ޝިއުނާ އިބްރާހިމް
މާލޭގެ މަގުމަތި ފުރިފައިވަނީ ދުއްވާ އެއްޗެހިންނެވެ. މަގު ހިނގާ މީހުންނަށް އުނދަގޫ ވާވަރަށް ޒާތްޒާތުގެ އެއްޗެހި އެއްކޮޅުން އަނެއްކޮޅުން ޒޫން ކަނޑަމުން ދެއެވެ. ދިއްލުނު ރަތްބޮތްކާއެކު ކުޑަ ހިނދުކޮޅަކަށް މަގަށް ހުއްޓުމެއް އެރިއެވެ. ލައިޓުގައި ޖެހިފައިއޮތް ރަތްކުލައިގެ ރީތި ކާރެއް ތެރޭ މާޝާ އިނީ އޭނާ ވަށައިގެންވާ މާހައުލުގެ ވަގުތީ ހުއްޓުމުގެ ސަބަބުން ހިތްހަމަ ނުޖެހިފައެވެ. އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސްޕީޑާ އެއްވަރަށް ނުދާތީއެވެ. މާޝާއަކީ މާލޭއިން އެންމެ ނަގާ ކިޔާލެވޭ އެންމެ މުއްސަނދި އާއިލާ ތަކުގެ ތެރެއިން ހިމެނޭ އާއިލާގެ ކުއްޖެކެވެ. އާއިލާގެ މިލްކިއްޔާތުގައި ރިސޯޓްތަކާއި ފިހާރަތަކާއި ކާރުތައް ހުރިކަން އޭނާ އެންމެންނަށް ވެސް އަންގަން ބޭނުންވެއެވެ. އަދި އެކަމާ އެހާމެ ބޮޑާވެ ކިބުރުވެރިވެސް ވެއެވެ.
ލައިޓްގެ ކުލަ ބަދަލުވުމާއެކު މާޝާ ކާރު ދުއްވާލިއެވެ. އޭނާގެ މިސްރާބު ހުރީ މާލެއިން ފާހަގަ ކޮށްލެވޭ ރީތި ހޮޓަލެއްކަމުގައިވާ ޕެލެސް ހިލްޓަންއާ ދިމާލަށެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ނުހާގެ ސަޕްރައިޒް ޕާޓީ އެ ހޮޓަލުގެ ކޮޓަރިއެއްގައި ބޭއްވުމަށް އިންތިޒާމު ކުރެވެމުން ދާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެދާނެއެވެ. ޕާޓީގެ ހުރިހާ އިންތިޒާމު ތަކަކާއި ހަރަދު ބަލަހައްޓަމުންދަނީ މާޝާއެވެ. ހޮޓެލް ޕާކިން އޭރިޔާގައި އޭނާގެ ކާރު ޕާކްކޮށްލުމަށް ފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ރިސެޕްޝަން އޭރިއާއިން އޭނާ ހިފާފައިވާ ކޮޓަރީގެ ތަޅުދަނޑި ނަގައިގެން ކޮޓަރިޔާ ދިމާއަށް ދިޔައެވެ. ދެވަނަ ފުލޯގައި ހުރި ކޮޓަރިޔަށް ދިޔަ މަގުމަތީގައިވެސް އޭނާ ވިސްނަމުން ގެންދިޔައީ ޕާޓީއާ މެދުގައެވެ. މާދަމާ ރޭ އޮންނަ ޕާޓީއަށް އެއްވެސްވަރެއްގެ ތައްޔާރީއެއް އަދި ވެވިފައެއް ނެތެވެ. އެ ކޮޓަރިއަށް ވެސް އަދި މިވަދެވުނީ އަލަށެވެ.
ދޮރުގައި ހުރި ތަޅާ ދިމާޔަށް ތަޅުދަނޑި ޖަހާލަން ތައްޔާރުވި ވަގުތު މާޝާ ސިއްސައިގެން ދިޔައީ ދޮރު ހުޅުވާލާފައި ނުކުތް ދެ ފިރިހެނުން ފެނިފައެވެ. ހައިރާން ކަމާއެކު އޭނާ ދޮރު ނަންބަރާ ދިމާއަށް ބަލާލިއެވެ. އެއީ ހަމަ އޭނާ ހިފާފައިވާ ކޮޓަރިއެވެ. މާޝާ ގާތައް އައީ އަމަށަކު ރުޅިއެއްނޫނެވެ.
“އަހަރެންގެ ކޮޓަރީގައި ކީއްތިކުރަނީ؟ މިއީ އެއްވެސް ގަވައިދެއް އުސޫލެއް އޮންނަ ތަނެއްވެސް ނޫންތަ؟” މާޝާ ރުޅިއައިސްގެން ހުރެ ހަޅޭލަވަން ފެށީއެވެ. އެ ދެޒުވާނުން ތެރެއިން އެއަކު އިސްވެ މާޝާއާ ވާހަކަ ދެއްކިއެވެ.
“ވަރަށް ބޮޑަށް މާފް ކުރައްވާ. މިއީ ވަރަށް ފަހުން މެއިންޓަނަންސް ނިމުނު ކޮޓަރިއެއް. ފައިނަލް އިވެލުވޭޝަން ހަދާލަން ކަމަނާފާނުގެ ކޮޓަރިއަށް ވަދެވުނީ.”
ލާނެއް ހިނިތުންވުމަކާ އެކީ އޭނާ ވާހަކަ ދެއްކިއެވެ. މާޝާގެ ރުޅިގަނޑު އިތުރު ވެގެން ދިޔައެވެ. އާދައިގެ މަސައްކަތު މީހަކު އޭނާއާ އެފަދަ ގޮތަކަށް ވާހަކަ ދައްކަން ކެރިދާނެއެކޭ އޭނާ ހިއެއްނުކުރެއެވެ.
“ހާދަ ގޮތެއް ފޮތެއް ވެސް ނެތޭ ދޯ! ކަލޭގެ ޝަކުވާ މެނޭޖްމެންޓަށް ހުށަހަޅާނަން” މާޝާ ހަރުކަށި އަޑަކުން އިންޒާރި ދިނެވެ. އަދި އެދެމީހުންގެ ނޭމް ޓެގް ކޮޅު އިންތޯ ބަލާލިއެވެ. އޭނާއަށް ކުޑަވަރެއްގެ ސިހުމެއް ލިބުނީ އޭނައާ ވާހަކަ ދެއްކި ޒުވާނާގެ ނަން ފެންނަން ނެތުމުންނެވެ. ދެން ހުރި މީހާގެ ގަމީހު ޖީބުގައި “އަލީ” ޖަހާފައި ވެއެވެ. ނަން ނޭނގޭ ޒުވާނާ އަދިވެސް ހުރީ މާޝާއާ ދިމާލަށް ހިނިއަސްފައި ބަލަހައްޓައިގެންނެވެ.
“މައްސަލަ ހުށައެޅިއަސް އަހަރެންނަށް ހެޔޮ. އަހަރެން ވަޒީފާއިން ވަތްކެއް ނުކުރާނެ. ކޮޓަރި މިހުރީ ހުރިގޮތަށް އަވަހަށް ވަންނަވާ” އެއާއެކު އެދެމިހުން މާޝާގެ ލޯމަތިން ގެއްލިއްޖެއެވެ. އައިސްފައިވާ ރުޅިއާއެކު މާޝާ ކޮޓަރިއަށް ވަނުމުން ރުޅިގަނޑު މައިތިރި ވެއްޖެއެވެ. ކޮޓަރި ވަރަށް ފުރިހަމަވެފައި ރީއްޗެވެ. ކޮޓަރީގެ ތަންތަން ބަލާލުމަށް ފަހު އޭނާ ފޯނުނަގާ ދެތިން ނަންބަރަކަށް ގުޅާލިއެވެ. ޑޭކަރޭޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ މީހުން އައުމާއެކު އެމީހުންނަށް އިރުޝާދު ދިނުމަށް މާޝާ އެތަނުގައި މަޑުކޮށްލިއެވެ. އެ ހޮޓެލް އޭނާ ހިޔާރު ކުރީ ވަރަށް މުހިންމު ސަބަބަކާ ހުރެއެވެ. ނުހާ އާއި ފުރަތަމަ ދިމާވީ އެތަނުން ކަމަށް ވާތީއެވެ.
ޖެހިގެން އައި ރެއެވެ. ޕާޓީ އޭގެ އެންމެ ފޯރީގައި ކުރިއަށް ގޮސް ނިމުނު އިރު މެންދަމުން އަލިވެ 1 ޖަހަނީއެވެ. ހުރިހާ ގެސްޓުން ޕާޓީގެ ފުރިހަމަކަމާ މެދު ތައުރީފް ކުރަމުން ދިޔައެވެ. ނުހާވެސް މާޝާއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރިއެވެ. ކޮޓަރީގެ ތަޅުދަނޑި ހަވާލު ކުރަން ދިޔައިރު އެއްކަލަ ޒުވާނާ ރިސެޕްޝަން ކައިރީ ހުއްޓިލައިގެން އެތާ ތިބި ކުދިންނާ ވާހަކަ ދައްކަމުން ދިޔައެވެ. މަޝާ ފެނުމާއެކު އޭނާ ހީލި ނަމަވެސް ތުން އަނބުރާފައި މާޝާ އަވަހަށް ތަޅުދަނޑި ހަވާލުކޮށްފައި ނުކުމެގެން ދިޔައެވެ.
ނަވާލް ހުރީ ނުކުމެގެން ދިޔަ ރީތި އަންހެންކުއްޖާ އަށް ބަލާށެވެ. ބަލާލުމަށް އެއީ ވިއްސަކަށް އަހަރުގެ ކުއްޖެކެވެ. ކިތަންމެ ރީއްޗަސް ވަރަށް ބޮޑާ ކިބުރުވެރި ގޮތެއް ހުއްޓެވެ. ހުދު ނަވާލްއަކީ ފާހަގަ ކޮށްލެވޭ ވަރުގެ މުއްސަންޖެކެވެ. އޭނާގެ ބައްޕައަކީ ޕެލެސް ހިލްޓަންގެ ވެރިމީހާ އެވެ. ނަވާލްއަކީ އެތަނުގެ މެނޭޖަރެވެ. ނަމަވެސް އެއީ ހިތްތިރި އޯގާތެރި އެންމެނާވެސް ގުޅޭ މީހެކެވެ. އަނެއް ދުވަހު ޕާޓީ ބޭއްވިގެން ދިޔަ ކޮޓަރި ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ދިޔަގޮތް ބަލާލުމަށް ނަވާލް އެތަނަށް ދިޔައެވެ. އެވަގުތު އެކަމުގައި އުޅުނު މީހަކު ނަވާލްއަށް ގޮވާލިއެވެ.
“ސަރ މިއޮތީ މި ކޮޓަރިން ފެނުނު އަތް ދަބަހެއް. ވަރަށް އަގު ބޮޑެތި ސާމާނު އެބަހުރި” އެމީހާ ނަވާލްއަށް ދަބަސް ހަވާލު ކުރިއެވެ. އެއީ ކުރީރޭ މާޝާ ކޮނޑުގައި އޮތް ދަބަސްކަން ނަވާލް ހަނދާންވިއެވެ. އަދި އެދަބަސް ހަވާލު ކުރަން ދިޔުމަށް ނިންމިއެވެ. އެއީ އެތަނުގެ އާންމު ގަވައިދު ކަމުގައި ނުވިޔަސް އޭނާ ކުރާ ކަމަކާ ފާޑު ކިޔަން ކެރޭނެ މީހަކު އެތާކު ނޫޅޭނެ އެވެ.
ދަބަހުން ފެނުނު އައިޑީ ކާޑުގައިވާ އެޑްރެހަށް ނަވާލް ދިޔައެވެ. ބެލް ޖަހުމާއެކު ދޮރުހުޅުވާލީ މަޝާގެ އެއްމާބަނޑު ކުއްޖެއް ކަމަށްވާ މާހާ އެވެ. ފުރަތަމަވެސް ފެނުމާއެކު އެއީ މާޝާނޫން ކަން ނަވާލް ދެނެގަތެވެ. މާޝާގެ ކިބައިގައި ހުންނަ އެއްވެސް ސިފައެއް މާހާގެ ކިބަޔަކު ނެތެވެ. ބަލާބެލުމަށް ވަރަށް ސާދާ ކުއްޖެވެ.
“މާޝާ އެބައުޅުއްވާތޯ” ނަވާލް އޭނައާ ސުވާލު ކުރިއެވެ. އެވަގުތު އެތަނަށް އައީ މާޝާ އެވެ. ނަވާލް ފެނުމާއެކު އަނެއްކާވެސް މާޝާ ރުޅިގަދަވިއެވެ.
“މިހާރު މިތަނަށް ވެސް އައީ ދޯ! މި ގެޔަކު ނެތް އެއްވެސް މެއިންޓަނަންސް މަސައްކަތެއް. އަވަހަށް ނުކުމެގެން ދާން އުޅޭ” އޭނާ ވާހަކަތައް އަޑުއަހާފަ ނަވާލް ހިތްހަމަ ނުޖެހުނެވެ. ބަހެއްވެސް ނުބުނެ އޭނާ ދިއްކޮށްލީ މާޝާގެ އަތް ދަބަހެވެ. ދަބަސް ޖަހައިގަތުމަށް ފަހު ދެރަނުވާންވެގެން މާޝާ އެތަނުން ނުކުންނަން ހިނގައި ގަތެވެ.
“ބޮޑާ ވިއަސް ތިއީ ހަމަ ބޮޑުވަރު ޝުކުރުވެސް އަދާ ނުކުރޭ!” ނަވާލްގެ ވާހަކައަށް ބީރު ކަންފަތެއް ދެމުން މާޝާ ނުކުމެގެން ދިޔައީއެވެ. އެ ހުރިހާކަމެއް ބަލަން ހައިރާންވެފަ ހުރީ މާހާ އެވެ. ނަވާލްއާ ދިމާއަށް އެނބުރިފައި ސޮރީއޭ ބުނެލިއެވެ. ޓްވިންސް ކަމުގައި ވިޔަސް މިޒާޖް ތަފާތު ދެކުދިން ކަން ނަވާލަށް ވިސްނުނެވެ. އަދި ހިނިތުންވެ އަމިއްލަޔަށް ތައާރަފު ވެލިއެވެ. އަދި އެވަރުކަމެއް ނޫން ބުނެ ހިނގައިގަތެވެ.
އެރޭ ދެބެއިންގެ ތެރެއިން އެކަކަށް ވެސް ނުނިދުނެވެ. ދެމީހުންގެ ސިކުނޑީގައި ވަނީ ނަވާލްއެވެ. މާހާއަށް ފުރަތަަމަ ނަޒަރުންވެސް ނަވާލް ކަމުދިއެވެ. މާޝާއަށް އެއީ ކާކުކަން ދެނެނުގަނެވުނު ކަމުގައި ވިޔަސް މާހާއަށް ނަވާލް ވަނީ ހަބަރުތަކުން ފެނިފައެވެ. ޕެލަސް ހިލަޓަންއަކީ މުޅި ރާއްޖޭގައިވެސް މަޝްހޫރު ތަނެކެވެ. މާޝާއަށް ވިސްނެމުން ދިޔައީ އޭނާއަށް ނަވާލްއާ ދޭތެރޭ ކަންތައް ކުރެވުނު ގޮތާމެދުއެވެ. އޭނާ މިހާރު އެކަމާ ވަރަށް ދެރަވެއެވެ. ނަވާލް އަކީ ކާކުކަން އެގުނީ ހޮޓެލްއަށް ގުޅައިގެން ޝަކުވާ ހުށަހެޅުމުންނެވެ. ކޮންމެ ގޮތެއްވިއަސް ނަވާލްގެ ކިބައިން އޭނާ މައާފަށް އެދެން ބޭނުންވިއެވެ. ދެކުދިން ޑިސްކަސް ކޮށްލުމަށްފަހު ނަވާލްއާއެކު ކޮފީއަށް ދިއުމަށް ނިންމިއެވެ. ނަވާލް އެދައުވަތު ގަބޫލް ކުރީ މާހާ ދެކިލުމުގެ އުންމީދުގައެވެ. އޭނާއަށް ވެސް މާހާ ވަރަށް ކަމުދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ނަވާލްއާ މާޝާ އަދި މާހާގެ އެކުވެރިކަން އިތުރު ވަމުން ދިޔައެވެ. ނަވާލްއާ މާހާގެ ގުޅުން ލޯތްބަށް ބަދަލުވެފައެވެ. އެއީ މާޝާއަށް ވެސް ނޭނގޭ ބޮޑު ސިއްރެކެވެ. އެތަނުން އެކަކަށް ވެސް މާޝާގެ ހިތުގެ ހާލެއް ނޭނގެއެވެ. ނޭގުމެއްގެ ތެރޭގައި އޭނާއަށް ވަނީ ނަވާލްދެކެ ލޯބިވެވިފައެވެ. ނަމަވެސް ތަގުދީރު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟. ނަވާލަށް ކަމުދާ އެއްވެސް ސިފައެއް މާޝާގެ ފާރާތުން އަދިވެސް ނުފެނެއެވެ. ފޮނިކަމާ ދެއްކުންތެރިކަމަކީ މާޝާ ދެކޭގޮތުގައި ފިރިހެނުން ގަޔާވާ ކަމެކެވެ. ނަމަވެސް މާހާ ފަދަ ސީދާސާދާ އާދައިގެ ކުއްޖެއް ނަވާލްއަށް މާކަމުދެއެވެ. އެފަދަ ރަނގަޅު ކުއްޖަކު އަތުން ދޫވިޔަނުދީ މި ގުޅުން ކައިވެންޏަކަށް ބަދަލު ކުރުމަށް އޭނާ ނިންމި އެވެ.
މާހާއާއި ނަވާލް ގެ ކައިވެންޏަށް ދެ އާއިލާއިންވެސް ފުރިހަމަ އެއްބާރުލުން ލިބުނެވެ. މިކަމުން މާޝާއަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ ބިނާކުރަމުން ދިޔަ ހިޔާލީ ގަނޑުވަރު އެއްކޮށް ސުންނާފަތިވެ ވެއްޔަށް ވީއެވެ. އޭނާގެ އެހާ ގާތް ފަރާތަކުން ނަވާލް އަތުލާތަން ބަލާކަށް މާޝާއަށް ކެތެއް ނުވިއެވެ. އޭނާ ދުވެފައި ގޮސް ބެލްކަނީގެ ރެއިލިން މައްޗަށް އެރިއެވެ. ދުނިޔެއިން މޮޔަވެފައިވަ މީހެއްފަދައެވެ. އޭނާ ފުންމާލުމުގެ ކުރިން ހިފެހެއްޓީ ނަވާލް އާއި މާހާއެވެ. ވެގެން އުޅޭގޮތެއް އެކަކަށްވެސް ނޭގެއެވެ. މާޝާ ހަބަރު ހުސްވެގެން އެތަނަށް ވެއްޓުނެވެ.
މާޝާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އަދިވެސް އެކަކަށްވެސް ވަނުވާ ސާފެއް ނޫނެވެ. މާޝާ ހޭއެރިއިރު ކޮޓަރީގައި ތިބީ ނަވަލްއާއި މާހާ އެކަންޏެވެ. މާހާ ދިޔައީ މާޝާ ކައިރީ އިދެ ރޮމުންނެވެ. ނަވާލް އޭނާއަށް ހިތްވަރުދީ ކެތްކުރުމަށް ނަސޭހަތްތެރި ވަމުން ދިޔައެވެ. އެ ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވާމިންވަރު މާޝާއަށް ދެނެގަނެވުނެވެ. ހިތާ ދެކޮޅަށްވެސް އެދޭތެރެއަށް ނުވަނުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. މާޝާ ހޭ އެރިކަން އެގުމާއެކު މަންމައާއި ބައްޕަ އެތަނަށް އައެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ކީއްވެގެންތޯ ސުވާލު ކުރަމުން ގެންދިޔައެވެ. މާޝާ ހަމަޖެހޭ ގޮތް ދައްކާލާފަ ބޮޑު ދޮގެއް ހަދާލިއެވެ.
އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާ ރުޅިވީ ވަރަށް ފަހުން ކަމަށާއި އެހެންވެފައި ހުއްޓާ މާހާގެ ކައިވެނީގެ ވާހަކަ އަޑުއިވުމުން ބޮޑަށް ހިތުގައި ޖެހުނީ ކަމަށެވެ. އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށް ބުންޏެވެ. މާހާއާއި ނަވާލްގެ ކައިވެނީގެ ހަފްލާ ވަރަށް ކުލަގަދަކޮށް ބޭއްވިގެން ދިޔައެވެ. އިތުރަށް ކިޔެވުމުގެ ބަހަނާގައި މާޝާ މެލޭޝިޔާއަށް ފުރައިގެން ދިޔައީ އެވެ. އޭނާގެ ހަލާކުވެފައިވާ ހިތަށް ފިނިކަމެއް ލިބި ނަވާލްގެ މަތިން މުޅި އުމުރަށް ހަނދާން ނައްތާލެވޭނީ އެގޮތަށް ކަމަށް އޭނާ ދެކުނެވެ. ހިތުގައިވާ ސިއްރެއް ހާމަނުކޮށް ފޮރުވުމުގެ ނަތީޖާ ހިތިވެދާނެކަމަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. އޭނާ ނަވާލް މަތިން ހަނދާން ނައްތާލާ ދިރިއުޅުމައިގެން ކުރިއަށްދާން ދިއުމަށް އަޒުން ކަނޑައެޅިއެވެ. އުޅުން އިސްލާހު ކުރިއެވެ. މެލޭޝިޔާގައި އޭނާ ވަޒަން ވެރިވީ ދެންދުވަހަކުވެސް ރާއްޖެ ނުދިއުމުގެ ނިޔަތުގައެވެ.
(ނިމުނީ)
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11 ސީ ގެ ޝިއުނާ އިބްރާހީމް އެވެ.