ސަލްމާން ހާންގެ ފިލްމް ކިކް ރިލީޒް ކުރެވުނުތާ ހަ ދުވަހުގެ ތެރޭގައި 141 ކުރޯޑް ހަމައެކަނި އިންޑިޔާއިން ހޯދައިފި އެވެ.
މި ފިލްމް އިންޑިޔާއިން 141 ކުރޯޑް ހޯދާފައިވާއިރު އިންޑިޔާއިން ބޭރުންވެސް މި ފިލްމު ދަނީ ބޮޑު ކާމިޔާބީއެއް ހޯދަމުންނެވެ. އެގޮތުން މި ފިލްމް ވަނީ ވޯލްޑް ވައިޑްކޮށް 200 ކުރޯޑް ހޯދާފަ އެވެ.
އީދުގައި ރިލީޒް ކުރެވުނު މި ފިލްމް ބެލުމަށް ސިނަމާތައް ތޮއްޖެހިފައިވާއިރު މި ފިލްމް ބެލުމަށްދާ ބެލުންތެރިންގެ އަދަދު ދަނީ ދުވަހަކުން ދުވަހަކަށް އިތުރުވަމުންނެވެ.
މި ފިލްމް އީދު ދުވަހު 40 ކުރޯޑް ހޯދިއިރު އިއްޔެ ވަނީ 20 ކުރޯޑް ހޯދާފަ އެވެ.
ސަލްމާން ހާންގެ އިތުރުން ޖެކްލިން ފެނާންޑެސް އަދި ރަންދީޕް ހޫޑާ މުހިންމު ރޯލްތަކުން ފެނިގެންދާ މި ފިލްމް ޔަސްރާޖްގެ ދޫމް ސީރީޒްގެ ފިލްމްތަކުގެ ވާހަކާއާ އެއްގޮތް ގޮތްތަކެއް ހުންނަކަމަށް ފިލްމް ބެލި ފަރާތަކުން ފާހަގަކުރާއިރު ކިކް ބެލޭއިރު ހީވާނީ ދޫމް 3 ބެލޭހެން ކަމަށްވެސް ބައެއް ބެލުންތެރިން ފާހަގަކުރި އެވެ.
ކިކްއަށް ހަ ދުވަހުގެ ތެރޭގައި 141 ކުރޯޑް ލިބިފައިވާއިރު މި ފިލްމް އަޅާކިޔޭ ފިލްމްކަމަށްވާ ދޫމް 3 އަށް ހަ ދުވަހުގެ ތެރޭގައި 159 ކުރޯޑް ލިބުނެވެ.
މީގެ ކުރިން އިންޑިޔާގައި އެންމެ ބޮޑު ކާމިޔާބީއެއް ލިބުނު ސަލްމާން ހާންގެ ފިލްމްތަކަށް ކަމަށްވާ ރެޑީއަށް 130 ކުރޯޑް ލިބުނުއިރު ބޮޑީގާރޑަށް ލިބުނީ 160 ކުރޯޑެވެ.