އިންޑިޔާގެ ނިއުދިއްލީގެ ބޭންކެއްގެ މެނޭޖަރުކަމުން މުސްކުޅިކޮށްފައިވާ ޝާހޭ އަކީ ނިއު ދިއްލީގެ މަގުމަތީ “ޕަޕެޓް” ވިއްކަން އުޅެން ޖެހިފައިވާ ހީވާގި ކެރޭ މީހެކެވެ.
ނަމަވެސް އުފެދޭ ސުވާލަކީ އޭނާއަށް މަގުތައް މަތީ “ޕަޕެޓް” ވިއްކަން އުޅެންޖެހުނީ ކީއްވެބާވަ އެވެ. ޖަވާބަކީ އޭނާ ފަހަށް ރައްކާކުރި ފައިސާ ހުސްވުމެވެ. އޭނާގެ ހުވަފެނަކަށްވީ އޭނާގެ ފިރިހެން ދަރިފުޅު ކިޔަވައިގެން މޮޅު މީހަކަށްވުމެވެ. އެހެންކަމުން އޭނާގެ ދަރިފުޅަށް އެކައުންޓިންގެ ދާއިރާއިން ޑިގްރީއާ ހަމައަށް ކިޔަވައިދިނުމަށް އޭނާގެ އެ ފައިސާތައް ހަރަދުކުރި އެވެ. އަދި އެއީ ކިޔަވައި ނިމިގެން ދަރިފުޅުގެ އަމިއްލަ އޮފީހެއް ނިއު ދިއްލީގައި އަޅާނެ ކަމުގެ އުއްމީދުގަ އެވެ.
އެހެނަސް ކަންތައްވީ އެހެނަކުން ނޫނެވެ. ޝަހޭއަށާއި އޭނާގެ އަންހެނުންނަށް ނޭނގި ކިޔަވައި ނިމުމުން ދަރިފުޅު ވަޒީފާ އަދާކުރުމަށް ބަހުރޭނަށް ފުރައިގެންދިޔައީ އެވެ. އޭގެ 2 އަހަރު ފަހުން ޝަހޭގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނެވެ. އިވުނު ހަބަރަކީ ބަހުރޭނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނާގެ ލޯބިވާ ދަރިފުޅު މަރުވެދިޔަ ހަބަރެވެ. ޝަހޭއަށް ދަރިފުޅުގެ މޫނު ބަލާލާނެ ފުރުސަތުވެސް ނުލިބުނެވެ.
އޭރު އޭނާ އަތުގައި އެންމެ ފައިސާ ފޮއްޗެއްވެސް ނެތެވެ. ދިއްލީއާއި 50 ކިލޯ މީޓަރ ދުރުގައިވާ ކުޑަ ސަހަރެއްގައި ދިރިއުޅޭ ޝަހޭ އޭނާގެ ބަލިއެނދުގައިވާ އަންހެނުންނާއި އަންހެންދަރި އަދި ކާފަ ދަރިންނަށް ކާންދީ އަންނައުނު ހޯދައިދީ ކާފަ ދަރީންނަށް ކިޔަވައިދިނުމަށް ދެން ފެށި މަސައްކަތަކީ “ޕަޕެޓް” ވިއްކުމެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު ދިއްލީއަށް އަންނަ ޝަހޭ ގެއަށް ދަނީ ރޭގަނޑު 11 ވެސް ޖަހާފަހުންނެވެ. “ޕަޕެޓް”އެއް 40 ރުޕީސްއަށް ވިއްކަމުންދިޔަ ޝަހޭއަށް ދުވާލަކު ދެ “ޕަޕެޓް” ވިއްކިއްޖެނަމަ އެވެގެންދިޔައީ ބޮޑު ކާމިޔާބީއެއްގެ ގޮތުގަ އެވެ.
މިފަދަ މަސައްކަތެއް މަގުމަތީ ކުރަމުންދިޔައިރުވެސް އޭނާގެ އަޒުމަށާއި އުޅުމަށް އެއްވެސް ބަދަލެއް ނާދެ އެވެ. އޭނާ އުޅުނީ ރީތި ހެދުން ލައިގެނެވެ. ސާފު ހުދު ގަމީހެއް އިސްތިރިކޮށްގެން ލައިފައި ހުންނައިރު އަބަދުވެސް ލައިފައި ހުންނަނީ ސާފުތާހިރު ހެދުމެވެ. އޮރެންޖް ކުލައިގެ ދަބަހަކަށް “ޕަޕެޓް”ތައް އަޅައިގެން އުޅުނު ޝަހޭ މީހުންކުރި މަލާމާތަކަށް ނުބެލި އެވެ. އޭނާ މަސައްކަތްކުރީ ދަރިންނާއި އަނބިމީހާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭތޯ އެވެ.