twitterviber whatsapp telegramfacebookyoutube instagram
5th May 2024

ދެ އަތް ނެތް ފުރަތަމަ ޕައިލެޓް

Sep 11, 2014

ޖެސިކާ ކޯޒް އަކީ ދުނިޔެއަށް އުފަންވިއިރު އަތް ނެތް މީހެކެވެ. އެހެންނަމަވެސް ވަރުގަދަ އަޒުމަކާއެކު އުފަންވި ހިތްވަރުގަދަ ލާމަސީލު މީހެކެވެ.

ދުނިޔެއަށް އުފަންވީއިރު ހުރި މި ނުކުޅެދުންތެރިކަމާއެކުވެސް އޭނާ ވަނީ ހުރިހާ ގުނަވަނެއް ސަލާމަތުން ތިބި މީހުންނަށްވުރެ ގިނަ ކާމިޔާބީ ތަކެއް ހޯދާފަ އެވެ.

1983 ގައި އުފަންވި ޖެސިކާ ސައިކްލޮޖީގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާއިރު އޭނާ އަކީ ޕައިލެޓްކަމުގެ ސެޓްފިކެޓް ހޯދި ފުރަތަމަ އަތް ނެތް މީހާ އެވެ. އެހެންކަމުން އޭނާ ވަނީ ދުނިޔޭގެ ފުރަތަމަ އަތް ނެތް ޕައިލެޓްގެ ރެކޯޑް ގާއިމުކޮށްފަ އެވެ.

3 އަހަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހު އޭނާ އަށް ލައިސެންސް ލިބުނުއިރު ދެ ފައި ބެނުންކޮށްގެން ފަސޭހަ ކަމާއެކު މަތިންދާބޯޓް ދުއްވާލަ އެވެ. ޕައިލެޓްގެ ތަމްރީނު އޭނާ ހޯދާފައިވަނީ ލިބުނު ސްކޮލަޝިޕެއްގެ ބޭނުން ހިފައިގެންނެވެ. މީގެ އިތުރުން އޭނާ ދެ ފައި ބޭނުންކޮށްގެން 25 ބަސް އެއް މިނެޓް ތެރޭގައި ލިޔެލަ އެވެ.

އާދައިގެ މީހެއް އަތުން ކުރާ ހުރިހާ ކަމެއް އޭނާ ފައި ބޭނުންކޮށްގެން ކުރާއިރު ކޮންމެ ކޮންމެ މީހަކަށް ނުކުރެވޭ އެތައް ކަމެއް އޭނާ ދަނީ ނުކުޅެދުންތެރިކަން ހުރުމާއެކުވެސް ކުރަމުންނެވެ. އެގޮތުން ކާރު ދުއްވުމާއި ފޯނުކުރުމާއި ބޮލުގައި ފުނާ އެޅުން ފަދަ ކަންތައްތައް އޭނާ ފައި ބޭނުންކޮށްގެން ކުރެ އެވެ.

“އާރމްލެސް ޕައިލެޓް”ގެ ނަމުން މަޝްހޫރުވެފައިވާ ޖެސިކާ ކޮރެއަން މާޝިއަލް އާރޓްސް ގެ ދެ ކަޅު ބެލްޓް ހޯދާފައިވާއިރު އޭނާ ކައިވެނީގެ ގޮތުން ގުޅިފައިވަނީ އޭނާއަށް މާޝިއަލް އާރޓްސް ދަސްކޮށްދިން ޓްރެއިނަރާ އެވެ.

ސްކޫބާ ޑައިވިންގެ ލައިސެންސް ވެސް އޮންނަ ޖެސިކާއަކީ އޭނާގެ ވާހަކަތަކުން މީހުން ހޭލުންތެރިކޮށް ދިރިއުޅުމުގައި މަސައްކަތްކުރުމަށް “މޯޓިވޭޓް” ކުރަމުންގެންދާ ހީވާގި މީހެކެވެ. އޭނާ މިހާތަނަށް 20 އަށް ވުރެ ގިނަ ގައުމުތަކުގެ މީހުންނާއި ސްކޫލު ދަރިވަރުންނާއި މުހާތަބުކޮށް ނަސޭހަތްތެރިވެފައިވެ އެވެ.

30 އަހަރުގެ ޖެސިކާ އަތަކާ ނުލައި މި ހުރިހާ ކަމެއް ހާސިލުކޮށްފައިވާއިރު އަހަރެމެން ކެރިގެން ކުރިމަތިލާފިނަމަ ހާސިލުނުވާނެ ކަމެއް އޮންނާނެތޯ އެވެ. ޖެސިކާގެ ވާހަކައިން އިބުރަތް ލިބިގަނެ އެއިން މިސާލު ލިބިގަނެގެން ދިރިއުޅުމުގައި ތިމާ ހާސިލުކުރުމަށް ބޭނުންވާ ކަންތައްތައް ހާސިލުކުރަމާތޯ އެވެ.

ޖެސިކާގެވެސް އެންމެ ބޮޑު އެދުމަކީ އޭނާއަކީ ތަފާތު މީހެއް ކަމަށް ބަލައިގަނެ އޭނާގެ ވާހަކައިން އިބުރަތް ލިބިގަނެ އެ ވާހަކަތައް އެހެންމީހުންނަށްވެސް ހިއްސާކުރުމެވެ. އޭނާ އަބަދުވެސް ގޮވާލަނީ ދިރިއުޅުމުގައި ކަންކަމާއި ކެރިގެން ކުރިމަތިލުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355