twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރު ވާހަކަ: ކުށަކާ ނުލާ

Aug 22, 2014

ސަމާހަތު އިބްރާހީމް

ނަވީނާއި މާޔާ ކައިވެނިކުރީ ރައްޓެހިވެގެން އުޅޭތާ ވަރަށް ގިނަދުވަސް ކޮށްފައެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ކައިވެންޏަށް 3 އަހަރު ވީއިރުވެސް ކުއްޖަކު ނުލިބެއެވެ. ޑޮކްޓަރަށް ދައްކަން އުޅެފައިވެސް އެކަން ނުކުރީ ދެ މީހުންތެރެއިން އެކެއްގެ މައްސަލައެއްކަން އެނގިއްޖެއްޔާ އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކޮށްފާނެތީއެވެ. ހަގީގަތުގައި ދެ މީހުންވެސް ކުއްޖަކު ބޭނުމެވެ. އެހެންނަމަވެސް އެމީހެއްގެ އަމިއްލަ ބޮލުގައި އެކަމުގެ ޒިންމާ އަޅުވައިގެން ތިބެނީއެވެ. މާޔާ ހީކުރާގޮތުގައި އެއީ މާޔާގެ ސަބަބުންވާ ކަމެކެވެ. ހަމަ އެހެންމެ ނަވީން ވެސް ހީކޮށްގެން ހުންނަނީ ދަރިން ނުލިބޭނީ އޭނާގެ ސަބަބުން ކަމަށެވެ.

ނަވީންގެ ރަހުމަތްތެރިން ވަރަށް ގިނަފަހަރު ކުއްޖަކު ހޯދާކަށް ނުވޭތޯ ނަވީން ގާތު ސުވާލު ކުރެއެވެ. އެހެންނަމަވެސް ކުއްޖަކު ހޯދަން އަވަހޭ ބުނަމުން އެ ސުވާލުތަކުން އޭނާ ސަލާމަތްވެއެވެ. ހިތާދެކޮޅަށް މިހެންބުނި ނަމަވެސް އޭނާގެ އެންމެ ގާތް އެކުވެރިޔާ، ފަޔާޒަށް އޭނާގެ އިހްސާސްތައް ދެނެގަނެވެއެވެ. ފަޔާޒުގެ ލަފަޔަކީ ދެމީހުން ޗެކަޕެއް ހަދާލުމެވެ. އޭނާ ދެކޭގޮތުގައި އެކަމަށް ފަރުވާއެއް ހޯދޭނީވެސް އޭރުންނެވެ. އެހެންނަމަވެސް ނަވީން އެކަމާ މުޅިން ހިލާފެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އަހަރުތައް ގުނަމުންދެއެވެ. ގަސްތަކުގެ ފަތްތައް ދޮންވެ ވެއްޓިފައި އައު ކުރިތައް ފަޅަމުންދެއެވެ. އެހެންނަމަވެސް އެދެމީހުންގެ އަދިރިހަޔާތައް އަލިކަމެއް ގެނެސްދޭނެ ހުޅުކޮޅެއް ނުލިބުނެވެ.

އެއްފަހަރު ވިޔަފާރި ދަތުރެއްގައި ނަވީން ހއ. ކެލަޔަށްދާން ޖެހުނެވެ. އެ ދަތުރުގައި އޭނާގެ އެންމެ ގާތް އެކުވެރިޔާ ފަޔާޒް ވެސް ބައިވެރިވިއެވެ. އެރަށުން އެމީހުންނާ ވަރަށް ރީތި ސާދާ ކުއްޖަކު ދިމާވިއެވެ. އެކުއްޖަކީ ނަވީންމެންގެ ސައިގެ ކަންތަކާ ހަވާލުވެ ހުންނަ ކުއްޖެކެވެ. ހެދުން އެޅުމުގައި ރަށްފުށުގެ ނާތަހުޒީބު ގޮތްހުރި ނަމަވެސް އޭނާގެ ހެދުމުން އެލޫޅާފަތި ހަށިގަނޑުވަނީ ނިވާކޮށްފައެވެ. އެކުއްޖާގެ ނަމަކީ ލުޔޫނާއެވެ. އެރަށުމީހުންގެ ފަރަތުން އެގުނު ގޮތުގައި އެކުއްޖާގެ ގާތްތިމާގެ އެކަކުވެސް ދުނިޔެއަކު ނެތެވެ. އޭނާ އުޅެމުންގެންދަނީ ދުރުތާ ތިމާގެ ބޮޑުބޭބެއެއްގެ ކައިރީގައެވެ. އެވާހަކަތައް އަޑުއިވި ނަވީން އެ އަންހެން ކުއްޖާއާމެދު ހަމްދަރުދީވި އެވެ.

މަސައްކަތް ހުރިގޮތުން އެރަށުގައި ނަވީންމެންނަށް 3 މަސްވަރު ވަންދެން މަޑުކުރަން ޖެހުނެވެ. އެދުވަސްކޮޅު ތެރޭގައި ނަވީނާއި ލުޔޫނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެން ދިޔައެވެ. އަދި ފަޔާޒްގެ ލަފަޔާއެކު އެދަތުރުގައި ނަވީން، ލުޔޫނާއާ ކައިވެނި ކުރިއެވެ. އެއްގޮތަކަށްވެސް ލުޔޫނާ ދެކެ ލޯބިވާތީއެއް ނޫނެވެ. ނަވީން ބޭނުންވީ ނަވީނާއި މާޔާއަށް ކުދިން ނުލިބެނީ އޭނާގެ ގައިގައި ހުންނަ އުނިކަމަކުންތޯ ބަލާށެވެ. އެ ކައިވެނީގެ ހަގީގަތް އެނގެނީ ހަމައެކަނީ ނަވީންށާއި ފަޔާޒަށެވެ. މާޔާއަށް މި ކައިވެނި ކުރެވުނުކަން ސިއްރު ކުރެވުނު އިރު ލުޔޫނާއަށް ވެސް ނަވީންގެ އެހެން އަތްބެއް ހުންނަކަމެއް ނާންގައެވެ.

ނަވީން ދިޔައީ ލުޔޫނާއަށް ފިރިއެއްގެ ފަރާތުން ކޮށްދޭންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންނެވެ. އެހެންނަމަވެސް މާ ގިނަ ދުވަހެއްނުވެ ނަވީނަށް މާލެ ފުރަން ޖެހިއްޖެވެ. ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުނެފައި ނަވީނާއި ފަޔާޒް ލޯންޗަށް އެރީ ފާލަންމަތީގައި ހުރި ލުޔޫނާއާ ސަލާމްވެސް ކޮށްނުލައެވެ. ލޯންޗު އޭގެ އެންމެ ބާރު ދުވެލީގައިގޮސް މާލޭގެ ފަޅުތެރެއަށް ވަދެއްޖެވެ. ދަތުރުގެ ވަރުބަލިކަމާއެކު ނަވީން އޭނާގެ އެޕާޓްމަންޓަށް ވަނެވެ. އޭރު މުޅި ގޭތެރެ ވަނީ ޒީނަތްތެރި ކޮށްފައެވެ. އާޝޯހުވެހުރެ ނަވީނަށް ބާލާލެވުނީ މާޔާގެ މޫނަށެވެ.

އާނއެކެވެ. އެދެމީހުންގެ ކައިވެނީގެ ފޮނިމޭވާ ލިބެނީއެވެ. ނަވީނަށް ހުރެވުނުތަން ވެސް ނޭނގުނެވެ. އުފަލުންގޮސް އޭނާ މާޔާ އުރާލިއެވެ. އަދި ﷲ ގެ ހަޟްރަތަށް ޝުކުރުވެރިވިއެވެ. އޭނާ އެތައް ދުވަހެއް ވަންދެން ކުރަމުން އައި ދުޢާ އިޖާބަ ކުރެއްވީމައެވެ. ނަވީނަށް ހޭވެރިކަންވެވުނީ އަނެއްދުވަހު އޮފީހަށްގޮސް ފަޔާޒަށް އެ ހަބަރު ދިނުމުންނެވެ. އޭނާހުރީ ލުޔޫނާއާ ކައިވެނި ކުރެވުންކަންވެސް ހަދާން ނެތިފައެވެ. ކޮންމެ ގޮތެއްވިއަސް ނަވީން ބޭނުންވީ ލުޔޫނާ ވަރިކުރާށެވެ. އެ ކައިވެނިކޮށްގެން ހުރުމުގެ އެއްވެސް ބޭނުމެއް ދެން ނެތެވެ. އޭނާ ފަޔާޒުގެ އެހީގައި ލުޔޫނާއަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ވަނީ ދެމީހުންނަށް އެކުގައި އުޅެވެން ނެތްވާހަކަ އެވެ. އަދި ނަވީނަކީ މީހެއްގެ ފިރިއެއްކަންވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އަދި ނަވީން ހޯދަން މަސައްކަތް ނުކުރުމަށާއި ލުޔޫނާ އެކައުންޓަށް އެއްލައްކަ ރުފިޔާ ޖަމާކޮށްދީފައިވާނެ ވާހަކަ ލިޔުނެވެ. ނަވީނަށް ފަޔާޒް ވަރަށް ވިސްނައިދިނެވެ. އެހެންނަމަވެސް ނަވީން ދެކޭގޮތުގައި ކައިވެންޏަކީ ލޯބީގެ ތަނބުތަކެއް މަތީގައި ބިނާވެފައިވާ އެއްޗެކެވެ. ލޯބި ނުވާނަމަ ކައިވެނި ކޮށްގެން ނޫޅެވޭނެއެވެ.

މާޔާ ބަލިވެ އިނީންސުރެ އޮފީހުގެ ވަގުތުތައް ފިޔަވާ ހުރިހާ ވަގުތެއް ނަވީން ހޭދަކުރަނީ މާޔާއެކުގައެވެ. އެ ގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް މާޔާގެ ބަނޑަށް 9 މަހާ 9 ދުވަސް ވެއްޖެއެވެ. އެ ދެމަފިރިންނަށް ލިބުނީ ތުއްތު އަންހެން ކުއްޖެކެވެ. އެ ދަރިފުޅަށް ނަވީން ކީ ” ނޫރާ” އެވެ. އެއީ ނަވީން ދެކެނީ އެ ތުއްތު ދަރިފުޅަކީ އޭނާގެ ދެލޮލުގެ ނޫރު ކަމުގައި ވާތީއެވެ.

***

ފާއިތުވި 20 އަހަރުތެރޭގައި ނޫރާއަށް މަންމަޔާ ބައްޕަގެ ލޯބީގެ އިތުރުން އޭނާ ބޭނުންވި ކޮންމެ އެއްޗެއް ނަވީން އާއި މާޔާ ހޯދައިދެއެވެ. ނޫރާ ބޭނުންވި ކޮންމެ އެއްޗެއް އެއްވެސް ޝަކުވާއެއްނުކޮށް ހޯދައި ދެވޭތޯ ނަވީން ވަރަށް މަސައްކަތް ކުރެއެވެ. އެއީ އޭނާގެ ނޫރާގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ވެއްޓޭތަން ބަލަން ކެތްނުވާތީއެވެ. ނޫރާއަކީ ކާމިޔާބު ބިޒްނަސް ވިމެންއެކެވެ. އޭނާގެ އަމިއްލަ ކުންފުންޏެއް އޮވެއެވެ. ފިރިހެން ކުއްޖަކަށް ނުވިނަމަވެސް ނޫރާ އެވަނީ އޭނާގެ ބައްޕަގެ ހުރިހާ ހުވަފެންތަކެއް ހަގީގަތަކަށް ހަދައިދީފައެވެ. އެއީ ނަވީންގެ ވިޔަފާރީގެ ކަންތަކާ ހަވާލުވުމެވެ.

ހެނދުނުގެ ހިތްފަސޭހަ ވަގުތެވެ. ދުވަހަކީ ނޫރާގެ އޮފީހުން ހުސްވެފައިވާ ޕާސަނަލް ސެކެޓްރީގެ މަގާމަށް ކުދިން ހޮވުމަށް ހަމަޖެހިފައިވަ ދުވަހެވެ. މަގާމަށް ކުރިމަތި ލައިފައިވަނީ އެންމެ ކުއްޖަކަށް ވެފައި އޭނާ އެޑްމިންގެ ދާއިރާއިން 2 އަހަރުގެ ކޯހެއް ފުރިހަމަ ކޮށްފައިވާތީ ނޫރާ އެކުއްޖާ އެމަގާމަށް ހަމަޖެއްސިއެވެ. އޭނާގެ ނަމަކީ ލަޔާން އެވެ. ލަޔާނަކީ އިސްކޮޅުން ދިގު ރީތި ޒުވާނެކެވެ. އަދި ވަގުތަށް ފަރުވާތެރިވާ ހުރިހާ މަސައްކަތްތެއްވެސް އިހްލާސްތެރިކަމާ ވަފާތެރިކަމާ އެކު ނިންމާ ޖިންސުލަތީފެކެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އޮފީހުގެ ބުރަ މަސައްކަތުގައި އުޅެމުން ނޫރާއާއެކު ބައެއް ފަހަރު ލަޔާންވެސް ކޮފީއަށް ގޮސްހަދައެވެ. މިހެން އުޅޭ އުޅުމުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ޕާރސަނަލް ވާހަކަތައްވެސް ދެމީހުން މެދުގައި ދެކެވެއެވެ.

ލަޔާން ހުންނަ މަޑުމައިތިރިކަމާ ރިވެތި ސިފަތަކުގެ ސަބަބުން ނޫރާގެ ހިތް ލަޔާނާ ދޭތެރޭ ކުލުނު އުފެދިއްޖެއެވެ. އަދި ދެމީހުން އެކަކު އަނެއްކަކު ލޯބިވެވި އެގުޅުމަށް 5 މަސް ފުރިއްޖެވެ.

ކިތަންމެ ޖެހިލުންވެފައި ހުރި ނަމަވެސް މިއަދަކީ ނޫރާގެ އާއިލާއަށް ފުރަތަމަ ފަހަރަށް ލަޔާން ބައްދަލު ކުރަން ދާ ދުވަހެވެ. އެހެންކަމުން އެ ހަބަރު އެންމެ ފުރަތަމަ ވެސް ދިނީ އޭނާގެ މަންމައަށެވެ. ނޫރާގެ މަންމައާއި ބައްޕަވެސް އެ ދެމީހުންގެ ކައިވެންޏަށް ރުހި ގަބޫލެވެ. އެހެން ނަމަވެސް ތަގުދީރުގެ ރޭވުމާ ދެކޮޅު ހެދޭނީ ފަހެ ކާކަށް ހެއްޔެވެ؟ ލަޔާން ނޫރާދެކެ ކިތަންމެ ލޯބި ވިޔަސް އެލޯބީގެ ސިއްކަޖަހަން ޖެހިއްޖެވެ. ނޫރާގެ ބައްޕައަކީ ލަޔާންގެ ދިރިއުޅުން ހަލާކުކޮށްލި މީހާއެވެ. އޭނާގެ މަންމަގެ އެއްވެސް ކުށަކާނުލައި މަންމަގެ ހަޔާތް ބަރުބާދުކޮށްލި މީހަކީ ވެސް ހުދު ނޫރާގެ ބައްޕަ އެވެ. މިކަމުގެ ނޫރާގެ އެއްވެސް ކުށެއްނެތެވެ. އެހެންނަމަވެސް އެދެމީހުންނަށް ކައިވެނި ކުރެވޭކަށް ނެތެވެ.

ޖެހިގެންއައި ދުވަހު ނޫރާ އޭނަގެ އޮފީހަށް ދިޔައީ ވަރަށް އުފަލުން ހުރެއެވެ. ނޫރާ އޭނާގެ ކެބިންއަށް ވަތްއިރު ސިޓީ އުރައެއް މޭޒުމަތީގައި އޮތެވެ. އޭގައި ވަނީ ލަޔާން އިސްތިއުފާ ސިޓީއާއި އެކު ކުޑަކުޑަ ނޯޓް ކޮޅެކެވެ. އޭގައި ވަނީ “އައި އޭމް ސޮރީ” އެވެ. އަދި ލަޔާނާއި ނޫރާއާ ގުޅެވެން ނެތް ވާހަކައެވެ. ނޫރާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާ ހީކުރީ ލަޔާން ސަމާސާ ކުރަނީ ކަމަށެވެ. ނޫރާގެ އަތް ދަބަހުން ފޯން ނަގައި ލަޔާންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. އެހެނަމަވެސް ލަޔާންގެ ފޯން އޮތީ ނިންވާލާފައެވެ. އޮފީހުގެ ހުރިހާ މީޓިންތަކެއް ކެންސަލް ކޮށްލާފައި ވަގުތުން ލަޔާން ކުއްޔަށް ހިފާފައި ހުންނަ އެޕާޓްމެންޓަށް ނޫރާ ދިޔައެވެ. އެހެން ނަމަވެސް އެތަނުގެ ވެރިމީހާ ބުނީ އިއްޔެ އޭނާ ގެ ހުސްކޮށްފައި ނުކުމެއްޖެ ވާހަކައެވެ. ނޫރާގެ ގަޔަށް މީހަކު ހޫނުފެން އެއްޗެއް އޮއްސާލި ކަހަލައެވެ. ނޫރާއަށް ހަދާނެގޮތް ހުސްވެއްޖެއެވެ. އޭނާއަށް ގިސްލެވެން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. ނޫރާ ލަޔާންދެކެ އިންތިހާ ދަރަޖައަށް ލޯބިވެއެވެ.

ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ފުހެލުމަށް ފަހު ނޫރާ ކާރަށް އެރިއެވެ. އޭނާ ބާރު ސްޕީޑްގައި ދުއްވާފައި ދިޔައީ ނަވީންގެ ގާތަށެވެ. އެއީ އޭނާގެ ބައްޕަ މިވީހާތަނަށް އޭނާ ބޭނުންވި ކޮންމެ އެއްޗެއް ވެސް ހޯދައިދީފައިވާތީއެވެ. އަދި ކުރިއަށް އޮތްތާގަވެސް ނޫރާ ބޭނުންވި ކޮންމެކަމެއް ފުރިހަމަ ކޮށްދޭނެކަން އެނގޭތީއެވެ.

ކަންތައްވެދިޔަގޮތުގެ ވާހަކަ ނޫރާ އޭނާ ބައްޕަ ގާތު ހިއްސާކުރިއެވެ. އަދި އެވާހަކަތައް ކިޔައިދެމުން ދިޔައިރު ނޫރާގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. ނަވީނަށް މި މަންޒަރު ބަލާކަށް ކުޅަދަނައެއް ނުވިއެވެ. އޭނާ ވަގުތުން ލަޔާންގެ އުފަން ރަށާއި އެޑްރެސް ހޯދިއެވެ. އަދި އޭނާ ހުރިތަނަކަށް ދާން ނިންމިއެވެ.އެއީ އޭނާގެ މައިންބަފައިން އުޅެނީ އެގޭގައި ކަމަށްވެފައި އެމީހުންނަށް ލަޔާން ވީނުވީތަނެއް އެނގޭނެތީއެވެ. ޖެހިގެން އައި ދުވަހު ނޫރާ އޭނާގެ މައިންބަފައިންނާއެކު ކެލަޔަށް ދާން ފުރައިފިއެވެ. އަދި 4 ގަޑިއިރުގެ ދަތުރަކަށް ފަހު އެރަށަށް ފޭބީ ލަޔާން ލިބޭނެ ކަމުގެ ފުރިހަމަ އުންމީދާ އެކުއެވެ. ކެލަޔަށް ފޭބުމާއެކު ނަވީންގެ ހިޔާލަށް އޭނާގެ މާޒީއައެވެ. މީގެ ކުރިން ދުވަހަކުވެސް ހިތަށް ނާރާ އެތައް ސުވާލުތަކެއް ނަވީންގެ ހިތަށް އަރަންފެށިއެވެ. ލުޔޫނާ ކޮބައި ބާވައެވެ؟ އޭނާއަށް ފޮނުވި ސިޓީ ލިބުނު ބާވައެވެ؟ ލުޔޫނާ ނަވީނާ ދޭތެރޭ ދެކޭނީ ކިހިނެއްބާއެވެ؟ ހިޔާލު ތަކުގެ ދުނިޔެއިން ނަވީނަށް ނުކުމެވުނީ ނޫރާ ބައްޕާއޭ ކިޔާ ގޮވާލީމައެވެ.

ރަށުގެ އުތުރު ފަރާތުގައި ހަދާފައިހުރި ގެއަކަށް ނަވީންއާއި މާޔާ އެމީހުންގެ ދަރިފުޅާ އެކު ވަނެވެ. ސަލާމް ގޮވާލުމާއެކު އެގެއިން ޖަވާބުދިނީ ދެވަންފުރައިގެ އަންހެނެކެވެ. ނަވީން ދިޔައީ ސިއްސައިގެންނެވެ. އޭނާގެ މޫނުމަތީގައި މީހަކުހީވީ އެތިފަހަރަކުން ޖެހިހެންނެވެ. ނަވީން ނޫންގޮތަކަށް އޭނާގެ މޫނުމަތީ އަތް އަޅައި ނިވާވެލިއެވެ. ލަޔާނަށް ގޮވާލަދޭށޭ ބުނުމުން ގޭތެރެއަށް ވަދެ އެމީހާ ލަޔާންއަށް ގޮވާލިއެވެެ.

ގަޔަށް ޓީޝާޓެއް މަހާލަމުން ލަޔާން ނުކުތީ މަންމާ ކޮންބައެއްހޭ އަހާލަމުންނެވެ. ނަވީނަށް އެވަގުތު އޭރު އެނުކުތް މީހަކީ ލަޔާން ގެ މަންމަކަން އެނގުނެވެ. އެއީ ދެވަނަ އެހެންމީހެއް ނޫނެވެ. ލުޔޫނާ އެވެ. ނޫރާމެންގެ އާއިލާ ފެނުމާއެކު ލަޔާން އަނެއް ފަރާތައް އެނބުރުނެވެ. ލަޔާން ގެ އަމަލުތައް ހުރި ގޮތުން ނޫރާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. އޭރުވެސް ނަވީން ހުރީ މޫނު މަތީ އަތް އަޅައިގެންނެވެ. ނޫރާ ގިސްލުމުގެ ތެރެއިން ލަޔާން ކައިރީ ސުވާލު ކުރިއެވެ. އޭނާއަށް ކުރެވުނީ ކޮން ކުށެއްތޯ އެހިއެވެ. މައްސަލަ ހައްލު ކުރެވޭނީ ވެގެން އުޅޭގޮތެއް ބުނީމަކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް ލަޔާން ބުނީ ނޫރާ އެގެއިން ނުކުންނާށޭއެވެ. އެހެންނޫން ނަމަ ނޫރާގެ ހިތް ފަޅައިގެން ހިނގައިދާނެ ކަމަށްވެސް ލަޔާން ބުންޏެވެ. އެއީ ކީއްވެގެންތޯ ނޫރާ އެތަށް ފަހަރަކު ސުވާލުކުރިއެވެ.

މާޔާވެސް އޭނާގެ ދަރިފުޅަށް އެހެން ނުހެދުމަށް ލަޔާން ކައިރީ އެދެމުން ދިޔައެވެ. އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ އެތައްފަހަރަކު ސުވާލު ކުރިއެވެ. މި ހުރިހާ ވާހަކަތަކެއް ދެއްކިއިރުވެސް ނަވީން އަނގައިންވެސް ނުބުނެއެވެ. އޭނާ ހުރި ގޮތަށް ހުރީއެވެ.

ނޫރާ އާއި މާޔާގެ ސުވާލުތަކުން އެންމެފަހުން ލަޔާން ބުންޏެވެ.

“ނޫރާއާ އަހަރެންގެ ކައިވެނި ހަލާލެއްނޫން. އަހަރެންނަށްވެސް އެނގުނީ ދާދި އިހަށް ދުވަހު. އިތުރަށް އެއްޗެއް އޮޅުން ފިލުވަން ބޭނުމިއްޔާ ނޫރާ ބައްޕަ ކައިރިން ޖަވާބު ހޯދާ.” މާޔާއާއި ނޫރާ ހުރީ ވާނުވާ ނޭނގިފައެވެ. ފަސްއެނބުރި ދެމީހުން އެއްފަހަރާ ނަވީނަށް ބަލާލިއެވެ. އޭރުވެސް ނަވީން ހުރީ އިސްދަށަށް ޖަހައިގެންނެވެ.

ހުރިހާވާހަކަ ތަކެއް ނަވީން ނޫރާއަށާއި މަޔާއަށް ކިޔައިދިނެވެ. ދަރިޔަކު ނުލިބޭތީ ކައިވެނި ކުރެވުނު ވާހަކަ އެވެ. އެކަމަކު ލަޔާނަކީ އޭނާގެ ދަރިއެއްކަން ނޭނގޭކަމަށްވެސް ނަވީން ބުންނެވެ.

ނަވީން ގޭތެރެއަށް ވަދެ ބާ ފޮށިގަނޑަކުން ސިޓީ އުރައެއް ނެރުނެވެ. އަދި އޭނާގެ މަންމަވެސް ނެރުނެވެ.

“ކުށަކާނުލައި އަހަރެންގެ މަންމައަށް ތިވަރުގެ ބޮޑު އަނިޔާއެއް ދިނީ ކީއްވެ؟ އަހަރެންގެ މަންމައަކީ ދަރިން ނުލިބޭމީހުން ޓެސްޓްކުރަން ހުންނަ މެޝިނެއް ނޫނޭ. މިހުރިހާ ދުވަހު އަހަރެން ބަލައި ބޮޑުކުރީ ބައްޕައެއްގެ ލޯތްބާ ނުލައި. މިއަދު ކަލޭގެ ސަބަބުން އަނެއްކާވެސް ކުށެއް ނެތް އިންސާނެއްގެ ހިތް ކުދި ކުދި މިވަނީ.. ނޫރާގެ ހިތް ކުދި ކުދި މިވަނީ. އަހަރެން ކޮންމެހެން ބަދަލު ހިފާކަށް ނެތިން. ނޫރާއާ އަހަރެންގެ ކައިވެނި ހަލާލު ނަމަ އަހަރެން މިހުރީ މިއަދުވެސް މިކައިވެނި ކުރަން ތައްޔާރަށް. އެކަމަކު.. އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ މަންމަގެ ހާލު ބަލާލިނަމަ. އަހަރެންގެ މަންމައަށް އޮޅުވައި ނުލިނަމަ.” އެތައް ދުވަހެއްގެ ވޭނީ އިހްސާސްތައް ލަޔާން ބޭރުކޮށްލިއެވެ. ލުޔޫނާ ހުރީ އޭނާގެ ދަރިފުޅުގެ ކޮނޑުގައި ބޯ އަޅަލައިގެން ރޯށެވެ.

ނަވީން އޭނާއަށް ކުރެވުނު ކަންތަކާމެދު ލަދުވެތިވިއެވެ. އަދި ކުށަކާނުލައި ލުޔޫނާގެ ދިރިއުޅުން ބަރުބާދު ކޮށްލެވުނީތީ މަޢާފަށް އެދުނެވެ. އަދި މާޔާއާއި ނޫރާގެ ކިބައިންވެސް މަޢާފަށް އެދުނެވެ. ނޫރާހުރީ އޭނާގެ ލޯބި ކިތަންމެ ބޭނުންވިޔަސް ހާސިލްނުކުރެވޭނެތީ ވަރަށް ދެރަވެފައެވެ. މާޔާ ހިތުގައިޖެހުނެއް ކަމަކު ނަވީނަށް މައާފްކުރިއެވެ. ލުޔޫނާވެސް ނަވީނަށް މާފުކުރިއެވެ. އޭނާގެ ހިތް އެހާވެސް ހެވެވެ. ލުޔޫނާ ދެކުނުގޮތުގައި މާޒީވެ ގޮސްފައިވާކަމެއް ދެން ބަދަލެއްނުކުރެވޭނެ އެވެ. މިއަދު ލުޔޫނާވަނީ އެހެން ދިރިއުޅުމެއް ފަށާފައެވެ. އޭނާ ބޭނުންވީ ލަޔާނަކީ ނަވީންގެ ހަލާލުދަރިއަކަށް ވާއިރު އޭނާއަށް ބައްޕައެއްގެ ލޯބިދީ އޭނާއަށް ލިބެންޖެހޭހައްގުތައް ހޯދައިދިނުމެވެ.

މިހާރު ނޫރާ އެކޭ އެއްފަދައިން ލަޔާން އަކީ ނަވީންގެ މުދަލުގެ ފުރިހަމަ ހިއްސާދާރެކެވެ. ދެމީހުންވެސް އޮފީހުގެ ކަންތައްތަކާ ހަވާލުވެ އެކުގައި މަސައްކަތްތައް ނިންމަމުން ގެންދިޔައެވެ. ލުޔޫނާ އާއި ލަޔާން ތިބީ ހިތްހަމަޖެހިފައެވެ. އަދި އެއްވެސް އިންސާނަކަށް ކުށަކާއި ނުލައި ސަޒާ ނުދެއްވުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ކުރި އެވެ.

(ނިމުނީ)

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ސަމާހަތު އިބްރާހީމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355