އޮއްސެމުން ދިޔަ އިރާއެކު އުޑުމައްޗަށް އަރަމުން އެދިޔަ ކުލަވަރަށް ގެއްލިފައި މަންހާ އިނެވެ. ލޮލުން ހޯސްލަފައި ކަރުނަތައް ފައިބަމުން ދެއެވެ. އިރުގެ ދަޅައަށް އެކަރުނަތައް ވިދަމުންދައިރު އެ ދޮންމޫނަށް އިތުރު ފަރިހަމަ ކަމެއް ގެނެސް ދިން ނަމަވެސް އެހަޔާތަކީ ކިހާވަރެއްގެ އުފާވެރި ހަޔާތެއް ބާއެވެ. މަޣްރިބް ނަމާދުގެ ބަންގީގެ އަޑަށް ސިއްސައިގެންގޮސް މަންހާ ތެދުވެ ގައިން ވެލިފޮޅާލި އެވެ. އަދި ލޯފުހެލާ އަހަންނާދިމާއަށް އައެވެ. ދެމީހުން އެކުގައި ގެއަށް ވަނީމެވެ.
މަންހާ އަކީ އެކަނިވެރިއެކެވެ. މަންމަ އެއް ހުއްޓަސް އެއީ މަންހާ ދެކެ އިންތިހާއަށް ނަފްރަތު ކުރާމީހެކެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ ފިރިމީހާ އޭނާގެ އެހީއަށް އެންމެ ބޭނުންވީ ވަގުތު ދޫކޮށްލާފައި ދިޔައީއެވެ. މަންހާ އެންމެ ފުރަތަމަ ފެނުމުންވެސް އަހަންނަށް އެވީގޮތް އޭނާގެ ފިރިމީހާއަށް ވީނަމަ، މިއަދު މަންހާ ނުދަންނަ ބައެއް ގާތުގައި އުޅޭކަށް ނުޖެހޭނެކަން ގައިމެވެ. އެހާވެސް މަންހާ ލޯތްބެވެ.
އެރެއެވެ. މަންހާ އަށް ކާން ގޮވަން އަހަރެން ދިޔައީމެވެ. މަންގެ ކޮޓަރީގެ ދޮރުގައި ދެތިންފަހަރަކު ޓަކިޖަހާލުމުން ދޮރު ހުޅުވިއެވެ. އެރީތި ލޯވަނީ ރަތްވެފައެވެ. މޫނުމަތިން އަބަދުވެސް ފާޅުވާ ހިތާމަވެރިކަން ފާޅު ވޭވޭ ހުއްޓެވެ.
“މަންހާ…. ތީދެންކޮންކަމެއް؟ ރުއިން ހުއްޓާލާފަ އާދޭ އަހަންނާ އެއްކޮށް ކާން. މަންމަވެސް އެބައިން ކާގޭގަ” އަހަރެން ބުނީމެވެ. މަންހާ ބޯޖަހާލުމައްފަހު އެތެރެއަށް ވަދެ މޫނު ދޮވެލައިގެން ނުކުތެވެ. އެކު އެކީގައި ކާގެޔަށް ވަތްއިރު އަހަރެންގެ މަންމަ އަހަރެންގެ އިންތިޒާރުގައި އިނެވެ.
އެންމެ ކާންތިބީ ވަރަށްވެސް މަޑުމަޑުންނެވެ. އެހިމޭންކަން ނަގާލީ މަންމައެވެ.
“ދަރިފުޅާ ފަޔާޒް. މަންމަގެ ބޭސްކޮޅު ހުރީ ހުސްވެފައި. މިރޭވާނެ އެގެނެސްދޭން އިނގޭ” އަހަރެން އާއެނކޭ ބުނުމަށްފަހު މަންހާއަށް ބުނެލީމެވެ. “މަން.. އަހަންނާއެކު ދާނަންދާދޯ!..” މަންހާ ބޯޖަހާލަމުން އާނއެކޭ ބުންޏެވެ. ކައިނިމިގެން އަހަރެން ދިޔައީ މަންގޮވައިގެން ދުއްވާލަން ދާން ތައްޔާރުވާށެވެ.
އަހަރެން ސިޑިން ފައިބަމުން ދަނިކޮށް މަޑުޖެހުނީ ކުރިމަތީގައި ހުރި ސޯފާގައި އިށީދެއިން ހޫރެއްފަދަ ކުއްޖާ ފެނިފައެވެ. ކަޅުކުލައިގެ ޓޮޕްކޮޅަކާއި އައިސް ބުލޫ ސްކީނީގައި މަންހާ ނަލައެވެ. މަންހާއަށް ލިބިފައިވާ ރަންކުލައިގެ އިސްތަށި ގަނޑު ރީތި ގޮތަކަށް ގަތާ ލެވިފައުވެއެވެ. ރީތީގެ މިސާލެކެވެ. ބިމުގައި ލެއްވި ޕަރީއެއް ބާއޭ ބުނާހާ ޗާލެވެ.
އަހަރެން ފެނުމާއެކީ މަންހާ ތެދުވެ ދޮރާދިމާއަށް ހިނގައިގަތެވެ. އަހަރެންވެސް ނިކުމެ ކާރުގެ ފުރަތަމަ ސީޓުގެ ދޮރު ހުޅުވާ މަންހާއަށް ދައުވަތު ދިނީމެވެ. މަންހާ ގަދަހެދުމެއް ނުދައްކާ އިށީނެވެ. މަންމަގެ ބޭސްތައް ނެގުމަށް ބޭސްނެގުމަށް ބޭސްފިހާރައާ ދިމާއަށް ދިޔައީމެވެ. މަންހާގާތު ކާރުގައި މަޑުކުރުމަށް ބުނެފައި އަހަރެން ދިޔައީ ބޭސްނަގާށެވެ. އެއަށްފަހު ދެންދިޔައީ މަންހާ ގޮވައިގެން ސުނާމީ ބިނާއާ ދިމާލަށެވެ.
ހަނދުގެ އަލިކަން ބިމަށް އެންމެ ފުރިހަމަ ގޮތުގައި ފަތުރާލައިފައި ވެއެވެ. ކާރު ޕާކު ކުރުމަށްފަހު ދެމީހުން ކާރުތެރެއިން ނިކުމެ އެތާނގެ ފާރުމަތީގައި އިށީދެލީމެވެ. ފަސްވަރަކަށް މިނެޓްގެ ހަމަހިމޭންކަމަކަށް ފަހު އަހަރެން އެހީމެވެ.
“މަން… މަން ކީއްވެ އަބަދު ދެރަވެފަ ހުންނަނީ؟ ކީއްވެ އަބަދު ރޮނީ؟ ތިއީ ތިކަހަލަ ކުއްޖަކާ ހާއްސަކޮށް މަންއާ އެކަށީގެންވާ ކަމެއްނޫން ކަން މަންއަށް އެނގޭތަ؟” މަން ގެ ފަރާތުން އެއްޗެއް އިވެތޯ އަހަރެން މަޑު ޖައްސާލީމެވެ.
“ނޫން.. އެންމެންނަކަށް ކޮންމެ ދުވަހަކީ އުފަވެރި ދުވަހަކަށް ނުވާނެ. ރޯންވެސް، ހިތާމަވެސް ކުރަންޖެހޭނެ.” މަންހާ ބުންޏެވެ.
“އެންމެ ރަނގަޅު ތީވެސް ދޮގެއްނޫން. އެކަމަކު އަހަރެންނަށް ހިތައްފަސޭހައެއް ނުވޭ މަންތިގޮތަށް ހިތާމަކުރާތަން ދެކޭކަށް. ކިޔައިދީބަލަ، މަންއަށް ތި އުނދަގު ކުރާކަންތައް. އޭރުން ހަމަ ޔަގީން ތިހިތަށް ލުއިވާނެކަން” އަދި މަން އަތުގައި ހިފާ އާދޭސް ކުރީމެވެ. މަންހާގެ ހިތަށް ލުއިކަމެއް ގެނެސް ދިނުމަށެވެ. އަދި އެކަން ހަމަޔަކަށް އެޅުވުމަށް އަހަންނަށް ކުރެވޭނެ ކަމެއްވޭތޯ ބަލާށެވެ.
“އެންމެ ރަނގަޅު އަޑުއަހާ” މަންހާ ބުންޏެވެ. އަދި އޭނަގެ ހަޔާތުން އޭނާއަށް އުނދަގު ކުރަމުން އެދާ ‘ކަޅު މާޒީ’ ކިޔައިދޭން ފެށިއެވެ. އެއީމީގެ ދެތިންއަހަރު ކުރިއެވެ. މަންހާގެ މަންމަ މަޒީނާ އާއި މަންހާ ފިރިމީހާގެ މަންމަ ޒަރީނާ އަކީ ވަރަށް ގުޅޭ އެކުވެރިންނެވެ. ނަމަވެސް މަޒީނާއަށް ނޭނގި އޮތްކަމަކީ ޒަރީނާ އަކީ މަޒީނާގެ ހަޔާތަށް ވިހަލަމުންދާ ހަރުފައެއް ކަމެވެ. ފާރިސް އާއި މަންހާ ބައްދަލުވީ އެމީހުންގެ މަންމަ މެންގެ ފަރާތުންނެވެ. އެދެމީހުންގެ މެދުގައި ލޯބި އުފެދި އެކުގެއި އުޅެން ވައުދާ އަހުދު ވަމުން ދިޔުމުގެ ނަތީޖާއަކަށްވީ މަޒީނާގެ ހަޔާތަށް ޒަރީނާއަށް ވަނުމަށް ފަސޭހަވެގެން ދިޔުމެވެ.
ކޮންމެއަކަސް މަންހާއާއި ފާރިސްގެ ކައިވެނި ކުރެވިއްޖެއެވެ. އެކުގައި ވަޒީފައަށް ގޮސް އެކުގައި އުޅެންފެށިއެވެ. ޒަރީނާގެ މަސައްކަތްވެސް އަލުންބަލުން ފެށިއެވެ. އިންތާ ދެތިންމަސްފަހުން މަންހާ ބަލިވެ އިނެވެ. ދެމީހުންވެސް ކުއްޖަކު ބޭނުންވާލެއް ބޮޑުކަމުންނެވެ. މަންމަ މެންގެވެސް ހުވަފެނެއް ކަމުގައި ވާތީއެވެ.
ނަޒީރާގެ ހެޔޮކަން ބޮޑުވިއެވެ. އެނދުގައި ބާއްވައިގެން އެކިއެއްޗެހި ދީ، މަންހާގެ ހަށިގަނޑު ބޮޑުކޮށްލިއެވެ. ވީނުވީއެއް ނޭނގުނެވެ. ބަނޑުގައި ރިއްސަންފެށީ ދުވަސް ހަމަނުވަނީހެވެ. ކުއްލި ކުއްލިއަށް ތަދު އަރާ މަންހާ އެކަށް ގޯސް ވެއްޖެއެވެ. ހޮސްޕިޓަލަށް ގެންދެވުނެވެ. ޑޮކްޓަރު ބެއްލެވުމަށްފަހު ދަރިފުޅުވަނީ މަރުވެފައި ކަމަށް ބުންޏެވެ. މަންހާގެ ހަޔާތަށް ކަޅު ތޫފާން ގަނޑު ފެށުނީ އެހިސާބުންނެވެ. ޑޮކްޓަރު ބުނެފައިވަނީ ދަރިފުޅު މަރުވެފައިވަނީ އެކަމަށް ބޭސް ބޭނުން ކޮށްފައި ވުމުންކަމަށެވެ. ނަމަވެސް މަންހާ ދުވަހަކުވެސް އެފަދަ ކަމެއް ކުރުމަށް ހިތައްވެސް ނާރުވައެވެ.
މަންމައާއި ފިރިމީހާ މަންހާދެކެ ވަރަށްރުޅިއައެވެ. މަންހާ އަކީ މަންމަގެ ދަރިއެއް ނޫންކަމަށް ބުނެ އެހީނުވެ ދިޔައީއެވެ. ފާރިސްތޯއެވެ. މީގެ ފަހުން މަންހާއަކީ އޭނާގެ އަތްނބެއްނޫނޭބުނެ ދިޔައީއެވެ. އެންމެން އޭނާ ދޫކޮށް ދިޔަފަހުން ޒަރީނާ ވަނެވެ. އަދި ބުންޏެވެ.
“މަގޭ މަންމައާއި އާއިލާ އަހަރެން ދޫކޮށްފައި ދިޔައީ ކަލޭ މަންމަގެ ސަބަބުން. އެހެންވީމާ އޭގެ ބަދަލު ކަލެއަށް. ކަލެއަށް ބޭސްދިނީ އަހަރެން، ކުޅިވަރުގެ ފޯރި މަށަށް” ހެމުން ހެމުން އެނުލަފާ އަންހެނާ ނިކުމެގެން ދިޔައީއެވެ.
އޭރު މަންހާއަށް ގިސްލެވެއެވެ. އަހަރެން މަންހާ އަހަރެން މަންހާގެނެސް އަތުތެރެއަށް ލީމެވެ. ކުޑަކުއްޖެއް ފަދައިން ރޮއިލާ ރޮއިލާ މަންހާ އަހަރެންގެ ގަމީހުގެ މޭމަތި ތެއްމާލިއެވެ. މަންހާ ހިތްފުރޭވަރަށް ރޯން ދޫކޮށްލީމެވެ. ރުއިންހުއްޓާލުމަށްފަހު ބުންޏެވެ.
“ފަޔާ. އަހަންނަށް ފަޔާ ތިކޮށްދޭ ހިދުމަތުގެ އަގު އަދާކުރާނީ ކިހިނެތް” އަހަންނަށް މަންގެ ލޯބިލޯބި ތުންފަތުގައި އަތްއަޅާލެވުނެވެ. ހިތަށް އެރި އެވެ.
“އަހަންނާ އިންނާށެވެ. އޭރުން އަގު އަދާވީ އެވެ. އެކަމަކު އޭރުން އަހަރެންވާނީ ހާދަ އަމިއްލަ އެދުން ބޮޑު މީހަކަށެވެ.” އަހަރެންގެ ކަންފަތުގައި ދެން ޖެހުނީ އަހަރެން މަންހާގެ ދުލުން އިވޭނެ ކަމަށް ހީކުރި ބަސް ތަކެއް ނޫނެވެ.
“ފަޔާ. އަހަރެން ކުށެއް ނުކުރަން. މަންމަ އަހަރެން ދޫކޮށްލާފާއި ދިޔަސް، މަންމަ އަދިވެސް ބޭނުން. ފަޔާ… އަހަރެން ފަޔާ ކަހަލަ ފިރިއެއްވެސް ބޭނުން” އަހަރެންނަށް ވީގޮތެއްވެސް ނޭނގުނެވެ. މަންހާގެނެސް މެޔާލާ ފިތްތާލެވުނެވެ.
“އައިލަވްޔޫ މަން. މަން އަހަންނާ އިންނާނަންތަ؟” މަންހާއާއެކު ދެމަސް ހޭދަ ވެގެން ދިޔައިރު މިނޫނީ މަންގެ ހިނިތުންވި ތަނެއް އަހަންނެއް ނުދެކެމެވެ.
ކޮންމެއަކަސް އެރޭ އަހަރެން ހިތުގައި އަޒުމް ކަނޑައެޅީމެވެ. މަންގެ މަންމައާ މަން ބައްދަލުކޮށް އެ ދެމައިން އަލުން ގުޅުވުމަށެވެ.
ޖެހިގެންއައި ދުވަހު، މަންގެ މަންމައާ ބައްދަލުކުރުމަށް މަންހާ ގޮވައިގެން އެގެއަށް ދިޔައީއެވެ. މަންމައަށް، އަމިއްލަ ބަނޑުން ވިހޭ ދަރި ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ މަންހާ ގެއަށް ވަނުމާއެކު ލިބުނީ ސިހުމެކެވެ. މުޅި ސިޓިން ރޫމުގެފާރުތައް ފުރާލައިފައިވަނީ މަންހާގެ ފޮޓޯތަކުންނެވެ. ސޯފާގައި ރޮވިފައި އިން މަންމައަށް މަންހާ ފެނުމުން ގަބޫލެއްވެސް ނުކުރެވުނެވެ. މަންހާގޮސް މަންމަގެ ގައިގާ ބައްދާލި އެވެ.
ދުވަސް ކޮޅަކަށްފަހު އަހަންނާ މަންހާގެ ކައިވެނި ކުރެވުނެވެ. އެރެއަކީ މަންހާގެ ރީތިކަން ދެގުނައަށް އިތުރުވި ރެއެކެވެ. ދެމީހުން އެ ކައިވެނިވުމުން މަންހާ އަހަރެން ކައިރީ ބުނަމުން ދިޔައީ …. “މަރުވިޔަސް ކަލާގެ ނަން މިހިތަކުން ނުފިލާނެޔޭ..” .
(ނިމުނީ)
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ދަރިވަރު މަރިޔަމް އަހުމަދެވެ.