ދުފުމުގެ އާދަޔަކީ ދިވެހިންގެ ތެރޭގައި ވަރަށް ކުރީންސުރެ އާއްމުވެފައިވާ އާދައެކެވެ. ބައެއް މީހުންނަކީ ދުފުމަށް ދެވިހިފާފައި ތިބި ބައެކެވެ. ފުވަކާ ބިލެތާ ބޭނުންކޮށްގެން ދުފުން އާއްމު ކަމަކަށް ވެފައިވާއިރު ސުޕާރީ ކެއުމަކީވެސް ގިނަ ބައެއްގެ އާދައެކެވެ. ހާއްސަކޮށް ޒުވާން ފުރައިގެ ކުދިންގެ މެދުގައި ސުޕާރީއަކީ މަގުބޫލު އެއްޗެކެވެ. ސުޕާރީއަކީ މީރު އަދި އަގުހެޔޮ ކާލަން ފަސޭހަ އެއްޗެއްކަމަށްވިޔަސް ސިއްހަތަށް ގެއްލުންތަކެއްދޭ އެއްޗެކެވެ.
ފަސޭހައިން ގަންނަން ލިބެން ހުންނަ ސުޕާރީ ކުދި ބޮޑު އެންމެން ބޭނުން ކުރާއިރު އޭގެން ހަށިގަނޑަށް ލިބޭ ގެއްލުމާއި މެދު ގިނަ މީހުންނަށް ވިސްނާނުލެވޭއިރު އެ ގެއްލުންތައް އެނގޭ މީހުންވެސް މަދުކަން ފާހަގަކޮށްލެވެ އެވެ.
ވޯލްޑް ހެލްތް އޮގަނައިޒޭޝަންގެ އިންޓަނޭޝަނަލް އެޖެންސީ ފޯ ރީސާޗް އޮން ކެންސަރ އިން ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން ސުޕާރީގައި ޓޮބޭކޯ އަދި މެގްނީސިއަމް ކާބޮނޭޓް ނުހުރިކަމަށްވިޔަސް ކެންސަރު ޖެހުމުގެ ފުރުސަތު ސުޕާރީ ކެއުމުން އެބައޮތެވެ.
ސުޕާރީ އުފައްދާ ހުރިހާ ކުންފުނިތަކަކުން ވެސް ސުޕާރިން ލިބޭ ގެއްލުން ހާމަކޮށްދޭ އެއްޗެއް ސުޕާރީ ޕެކެޓްގައި ހަރުކުރުމަށް އިންޑިއާގެ ފްޑް ސޭފްޓީ އެންޑް ސްޓޭންޑާރޑް އެކްޓް (2006) ގައި، ލާޒިމުކޮށްފައި ވެއެވެ. އެހެންނަމަވެސް މިކަމަށް އަމަލު ކުރެވެމަކުންނުދެ އެވެ.
ސުޕާރީގައި ހިމެނޭ ކެމިކަލެއް ކަމަށްވާ އެރެކޮލިންގެ ސަބަބުން އަނގައަށް ބަލިޖެހެ އެވެ. މި ބަލީގެ ސަބަބުން އަނގަ އެއްކޮށް ހުޅުވުމަށް އުނދަގޫވެ އެވެ. ކުޑަކުދިން ސުޕާރީ ކެއުމުން އެ ކުދިންގެ އަނގަ ހަރަކާތް ކުރުމަށް އުނދަގޫތަކެއްވާ ކަމަށްވެސް ދިރާސާތަކުން ދައްކަ އެވެ.
ސުޕާރީ ކެއުމުގެ ސަބަބުން ދަތްތައް ބަލިވެ، ދަތް ވެއްޓި، ތަލި އަދި ދޫ ހަލާކުވާ ގޮތްވާއިރު ދިގު މުއްދަތަކަށް ސުޕާރީ ބޭނުންކުރަމުންދާނަމަ އަނގައިގެ ކެންސަރު ޖެހުން ކައިރިކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބުނެ އެވެ.
ދުވަސްވީ މީހުން އަދި ޒުވާނުން ކުޑަކުދިންގެ ކުރިމަތީ ސުޕާރީ ކާއިރު އެ ކުދިންނަށް ސުޕާރީ ކާންދޭ ތަންވެސް ފެންނަނީ މަދެއް ކޮށެއް ނޫނެވެ. ސުޕާރީއަކީ ދެވި ހިފާ އެއްޗަކަށްވާއިރު ކުޑަކުދިން އެއާ ދުރުކޮށް އެ ކުދިންނަށް ސުޕާރިން ލިބޭ ގެއްލުން އަންގައިދިނުން މުހިންމެވެ.
ސްކޫލުކުދިންގެ މެދުގައި އެންމެ މަގުބޫލު އެއްޗެއްކަމަށްވާ ސުޕާރީން ލިބޭ ގެއްލުންތައް ބޮޑެތި މީހުންވެސް ދެނެގަނެ އެއިން ދުރުހެލި ވުމަކީ ނުރައްކާރެތި ބޮޑު ބައްޔަކުން ދުރުހެލިވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ. ކުޑަކުދިންނަށް ސިގިރޭޓް ބުއިމަށް މަނާކުރެވޭ ފަދައިން ސުޕާރީ ކެއުމަށްވެސް މަނާކުރެވެން ޖެހެ އެވެ.
ގިނަ މީހުންނަކީ ކެއުން ނިންމާލުމަށްފަހު ސުޕާރީ ނުކައިފިނަމަ ހިތްހަމަޖެހުން ނުލިބޭ މީހުންނަށްވިޔަސް މި އާދައިން ދުރުހެލިވެ ސުޕާރީގެ ބަދަލުގައި ހަށިގަނޑަށް ފައިދާހުރި އެހެން އެއްޗެއް ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހިޔާރުކުރަން އެބަ ޖެހެ އެވެ.