ބޮލީވުޑްގެ ރިޕޯޓްތައް ބުނާގޮތުންނަމަ ބޮލީވުޑް އެންމެ މަޝްހޫރު “އޮން ސްކްރީން ޕެއަރ” ކަމަށްވާ ޝާހުރުކް އާއި ކާޖޮލް ގިނަ ދުވަސްތަކަކަށްފަހު އެއްކޮށް އެއް ފިލްމެއްގައި މަސައްކަތް ކުރަން ވަނީ ހަމަޖެހިފަ އެވެ.
އެތަކެއް ހިޓް ފިލްމްތަކެއް ޑައިރެކްޓްކޮށްފައިވާ ރޯހިތް ޝެޓީ މި ފިލްމް ޑައިރެކްޓްކުރަން ހަމަޖެހިފައިވާއިރު އޭނާއަކީ ޝާހުރުކް އަދި ކާޖޮލްގެ ފިރިމީހާ އަޖޭ ދޭވްގަންގެ ގާތް ރަހުމަތްތެރި އެކެވެ. އޭނާ މިހާތަނަށް އެ ދެ އެކްޓަރުންނާ އެކީ ނޫނީ ފިލްމެއް ޑައިރެކްޓް ކޮށްފައިވެސް ނުވެ އެވެ.
2010ގައި ރިލީޒްވި “މައި ނޭމް އިޒް ހާން”އަށް ފަހު މި ދެ ތަރިން އެއްކޮށް ފިލްމަކުން ފެނިފައިނުވާއިރު މި ދެ ތަރީންގެ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށްވެސް ވަނީ އަޑު ފެތުރިފަ އެވެ.
އެހެންނަމަވެސް ރިޕޯޓްތަކުގައިވާ ގޮތުންނަމަ ޝާހުރުކް އާއި ކާޖޮލް މިހާރު ވަނީ މި ފިލްމަށް ސޮއިކޮށްފަ އެވެ.
ރޯހިތް މިހާރު މި ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުންދާއިރު މި ފިލްމްވެސް ވެގެންދާނީ އޭނާގެ އެހެން ފިލްމްތަކާއި އެއްގޮތަށް އެކްޝަން ފިލްމަކަށް ކަމަށް މައުލޫމާތުލިބެ އެވެ.
މީގެ ކުރިން ޝާހުރުކް އާއި ކާޖޮލް އެއްކޮށް ފެނިފައިވާ ފިލްމްތަކުގެ ތެރޭގައި “ކަރަން އަރުޖުން”، “ބާޒީގަރު”، “ކުޗް ކުޗް ހޯތާ ހޭ”، “ދިލްވާލޭ ދުލްހަނިޔާ ލޭޖައެގޭ”، “ކަބީ ހުޝީ ކަބީ ގަމް” އަދި “މައި ނޭމް އިޒް ހާން” ހިމެނެ އެވެ. މިއިން ކޮންމެ ފިލްމެއްވެސް ވެގެން ގޮސްފައިވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމްތަކަކަށެވެ.