twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުރުވާހަކަ: އެ މާ ރޫޅި ނުދަނީސް

Aug 4, 2014

މުޒްނާ މުހައްމަދު

އަހަރެންނަށް ހޭލެވުނީ ގުގުރިއެއް ޖެހި އަޑަށެވެ. އެއާއެކު ވާރޭ ވެހެން ފެށިއެވެ. އަހަރެންނަށް ބަލައިލެވުނީ އަހަރެން ކައިރީ ނިދާފަ އޮތް އަހަރެންގެ ލޯބިވާ އަނބިމީހާ ފިރާޝާ އަށެވެ. އަދި އޭނާގެ 8 މަހުގެ ބަނޑުގައި އަހަރެންނަށް އަތް އަޅާލެވުނެވެ. އެއާއެކު އަހަރެންގެ ހަދާނަށް އައީ މީގެ 3 އަހަރު ކުރިން އަހަންނަށް ފިރާޝާ ފެނުނު ފުރަތަމަ ދުވަހުގެ މަތިންނެވެ.

އެއީ އަހަރެން މާލެށް ވަޒީފާއަކަށް އައި ދުވަހެވެ. އަހަރެން އުޅެނީ ހިޔުމަން ރައިޓްސް ކޮމިޝަންގެ ސެކްރެޓަރީ އަކަށެވެ. އަހަރެން ހުރީ ކުއްޔަށްދޭ ކޮޓަރިއެއް ގައެވެ. އެއީ މ. ހަވީރު ކިޔާ ގެއެއްގެ 4 ވަނަ ބުރީގައި ހުރި ކޮޓަރިއެކެވެ. އޭގެ ކުރިން އަހަރެން ދުވަހަކުވެސް މާލެއަށް ނުދަމެވެ. އެހެންވެ ކޮޓަރިއަށް ވަނުމާއެކު އަހަރެން ގެނައި ދަބަސްތައް ބަހައްޓާފައި ބެލްކަންޏަށް ނުކުމެލީމެވެ. އެއާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެން ހުރި އިމާރާތުގެ ކުރިމަތީ ކުރިމަތުގެ ބެލްކަނީގައި ފުން ހިޔާލަކަށް ގެއްލިފައި ހުރި އަންހެން ކުއްޖާއެވެ.

އެ ރީތި ކުއްޖާ ފެނިފައި އަހަރެންގެ ހިތުގެ ތެޅުން ކުޑަ ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އެ ވަށް މޫނެވެ. ރީތި އިސްތަށިކޮޅެވެ. ބިއްލޫރި ކޮޅެއްފަދަ ދެ ލޮލެވެ. އެކަމަކު އެ ރީތި ކުއްޖާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމެވެ. ކީއްވެބާއެވެ. އެހާ ރީތި ކުއްޖެއް ނުތަނަވަސްވެ މާޔޫސްވާންވީ ސަބަބަކީ ކޮބައިބާވައެވެ. އެ ކުއްޖާއަށް ލިބިފައިވަނީ ކޮންފަދަ ހިތްދަތި ކަމެއް ބާވައެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އަހަރެން ބޭނުންވި އެވެ. އެހެންކަމުން އަހަރެން ކަޅިޖަހައިނުލައި އެ ކުއްޖާއާ ދިމާލަށް ބަލަހައްޓައިގެން ހުރީމެވެ. ކުއްލިޔަކަށް އެ ކުއްޖާގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު އެކުއްޖާ ދިޔައީ ސިއްސައިގެންނެވެ. އަދި ބިރެއްފެނިގެން ވަންނަހެން އެ ކުއްޖާ އަވަސް އަވަހަށް ކޮޓަރިޔަށް ދެމިގަތެވެ. އަހަރެން ހުރި ބެލްކަނި ހުންނަގޮތުން އެ ކުއްޖާގެ ކޮޓަރި ވަރަށް ރީއްޗަށް ފެނެއެވެ. އެތާ ހިނގާ ހުރިހާ ކަމެއް ފެނެއެވެ. އެކޮޓަރިއަށް ވަނީ ގާތް ގަނޑަކަށް 30 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ހުރީ ގަޔަށް ދޫ ޓީޝާޓަކާއި، ގައިން ސޮހިފައިވާ ސޯޓެއް ލައިގެންނެވެ. ކަރުގައި ދެތިން ފަށް އޮތްއިރު އަތުގައިވެސް އެއްޗެހިތަކެއް އަޅާފައި ހުއްޓެވެ. ކުއްލިޔަކަށް އެމީހާ ވަރަށް ބާރަށް ގޮވާލިއެވެ. ފިރާޝާ އޭ ކިޔާފައެވެ. އެއާ އެކު އެކުއްޖާ ވަރަށް ބިރުން ހުރެ އެ މީހާ ކައިރިޔަށް ދިޔައެވެ. ފިރާޝާ ހާދަރީތި ނަމެކެވެ. އެކަމަކު އެއީ ކާކުބާއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އެއާއެކު އެ ފިރިހެންމީހާ ފިރާ އާއި ދިމާލަށް ވަރަށް މަކަރުވެރި ގޮތަކަށް ބަލައިލިޔެވެ. އެއާއެކު އެ ފިރިހެންމީހާ ފިރާއާ ދިމާލަށް ވަރަށް މަކަރިވެރިގޮތަކަށް ބަލައިލީމެވެ. އެއާއެކު އަހަރެންނަށް ބޭއިހްތިޔާރުގައި ދަތްކުނޑި ވިކާލެވުނަސް…

އެއާއެކު އެފިރިހެނާ ފިރާއާ ދިމާލަށް އަންނަން ފެށިއެވެ. އެއާއެކު ފިރާ ފަހަތަށްޖެހެންދެން ދިޔައެވެ. ވާން މިއުޅެނީ ކީއްބާވައޭ އަހަރެން ހިތަށް އެރިއެވެ. އެކަމަކު ފިރާގެ މޫނުމަތިން ވާން މި އުޅެނީ ރަގަނޅު ކަމެއްނޫންކަން ހާމަވަމުންދިޔައެވެ. އިރުކޮޅަކުން އެ މީހާ ފިރާއަތުގައި ހިފާލިއެވެ. އެއާއެކު ފިރާ ރޯން ފެށިއެވެ. ހީވީ އަހަރެންގެ ހިތުގައި މީހަކު ވަކިއެޅުވިހެންނެވެ. އެމީހާ ފިރާ އަތުގައި ހިފައި އެނދުމައްޗަށް ވައްޓާލިއެވެ. އަދި ވަލުޖަނަވާރެއްހެން އެނދުމައްޗަށް ޖެހިގަތެވެ. އެކަމަކު ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. ކުއްލިޔަކަށް އެމީހާގެ ފޯނު ރިންގުވާން ފެށިއެވެ.

އަދި ފާޑާކަށް ފިރާއާ ދިމާލަށް ބަލާލުމަށްފަހު ހަލޯއޭކިޔަފައި ކޮޓަރިން ނިކުމެގެން ދިޔައީއެވެ. އޭރު ފިރާޝާ އޮތީ ގިސްލަ ގިސްލާފައި ރޯށެވެ. އަދި އިރުކޮޅަކުން ފިރާ ގޮސްވަނީ ފާހާނައަށެވެ. އަހަރެން ގަޑި ބަލައިލީމެވެ. އޭރު 7 ޖަހަނީއެވެ. 7 ގަޑި ބަޔަށް އޮފީހަށް ދާންޖެހެވެ. އެހެންކަމުން އަހަރެން އަވަސްވެގަތީ އޮފީހަށް ދިޔުމަށެވެ. އެ އޮފީހުގައި އަހަރެންގެ ގެއާއި ވަރަށް ކައިރީގައި އުޅޭ ކުއްޖަކު އުޅެއެވެ. އެއީ ނިހާންއެވެ. އަހަރެންނަށް އޮފީހުގައި އިނދެގެންވެސް ވިސްނެނީ އެދުވަހު ފެނުނު މަންޒަރަށެވެ. ފިރާގެ ބަނަވެފައިވާ ހަޔާތެވެ. އެހެންކަމުން އަހަރެން ނިންމީ ފިރާ އެކަންތަކުން ސަލާމަތް ކުރުމަށެވެ. އެއާއެކު އަހަރެން ވިސްނީ މިކަމާއިމެދު ނިހާން އާއި މަޝްވަރާ ކޮށްލުމަށެވެ. އެހެންކަމުން އަހަރެން ގޮސް ނިހާން އިންނަ ކެބިންތެރެއަށް ވަދެ އިށީނީމެވެ. އަދި ހެނދުނު ފެނުނު ކަންތަކާއި ފިރާ ސަލާމަތް ކުރަންބޭނުންވާ ވާހަކަ ބުނީމެވެ. އެއާއެކު ނިހާން ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނިގޮތުން ފިރާ އަކީ ރާއްޖެތެރޭ ކުއްޖެކެވެ. އަދި އެމީހަކީ މާލެ ތެރެއަށް މަޝްހޫރު މަސްތުވާތަކެތީގެ ބޮޑުންގެ މީހެކެވެ.

އޭނާ ފިރާ ގެންގުޅެނީ އޭނާގެ އާއިލާ މީހުންނަށް އޮޅުވައިލައިގެން މާލެ ގެނެސްގެންނެވެ. އަދި ނިހާން ބުނިގޮތުންނަމަ ފިރާގެ މަތިން ހަނދާން ނައްތާލުމަކީ އެންމެ ބުއްދުވެރި ގޮތެވެ. އެއީ އެ މީހަކީ ވަރަށް ގިނައިން މާރާމާރީ ހިންގައި މީހުން މަރާ މީހަކަށް ވާތީއެވެ. ނިހާން ބުނިގޮތުން އެމީހާއަށް ކިޔަނީ އާދަމް އެވެ. އެކަމަކު އާންމުކޮށް މީހުން މުހާތަބުކޮށް އުޅެނީ އަޑޭގެ ނަމުންނެވެ. އެދުވަހު އޮފީސް ނިންމާފަ ދަމުންވެސް މިކަންތައް މަތިން ހަނދާން ނައްތާލުމަށް ނިހާން ބުންޏެވެ. އެއީ އަހަރެންނަށް ގެއްލުމެއް ވެދާނެތީކަން އަހަރެންނަށް އެނގެއެވެ.

އެދުވަހު އޮފީހުން އައިއިރު އިރުއޮއްސިއްޖެވެ. ކޮޓަރިއަށް އައިސް ވަނުމާއެކު އަހަރެންގެ ހަނދާނަށް އައީ ފިރާއެވެ. ނިހާން ބުންޏަސް އަހަރެން ފިރާ މަތިން ހަނދާން ނައްތާލާނީ ކިހިނެއް ކިހިނެއް ހެއްޔެވެ؟. ފިރާގެ ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ ހިތް ފިރާއަށް ދެވިއްޖެއެވެ. އެހެންކަމުން އަހަރެން އަވަސްވެގަތީ ބެލްކަންޏަށް ނުކުމެ ފިރާ ފެނޭތޯ ބެލުމަށެވެ. ނަމަވެސް ބެލްކަނިދޮށުގައި އެތައް އިރެއް ވަންދެން ހުރި އިރުވެސް ފިރާ ގެ ހަބަރެއް ނުވިއެވެ. އެހެންކަމުން އަހަރެން ކޮޓަރިތެރެއަށް ވަނީމެވެ. އެރޭ އަހަރެން ބެލްކަންޏަށް ނުކުއިތް އިރު ފިރާ ހުރީ ބެލްކަނީގައެވެ. ދޮވެފައި ހުރި ހެދުންކޮޅު ނަގާށެވެ. އެއާއެކު އަހަރެން ލޮލުގައި އަޅައިގަތީ ފިރާގެ ވައަތު ލޯ ކައިރީގައި ނޫފާގެންފައި ހުރި ތަންކޮޅެކެވެ. އެއާއެކު އަހަރެންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ހަމަ އެއާއެކު ފުރަތަމަ ފަހަރަށް ފިރާ އާއި އަހަރެންނާ ހަތަރިކަޅި ހަމަވެގެންދިޔައެވެ. ފިރާ އަހަރެންނާ ދިމާއަށް ބަލާލީ ސަލާމަތް ކޮށްދޭށޭ ބުނާ ކަހަލަ ގޮތަކަށެވެ. އެއާއެކު އަހަރެން ހިތުން ފިރާއަށް ވައުދު ވީމެވެ. އެ ނުލަފާ މީހާގެ ކިބައިން ފިރާ ސަލާމަތް ކޮށްދިނުމަށެވެ. އެރޭ އަހަރެން ނިދީ ވަރުގަދަ އަޒުމަކާ އެކުގައެވެ. އެއީ އަޑޭގެ ކިބައިން އަހަރެންގެ ލޯބިވާ ފިރާ ސަލާމަތްކޮށް ދިނުމުގެ އަޒުމެވެ.

ޖެހިގެން އައި ދުވަހު އިރުއެރީ އަހަރެން ބެލްކަނީގައި ހުއްޓެއެވެ. އަހަރެން ނިންމީ އެދުވަހު އޮފީހަށް ނުދިއުމަށެވެ. އެހެންކަމުން ނިހާނަށް ގުޅާފައި އަހަރެންނަށް އޮފީހަށް ނުދެވޭނެ ވާހަކަ އާއި މިއުޅެނީ ބޯއަނބުރާތީ ކަމުގައި ބުނީމެވެ. އެދުވަހު ހެނދުނު އަހަރެން އިނީ ލެޕްޓޮޕް އިން ގޭމް ކުޅޭށެވެ. އިރުކޮޅަކުން އަހަރެން ކަންފަތުގައި އައިސް ޖެހުނީ ފިރާ ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑެވެ. އެއާއެކު ދުމެއްޖެހިހެން އަހަރެންނަށް ދެވުނީ ބެލްކަންޏަށެވެ. އޭރު އަޑޭ އަހަރެންގެ ފިރާގެ އިއްފަތްތެރިކަން ވެއްޔާލައި މޮޑެލަނީއެވެ. އެމަންޒަރު ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. އަހަރެންނަށް ދުއްވައި ގަނެވުނީ ފިރާ ހުރި ކޮޓަރިޔަ ދިމާލަށެވެ. އެ ކޮޓަރިއާ ހަމައަށް ދެވުނުއިރު ކޮޓަރި ހުރީ އެތެރެއިން ތަޅުލާފައެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަށް އައިސްފައި ހުރި ކޮންކަހަލަ ބާރެއް ކަމެއްވެސް ނޭނގެއެވެ. އަހަރެން ޖެހިޖެހީނުން ކޮޓަރީގެ ތަޅު ހަލާކުކޮށްލާ އެތެރެއަށް ދެމިގަތީމެވެ. އަހަރެންނަށް އެތެރެއަށް ވަދެވުނުއިރު ފިރާ އޮތީ ހަބަރުހުސްފައެވެ. ފިރާ ފެނިފައި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އެ މައުސޫމް ހަށިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. އެއާއެކު އަހަރެންނަށް ގޮސް ހިފުނީ އަޑޭގެ ކަރުގައެވެ. އަދި ވަރަށް ބާރަށް އަޑޭ ގައިގައި ތަޅަން ފެށީމެވެ. އަހަރެންނަށް ވުރެ 8 އަހަރު ދޮއްޓެއް ކަމަކު ކުޑައިރުކޮޅެއްތެރޭ އަހަރެން އަޑޭ ބަލިކޮށްލީމެވެ. އޭރު އޭނާ އޮތީ ބިމަށް ދެމިފައެވެ. އަހަރެން އަވަހަށް ގޮސް ފިރާގެ ހަށިގަނޑު ފޮތި ކޮޅަކުން ނިވާ ކޮށްލީމެވެ. އަހަރެން ވަގުތުން ޕޮލިހަށާއި އެމްބިއުލާންސްއަށް ގުޅީމެވެ. ޕޮލިސް ޖިޕާއި އެމްބިއުލާންސް އައީ އެކުއެކީގައެވެ. ފުލުހުން އައިސް އަޑޭ ހައްޔަރުކޮށްގެން ގެންދިޔައެވެ. އެއާއެކު ފިރާ ހޭ އެރިއެވެ. އަދި ރޮމުން ރޮމުން އަހަރެންގެ ގައިގައި ބައްދާލިއެވެ. އަދި އަހަރެން ފިރާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައީމެވެ. އެމައްސަލާއާއި އޭގެ އިތުރުން އެކިއެކި ކަންކަމާ ގުޅިގެން އަޑޭވަނީ އުމުރަށް ދުވަހަށް ޖަލަށް ލައިފައެވެ. މިހާރު ފިރާއަކީ އަހަރެންގެ އަންހެނުންނެވެ. ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ ފިރާ އަހަރެންނަށް ގޮވުމުންނެވެ.

“ފިރާ އަނެއްކާ ބަނޑުގައި ރިހެނީތަ” އަހަރެންނަށް އަހައިލެވުނެވެ.

“ނޫނޭ، މޯޑް މާބޮޑު ހިޔާލެއްގަ އިނީމަ ހަމަ ގޮވާލީ” އަހަރެން ފިރާޝާގެ ބޮލުގައި ފިރުމާލީމެވެ. އެއާއެކު ފިރާޝާ މަޑުމަޑުން ފުން ނިންޖެއްގެ ތެރެޔަށް ޣަރަގުވެގެން ދިޔައެވެ. އަހަރެން ﷲ ގެ ހަޟްރަތުގައި ހަމްދު ކުރީމެވެ. އެއީ އަހަރެންނަށް ފިރާޝާގެ ވީރާނާ ވެފައިވާ ހަޔާތް އަލުން އާބާދުކޮށް ދެވުނީމައެވެ. އާއެކެވެ. އެ މާ ރޫޅި ނުދަނީސް އެ މަލަށް އާރޯކަމާއި އުފަވެރިކަން ހޯދައިދެވުނީމައެވެ.

(ނިމުނީ)

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ދަރިވަރު މުޒްނާ މުހައްމަދު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355