twitterviber whatsapp telegramfacebookyoutube instagram
11th May 2024

ކުރުވާހަކަ: ހިތި ސަޒާ

Sep 4, 2014

އަރީޝާ މޫސާ

އިންސާނެއްގެ ހަޔާތުގެ ވާހަކައަކީ އެތައް ކުލަތަކަކާއި ތަފަތު އެތައް އިހްސާސްތަކެއް ހިމެނޭ، ކިޔައި ފޫހި ނުވާދަފަ ވާހަކަ އެކެވެ. އެކިމީހުންނަށް ހަޔާތުގައި ދިމާވަނީ އެކިއެކި ކަންކަމެވެ. އުފާވެރިކަމާއި މަޖަލުގެ ދުވަސްތަކާއި ހިތަމަޔާއި މާޔޫސް ކަމުގެ ދުވަސްތަކެވެ. ހަޔާތުގައި ދިމާވާ ތަފާތު ކަންކަމުގައި ސަބަބުން އަހަރެމެންނަށް ތަފާތު ފިލާވަޅުތައް ލިބެއެވެ. ބައެއް ފަހަރު ނުވިސްނާލަ ކުރެވޭ ކަމެއްގެ ސަބަބުން ތިމާގެ މުޅި ދިރިއުޅުން ބަރުބާދުވެ އެކަނިވެއެވެ. މުޅި ދުނިޔެ ގިނަވެ ބަކީވެއެވެ. ނަމަވެސް ބައެއް މީހުން ކާމިޔާބުގެ ހަރުފަތްތަކަށް ވާސިލުވެ އުފާވެރި ހަޔާތެއް އުޅެމުންދެއެވެ. މިފަދައިން ކޮންމެ މީހެއްގެ ހަޔާތަކީ ވެސް އެހެން މީހުންނަށް ތަފާތު ފިލާވަޅުތައް ލިބިގެންދާނެ ވާހަކައެކެވެ. މިގޮތުން ޝިނާގެ ދިރިއުޅުމުގެ ވާހަކައަކީވެސް އިބުރަތުން ފުރިގެންވާ ވަހަކައެވެ.

ރާއްޖޭގެ ކުޑަ ރަށެއްގައި އުޅެ ބޮޑުވި ޝިނާ އަކީ ސަލީމާގެ ދެކުދިންގެ ތެރެއިން ހަގު ކުއްޖާއެވެ. ޝިނާގެ ދައްތަ، ނަޝާއަކީ އޭނާއަށް ވުރެ ދެ އަހަރު ދޮށީ ކުއްޖެކެވެ. ޝިނާގެ އުމުރުން ދެ އަހަރުގައި އެ ދެ ކުދިންގެ ބައްޕަ ނިޔާވީއްސުރެ އެކުދިން ބަލަމުންއައީ ސަލީމާ އެކަނިމާ އެކަންޏެވެ. ރަށު ސްކޫލުގައި މުދައްރިސެއްގެ ވަޒީފާ އަދާކުރަމުންދާ ސަލީމާ މިކުދިންނަށް ދުވަހަކުވެސް ބައްޕަގެ ލޯބިން މަހުރޫމް ވެފައިވާކަން އިހްސާސް ވިޔަކަ ނުދެއެވެ. އޭނާގެ ފުރިހަމަ ލޯތްބާއި އަޅާލުމާއެކު މިކުދިން ބޮޑުވަމުންއައީ އުފަލާއި ހިތްހަމަ ޖެހުމުގައެވެ. ޒަމާން ހަލަބޮލި ދުވަސްވަރު، އެކުދިން ގޯސްމަގަކުން ހިނގައިދާނެތީ ސަލީމާ ވަރަށް ކަންބޮޑުވެއެވެ. ނަމަވެސް އެކުދިން ބޮޑުވަމުން އައީ އަޙްލާގް ރަނގަޅު، ކިޔަމަންތެރި ކުދިންތަކެއް ގޮތުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މި ދެ ކުދިންގެ ފުރާވަރު އަތުވެއްޖެއެވެ. ނަޝާ ފުރާވަރަށް އެޅިއިރު ވެފައިވަނީ ރީތީގެ ރާނީ އަކަށެވެ. ދިގު އިސްތަށިގަނޑާކައި ހިމަތޮޅި ހަށިގަނޑެއް ލިބިފައިވާ ނަޝާގެ ދޮން މޫނަށް ޒުވާން އެތައް ކުދިންނެއްގެ ނަޒަރު ހުއްޓިފައިވެއެވެ. އޭނާގެ ކަޅު ފަން އިސްތަށިގަނޑުން އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. ނަމަވެސް ޝިނާ ވަރަށް ތަފާތެވެ. ޝިނާއަކީ އިސްކޮޅުންކުރު، ބުޅި އިސްތަށިގަނޑަކާއި މެދުމިނެއްގެ ހަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އޭނާއަށް ރީތި ދެލޯ ލިބިފައިވީ ނަމަވެސް ދައްތައަށް ލިބިފައިވާފަދަ ފުރިހަމަ ރީތި ކަމެއް އޭނާއަށް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ކިޔެވުމުގެ މައިދާނުގައި ޝިނާއަކީ އެންމެ ކުރީ ސަފުގައި ހިމެނޭ މޮޅު ކުއްޖެކެވެ. ކިޔެވުމުގެ ގޮތުން ޝިނާވަނީ އޭނާގެ ރަހުމަތްތެރިންގެ އިތުރުން އޭނާގެ ދައްތަ ނަޝާއަށް ވުރެވެސް ކުރީގައެވެ. މި ދެ ކުދިންގެ މިތަފާތުތަކާ އެކުވެސް އެކުދިންނަކީ އެކަކު އަނެއްކަކުދެކެ ވަރަށް ލޯބިވާ ނަމޫނާ ދެ ކުދިންނެވެ.

މިފަދަ ޒުވާން ދުވަސްވަރު ކުދިންނަށް އަންނަ ބަދަލުތައް މި ކުދިންނަށް ވެސް އަންނަން ފެށިއެވެ. ތަފާތު ފިރިހެންކުދިންނާ ދިމާވެ ވާހަކަދައްކާ އުޅެން ފެށުމުން އެ ކުދިންގެ ހިތުގައިވެސް ލޯބީގެ ވިންދު ޖަހަން ފަށައިފިއެވެ. ޝިނާއަށް ވެސް ރީތި ފިރިހެންކުދިން ފެނި އެކުދިންނާއި ދޭތެރޭ ވިސްނެން ފެށިއެވެ. އެފަދަ ޖިންސުއްލަތީފެއްގެ ހުށަހެޅުމަށް އޭނާގެ ހިތްވެސް އެދި ގޮވަން ފެށިއެވެ. ނަމަވެސް މިފަހަރުވެސް ކަންތައްވީ އެހެން ގޮތަކަށެވެ. ނަޝާގެ ރީތިކަމާއި ފުރިހަމަ ކަމުން އޭނާގެ ފަހަތުން މުގޯލިއަޅާ ފިރިހެން ކުދިންގެ އަދަދު ބައިވަރެވެ. ރަށުގައި ތިބި އެންމެ ރީތި ފިރިހެން ކުދިންގެ އިތުރުން ރަށުން ބޭރުން އަންނަ ކުދިންގެ ހުށަހެޅުންތައްވެސް އޭނާއަށް ލިބެން ފެށިއެވެ. މިގޮތުން ޝިނާ އެކުއްޖެއްގެ ހުށަހެޅުމަށް އެދިއެދި ހުރި ފިރާޝް ވެސް ނަޝާއަށް ލޯބި ހުށަހެޅި އެވެ. އަދި މިހިސާބުން ނަޝާއާއި ފިރާޝްގެ ލޯބީގެ ގުޅުން ފެށުނެވެ.

މިހާ ހިސާބުން ޝިނާ ދައްތަގެ ރީތިކަމާމެދު ހަސަދަވެރިވާން ފެށިއެވެ. އޭނާގެ ހިތުގެ ރަސްގެފާނު އަދި ހުވަފެންތަކުގެ ބައިވެރިޔާ ފިރާޝް އާއި ނަޝާ އެކުގައި އުޅޭތަން ފެނުމުން އެ ދެ ކުދިންނާ ދޭތެރޭ ޝިނާގެ ހިތުގައި ނަފްރަތު އުފެދުނެވެ. އަދި އޭނާގެ ސިފައާމެދު ދެރަވެ އަމިއްލަ ނަފުސާދޭތެރޭ އޮތް އިތުބާރު ދަށްވާން ފެށިއެވެ. މިހިސާބުން އޭނާގެ އުޅުންވެސް ބަދަލުވާން ފެށިއެވެ. ރީތިވާން ބޭނުންކުރާ ތަފާތު އަގުބޮޑު ސާމާނުތައް އޭނާ ބޭނުންކުރަން ފެށިއެވެ. އަދި އެންމެ ޒަމާނީ ހެދުމާއި ޒަމަނީ ސްޓައިލްގެ ފައިވާންފަދަ އެއްޗެހި އޭނާ ބޭނުންވާން ފެށިއެވެ. ޝިނާއަށް އަންނަމުންދާ ބަދަލުތަކާ ބެހޭގޮތުން ސަލީމާ ނަޝާގާތު ސުވާލު ކުރިއެވެ. އޭނާ ޖަވާބުގައި ބުނީ އެއީ ކޮއްކޮ ފުރާވަރަށް އެޅީމާ ކޮއްކޮއަށް އަންނަ ބަދަލުތަކެއް ކަމަށާއި ރައްޓެހިންނާ އެއްގޮތަށް ޒަމާނީކޮށް އުޅެން ޝިނާވެސް ބޭނުންވާނެ ކަމަށެވެ. މި ދެމައިން ޝިނާދެކެ ވާ ލޯބިން ބޭނުން ކަންތައްތައް ފުއްދައި ދެއެވެ.

މިގޮތަށް ދުވަސްކޮޅެއްވީއިރު ޝިނާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އޭނާގެ ބުޅި އިސްތަށިގަނޑު ފަންކޮށް، ބުމަ ހަދައި އަދި މިނޫން ގޮތްގޮތުންވެސް ރީތިވުމުގެ ގޮތުންކުރާ ގިނަކަންކަން އޭނާވަނީ ކޮށްފައެވެ. އޭނާގެ ކޮޓަރި މޭޒުމަތި ހީވަނީ ބިއުޓީ ސެލޫނެއްގެ މޭޒެއް ހެންނެވެ. ރީތިވާށާއި މޭކަޕް ކުރަން ގެންގުޅޭ ހުރިހާ ސާމާނެއް އެތާ ހުއްޓެވެ. ޝިނާގެ މި ބަދަލުތަކާއެކު އޭނާ ފަހަތުންދުވާ ފިރިހެން ކުދިން އިތުރުވާން ފެށިއެވެ. ޝިނާ ބޭނުންވީ އޭނަގެ ރީތިކަން އެންމެންނަށް ހާމަ ކުރާށެވެ. އަދި ރީތި ކަމުންވެސް އެންމެ ކުރީ ސަފުގައި ހިމެނޭށެވެ. މިގޮތުން އޭނާ ބޭނުން ކުރަމުން ގެންދިޔައީ ގަޔަށް ބާރު އަދި ގައިގެ ވަނާތައް އެނގޭފަދަ ތުނި ހެދުންތަކުގެ ސަބަބުން ގިނަ ފިރިހެން ކުދިންތަކެއްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ނަމަވެސް ޝިނާގެ މި އުޅުމާމެދު ސަލީމާ ހިތްހަމަ ނުޖެހެން ފަށައިފިއެވެ. ސަލީމާ ނަސޭހަތް ދިނީ ރީތި ވިޔަސް އަދި މޭކަޕްކުރިޔަސް އަހުލާގީ މިންގަނޑުތަކާ އެއްގޮތަށް ހެދުން އެޅުމަށެވެ. އަދި ނަޝާ ފަދައިން ގޭގެ މަސައްކަތްތައްކޮށް އުޅުމަށާއި ގިނައިން ބޭރަށް ނުދިއުމަށެވެ. ނަމަވެސް ޝިނާގެ ޖަވާބު ވަރަށް ކުރެވެ. އޭނާ ބުނިހަވެސް އެއްޗަކީ “މަންމާ ޒަމާން ބަދަލު ވެއްޖެ. މީ އަހަރެމެންގެ ޒަމާން އަހަރެން މިގޮތަށް އުޅުނަދީ” މި އެވެ.

ދެން އައީ ޝިނާގެ ރަން ޒަމާނެވެ. ތަފާތު އެތަށް ރީތި ޖިންސުއްލަތީފުންގެ ހުށަހެޅުންތައް އޭނާއަށް ލިބެން ފެށިއެވެ. މިހެން ވާން ފެށުމުން ދެން އޭނާ އިހުތިޔާރު ކުރީ ވަރަށް ވެސް ގޯސް މަގެކެވެ. ކޮންމެ ކުއްޖަކަވެސް ރައްޓެހިވެ ދުވަސްކޮޅަކު އުޅުމަށްފަހު އަނެއްކާވެސް އެހެން ކުއްޖަކާ ރައްޓެހިވަނީ އެވެ. ތަފާތު ފިރިހެން ކުދިންނާއެކު ފާޑުފާޑުގެ ވިޔާނުދާ ގޮތްގޮތަށް އުޅެން ފެށިއެވެ. ޝިނާގެ މި އަމަލުތަށް އޭނާގެ ލޯބިވާ މަންމައާއި ދައްތައަކަށް ދެނެއެއް ނުގަނެވުނެވެ. އެމީހުންތިބީ ޝިނާ ދެކެވާ ކަނު ލޯބިން އޭނާގެ މިފަދަ ސިއްރު އަމަލުތައްވެސް ދެނެނުގަނެވޭ ހާލަތުގައެވެ. އެމީހުންތިބީ ޝިނާގެ ބަދަލުތަކަކީ ޒަމާނުގެ ސަބަބުން އައި ބަދަލެއް ކަމުގައި ދެކި ޝިނާއަށް ފުރިހަމަ އިތުބާރު ކޮށްގެނެވެ.

އިރުޝާންގެ ނަޒަރު ޝިނާއަށް ހުއްޓުނީ ވޮލީ ކުޅެން ހުއްޓައި ފެނުމުންނެވެ. ޝިނާގެ ބާރު ހެދުމުގެ ސަބަބުން ހަށިގަނޑުގެ ބައްޓަން ފުރިހަމައަށް އެނގެއެވެ. އަދި އޭނާގެ މޭކަޕްގެ ސަބަބުން ހުރިހާ ފިރިހެންކުދިން އޭނާގެ ޖާދޫގައި ޖެހޭހައި ވެއެވެ. އިރުޝާންވެސް ޝިނާގެ ފަހަތުން ހިނގަން ފެށިއެވެ. އޭނާއަކީ ޗުއްޓީއެއްގައި އެރަށަށް އައިސްހުރި މާލޭ މީހެކެވެ. އޭނާއަކީ މަސްތުވާތަކެތިވެސް ބޭނުން ކުރާ އަހުލާގީ ފެންވަރު ވަރަށް ދަށް މީހެކެވެ. ނަމަވެސް އޭނަގެ ބޭރުފުށުގެ ރީތިކަމުގެ ސަބަބުން ޝިނާވެސް އޭނާއަށް ހެއްލުނެވެ. އަދި އިރުޝާނާއި ލޯބީގެ ގޮތުން ގުޅި ދެމީހުން އެކަހެރި ތަންތަނުގައި ބައްދަލުކުރަން ފެށިއެވެ. ތަފާތު އެތައް ގުޅުންތަކެއް މިދެމެދުގައި ހިނގިއެވެ. ޝިނާވަނީ އިރުޝާންގެ ދަލުގައި ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. މިގޮތަށް ދެހަފުތާ އެރަށުގައި އުޅުމަށްފަހު އިރުޝާން މާލެ ހިނގައްޖެވެ.

އަހަރީ ރިޕޯޓް ފޮތް ދިނުމުގެ ޖަލްސާގައި ޝިނާގެ މިބަދަލު ވަރަށް ރަނގަޅަށް ފާޅުވެއްޖެ އެވެ. ކުރިން އެންމެ މަތިން މާކްސް ހޯދަމުން އައިސް މިހާރު އޭނާ ފާސްވެސްނުވެއެވެ. މިކަމުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބުނީ ސަލީމާ އަށެވެ. އޭނާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާއަށް ދެވުނު ތަރުބިއްޔަތާ މެދު އަމިއްލަ ނަފުސާމެދު ހިތާމަކޮށް ރުޔެވެ. ނަޝާގެ ހާލަކީވެސް މިއެވެ. އޭނާ ޝިނާއަށް ވަރަށް ނަސޭހަތް ދިނެވެ. އަދި އެގޮތަށް ނޫޅުމަށް އާދޭސްކުރިއެވެ. މިކަމުގެ ސަބަބުން ޝިނާއަށް ހިތި އަސަރުތަކެއް ކުރިއެވެ. އޭނާގެ ލޯބިވާ މަންމަގެ ރުއިން އަޑުއަހާނެ ހިތްވަރެއް ނެތުމުންނެވެ. މިދުވަހަށް ފަހު ސަލީމާ ޝިނާ ގެއިން ބޭރަށް ދިއުން މަނާކުރިއެވެ. އަދި އޭނާގެ އެކުވެރިން ދޫކޮށްލައި ރަނގަޅު އެކުވެރިން ހޯދުމަށް ނަސޭހަތްދިނެވެ.

މުޅި ރަށުތެރޭގައި ޝިނާގެ ވާހަކަ ދެކެވެން ފެށިއެވެ. އަދި ބައެއް މީހުން ޝިނާއާއި ތަފާތު ފިރިހެން ކުދިންނާ ދެމެދު ގުޅުން އޮންނަ ކަމުގެ ވާހަކަތައްވެސް ދެކެވެން ފެށިއެވެ. ސަލީމާއަށް ގަބޫލެއް ނުކުރެވުނެވެ. ޝިނާ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް ގަބޫލުކުރަން ދަތިވިއެވެ. ނަމަވެސް ޝިނާގެ ފަރާތުން އަންނަން ފެށި ބަދަލުތަކަކުންނާއި އޭނާއަށް ވާންފެށިގޮތްތަކަކުން މިފަދަ ކަމެއްގެ ބިރުވެރިކަން ސަލީމާގެ ހިތުގައި އުފެދިއްޖެވެ. އަދި މިކަން ޔަގީން ކުރުމަށް ސަލީމާ ބޭނުންވިއެވެ. އެހެންކަމުން ސަލީމާ، ޝިނާ ގޮވައިގެން ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުގެ ރިޕޯޓާއެކު ސަލީމާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަކަހަލައެވެ. ވަގުތުން އޭނާގެ ހޭވެރިކަންނެތިގެން ބިއްމައްޗަށް ވެއްޓިއްޖެވެ.

އާއެކެވެ. ޝިނާގެ މުޑުދާރު އުޅުމުގެ ސަބަބުން އޭނާގެ ފަސްބައިގައި އެވަނީ ދުވަހަކު ނުފިލާފަދަ ލައްގަނޑެއް ޖެހިފައެވެ. އެހާ ޅައުމުރުގައި މައެއްގެ ޒިންމާ އުފުލަން ޖެހިފައެވެ. ހަވަރު ތުންފުއްސަކަށް ވެވިގެން އުޅެވުމުގެ ސަބަބުން މުޅި ދުނިޔެއަށް ބޭޒާރުވެ ފަލީހަތް ވެފައެވެ. ޝިނާއަށް ހަމަ ހޭވެރިކަންވީ ދެނެވެ. އޭނާއަށް މިކުރެވުނީ ކީއްކަންވެސް ވިސްނުނީ މާފަހުންނެވެ. ރީތިކަމުން ކުރިހޯދަން އުޅުމުގެ ތެރޭގައި އޭނާގެ އަބުރާއި އިއްޒަތް އަމިއްލަ އަތުން ވެއްޔާ މޮޑެލީއެވެ. މަންމަގެ ހިތް ފުނޑު ފުނޑުކޮށް ފުރާނަ ފަދައިން ލޯބިވާ މަންމަ ދުނިޔެއަށް ބޭކާރު ކޮށްލެވުނީއެވެ. އެންމެންގެ މަލާމާތާއި، ފުރައްސާރައިގެ ފަތްގަނޑަކަށް އެނިކަމެތި ދެމައިންވެ ޝިނާގެ މުޅި ދިރިއުޅުންވެސް ބަރުބާދުވީ އެވެ. ބޭރުފުށުގެ ރީތިކަމަށްޓަކައި ތިމާގެ މިލްކުގައިވާ އެންމެ އަގުބޮޑު މުދާ ވިއްކާލެވި ދުނިޔެއަށް ގިނަވީއެވެ. ހަމަ އެންމެ ކުށެއްގެ ސަބަބުންނެވެ. ހަސަދުވެރިކަމުގެ ދަލުގައިޖެހި ދުނިޔޭގެ ރީތިކަމާއި ދަޅައަށް ހެއްލުމުންނެވެ. ނަމަވެސް މިއަދު ކުރާނެކަމެއް ނެތެވެ. ވަގުތު ފާއިތުވެއްޖެއެވެ.

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 އޭ ގެ އަރީޝާ މޫސާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355