކުވެސް ލިބޭ އަހަރީ ޗުއްޓީގައި އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް މެލޭޝިޔާއަށް ދާން ގަސްތުކުރަމެވެ. ނަމަވެސް ކޮންމެ ފަހަރަކު ލީލާ އަހަރެން ދާން އެއްބަސް ނުވާތީ ނުގޮސް މަޑުކުރަނީއެވެ. މިފަދައިން ކަންތައް ވަމުންދާއިރު ވެސް އަހަރެންގެ ހިތުގައި އެއްވެސް ކަހަލަ ޝަކުވާއެއް ނެތެވެ.
މިހެން ދުވަސްތައް ފާއިތުވަމުންގޮސް ދަރިފުޅުގެ ކިޔެވުންނިމި އަދި ލީލާ ހަދަންބޭނުންވާ ހުރިހާ ކޯސްތަކެއް ހެދުމުން އެނބުރި މާލެއައެވެ. އެ ދުވަހު އަހަރެންނަށް ބުނަން ނޭނގޭފަދަ އުފާވެރި އިހުސާސްތަކެއް ކުރެވުނެވެ. އަހަރެންނަށް އަހަރެންގެ ހުރިހާ އުފަލެއް ލިބުނު ފަދައެވެ. ނަމަވެސް އެ ދުވަހު އިރުއޮއްސުނުވަގުތު މުޅިތަނަށް އަނދިރިކަން ވެރިވިފަދައިން އަހަރެންގެ ހަޔާތައްވެސް އަނދިރިކަން ވެރިވެއްޖެއެވެ. އެއީ ދުވަހަކުވެސް އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ލީލާ އަހަރެންގެ ގާތުން ވަރިވާން ފޯމު ލީއެވެ. އަހަރެންގެ ހިތް ކުދިކުދި ވިކަހަލައެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އަހަރެން މިހާ ބުރަ މަސައްކަތްކޮށްގެން އެމީހުންނަށް އުފާވެރި ދުވަސް ހޯދައިދޭން މަސައްކަތްކުރުމުން އަހަންނަށް ތިދިނީ ކޮންކަހަލަ ހަދިޔާއެއް ހެއްޔެވެ؟ އެ ވަގުތު އަހަރެންގެ ހިތުގައި މިފަދަ އެތައް ސުވާލުތަކެއް އުފެދެން ފެށިއެވެ.
އޭގެ ހަފުތާއެއް ފަހުން ލީލާ އެހެން މީހަކާ ކައިވެނި ކުރީއެވެ. އަހަރެން މުޅިން ބާކީވީއެވެ. އަހަރެން އުންމީދު ކުރީ ލައިލާ އަހަރެން ކައިރިއަށް އެނބުރި އަންނާނެ ކަމަށެވެ. ބައްޕަގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދިނުމުން އޭގެ އަގު އަދާކުރާނެ ކަމަށެވެ. އެންމެ ކުޑަމިނުން އަހަރެންނަށް ބައްޕަވެސް ލައިލާ ނުކިޔައެވެ. މިއީ ކޮންފަދަ ތަޖުރިބާއެއް ހެއްޔެވެ؟ އަހަރެން ލީލާ ބަހަށް ހެއްލިގެން އަހަރެން ބަލައިބޮޑުކުރި މަންމައާ މެދު ކަންތައްކުރެވިފައި ވަނީ އެހާ އިހާނެތިކޮށެވެ. އެހެންކަމުން މިއަދު އެއްބަނޑު މީހުން ވަނީ އެއްބަފާ ކަމުގެ ގުޅުން ކަނޑާލާފަ އެވެ.
ހަމީދު އޭނާގެ ދުލުން މިހުރިހާ ވާހަކަތަކެއް ބޭރުކޮށްލި އިރު އޭނާގެ ދެ ލޯ ހުރީ ވަރަށް ބޮޑަށް ރަތްވެފައެވެ. އަދި އެ ވާހަކަތައް އަޑުއިވުމުން އާމިލް ވެސް ވަނީ އަސަރުކޮށްފައެވެ. ނަމަވެސް އާމިލް ހަމީދަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ހަމީދު ބުނަމުން ގެންދިޔައީ އޭނާގެ ހިތުގައި ޖެހިފައިވާ ލައްގަނޑު ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ. އަދި އެ ހިތި ތަޖުރިބާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަމަށެވެ.
(ނިމުނީ)
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11 ބީ ގެ ދަރިވަރު ނައުފާ ނަސީރެވެ.