twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުރުވާހަކަ: އަހަރެންގެ ހުވަފެން

Sep 12, 2014

ޝިބާ އަލީ

އެއީ ޑިސެމްބަރ ފަހުކޮޅެވެ. ވިއްސާރަ ދުވަސްކޮޅެކެވެ. އެއް ދުވަހެއްގެ ހަވީރެވެ. އަހަރެން އިނީ އަހަރެންގެ ގޭގެ ބެލްކަނީގައި ހުރި ގަސްތައް ކޮށާށެވެ. ކުއްލިޔަކަށް ގުގުރިއެއް ޖަހާލުމާއެކު ވާރޭވިލާތަކުގެ ތެރެއިން ފެން އޮހިގަތެވެ. ތެމެން ބޭނުން ނުވާތީ އަހަރެން އަވަހަށް ގޭތެރެއަށް ވަނީމެވެ. އަދި ބަދިގެޔަށް ގޮސް ހޫނު ކޮފީ ތައްޓެއް ހަދާލައިގެން އައިސް ސޯފާގައި އިށީނީމެވެ. ފޫހިވެފައި ހުރިވަރުން ލެޕްޓޮޕް ނަގައި ފޭސްބުކަށް ވަދެލީމެވެ. އެކިއެކި އެއްޗެއްސަށް ލައިކް ޖަހާ ކޮމެންޓްކޮށް ފޫހި ފިލުވަން އިނީމެވެ. ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ގިނަ ލައިކާއި ކޮމެންޓް ލިބިފައިވާ ފޮޓޯއެކެވެ. ކޮންބައެއްކަން ފެނުމާއެކު އަހަރެން ރަނގަޅަށް އެފޮޓޯއަށް ބަލާލީމެވެ. އެއީ އިނާޒްއާއި އޭނާގެ އަންހެނުންނެވެ.

އިނާޒް ފެނުމާއެކު އަހަރެންނަށް އަހަރެންގެ މާޒީ ހަނދާންވާން ފެށިއެވެ.

އަހަރެންނަށް އިނާޒް ދިމާވީ ފޭސްބުކުންނެވެ. އަހަރެން މިއީ ފޭސްބުކަށް ފޮޓޯ ލަމުންދާ ކުއްޖެއްނޫނެވެ. އިނާޒް އަހަރެންނާ ރަހުމަތްތެރިވުމަށް އެދި ފޮނުވާފައި އޮތުމުން އެއްވެސް ފަސްޖެހުމެއްނެތި ގަބޫލު ކުރީމެވެ. އިނާޒް ފޮޓޯ ލައިފައި ހުރެއެވެ. ބަލާބެލުމަށް ހުތުރެއްނޫނެވެ. އިތުރު އަމިއްލަ މައުލޫމާތެއް ނެތެވެ. ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ ރިސޯޓެއްގައި ކަމާއި އެއީވެސް ހަމަ މާލޭގައި އުޅެބޮޑުވެފައިހުރި ކުއްޖެއްކަން އެނގުނީ ވާހަކަ ދައްކަން ފެށީމައެވެ. އަހަރެން ފުރަތަމަ ހީކުރީ އެއީ ފޭކް އައިޑީއެއް ކަމަށެވެ. ނަމަވެސް ނަންބަރު ދޭށޭ ބުނި ހިސާބުން އެއީ ކުރެވޭ ކުށްހީއެއްކަން އެނގުނެވެ.

“އިނާޒް އަކަށް އަދި އަހަރެން ހުންނަ ގޮތެއްވެސް ނޭނގޭނުން. ފެނުނީމަ ވާހަކަ ދައްކަން ކެރޭނެތަ؟” އަހަރެން އެހީމެވެ. އިނާޒްގެ ޖަވާބަކަށްވީ އަހަރެންނަކީ ކޮންމެ ގޮތަކަށް ހުރި މީހަކު ނަމަވެސް ފޭސްބުކުން ވާހަކަ ދައްކާއިރު އޯގާތެރި މީހެއްކަން އެނގޭ ކަމަށެވެ. އަދި އިނާޒް ބޭނުންވަނީ މިކަހަލަ ރައްޓެހިން ކަމަށެވެ. އަހަރެން އިނާޒަށް ނަމްބަރ ދިނީމެވެ. އޭނާ އަހަރެންނަށް ގުޅިއެވެ. ވަރަށް ރީތި އަޑެކެވެ. ފިރިހެންވަންތައެވެ. އަހަރެންނާ ދިމާއަށްވެސް އިނާޒް ބުނީ ހަމަ އެހެންނެވެ.

“އިނާޒް އަހަރެންގެ ފޮޓޯ ބޭނުމެއްނޫންތަ؟” އަހަރެން އެހީމެވެ.

“ހިނގާ ފެނިލަން” އިނާޒް ބުނެލިއެވެ. އަހަރެން ފަސްޖެހުނެވެ. ނަމަވެސް އެއްބަސްވީމެވެ. އަދި އިނާޒް މާލެ އައިސް ބުނާނެ ކަމުގައި ބުންޏެވެ.

ހަފުތާއެއް ފާއިތުވެގެން ދިޔައިރުވެސް އިނާޒް އަހަރެންނަށް ނުގުޅާ ދުވަހެއް ނުދެއެވެ. އަހަރެންގެ ހާލު ބަލައެވެ. އެއްޗެއް ކައިފިތޯ ބަލައެވެ. އިނާޒް ނުގުޅާނަމަ އަހަރެންނަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެކޯލަށް ހީވަނީ ދެވިހިފާފަ ހުރިހެންނެވެ. އަހަރެން އިނާޒް ކައިރީ އެހެން ބުނީމެވެ. އިނާޒް ބުނީ ވަރަށް އަވަހަށް ފެންނާނެ ކަމުގައެވެ. އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި އަހަރެންގެ އެކުވެރި ސީމާ އާއި ސަނޫން ކައިވެނީގެ ހަފުލާއަށް ދާން އުޅެނިކޮށް އިނާޒްގެ ކޯލެއް އައެވެ. އަދި މީހާރު އުޅެނީ މާލޭގައި ކަމަށާއި ފެންނަން ބޭނުންވާ ކަމުގައި ބުންޏެވެ. އަހަރެން ބުނީ މިވަގުތު މިއުޅެނީ ޕާޓީއަކަށް ދާން ކަމުގައެވެ. ސީހައުސްގައި އޮތް ހަފުލާއެކެވެ. އިނާޒް ހިނިގަނޑެއް ޖަހާލިއެވެ. އަދި އޭނާވެސް އެ އުޅެނީ ހަމަ އެތަނުގައި އޮތް ހަފުލާއަކަށް ދިއުމަށް ކަމަށް ބުންޏެވެ. އަހަރެން ވަރަށް އުފާވިއެވެ. ފެންނާނެ ކަމުގެ އުންމީދު ކުރަމުން ދެމީހުން ފޯނު ބޭއްވީމެވެ. ހަފްލާއަށް ގޮސް ސިމާއަށް ތަހުނިޔާ ކިޔުމަށް ފަހު ކުޑަކޮށް ވާހަކަ ދައްކާލުމަށް މަޑުކޮށްލައިގެން ތިބީމެވެ.

ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ އިނާޒްގެ ޕޮރޮފައިލްއިން ފެނުނު ފޮޓޯގައި އިން މީހައެވެ. ޖިންސަކާއި ގަމީހެއް ލައިގެން ހުރި އެ ފިރިހެންވަންތަ އެ ހިނގުމުގައި އައިސް މަޑުކޮށްލުމުން ސިމާގެ ފިރިމީހާ އިނާޒް އޭ ކިޔާފައި ގޮވާލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. އަހަރެންވެސް އެތާހުރުމުން ވަށްކަޅިން ބަލާލިކަން އެނގުނެވެ. އަހަރެން އެވަގުތު ބޭނުންވީ އަހަރެން މިއީ އިނާޒް ވާހަކަދައްކާ ކުއްޖާ ކަމުގައި ބުނުމަށެވެ. ނަމަވެސް މަޑުކޮށްލީމެވެ.

ކޭކުފެޅުމުގެ ވަގުތު އައިރުވެސް އިނާޒް އާއި އަހަރެން އެހަފްލާގައި އުޅެމުން ގެންދިޔައީމެވެ. ނަމަވެސް އިނާޒް އަކަށް އަހަރެންނެއް ނޭނގޭއެވެ. ކުއްލިއަކަށް ސިމާ އަހަރެންނަށް ސަމީ އޭކިޔަފައި ގޮވުމުން އަހަރެންނަށް ބަލާލެވުނީ އިނާޒް އާއި ދިމާލަށެވެ. އޭނާހުރީ ވަރަށް ކައިރީގައި ސިހިފައެވެ. އަހަރެން މަޑު ހިނިތުންވުމެއް އިނާޒްއަށް ދިނުމަށްފަހު ސިމާގެ ކައިރިއަށް ދިޔައީމެވެ. ޕާޓީ ނިމުމުން އިނާޒްގެ އެދުމުގެ މަތިން އަހަރެން މަޑު ކުރީމެވެ. އަދި އޭނާ ފެނުނުއިރުވެސް ނުބުނީތީ ޝަކުވާ ކުރިއެވެ. އަހަރެން ހުރީ ހީލަ ހީލަ އެވެ. ޕާޓީއަށްފަހު ދެމީހުން ހިނގައިގަތީ އަހަރެން ގެއަށެވެ. އިނާޒް އަހަރެންގެ ރީތި ކަމަށް ތައުރީފު ކުރިއެވެ. އަދި ދުވަހަކުވެސް ތިހާ ރީތި އަންހެން ކުއްޖެއް ނުދެކޭ ކަމަށް ބުންޏެވެ. ފޭސްބުކަށް ފޮޓޯ ނުލަނީ ކީއްވެހޭވެސް އެހި އެވެ. އަހަރެން އިނާޒް ކުރި ހުރިހާ ސުވާލަކަށް ޖަވަބު ދެމުން ދިޔައީމެވެ. އޭނާގެ އޯގާތެރިކަމާއި ހެޔޮކަމާއި ވާހަކަ ދެއްކުމުގައި އެހުންނަ އޯގާތެރިކަން ފެނިފައި އަހަރެން ވަރަށް ގަޔާވީމެވެ.

ގެޔަށް އާދެވުނު ގޮތްވެސް އަހަރެންނަށް ނޭނގުނެވެ. ގޭގައިވެސް އަހަރެމެން ދެމީހުން އެކި އެކި މަޖާ ވާހަކަ ދައްކާ ހެދީމެވެ. އިނާޒް ގެޔަށް ދިޔައީ ވަރަށް ލަސްވިފަހުންނެވެ. އަހަރެން ވަރަށް އުފާވިއެވެ. އިނާޒް ވެސް ހުރީ އުފަލުންކަން އޭނާގެ މޫނުމަތިން ހާމަވެއެވެ. އަހަރެމެން ބައްދަލުވިތާ މިހާރު ހަމަސްވަނީއެވެ. އެއްދުވަހަކު އިނާޒް އަހަރެންނަށް ގުޅިއެވެ. އަދި އަހަރެންނަށް ދުވަހަކުވެސް އިނާޒްގެ ފަރާތުން އަޑުނުއިވޭނެ ކަމަށް ހީކޮށްގެން ހުރި ވާހަކަ އަހަރެން ކައިރީ ބުންޏެވެ. އިނާޒް ބޭނުންވަނީ އަހަރެންނާ އިންނަން ކަމަށާއި އަހަރެން ދެކެ ވަރަށް ލޯބިވާ ކަމަށް ބުންޏެވެ. އަހަރެން ވަރަށް އުފާވިއެވެ. އަދި އާއެކޭ ބުނީމެވެ. އެއީ އަހަރެންގެ ހިތުގައި ވެސް އިނާޒްއަށް ހާއްސަ މަގާމެއް ދެވިފައިވާތީ އެވެ. އަހަރެންނަކީ އާއިލާއެއް އޮންނަ ކުއްޖެއް ނޫނެވެ. ނަމަވެސް އިނާޒްގެ މަންމައާއި ބައްޕައަށް އަހަރެންގެ ވާހަކަ އިނާޒް ކިޔައިދިނުމުން އަހަރެންނާ ބައްދަލުކޮށް އަހަރެން ބަލައިގަތެވެ. އަދި އަވަހަށް ކައިވެނީގެ ކަންތައްތައް ނިންމާލުމަށް ބުންޏެވެ.

އަހަރެންނާއި އިނާޒްގެ ކައިވެނި ކުރެވުނީ ކޯޓުގައެވެ. މާ ބޮޑު ހަފްލާއެއް ނުބާއްވަމެވެ. ނަމަވެސް ރައްޓެހިންނާއި އާއިލާ މީހުންނަށް ސައި ދިނީމެވެ. ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު އަހަރެމެން ވަރަށް ލޯބިން އުޅުނީމެވެ. އިނާޒް ރިސޯޓަށް ދެއެވެ. ކޮންމެ ދުވަހަކު ގުޅައެވެ. ހާލު ބަލައެވެ. ކައިފިންތޯ އަހައެވެ. ޑިއުޓީ ނޫންނަމަ މާލެއަށް އަހަރެން އުޅޭ ނޫޅޭގޮތް ބަލަން އާދެއެވެ. އަހަރެން ބަނޑު ބޮޑު ވިއެވެ. އަހަރެމެންގެ ކައިވެންޏަށް 4 މަސް ވީ ފަހުންނެވެ. އިނާޒް ވަޒީފާއިން ކެނޑިގެން އައިސް އަހަރެން ބަލަން ގޭގައި އުޅުނެވެ.

އަހަރެންގެ ބަނޑަށް އޭރު 7 މަހެވެ. އެއްދުވަހަކު އަހަރެން ގޭގެ ސިޑިން ފައިބަނިކޮށް ކައްސާލައިގެން ވެއްޓުނެވެ. އަހަރެންގެ ބަނޑު ބިންމަތީގައި ޖެހުނީ ވަރަށް ބާރަށެވެ. ގޭގައި އިތުރު މީހެއްނެތެވެ. އިނާޒް ވެސް ބޭސްގަންނަން ގޮސްވީ ވަގުތެކެވެ. އަހަރެން ނުތެދުވެވިފައި އޮތީމެވެ. ގިސްލަގިސްލަ އެވެ. އިނާޒް އަވަހަށް އެމްބިއުލާސް އަށް ގުޅައިގެން އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް އަހަރެންގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އަހަރެންގެ ދަރިފުޅު މަރުވީއެވެ. އަދި އަހަރެންނަށް ދެން ކުއްޖަކު ނުލިބޭނެ ކަމަށްވެސް ކަމުގައިވެސް ބުންޏެވެ. އިނާޒްއަށް މިވާހަކަތައް އެނގުމުން ވަރަށް ދެރަވިއެވެ. ރުޔެވެ. އަލަތު ދަރުފުޅު ގެއްލުނީމެއެވެ. އިނާޒްގެ މައިންބަފައިންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް ހިތްވަރު ދިނެވެ.

އިނާޒް އެކީ އަހަރެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ބޭނުންވީ ދެވަނަ ކައިވެންޏެއް ކުރާށެވެ. އެކަމަކު އަހަރެން އެކަމާ ހިތްހަމައެއް ނުޖެހުނެވެ. އަދި ކުއްޖަކު އެޑޮޕްޓްކުރާނީ ކަމުގައި ބުނީމެވެ. ނަމަވެސް އިނާޒް ވެސް ބޭނުންވަނީ އޭނާގެ ލޭވެސް ހުންނަ ދަރިއެކެވެ. އިނާޒް ދެވަނަ ކައިވެންޏެއް ކުރިއެވެ. އަހަރެން އިނާޒް ކައިރިން ވަރިވީމެވެ. އިނާޒްގެ އެއްވެސް ކުށެއް އޮވެގެނެއް ނޫނެވެ. އަހަރެންނަށް އެގޮތަށް އިނާޒް އެކީނޫޅެވޭނެތީ އެވެ. ނަމަވެސް ކުއްޖަކަށް ރަގަޅު ތަރުބިއްޔަތެއް ދޭނެކަމުގެ އަޒުމުގައެވެ.

އަހަރެން ސިހުނީ މީހަކު އަހަރެންގެ ކޮނޑުގައި ހިފުމުންނެވެ.

“މަންމާ ކޮފީތަށި ތިއޮއްފިނިވަނީ މިހާރު” އެއީ އަހަރެންގެ ދަރިފުޅު މާޔާ އެވެ. އަމިއްލަ ދަރިއެއް ނޫނަކަސް އަހަރެން މާޔާ ބަލާ ބޮޑުކުރީ އަމިއްލަ ދަރިއެއްގެ ހައިސިއްޔަތުންނެވެ. އެއީ އަހަރެންނަށް ލިބުނު ނިއުމަތެކެވެ. ސިމާ އަހަރެންނަށް ދީފައި ދިޔަ އެންމެ ބޮޑު ހަދިޔާ އެވެ. ސިމާ އާއި އޭނާގެ ފިރިމީހާގެ ދަރިފުޅެވެ. އަހަރެން މާޔާއަށް ދޮނެއް ދިނީމެވެ. އަދި ބައްޕަ އަންނަން ވާއިރަށް ކާން ހަދަންވީ ކަމުގައި ބުނެ ލެޕްޓޮޕް ބަހައްޓާފައި ދިޔައީމެވެ.

ޝަނޫން އާދައިގެ މަތިން އަހަރެންނަށް ހަދިޔާއެއް ދިނެވެ. މިގޮތަށް އޭނާ ކޮންމެ ދުވަހަކުވެސް ޝުކުރު އަދާކުރެއެވެ. އަދި އަހަރެމެން ދެމީހުންގެ އުފާވެރިކަން ފެނިފައި މާޔަ ހުންނަނީ ވަރަށް އުފަލުންނެވެ. ޝަނޫން ބުންޏެވެ.

“ސިމާ މަރުވެގެން ދިޔަސް އަހަރެންނަށް މިހާރު ސިމާ ނެތްކަމުގެ އިހްސާސެއް ނުކުރެވޭ. އަދި ސަމީ ތިކޮށްދޭ ކަންތައްތަކުން އަދި މިހާތަނަށް ކޮށްދީފައި ހުރި ކަންތައްތަކުގެ އަގު އަހަރެންނަށް އަދާ ނުކޮށްދެވޭނެ. އަދި އަހަރެންގެ ދަރިފުޅަށް އަމިއްލަ ދަރިއެއްކަމަށް އިހްސާސްކޮށްދީ ތިދިން ރަނގަޅު ތަރުބިއްޔަތު ދުވަހަކުވެސް ހަނދާން ނުނެތޭނެ”

“ރަނގަޅު ކުއްޖަކު ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރެދެވުން އެއީ އަހަރެން ދެކެމުން އައި ހުވަފެނެއް” އަހަރެން ބުނީމެވެ.

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 11 ސީ ގެ ޝިބާ އަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355