މިފަހަކަށް އައިސް ބޮލީބުޑްގެ އެންމެ މަގޫބުލް އަދި އެންމެ އަގު ބޮޑު ލަވަކިޔުންތެރިޔާ ކަމަށްވާ ޔޯ ޔޯ ހަނީ ސިންހްގެ ލަވައެއް ފިލްމުތައް “ހިޓް” ކުރުމަށް ހިމެނުމަކީ ބޮލީވުޑްގައި އާލާވަމުން އަންނަ “ޓްރެންޑެ”ކެވެ.
އޭނާގެ ލަވަތަކަށް ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުހީބާއި ސަޕޯޓުން ފިލްމަށް ފައިދާކުރާ ކަމަށް ގިނަ ޕްރޮޑިއުސަރުން ދެކެ އެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންވެސް ވަނީ އެމީހުންގެ ފިލްމް “ހިޓް” ކުރުމަށް ޔޯ ޔޯ ހަނީ ސިންހްގެ ލަވަތައް ފިލްމްތަކުގައި ހިމަނާފަ އެވެ.
އެގޮތުން އަމީތާބު އޭނާގެ ފިލްމް “ބޫތްނާތް ރިޓާންސް”ގައި ހަނީގެ ލަވައެއް ހިމެނިއިރު އެ ލަވައަށް ބޮޑު މަގުބޫލުކަމެއް ލިބި އެ ފިލްމްވެސް ވެގެންދިޔައީ ކާމިޔާބު ފިލްމަކަށެވެ.
މީގެ އިތުރުން ޝާހުރުކްގެ “ޗެންނާއި އެކްސް ޕްރެސް”ގައި ހިމެނުނު ހަނީގެ “ލުންގި ޑާންސް” ލަވަ ވެގެންދިޔައީ އެ އަހަރުގެވެސް އެންމެ ކާމިޔާބު ލަވައަށެވެ. ހަމަ އެގޮތަށް ފިލްމްވެސް ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.
މި އަހަރު މިހާތަނަށް ނިކުތް އެންމެ ކާމިޔާބު ފިލްމް ކަމަށްވާ “ކިކް”ގައިވެސް ހަނީ ކޮންޕޯސްކޮށް އޭނާ ރެޕް ކޮށްފައިވާ ލަވައެއް ހިމަނާފައިވެ އެވެ. މި ލަވަ “ކިކް”ގައި ހިމެނީ ސަލްމާން ހާންގެ އެދުމުގެ މަތިން ކަމަށްވެސް ފާހަގަކޮށްލެވެ އެވެ. މި ލަވައަކީ އަދިވެސް ޗާޓްތަކުން ޖާގަ ހޯދަމުންދާ ލަވައެކެވެ.
އަކްޝޭ ކުމާރު “ބޮސް” ގައި ހިމެނި ލަވައާއި އެންމެ ފަހުން ނިކުތް އަޖޭ ދޭވްގަންގެ “ސިންގަމް ރިޓާންސް”ގައި ހިމެނި ހަނީގެ ލަވަވެސް “ހިޓް” ވެފައިވާއިރު އެ ދެ ފިލްމަކީވެސް ކާމިޔާބުވި ދެ ފިލްމެވެ.
“ރާގިނީ އެމްއެމްއެސް 2” އާއި “ޔާރީއާން” ވެސް “ހިޓް” ވެފައިވާއިރު އެ ދެ ފިލްމްގައިވެސް ހަނީގެ ލަވަތަކެއް ވަނީ ހިމަނާފަ އެވެ.
ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ފިލްމެއް “ހިޓް” ވުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ އެކައްޗަކީ އެ ފިލްމެއްގެ ލަވަތަކެވެ. ޔޯ ޔޯ ހަނީ ސިންހްގެ ހުރިހާ ލަވަތަކަކީވެސް އާންމުންގެ މަގުބޫލުކަން ލިބޭ ލަވަތަކެކެވެ.
އެހެންކަމުން ބެލުންތެރިންގެ ހިތްތަކުގައި ފިލްމަށް ޝައުގު އުފައްދަން މިހާރު އެންމެ ބޮޑެތި ތަރިންވެސް ބޭނުންކުރާ އުކުޅަކީ ޔޯ ޔޯ ހަނީ ސިންހެވެ.