ސާމިޔާ އިބްރާހީމް
ދުނިޔޭގައި އުޅޭ އެއްވެސް މީހަކީ ފުރިހަމަ މީހެއްބާއެވެ؟ ސިފަ ހުތުރުވުމީ އަމިއްލަ ނަފްސު ކުށްވެރި ކުރެވިދާނެ ކަމެއްބާއެވެ؟ ދުނިޔޭގައި ބާކީ ކުރުމަށް ދަރިން ހޯދަނީ ކީއްވެބާއެވެ؟ މިހިރީ ހައްތަހާވެސް އަހަރެންގެ ހިތުގައި ފުނިޖެހިފައިހުރި ސުވާލުތަކެކެވެ. ވާނީވެސް އެހެންތާއެވެ. ހުރިހާ ހިއްސުތައް ފުރިހަމައަށް ލިބިހުރެމެ، އަހަރެން މިވަނީ ނުކުޅެދޭ މީހަކާއެއްފަދަ ވެފައެވެ. އަހަރެން މުޅި ދުނިޔެއަށް އެކަނިވެ ގިނަވެފައި މިވަނީ އަހަރެންގެ ހުތުރު ސިފައިގެ ސަބަބުންނެވެ. ބުޅި އިސްތަށިގަނޑަކާ، ކުރަ ތުންފަތެކެވެ. ކުޑަ ލޮލަކާއި ފަލަ ބުމައެކެވެ. ހަންގަނޑުގައިވާ ކުލަ ކަޅުކަމުން އެންދެރި ކުލަ އަރައެވެ. ނަމަވެސް އަހަރެންނަށް މި ސިފަ ލިބިމުގައި އަހަރެންގެ ރޯލަކީ ކޮބާ ބާވައެވެ؟
އުމުރުން 14 އަހަރުވީއެވެ. ނަމަވެސް ލިބިފައިވާ އުފަލަށް ވުރެ އުފުލަންޖެހިފައިވާ ހިތާމައިގެ ބަރުދަން ވަނީ އިތުރުވެފައެވެ. ތަނަވަސްކަން އެބަހުއްޓެވެ. ހިތާމަޔަކީ އާއިލާގެ މެމްބަރަކަށް އަހަރެންގެ އެކަނިވެރިކަން އިހްސާސް ނުވުމެވެ. މަންމަ އަކީ ޓީޗަރެކެވެ. ބައްޕަގެ ހުވަފެނެއްކަމުގައި ވެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ބޯޓު ދަތުރު ކުރުމެވެ. ދެން ހުންނާނީ ބޭބެ އެކެވެ. ނަމަވެސް މިމީހުންގެ ‘ބިޒީ ޝެޑިއުލް’ އިން އަހަރެންނަށް ފަޅި ސިކުންތެއްވެސް ހޭދަކުރުން އެއީ ނާދިރު ކަމެކެވެ.
ގުނަމުންދަނީ ޑިސެމްބަރުގެ ދުވަސްތަކެވެ. ބޭރުތެރޭގައި އާއިލާތައް ވަގުތު ހޭދަކުރަމުންދަނީ އުފާވެރިކަމާ އެކީގައެވެ. ނަސީބެއްނެތީ އަހަރެންގެއެވެ. އާއިލައެއްވީނަމަވެސް އެ މީހުންއެވަނީ އަހަރެން ޔަތީމު ކޮށްލާފައެވެ.
އުޑުމަތީގައި ތަރިތައް ފިޔަޖަހަމުން ދެއެވެ. ނަމަވެސް އުޑުމަތިން ފެންނަން ނެތުމުން ކަޅު އަނދިރިކަމެއް ވެރިކުރުވާފައިވެއެވެ. ޖެހެމުންމިދާ ފިނި ރޯޅިން ހިތަށް ހަމަޖެހުމެއް ލިބެމުންދިޔައެވެ. މާލޭގެ ހަލަބޮލި މަގުތަކުގައި އެކި އުޅަނދުތައް ދުއްވަމުންދިޔައެވެ. ބެލްކަނީގައި އެމަންޒަރު ބަލަން އަހަރެންނަށް އިދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ހިޔާލުގެ ފުންކަނޑުގައި ފެތެމުންދަނިކޮށް ސަލާމަތްވީ މަންމަ އައިސް ލައިޓް ޖައްސާލުމުންނެވެ. އެވަގުތު އަހަރެން ސިއްސައިގެންގޮސް ބަލައިލީމެވެ. މަންމަގެ އިޝާރާތުން ކާން ދިޔުމަށް އެންގިއެވެ. ފޫހިކަމާއެކު ތެދުވެ ހިނގައިގަތީ ކާކޮޓަރިއާ ދިމާލަށެވެ.
“ކޮބާތަ ދޮންބެ؟” މަންމަ އެއީ ދޮންބެ އާ ވަކިން ކާ މީހެއްނޫނެވެ. އާދައިގެ މަތިން މަންމަ ސުވާލިކުރިއެވެ. އެއަޑަށް ދޮންބެ އައިސް ވަނެވެ. މިހިސާބުން މަންމަގެ ތައުރީފުތައް ފެށުނެވެ.
“ރީނާ ވެސް ކިޔަވަނީއެއްނޫނޭ ބަލާބަލަ ދޮންބެ. މިހަރު އެ އޮފީހުގެ މެނޭޖަރުކަން އެކުރަނީ” މިހިސާބަށް ދިޔަތަނާ އަހަރެން ގަސްތުގައި އަހަރެންގެ ޖޫސްތަށި ގަޔަށް އަޅާލީމެވެ. ޝަކުވާތައް އިތުރަށް ޖަމާކުރާނެ ޖާގައެއް އަހަރެންގެ ހިތަކު ނެތެވެ.
“މިމަންޖެއަކަށް މިނޫންވަރެއްނުވާނެ” ދޮންބެ ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިގެންނެވެ. އަހަރެންނަށް ކޮޓަރިއަށް ދެވުނީ ކިރިޔާއެވެ. ބަޑިފަޅައިގެން ދިޔައީއެވެ. އިންސާނުންނަށް ވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އެމީހުންގެ ހިތުގައި އަހަންނާމެދު އެވަރުގެ ބޮޑު ނަފްރަތެއް އުފެދެންވީ ކީއްވެބާއެވެ. ރޮއެރޮއެ ވަރުބަލިވެގެން ގޮސް ނިދުނީ ކިހިނެއް ކަންވެސް އަހަރެންނަށް ނޭނގުނެވެ.
އިރު ފެނުންތޮޅެލީ އައު ދުވަހަކަށެވެ. ފެންވަރާލައިގެން ނުކުމެލީ މަންމައަށް އެހީ ވުމަށެވެ. އެވަގުތު އަހަރެންނަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ދޮންބެ ނުކުތީ މަންމަގެ ކޮޓަރިންނެވެ. ނިދާ ސޯޓާއެކު ހުރުމުން އަހަރެންގެ ސިކުނޑިގައި ނުބައި ހިޔާލުތަކެއް ހިނގާލިއެވެ. ނަމަވެސް ދޮންބެ އަތުގައި މަންމަގެ ލެޕްޓޮޕް އޮތުމުން އެ ބަލައިވަނީ ކަމުގައި އަހަރެން ނިންމީމެވެ.
މެންދުރުގެ ވަގުތެވެ. މަންމައާ ދޮންބެ އަންނަން ވާއިރަށް އަހަރެން ފުރައިޑް ރައިސް ހެދީމެވެ. އެމީހުންގެ އިންތިޒާރުގައި ތިއްބާ ލައިން ފޯން ރިންގިވާން ފެށިއެވެ. މަޑު ހިނގުމެއްގައި ގޮސް ފޯން ނެގީމެވެ.
“ހަލޯ” އެކޮޅުން ވާހަކަ ދެއްކީ ބައްޕައެވެ. އަހަރެން ރައްދުގައި ބައްޕައަށް ގޮވާލީމެވެ. ބައްޕައާ ކުޑައިރުކޮޅަކު ވާހަކަ ދައްކާލީމެވެ. ކިރިޔާވެސް އަހަންނާ އަޅާލާ މީހަކީ އެއީއެވެ. ނަމަވެސް އެއީ ހާލަކުން ފަހަރަކު ލިބޭ ފުރުސަތެކެވެ. އަދި އަހަރެން ހައިރާންވާ ކަމެއް އޮވެއެވެ. މަންމައާއި ބައްޕަ ދުވަހަކުވެސް އެކީއެއް އަހަރެން ނުދެކެމެވެ. ދެމީހުން ވާހަކަވެސް ދައްކައެއްވެސް ނޫޅެއެވެ. ބައްޕަ ގުޅިއަސް މަންމަ ކޮބައިތޯއެއް ނާހައެވެ. އަހަރެންގެ ހިމޭންކަން ފޫދުއްވާލީ ދޮންބެއެވެ. ދޮރުން ވަދެގެންއައީ މަންމައާ ހީސަމާސާ ކުރަމުންނެވެ. އެކަން އެހެން އަހަންނާ އެއްގޮތަކަށްވެސް ނުކުރެއެވެ. ލޯބިން ގޮވާވެސް ނުލައެވެ. ދެމީހުންވެސް ބުނީ އެއައީ ބޭރުން ކައިގެން ކަމަށެވެ. އަހަރެން ކުރި ބުރަ މަސައްކަތް ދިޔައީ ފެނަށެވެ. ކެއްކި އެއްޗެހި ކެއީ އެކަންޏެވެ.
ބަންދު ދުވަސްތައް ނިމުމަކާ ގާތްވެއްޖެއެވެ. ސްކޫލް ފެށޭތީ އުފަލެއް ނުވެއެވެ. ރަނގަޅު ރައްޓެއްސެއް ލިބިފައި ނުވާތީއެވެ. މަންމައާ އެކު ސްކޫލް ސާމާނު ގަންނަން ދާން ނިންމީމެވެ. ތައްޔާރުވެގެން މަންމަ ކޮޓަރިއަށް ދިޔައީމެވެ. ދޮންބެގެ ގަމީހާ ސޯޓު އަދި މަންމަގެ ހެދުންވެސް އެނދުމަތީގައި އޮތެވެ. ފެންވަރައިގެން ނިކުމެލާން ތައްޔާރު ކޮށްފައި ހުއްޓެވެ. އަހަރެން އިނީ މަންމަ ނުކުންނަދެންނެވެ. އަހަރެން ފެނުމުން މަންމަ ދިޔައީ ސިއްސައިގެނެވެ. މަންމަ ނިކުތް ފަހުންވެސް އެތެރޭން އެއްޗެއް ވެއްޓުނު އަޑު އަދި ޝަވަރު ދޫކޮށްފައި ހުރި އަޑުވެސް އިވެއެވެ. މަންމަ އަހަރެން އަވަހަށް ފޮނުވާލިއެވެ. އަހަރެން ހީކުރީ ރީތިވާން ކަމުގައެވެ. ފާހާނާ ތެރޭން އަޑު އަޑު އިވުމުންވެސް އެއީ މާ ބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ. އަވަހަށް ނިކުމެގެން އައިސް އަހަރެން ގޮވައިގެން މަންމަ ދިޔައީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދޮންބެ އާއި މަންމަގެ ގާތް ގުޅުން ފުޅާވަމުން ދިޔައެވެ. ދެމީހުންއެއް ކޮޓަރިއެއްގައި ނިދާނީ ކިހާ ގާތްވީމަތާއެވެ. އަހަރެންގެ ޅަސިކުނޑިއަށް އެ ފަދަ ހޭލުންތެރިކަމެއް ވަދެފަ ނުވާތީ އަހަރެން އެކަމަކާ އަޅައެއްނުލަމެވެ. ސްކޫލް ފެށެން ގާތް ވާތީ ސްކޫލްގެ ކަންކަމާ މަޝްއޫލުވެގެން އުޅުނީމެވެ. އެކަނިވެރިކަން ފިލުވީ ފޮތްތަކާ އެކުގައެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތްވަރުލައި މަސައްކަތް ކުރުމަށް އަޒުމު ކަނޑަ އަޅައިގެންނެވެ.
ދިރާސީ އައު އަހަރު ފެށުނީއެވެ. ކިޔެވުން ފެށުމާއެކު ސްކޫލުން އައު ކުދިން ފެނުނެވެ. އަހަރެންނާ މަދު ކުދިންކޮޅެއް ގުޅުނެވެ. އެކުވެރިންގެ ފަރާތުން އެ އުމުރާ ނުގުޅޭ ފަދަ މައުލޫމާތު ވެސް ލިބެއެވެ. އެކުދިން އަބަދުވެސް ދައްކަނީ އަންހެނުންނާއި ފިރހެނުންގެ އެކި ގުޅުމުގެ ވާހަކައެވެ. މިވާހަކަތައް އަޑުއަހަމުން ދާއިރު އަހަރެންނަށް ސިފަވަނީ ދޮންބެއާ މަންމައެވެ. އުމުރަށް އައި ބަދަލާއެކު އަހަރެންނަށްވެސް ވިސްނެން ފެށިއެވެ. އަދި އެމީހުންނަށް ޝައްކުގެ ނަޒަރަކުން ދެކެވެން ފެށުނެވެ. އަދި އެ ސިއްރު ގުޅުމުގެ ފަހަތުގައިވާ ހަގީގަތް ހޯދުމަށް އަވަސްވެގަތީމެވެ.
ގްރޭޑު 10 ގައި ކަމުން ވަރަށް އަވަދިނެތި މަސައްކަތް ކުރީމެވެ. ރަނގަޅު ކާމިޔާބީއެއް ލިބޭތޯއެވެ. މަންމަ އާއި ދޮންބެގެ މައްސަލަ ކުޑަކޮށް އެއްފަރާތް ކޮށްލުމަށް ފަހުގައެވެ. ނަސީބު ދިމާކުރިގޮތުން ޓެސްޓުތައް ވަރަށް ފަސޭހަވިއެވެ. ކެނޑިނޭޅި ﷲ އަށް ކުރި ދުއާތައް އިޖާބަ ކުރެއްވީ ކަމުގައި ދެކުނީމެވެ.
ބައްޕަ މާލެ އައީ 10 އަހަރު ފަހުންނެވެ. އަހަރެންނާ އަޅާލާނެ މީހަކު އައުމުން ވަރަށް އުފާވި އެވެ. އަދި ބައްޕަގެ ކުރިމައްޗަށް މަންމަގެ ހަގީގަތް ގެނައުމަށް އަޒުމް ކަނޑަ އެޅީމެވެ. މަންމަ މި ދުވަސްކޮޅު ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ދޮންބެއާ ވަރަށް ދުރެވެ. އެއީ ކީއްވެގެން ކަމާމެދު އަހަރެންނަށް ސުވާލު ކުރެވުއެވެ. ނަމަވެސް މަންމަ އަންނަނީ ރުޅިއެވެ. އެއް ދުވަހެއްގެ ހަވީރެވެ. ބައްޕައާ އެކު ހިނގާލަން ދިޔައީމެވެ. މަންމަ ކައިރީގައި ލަސްވާނެކަމަށް އަހަރެން ބުނީމެވެ. އެއީ ހަމަ ގަސްތުގައެވެ. ނަމަވެސް ފަސްވަރަކަށް މިނެޓް ފަހުން އަހަރެން ފާހާނާ އަށް ދާންބޭނުން ކަމަށް ބުނެ ބައްޕަ ގޮވައިގެން ގެޔާ ދިމާއަށް ހިނގައިގަތީމެވެ. ގެއަށް ވަތްއިރު ގޭގައި އެކަކުވެސް ފެންނަން ނެތުމުން މަންމަ ހޯދުމަށް ބައްޕަ ގޮވައިގެން ކޮޓަރިއަށް ވަނީމެވެ. ފެނުނީ ގަބޫލް ކުރަން ދަތި މަންޒަކެވެ. މިއޮއް ހުރިހާ ދުވަހު ހޯދަން އުޅުން ސުވާލުގެ ޖަވާބު ލިބުނީއެވެ. ބައްޕަ ހުރީ އަނގައިންވެސް ބުނަން ނޭނގިފައެވެ. މަންމަ އާއި ދޮންބެ ތިބީ އެނދުމަތީގައެވެ. އެއްވެސް ނިވާވާނެ އެއްޗެއް ވެސް ނެތެވެ. މިހެންކަމުން އަވަސް އަވަހަށް އެއްޗެހި ލިއެވެ. ބައްޕަ ނުކުތީ ބޭރަށެވެ. މަންމަ އަވަސްވެގަތީ ބައްޕަ ރުއްސުމަށެވެ. މަންމަ ގެ ވާހަކަ ފެށިއެވެ.
“ރާމިޒަކީ އަހަރެންގެ ދަރިއެއް ނޫން. އެއީ އަހަރެން އެއްލާލާފައި އޮއްވާ ހޮވި ކުއްޖެއް. އަހަރެންގެ ހިއްސުތައް ކޮންޓްރޯލް ނުވީ އަހަރެންގެ ދަރިއަކަށް ނުވާތީ” މަންމަ އަވަސް އަވަހަށް ފައްޗަކަށް އަމުނާލިއެވެ.
“ދެން ހުއްޓާލާ! ބޭނުމެއްނޫން އެންމެ ހިނދުކޮޅަކުވެސް އަނޑުއަހާކަށް. ދެފަހަރު ވަރިކުރަން ޖެހުނީވެސް ހިލޭ ފިރިހެނުންނާއެކު … މިހާރު އަމިއްލަ ދަރި.. އައްޗީ..” ބައްޕަ މިހެން ބުނެފައި އަހަރެންގެ އަތުގައި ހިފައިގެން ދިޔައީއެވެ. މާލޭންވެސް ދުރަށެވެ. އަހަރެން ވަރަށް ރަނގަޅަށް ބައްޕަބެލިއެވެ. މިއަދު އަހަރެން މިހުރީ އުފަލުގައެވެ. ސުވާލުތަކަށް ޖަވާބު ހޯދުމަށް ފަހުގައެވެ. މަންމަ އެއީ ހުންނަ މީހެއްކަން ވެސް އަހަރެން ނުދެކެމެވެ.
(ނިމުނީ)
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11 ބީ ގެ ދަރިވަރު ސާމިޔާ އިބްރާހީމް އެވެ.